( 6 މާރިޗު 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ )
ޒުބާގެ އަނގޮޓި ގަނެފިންތޯ ސައިމް އޭނާގެ މަންމަޔާ ސުއާލު ކުރިއެވެ. ޒުބާގެ އިނގިއްޔަށް ހެޔޮވަރު އަނގޮޓިއެއް އޭނާ ނުގޮސް ހޯދަން ، މަންމަމެންނަށް އުނދަގޫވާނެއެވެ. ސައިމް އެދައްކާ ވާހަކައިގެ ކޮޅުބަދަލުކޮށްލަންވެގެން ، ސައިމްގެ ސުއާލަށް ޖަވާބު ނުދީ ، ބައްޕަ އެބަ ގޮވާކަމަށް ބުނެ ފާއިޤާ ދޮރާދިމާލަށް ހިނގައިގަތެވެ. ބައްޕަގާތަށް ދާނީ އަނގޮޓީގެ ވާހަކަ ދައްކާފައިކަމަށް ބުނެ ، ސައިމް އޭނާގެ މަންމަ ހިފެހެއްޓިއެވެ. އަދި ކައިރީގައި ހުރި އެނދުގައި މަންމަ ބޭންދުމަށްފަހު އޭނާގެ ޖީބުން ކުޑަ ފޮށްޓެއް ނެގިއެވެ. މަންމަ އަތަށް ފޮށި ދިނުމަށްފަހު އެ ފޮށި ހުޅުވައިލަ ދިނެވެ.
އެއީ ، ސައިމްގެ މާމަގެ އަނގޮޓިއެވެ. ޢާއިލާއަށް ނިސްބަތްވާ ޒަމާންވީ އަގުބޮޑު މިލްކެކެވެ. އެއީ ސައިމްގެ މާމަގެ އަނގޮޓިކަމަށާއި އެ އަނގޮޓި ސައިމްއަތަށް އެރީ ކިހިނެއްތޯ ފާއިޤާ ސުއާލު ކުރިއެވެ. އެ އަނގޮޓި އޭނާއަށް ލިބުނުގޮތް ސައިމް ކިޔައިދިނެވެ. އެއަނގޮޓި އޭނާގެ ކާފަ ދެއްކީމަ ، އެއީ އޭނާއަށް ވަރަށް ކަމުދިޔަ އަނގޮޓިޔަކަށް ވިއެވެ. އަދި ، މަންމަ އަށް ދޭށޭ ކިޔާފަ ، އެ އަނގޮޓި ސައިމްއާ ޙަވާލުކުރީ ކާފައެވެ. އެވަގުތު ، ސައިމްގެ ހިތަށް އައީ ، މަންމަޔަށް ދިނުމުގެ ނަމުގައި ކާފަ އަތުން އަނގޮޓި އަތުލައިގެން އައިސް ، ސައިމްގެ މުސްތަޤްބަލްގެ އަނބިމީހާގެ އިނގިލީގައި އަޅުވައިދިނުމުގެ ޚިޔާލެވެ.
އެންގޭޖްމަންޓްގެ ކަންތައްގަނޑުން ސަލާމަތްވާނީ ކިހިނެއް ހަދައިގެންކަމެއް ، ޒުބާގެ ވިސްނުމަކަށް ނައެވެ. ތުންގަނޑު ބިމަށް ހަރައިގެން އެރޭ ނުވެސްނިދާ ހުރީމަ ތާއްޔަށްޖެހިޖެހި އިންދާ ސަމީނާ އެތަނަށް އައެވެ.
" ކަންތައް ބޮޑުވެފައި ދޯއެވެ ؟ ރޭގަ ނުވެސް ނުދޭ ދޯއެވެ ؟ މަންމަވެސް ރޭގައި އެއްގޮތަކަށްވެސް ނުނިދަމެވެ. އަނެއްކާވެސް ތަންވަޅު ބަލާފައި ، މިއަދު އަހަރެމެންގެ އަބުރު ދުއްވައި ނުލައްޗެވެ. " ސަމީނާ ، ޒުބާއަށް ބުންޏެވެ.
ޒބާގެ މަޤްޞަދަކީ ، މަންމަމެންގެ އަބުރު ދުއްވައިލުމެއްނޫނެވެ. އެކަމަކު އޭނާގެ ހިތުގައި އޮތް އެއް ސުއާލަކަށް އަދިވެސް ޖަވާބެއް ނުލިބެއެވެ. މީހަކާ އިންނަންޖެހޭކަމަށް ވަންޏާ ، ސައިމްއާ އޭނާއަށް ނުއިނދެވޭންވީ ކީއްވެގެން ހެއްޔެވެ ؟
" އެކަށީގެން ނުވާތީއެވެ. ސައިމްއަކީ ޒުބާއާ އެކަށީގެންވާ މީހެއްނޫނެވެ. ސައިމްގެ ހުރި ހަމަ އެކަނި އެންމެ ސިފައެއް ބުނެލަދީ ބަލާށެވެ ! " ސަމީނާ އޭނާގެ ދަރިފުޅަށް ޖަވާބު ދިނެވެ.
ދިރިއުޅުމަށް ބޭނުންވާ އެކަންކަމަކީ ، ވަގުތާއެކީ އިންސާނާއަށް ލިބޭ އެއްޗެއް ކަމަށް ޒުބާއަށް ފެނުނު ނަމަވެސް، ސަމީނާއަކަށް އެކަމެއް ޤަބޫލެއް ނުކުރެވުނެވެ. ދިރިއުޅުމުގެ ބިންގާ އަޅަން ޖެހޭނީ ހަރުދަނާކަންމަތީގައެވެ. އެއީ ، ފަހުން ކަމެއް ރަނގަޅުވާނެކަމަށް އުއްމީދުކޮށްގެން އަޅާކަހަލަ ބިންގަލެއް ނޫނެވެ. ކަތިކޮށް އެޅިއްޖިއްޔާ ކެއްޗާ ހަމަޔަށް ދިޔަޔަސް އެ ބިންގާ އޮންނާނީ ކަތިކޮށެވެ. އެއީ ، ދުނިޔަވީ އާދައެވެ. ދުނިޔޭގައި ކަން ހިނގާ ގޮތެވެ.
އޭނާއަށް ކުރެވުނު ކަނކަމަށް ޒުބާ މަޢާފަށް އެދުނެވެ. އެހެނަސް ، ބައެއްކަހަލަ ކަންކަމަކީ އަދަބެއް ނުލިބި މަޢާފު ކުރެވޭ ކަހަލަ ކަންކަމެއްނޫނެވެ. ޒުބާއަށް އެކުރެވުނު ކުށަށްވެސް މަޢާފު ކުރެވޭނީ އަދަބު ދިނުމަށްފަހު އިޞްލާޙުވެއްޖިއްޔާ ކަމުގައި ފާއިޤާ ނިންމިއެވެ. ޒުބާއަށް އޭނާގެ ބައްޕަގެ ލޯތްބާއި އަޅައިލުން ބޭނުންކަމަށް ވަންޏާ ، ބައްޕަގެ ނިންމުމަށް ކިޔަމަންތެރިވުމަކީ ޒުބާގެ ކުރިމަތީގައި މިއަދު އޮތް ބޮޑު ސުއާލެވެ. އެކަމާ ބެހޭގޮތުން ޒުބާއަށް ޗުއްޕުވެސް ބުނެއެއް ނުލެވޭނެއެވެ،
ޒުބާއަކީވެސް ގޮތްދޫނުކުރާ މީހެއްކަން އަނގައިލުމަށް ޒުބާވެސް ނިންމިއެވެ. އޭނާއަކީ ، ރަނގަޅު އަންހެންދަރިއެއްނޫންކަމަށް ބުނެ ، މަންމަ އެކަނިކޮށްލާފައި އެތަނުން ނުކުމެގެން ދިޔައެވެ.
ސައިމްއަށް ހޭލެވިގެން ކޮޓަރިން ނުކުންނަން ބަލައިލިއިރު ، ކޮޓަރީގެ ދޮރުހުރީ ބޭރުން ތަޅުލައިފައެވެ. ސައިމްއަށް ނިދިފައި އޮއްވައި ޒުބާ ފޮނުވި މެސެޖްތައް ކިޔައިލީމަ ، ވެގެން އުޅެނީ ކީއްކަން ސައިމް އަށް ވިސްނުނެވެ. ޒުބާގެ އެންގޭޖްމަންޓް އެހެން ކުއްޖަކާއެކީ ކުރެވެނީއެވެ. އޭނާ ކާފަގާތަށް މަންމަމެން ފޮނުވައިލީވެސް އެހެން ވެގެންނެވެ. ޒުބާ އާ ވާހަކަ ދެއްކިޔަނުދީ އޭނާ ފޮނުވައިލި ސަބަބަކީވެސް އެއީއެވެ، ކޮޓަރި ތަޅުލައިފައި އެހުރީ ، ޒުބާ ސަލާމަތް ކުރުމަށްޓަކައި ، ސައިމް ނުކުމެގެން ހިނގައިދާނެތީއެވެ. ކޮޓަރީގެ ދޮރުހުޅުވައިދިނުން އެދި ، ސައިމް އާދޭސް ކުރަމުން ގެންދިޔައެވެ. އެންމެފަހުން ، ފާއިޤާގެ ލަގޮނޑިޔަށް ކެތްނުވެގެން އައިސް ދޮރުހުޅުވައިދިނެވެ.
މަންމަގެ ފައިގާ ހިފާ އޭނާއަށާއި ޒުބާއަށް އެހީތެރިވެ ދިނުމަށް ރޮއިރޮއިފާ ، ސައިމް އާދޭސް ކުރަމުން ގެންދިޔައެވެ. ޒުބާނެތް ދުނިޔެއެއްގައި އޭނާއަށް ނޫޅެވޭނެކަމަށް ސައިމް ބުނަމުން ގެންދިޔައެވެ. އެންމެފަހުން ، އިބްރާހީމްގާތު ފާއިޤާ އެތައްވަރަކަށް ކިޔައިގެން ، ޒުބާގެ މައިންބަފައިންނާ ބައްދަލު ކުރުމަށް ދާން އިބްރާހީމް އެއްބަސްވިއެވެ.
އިބްރާހީމް އެގެޔަށް ގޮސް އައީ ހުސްއަތާއެވެ. ޒުބާގެ ބައްޕަ އެއްވެސް ވަރަކަށް ގޮތެއް ދުލެއް ނުކުރިއެވެ. ޒުބާއާއި ސައިމްއާ ދެކުދިންގެ ދިރިއުޅުން ބަރުބާދުވާ ކަމުގައި އިބްރާހީމް އެމީހުންނަށް އަންގައިދިނެވެ. ކައިވެނި ކުރަން ނޭދެންޏާ އެންމެ ދެރަވެގެން މިހާރު އެމީހުން ކުރުވަން އެއުޅޭ އެންގޭޖްމަންޓް ހުއްޓުވައިދިނުމަށް އާދޭސް ކޮށްކޮށްވެސް ، އިބްރާހީމް ދައްކަމުން ގެންދިޔަ ވާހަކައިގެ އަޑު ނާހައި އެގެއިން އިބްރާހީމް ބޭރުކޮށްލިއެވެ.
އިބްރާހީމް ގެޔަށްއައިސް ކަންހިނގި ގޮތް ފާއިޤާއަށާއި ސައިމްއަށް ކިޔައިދިންތަނުން ، ސައިމް ބަޑިފަޅައިގެން ދިޔައެވެ. އަޑުގެ ނެތްތަނަށް ރޮމުންރޮމުން ، ފާއިޤާއާއި އިބްރާހީމަށް އަނެއްކާވެސް އާދޭސްކުރަން ފެއްޓިއެވެ.
" ދަރިފުޅާއެވެ ! މި ދުނިޔެއަކީ ކެހިވެރިކަމުން ފުރިގެންވާ ދުނިޔެއެކެވެ. އެކަކަށްވެސް އެކަކާއެކީ އުޅެ ދުނިޔެއުޅެން އޮތްދުވަސްތައް ފުރިހަމައެއް ނުކުރެވޭނެއެވެ. ޒުބާ ކަހަލަ އެތައް ކުދިންނެއް އެއުޅެނީ ނޫންހެއްޔެވެ ؟ މާ ރަނގަޅު ކުއްޖަކު ދަރިފުޅަށް ވެދާނެއެވެ. ދަރިފުޅުގެ ކިޔެވުން ފުރިހަމަކުރުމަށް އިހަށް ސަމާލުކަން ދޭށެވެ. ލޯތްބަކީ މިޒަމާނުގައި ސައިބޯނި ބޮތްކެއްފަދަ އެއްޗެކެވެ. ކޮންމެ އިރަކުވެސް ގޮވައި ނެތި ހިނގައިދާނެއެވެ. " ފާއިޤާ އޭނާގެ ދަރިފުޅަށް ވިސްނައިދެވޭތޯ މަސައްކަތް ކުރިއެވެ. އިބްރާހީމްވެސް ، ސައިމްއަށް ވިސްނައިދެވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. އެހެނަސް ، ސައިމްއަކަށް އެއިން އެކަކު ދެއްކި ވާހަކައެއްވެސް ޤަބޫލެއް ނުކުރެވުނެވެ.
ސައިމް ޤަބޫލުކުރާގޮތުގައި ، ލޯބި ވެވޭނީ އެއްފަހަރުއެވެ. އެހިސާބުން އެ ނިމުނީއެވެ. އެއީ އިޚްތިޔާރެއް އޮންނަ އެއްޗެއް ނޫނެވެ. ލޯބިވަންޏާ ވާނީއެވެ. އެހެން ނޫނީ ނުވާނީއެވެ. މާގިނަ ގޮތްތަކެއް ލޯތްބަކަށް ނުއޮންނާނެއެވެ.
ބޭރުން އަންނަ އެންމެން ޒުބާމެންގެޔަށް އައިސް ސިޓިންގރޫމުގައި އިށީނދެ ހަމަޖެހިލިއެވެ. ޒުބާ އެންގޭޖްވާ ކުއްޖާއާއި އެކުއްޖާގެ މަންއާއި ބައްޕަ އަދި މާމަވެސް އައެވެ. ތިރިޔަށް ޒުބާ ގެންނަން ޙަވާލު ކުރެވުނީ ރޮޝްނާއާއެވެ. ޒުބާ އެންމެ ފަސޭހައިން ހައްލައިލެވޭނީ ރޮޝްނާއަށް ކަމަށްވާތީއެވެ.
ރޮޝްނާގޮސް ޒުބާއަށް ގޮވާގޮވާ ، ކޮޓަރީގެ ދޮރެއް ނުހުޅުވިއެވެ. ޒުބާ އައުން ލަސްވާ ވަރަކަށް ، ސަމީނާގެ މޫނުމަތީގައިވާ ހާސްކަން ބޮޑުވަމުން ދިޔައެވެ. އެންމެންވެސް ތިބީ އެފަދަ ޙާލެއްގައެވެ. ރޮޝްނާގޮސް ލަސްވީމަ ސަމީނާވެސް ޒުބާ ބަލައި ދިޔައެވެ. ސަމީނާ ގޮވާގޮވާވެސް ޒުބާ ، ދޮރެއް ނުހުޅުވިއެވެ. އެންމެފަހުން މާބޮޑަށް ލަސްވާން ފެށީމަ ، ދާނިޔަލް މައްޗަށް ގޮސް ، ދޮރު ހުޅުވަން ޒުބާއަށް އެންގުމާއެކީ ދޮރު ހުޅުވިއެވެ. ރޮޝްނާގާތު ޒުބާ ގޮވައިގެން އައުމަށް ބުނަމުން ދާނިޔަލް ތިރިޔަށް ދިޔައެވެ. ސަމީނާވެސް އެތާ ހުންނަންވެއްޖިއްޔާ ޒުބާއާ ދިމާލަށް އެއްޗެތި ކިޔައިގަނެވިދާނެތީ ދާނިޔަލްއާއެކީ ތިރިޔަށް ދިޔައެވެ.
ޒުބާހުރީ ، އެންގޭޖްވާ ކުއްޖާގެ މައިންބަފައިން ފޮނުވި ހެދުން އަޅައިގެންނެވެ. އޭނާ އެހެދުން ލައިގެން އެހުރީ އޭނާއަށް އެކަމަށް މަޖްބޫރު ކުރެވިގެންނެވެ. އެ އެންގޭޖްމަންޓަށް ރުހިގެންނެއްނޫނެވެ. ޒުބާގެ އުފަލާއި ހަމަޖެހުން އޮތީ ސައިމްއާ ގުޅިފައެވެ.
ޒުބާ ތިރިޔަށް އައުމުން ، ވާންއުޅޭ މައިދައިތަ ނަޝްރީނާއަށް ޒުބާ ވަރަށް ކަމުދިޔައެވެ. ލޯބިލޯބި ކުއްޖެއްކަމުގައި ބުނެ ، ރަސްމިއްޔާތު ފެށުމަށްޓަކައި ޒުބާގެ އަތް ދިނުމަށް އެދުނެވެ. ޒުބާ އިނީ ގަނޑުވެފައެވެ. އަތެއް ފަޔެއް ޙަރަކާތެއް ނުކުރެއެވެ. ސަމީނާ ، ޒުބާއާ ގާތަށް ޖެހިލައި ބުރަކަށީގައި ފިރުމައިލިއެވެ. އެވަރަކުންވެސް ޒުބާ ގުޑައެއް ނުލިއެވެ. ރޮޝްނާ މާދުރުގައި އިނދެފައި ޒުބާގާތަށް އައިސް ، ޒުބާގެ ކޮނޑުގައި އަތް ބާއްވައިލިއެވެ. އޭރުވެސް ޒުބާއިނީ ގުޑިވެސް ނުލައެވެ.
ސައިމް އާނާގެ މަންމަޔާއި ބައްޕަޔާ ވާހަކަ ދައްކަން އިނދެފައި ، ޒުބާއާ އެހެން މީހަކު އެންގޭޖްވިޔަކަ ނުދޭނަމޭ ބުނެ ، އަޅަ އިތިކޮށް ދުއްވައިގަތެވެ. ސައިމްގެ މިސްރަބުހުރީ ޒުބާމެންގެޔާ ދިމާލަށެވެ.
ޒުބާ އަތް ނުދިނީމަ ، ޒުބާއަށް ގޮވާލާފައި އޭނާއަށް ޒުބާގެ އަތްދިނުމަށް ، ފިރިހެންކުއްޖާގެ މަންމަ ނަޝްރީނާ އަނެއްކާވެސް ބުންޏެވެ. ޒުބާއަކަށް ވާކަމެއް ނޫނެވެ. ކަހާތަން ހިރުވައިވެސް ނުލައެވެ.
ސަމީނާއަށް ނީނދެވިގެން ޒުބާގެ މުށްކެވިފައިއޮތް ދެއަތްތިލަ ދުރުކޮށްލައި ، ނަޝްރީނާއާ ދިމާލަށް ޒުބާގެ ކަނާތް ގަދަކަމުން ދިއްކޮށްލުވިއެވެ. އެވަގުތު އެތަނަށް ކުއްލިޔަކަށް ފުންމައިގެން އައިސް އެހުއްޓުނީ ސައިމްއެވެ. ޒުބާވެސް ދިޔައީ ސިއްސައިގެންނެވެ. އެތާތިބި އެންމެންނަށްވެސް ސިހުން ލިބުނެވެ. ސައިމް އެއައިގޮތަށް އައިސް ޒުބާގާތުގައި ބިންމަތީ އިށީނދެ ، އެހެން މީހަކާ ޒުބާ އެންގޭޖްވިޔަނުދޭނެކަމަށް ބުންޏެވެ. ނަޝްރީނާ އިނީ ކޮސްވެފައެވެ. އެއޮށް ރަނގަޅު ކުއްޖާގެ ފަރާތުން އެކަހަލަ އިދިކީލިކަމެއް ފޮރުވިފައި އޮވެދާނެކަމަކަށް ނަޝްރީނާއަށް ހީކުރެވިފައެއް ނެތެވެ.
ޒުބާގެ ބައްޕަޔާއި ދާނިޔަލްއާ ދެބަފައިން އައިސް ސައިމްގައިގައި ތަޅައިގަނެ ، ގެއިން ބޭރުކޮށްލިއެވެ. ޒުބާދެކެ އިންތހާއަށް ލޯބިވާވާހަކައާއި ، އެހެންމީހަކާ ޒުބާ އެންގޭޖްވިޔަ ނުދޭނެކަމަށް އޭރުވެސް ، ސައިމް ގޮވަމުން ގެންދިޔައެވެ. ގޭގެ ދޮރުމައްޗަށް ސައިމް ވައްޓާލައި ، އޭނާ ގައިގައި ދާނިޔަލް ތަޅަމުން ގެންދަނިކޮށް ، އިބްރާހީމް އައިސް ދާނިޔަލް ކޮއްޅަށް ނަގައި ، ދާނިޔަލްއާއި ސައިމްއާ ދެމީހުންގެ ދެމެދަށް ވަދެ ހުރަސްވެލައި ، ދާނިޔަލްއާ ކުރިމަތި ލިއެވެ. އަދި ، ސައިމް ގޮވައިގެން ގެޔަށް ދިއުމަށް ފާއިޤާއަށް އެންގިއެވެ. ޒުބާވެސް އޭރު ހުރީ ގޭތެރެޔަށް ވެއްދިފައެވެ. ( ނުނިމޭ )

