ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ރާއްޖެއިން ބައިވެރިވެއްޖެ

އިނގިރޭސިވިލާތުގެ ލަންޑަންގައި މިއަދު ބޭއްވި ކޮމަންވެލްތު ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލްގެ ފަރާތްޕުޅުން އިނގިރޭސިވިލާތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އިރުތިޝާމް އަދާމް ބައިވެރިވެވަޑައިގެންފިއެވެ.

މި ބައްދަލުވުމުގައި، މެމްބަރު ގައުމުތަކުން ވަނީ ކޮމަންވެލްތުގެ ހިންގުން އިތުރަށް ހަރުދަނާކުރުމަށް އެޖަމުޢިއްޔާއިން ކުރަމުންގެންދާ މަސައްކަތްތަކާއި އަދި މި އަހަރުގެ ނޮވެމްބަރު ބޭއްވުމަށް ހަމަޖެހިފައިވާ ކޮމަންވެލްތު ގައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގެ ތައްޔާރީތަކާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި މީގެ އިތުން ކޮމަންވެލްތު ގައުމުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލުހޯދުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ކޮމަންވެލްތަކީ 56 މެންބަރު ޤައުމުގެ މައްޗަށް އެކުލެވިގެންވާ ޖަމްޢިއްޔާއެކެވެ. އަދި ދިވެހިރާއްޖެ އަލުން ކޮމަންވެލްތާ ގުޅުނު ފަހުން، އެކި ދާއިރާތަކުން، ޚާއްޞަކޮށް ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަޞްލަޙަތު ކުރިއެރުވުމުގައި އެ ޖަމްޢިއްޔާއާއެކު ދަނީ މަސައްކަތް ކުރަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.