މީރާއިން ފެބުރުވަރީ 2026 ގައި ބަލައިގަނެފައިވާ ޖުމުލަ އާމްދަނީ އަކީ 2.80 ބިލިއަން ރުފިޔާކަމަށް އެ އިދާރާ އިން ބުނެފިއެވެ.
މީރާ އިން ބުނީ މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ %0.8 ދަށް އަދަދެއް ކަަމަށެވެ. އަދި، ފެބުރުވަރީ 2026 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ11.6% ދަށް އަދަދެއް ކަމަށެވެ.
ފެބުރުވަރީ 2025 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު ފެބުރުވަރީ 2026 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ، އެއާރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ރިޒޯޓުތަކުގެ ކުލިން ލިބިފައިވާ އާމްދަނީ ދަށްވުމެވެ. މީގެ އިތުރުން އާމްދަނީ ދަށްވުމުގެ މައިގަނޑު އަނެއް ސަބަބަކީ ފެބުރުވަރީ މަހުގެ ޓެކުހުގެ ސުންގަޑިތައް ރަސްމީ ބަންދު ދުވަސްތަކަކާއި ދިމާވުމުގެ ސަބަބުން، މާރިޗު މަހުގެ ދުވަސްތަކަކަށް މުއްދަތު އިތުރުކޮށްފައިވާތީއެވެ. ނަމަވެސް، ފެބުރުވަރީ 2026 ގައި އެޑްވާންސްކޮށް ދައްކައިފާވާ ޕޭމަންޓްތައް ވަނީ ފެބުރުވަރީ 2025 އާ އަޅާބާލާއިރު އިތުރުވެފައެވެ.
ފެބުރުވަރީ 2026 އަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށްވުރެ 11.6% ދަށްވެފައިވާ މައިގަނޑު އެއް ސަބަބަކީ ޖީ.އެސް.ޓީއިން ލިބުނު އާމްދަނީ ދަށްވުމެވެ. މީގެއިތުރުން އެއަރޕޯޓް ޓެކުހާއި ފީ އަދި ގްރީން ޓެކުހުން ލިބުނު އާމްދަނީ ދަށްވުމަކީވެސް މި މުއްދަތުގައި ލިބުނު އާމްދަނީ ދަށްވުމުމުގެ ސަބަބެކެވެ. ފެބުރުވަރީ 2026 ގައި ލިބިފައިވާ އާމްދަނީގެ 19.0% އަކީ ކުރީގެ ސުންގަނޑިތަކަށް ދައްކާފައިވާ ފައިސާއެވެ. އަދި އާމްދަނީގެ 16.9%ލިބިފައިވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ.
ފެބުރުވަރީ 2026 ގައި، ނުލިބިހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ޖުމްލަ 666 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 399 މިލިއަން ރުފިޔާ އަދި ޑިއުސް ކްލިއަރެންސްގެ ތެރެއިން 156 މިލިއަން ރުފިޔާ ހޯދައިފައިވެއެވެ. މީގެ އިތުރުން، އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 61 މިލިއަން ރުފިޔާ، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާންކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 34 މިލިއަން ރުފިޔާ އަދި ޓެކްސް ދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓްސް ހިފަހައްޓައިގެން 5 މިލިއަން ރުފިޔާ ވަނީ ހޯދައިފައިވެއެވެ.
ފެބުރުވަރީ 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ (52.3%) ނުވަތަ 1.4 ބިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އާމްދަނީ އިން ނަގާ ޓެކުހުންނެވެ. އެއީ (21.4%) ނުވަތަ 599.2 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ގްރީން ޓެކުހުގެ ގޮތުގައި 200.36 މިލިއަން ރުފިޔާ (7.2%)، ޑިޕާޗަރ ޓެކުހުގެ ގޮތުގައި 134.33 މިލިއަން ރުފިޔާ (4.8%)،އެއަރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 122.56 މިލިއަން ރުފިޔާ 4.0%)) އަދި ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި 196.34މިލިއަން ރުފިޔާ (3.3%) ލިބިފައިވެއެވެ.
ފެބުރުވަރީ 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 126.85 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

