އެދުރުދައިތަ - 2

(27 ފެބުރުއަރީ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ގަޑިން މިހާރު ރޭގަނޑު ދިހަގަޑިބައިވަނީއެވެ. ހުޅުމާލޭގައި ކުރަން ހުރި ކަންތައްތައް ކޮށް ނިންމައިފައި ހުމޭ މުށުތެރެއަށް ފޯނުލައިގެން، މާލެދާން ފެރީއަށް އަރައި ގޮނޑިއެއްގައި ހަމަޖެހިލައިގެން އިނެވެ. ރެއަކީ އުޑުމަތިން ތަރިއެއް ފެންނާން ނެތް ވިލާ ބޯ ރެއެކެވެ. ދަންގަޑިއަކަށް ވާތީ ފެރީތެރޭ މާ ބައިބޮލެއް ނޫނެވެ. ދެބައިކުޅަ އެއްބަޔަށް ވުރެ ވެސް ގިނައިން ހުރީ ހުސް ގޮނޑިއެވެ. އެންމެ ފަހުން އަރަން ތިބި ދެތިން މީހަކު  ވެސް ސައިކަލާ އެކު މިހާރު އެ އަރައި އަވަދިވަނީއެވެ. ވާޓަރަށް ފުށުވާ ހިފައިފައިވާ ދޯނި، ފަޅަށް ވައްދައިފައި ހުރި އުދަޔާ އެކު،  ހެއްލޭ އުނދޯއްޔެއްހެން، ދެ އަތަށް ހެލިލަހެލިލައި އޮތެވެ.

ހުމޭގެ ސަމާލުކަން އަތުލީ އޭނާ އިން ބަރިން ދިމާކުރި ކަޅުފޮއި ރެއެއް ފަދަ ފިރިހެންކުއްޖާއެވެ. ގައިގެ ކުލަޔާއި ފޭރާމުގެ ކުލަ ގުޅުވައިލުމުގެ ގޮތުން ނޫން ކަމެއް ވެސް ނޭނގެއެވެ. އޭނާ ލައިގެން ހުރީ ޗާލު އޮފެއް ހުރި ކަޅު ގަންޖުފަރާހެކެވެ. ހުދު ގޮށްފަތީގެ މަތީ ދެ ގޮށް ނައްޓައިލައިފައިވާތީ ކަރުގައި އަޅާފައި އޮތް ޗޭނެއް ފަދަ ފަލަ އަލިދަގަނޑު ފަށް، ބޮޅުތަކުގެ ވިދުމާ އެކު ދިމާއަށް ފެންނާން އޮތެވެ. ފަށު ފުލަކަށް ލައިފައި ވަނީ ދުވާލުގެ ރަސްގެފާނެވެ. އޭގެ ތޫނު ދޯދިތައް އަމުރުމަޢުރޫފާ އެކު ދުނިޔެމައްޗަށް ފަތުރައިލާ އިރެވެ. ތިރިން އޭނަގެ ފިރިހެންވަންތަކަން ރަމުޒުކޮށްދޭ ތަނަވަސް މޭމަތީ ތުނިކޮށް ހުރި އިސްތަށިތައް ޖެހޭ ވައިރޯޅިއަށް މަރުހަބާ ކިޔަކިޔައި ހުއްޓެވެ.

އޭނާގެ އަތުގައި ވެސް ކަރުގައި އަޅައިފައި އޮތް ކަހަލަ ފަލަ ޗޭނު ކެވެލިގަނޑެއް، ދޫދޫކޮށް އަޅައިލައިފައި އޮތެވެ. އެ ޒުވާނާ ކުރިކަނޑައި ބިތްދޮށަށް ދިޔައިރު ވެސް ހިތުގެ ވިންދުތައް ފުނަކަނޑާ ހާލުގައި ހުމޭއަށް އެސްފިޔަޖަހައިލާން ނޭނގި ބަލަހައްޓައިގެން އިނދެވުނެވެ. ދެމެދަށް ތިން ގޮނޑިއެއް ދޫކޮށް ކުޑަދޮރު ކައިރީގައި ހުރި ގޮޑީގައި ޖައްސައިލުމުން ވެސް ކަތިލޮލުން އެ ދިމާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އެއީ އަޅައިގަންނަ ގޮތެއް ހުރި، ކުކުޅުބިސްބުރަކަށް ދާ، ތުނބުޅި މަތިމަސް ބާލައި އޮމާންކޮށްލައިވާ މޫނެކެވެ. ދެ ލޮލަކީ ނިދިމޯޅަ ގޮތެއް ހުރި ނަމަވެސް ފިސާރި ތޫނުފިލި ދެލޮލެކެވެ. އޭނަގެ އަތްތިލައިގައި ވަނީ ސައިޒުން ދިގު، ކޮޅަށް ހިމަ ފަންނާނީ އިނގިލިތަކެކެވެ. އަނެއްކާ ފަންނާނެއް ނޫން ބާވައެވެ؟ އޭނަގެ ބޮލުން ފެށިގެން ފަޔަށް އެކި ގުނަވަނަށް ވަކިވަކިން ބަލައިލައިފައި ހުމޭއަށް ލޯމަރައިލެވުނެވެ. ގަދަ އޮއިވަރެއް، ގޮތް ނޭނގޭ ބާރެއް އޭނާ ދަމާ ބިތްދޮށަށް އެ ފިރިހެން ޒުވާނާއާ ދިމާއަށް ގެންދާކަމުގެ އިހުސާސެއްގެ ތެރޭގައެވެ. އޭނާ އަބަދުވެސް އިތުބާރުކުރާ ހަވަނަ ހިއްސުގެ އިންޒާރުތަކަށް މި ފަހަރު ހުމޭއަށް އިނދެވުނީ ބީރު ކަންފަތެއް ދީގެންނެވެ. މި އޮއިވަރު އޭނާ ގެންދާނެ ހިސާބަކަށް ގެންގޮސްފާނެތާއެވެ!

ހުމޭގެ އުމުރުން މި ހިނގަނީ ތޭވީސް އަހަރަށެވެ. މާލޭގައި ހުންނަ ގޭގެ ކުއްޔާއި، ކަރަންޓު ބިލު ނުދެއްކިގެން ތެޅުނު އަތްމަތި ދަތި ދުވަސްތައް މިހާރު މާޒީ އެކުވެގެން ހިނގައްޖެއެވެ. ބޭސްފަރުވާގެ ރޮނގުން ލިބެމުން ދިޔަ ނަމާ އެކު ތަނަވަސްކަން އައިސް އަތުގައި ހިފައިފިއެވެ. ނަމަވެސް ހަމަ އެ ބީދައިން އަތުގައި ހިފައިލާނެ ބައިވެރިއަކު ނެތުމުގެ ފަޅުކަމާއި ފޫހިކަން ފިލައިގެނެއް ނުދިޔައެވެ. ލޯބިނެތް ދުނިޔެއެއްގައި ލާރިއަކީ ކޮންފަދަ "ފަގީރު" ކަމެއް ހެއްޔެވެ؟ މަލިކު ލަވައެއްގައި ވެސް ކިޔާ ފަދައިން "ލޯބިނުވާ ދުނިޔޭގައި ތިބޭކަށް ނުވާނެއެވެ!" ފިކުރާވާ ބައެއް ފިރިހެންކުދީން އޭނާގެ ހަޔާތަށް ނާންނަނީއެއް ނޫނެވެ. އެ ގޮތުން އަންނަ އެއް ކުއްޖަކު ވެސް ހަކިހިފާގޮތެއް ނުވަނީއެވެ. ކުރަން މި އުޅެވެނީ މާވިޔާދާކަމެއް ނޫންކަމަށް ހިތަށް ފެންނާތީ ދަންމަޅި ބާރުވުމުގެ ކުރިން އަވަހަށް ބޯދަމައިގަނެވެނީއެވެ. ދިރިއުޅުމުގެ މަސައްކަތުގައި އޭނާ ނުހަނު ކާމިޔާބު މީހަކަށް ހެދި ސީދާ ހިތް، ލޯބީގައި އޭނާ ނަސީބެއް ނެތް ނާކާމިޔާބު މީހަކަށް ހަދަނީ ނޫން ބާވައޭ ހިތަށްއަރައެވެ.

އެހެން ޒުވާން ފިރިހެނަކު ހުމޭ ކުރިކަނޑައި ގޮސް  އެއްކަލަ ސަޅި ޒުވާނާ ގާތުގައި ޖައްސައިލަން އުޅުމުން، އޭނާއަށް ތަންދީ ފަސޭހަކޮށްދިނުމުގެ ގޮތުން އެ ޒުވާނާ ކުޑަދޮރާ އެންމެ ގާތަށް ހުރި ގޮނޑިއަށް ޖެހިލައިފިއެވެ. މި ހަރަކާތުގެތެރޭގައި ދެ މީހުން ބަދަލުކުރި ކަޅިއާއި ހިނިތުންވުމުން ވެސް އެއީ ގާތް ރައްޓެހީންނަށް ނުވާ ނަމަ، ހަމަ ގައިމު ވެސް ދެކެފަރަތި ދެ މީހުންކަމަށް ކިތަންމެ ރަނގަޅަކަށް ވެސް ދަލީލުކޮށްދެއެވެ. ފަހުން މި އައި ޒުވާނާ ބުނެފިއެވެ.

"އޭތް ހުމޭޒު. ކަލެއާ ކަމަކު ގުޅައިލަން ވެސް ވެފައި ހުއްޓައޭ މި ދިމާވީ. ކަލޭގެ ނަންބަރު ދެވިދާނެތަ؟"

އެ ދެމީހުންގެ ވާހަކަޔަށް ކަންފަތްދީގެން އިން، ހުމޭ ހިތުގައި ޖެހުނެވެ. އެހެންވީމާ އެ ފިރިހެންކުއްޖާގެ ނަމަކީ ހުމޭޒުތާއެވެ. ހުމޭދާއާއި ހުމޭޒެވެ. މިއީ ކޮންފަދަ އިއްތިފާގެއް ހެއްޔެވެ؟ އަދި ހެޔޮ ފާލެއް ވެސް ނޫން ބާވައެވެ؟ ގައިކޮޅު ގައިގައި ދުރު ކިޔައި ދުރަށް ދިޔުމުގެ ބޭނުމެއް ނެތެވެ. މި ފަހަރު މި އޮތީ ނަސީބުގެ ދީލަތި ބެލުން އޭނަޔަށް އަމާޒުވެ، ގުޅެންވީ މީހާ ގެނެސް ހަމަ ކައިރީގައި ބައިންދައިދީފައިތާއެވެ!

ހުމޭޒު، އޭނަޔާ މި ދިމާވި ދެކެ ފަރިތަ މީހާއަށް ލަސްލަހުން ނަންބަރު ކިޔައިދީފިއެވެ.

ހުމޭ ހަމަ ވަގުތުން އެ ނަންބަރު ހިތަށް ނަގައިގަނެ، ހަނދާން ނެތުމުގެ ކުރިން އަތުގައި އޮތް ފޯނަށް ސޭވްކޮށްލިއެވެ.

މީހަކަށް ފަހު މީހަކު މާލެ އައި ފެރީން ފައިބަން ފެށުމުން ވެސް ހުމޭގެ ލޮލަކުން ހުމޭޒެއް ނުނެއްޓުނެވެ. ބިސްމަޅި ދުއްވާ ކަހަލަ ގޮތަކަށް، ގެއްލިދާނޭތީ ބިރުން އުޅޭ ކަހަލަ ގޮތަކަށް، ފަހަތުން ނުފިލައި ވިއްދައިފައި ހުރެވުނެވެ. އެ ފިރިހެންކުއްޖާއަކީ އިސްކޮޅުން މެދުމިނަށް ވުރެ ދިގުބަޔަށް ދައްކާ، ބައިމަތި ފުޅާ ފަތިހަށި ކުއްޖެކެވެ. ހުމޭއަށް ހެޔޮވަރީ ވެސް އެ އިސްކޮޅުގެ ފިރިހެނެކެވެ. އޭނާ ސައިކަލަށް އަރައިގެން ނައްޓައިލުމުން، ޓެކުސީއަކަށް އަރައިގެން ގެޔަށް އައި މަގުމަތީގައި ވެސް ހުމޭއަށް އިނދެވުނީ އެ ފިރިހެންކުއްޖާގެ ޚިޔާލަށް ގެއްލި، އެ އަސަރުން ތެމިފޯވެފައެވެ.

ގެޔަށް ވަދެ ނިދަން އެއްޗެހި ބަދަލުކޮށްލައިގެން އޮށޯންނަން ޖައްސާލިއިރު ގަޑިން އެގާރަގަޑި ބައިވާން ގާތްވެއްޖެއެވެ. އެހެންޏާ މީ އޭނާ ނިދާ މަރުވެފައި އޮންނާނޭ ގަޑިއެވެ. އެކަމަކު  ދެލޯ ބޮޑުކޮށްގެން ފަންގިފިލަޔާ ދިމާއަށް ބަލަހައްޓައިގެން އޮވެވުނީ މިރޭ މާ ފަސޭހައިން ނިދި އޭނާގެ ލޮލާ ގާތަށް އަތުވެދާނެކަމަކަށް ނުފެންނާތީއެވެ. އެއީ ކީއްވެ ހެއްޔެވެ؟ އޭނާގެ މޭ ދަށުގައިވާ ޒުވާން ހިތް ތަންވިޔަރިވެފައިވާތީއެވެ. މި ފެނުނު ފިރިހެންކުއްޖެއްގެ ސިފަޔާއި ސޫރަ އެ ހިތަށް ކުޅިވަރު ދައްކާތީއެވެ.؟ ނަންބަރު އެނގޭއިރު ފޯނުން ގުޅައިނުލާންވީ ކީއްވެ ހެއްޔެވެ؟ ކެރުމާ ނުކެރުމާ ދެމެދު ދެ އަތަށް ދެމިދެމި އޮތް ނަފުސަށް ކުޑަވެސް ހަމަޖެހުމެއް ލިބޭގޮތްވީ ނަންބަރުތައް ޖަހައި ލޯމަރައިލައިފައި ނަމަވެސް ކޯލަށް ފިތައިލުމުންނެވެ. ނަސީބަކުން ވަރަށް ފަސޭހައިން ގުޅިއްޖެއެވެ.

އެކޮޅުން ކާކުތޯ އަހައިލުމުން ހުމޭ ލަދުކަނޑައިލައިފައި ނަމަވެސް ރިހުމެއް ހުރި އަޑަކުން ހިތި ހިނިތުންވުމަކާ އެކު ބުނެލިއެވެ" މިއީ ހުމޭޒާ ރައްޓެހިވާ ހިތުން މަރުދޭ އަންހެންކުއްޖެއް!"

"ތިޔައީ އަނެއްކާ މީހެއްގެ އަނތްބެއް ނޫންކަމަށް ހީކުރަން" ހުމޭޒު މަޖާ ފާޑަކަށް ހީނގެންފައި ބުނެލިއެވެ.

"ތިހެން ތި ބުނަނީ ކީއްވެ؟ މީހުންގެ އަނބިން މާގިނައިން ހުމޭޒާ ގުޅަނީތަ؟"

"ދުނިޔޭގައި އުޅޭއިރު ލައްކަ ފިލްމު ފެންނާނެދޯ! ތިޔައީ ކާކުބާ؟"

"މަގޭ ނަމަކީ ހުމޭދާ!"

"ސަމާސަ ނުކުރޭ!"

"ސަމާސާއެއް ނޫން. މި ބުނީ ހަމަ މަގޭ އަސްލު ނަން. މަށަށް ހުމޭޒު ފެނުނީ ދިހަގަޑިބައިގެ ފެރީން. މަށަށް އިނދެވުނީ ހުމޭޒު އިން ގޮނޑިބަރީގައި ތިންހަތަރު ގޮނޑި ދޫކޮށްލާ މަގަތަށް!"

"ހޫނ.ހޫނ. އެނގިއްޖެ. ތިޔައީ ބުރުގާނާޅާ އިން ކުލަވަރު ދޮން އަންހެންކުއްޖާދޯ؟"

"ލައްބަ!"

"ކިހިނެއް މަގޭ ނަމާއި ނަންބަރު ހޯދީ؟"

އެގޮތެއް ވެސް ހުމޭ ކިޔައިދީފިއެވެ. ދެން ބުނެފިއެވެ."އަހަރެން ވަރަށް ބޭނުން ހުމޭޒާ ބައްދަލުވެ ފަރިތަވެލަން. ކެއުމަކަށް ދައުވަތުދީފިއްޔާ--؟"

"ކެއުމެއް ކޮފީއެއް ވިއްޔާ ދޫކޮށެއް ނުލާނަން، ދެލޯފުޅާ!" ހުމޭޒު އުންމީދީ އުފާވެރި އަޑަކުން ބުނެލިއެވެ.

"ރޭގަނޑު ކެއުމަކަށް އިނގޭ. ދާނީ ވިލިނގިލީގައި ހުންނަ "ކަބާބު" ރެސްޓޯރެންޓަށް. މިއަދު މީ ބުދަ. އަންނަ ހުކުރު ދުވަހުގެ ރޭ. ގަޑިއަކީ އަށްގަޑިބައި!"

އެކޮޅުން ޝުކުރާ އެކު ދައުވަތު ގަބޫލުކޮށްފިއެވެ. މާނަޔަކީ އޭނަގެ މާ ޚާއްސަ ލޯބިވެރިޔަކު ނެތުންތާއެވެ! އޭނަޔާ ދިމާވީއްސުރެ ހުމޭއަށް ފުރަތަމަ ފަހަރަށް ހަމަޖެހުމުގެ ނޭވާއެއް އުދުއްސައިލެވުނެވެ. ވީ އުފަލުން ފޯނު ބާއްވައިފައި ބިތްދޮށަށް އެނބުރި، ދެލޯތަގުޅިކޮށް ނިކަން ބާރަށް ކަންނޭލުގައި ބައްދައިލެވުނެވެ. ހިތުގައި ޖެހުނެވެ. ފެށުން ރަނގަޅެވެ. ފުރަތަމަ ފިޔަވަހި ހަމަ ވަރަށް ވެސް ކާމިޔާބެވެ.

ހުމޭ އާއި ހުމޭޒު "ކަބާބުގެ" މަތީބުރީ މޭޒެއްދޮށުގައި ޖައްސައިލައިގެން ތިއްބެވެ. ދެ މީހުން ކުރިމަތީގައި އައިސްކިރިމި  ދެ ތަށި، ފުލުގައި ހުރި ދިޔަފޮދެއް ފިޔަވައި، ހުހަށް ހުއްޓެވެ. އިރުކޮޅަކުން ވޭޓަރަކު އައިސް އެ ދެ ތަށި ވެސް ގެންގޮސްފިއެވެ. ހުމޭ އިނީ ބިލު އައުމުގެ އިންތިޒާރުގައަވެ. ކުރިން ދެ މީހުން ދެމެދުގައި ދެކެވުނު ވާހަކައިން އޭނައަށް ހާދަ އެއްޗެއް އެނގިއްޖެއެވެ. ހުމޭޒަކީ ހިސާބަކަށް ކުރަހައިއުޅޭ އަދި ފޮޓޯ ވެސް ނަގައިއުޅޭ ފަންނާނެކެވެ. އޭގެ އިތުރަށް ގިޓާކުޅެން ވެސް ދަނެއެވެ. އެކަމަކު މީން އެއްވެސް ކަމެއް ކުރަނީ އާމްދަނީއެއް ހޯދާކަށެއް ނޫނެވެ. އަމިއްލަ އުފަލަކަށް ފުރާނައިގެ ކާނާއަކަށެވެ. ދިރިއުޅުމަށް ކުރާ މަސައްކަތެއް، އަދާކުރާ ވަޒީފާއެއް ނޯވެއެވެ. އޭނާގެ މައިންބަފައިން ދުނިޔެއަކު ނެތެވެ. ހުންނަނީ ހުޅުމާލޭގައި ބަފައެއް ކަހަލަ މީހެއްގެ ކައިރީގައެވެ. އެއީ ދޮންބަފައެވެ. އޭނަގެ ލޮބުވެތި ވަހީދުބެއެވެ. ބައެއް ފަހަރު، ވަހީދުބޭގެ ކަންމަތީފިހާރައިގައި ސޭޓެއްގެ ގޮތުން ދަންފަޅި ފުރާލަދޭން ޖެހެއެވެ. އަނެއް ބައި ފަހަރު، ވަހީދުބެ ހިންގާ ސައިހޮޓަލުގެ ކޮށިގަނޑުގައި އިނދެލަން ވެސް ޖެހިދާނެއެވެ. މިކަންކަމުން ހުމޭޒު ފަދަ އަނތްބެއް ދަރިއެއް، ތިންބެއް ދާޅިއެއް ނެތި ހުހަށް ހުރި ޒުވާނަކަށް އުޅެލެވޭވަރުގެ ލާރިކޮޅެއް ލިބެއެވެ. ހުރުމަށާއި ކެއުމަށް އަތުން ހިނގާ އެއްވެސް ޚަރަދެއް ނޯންނާތީއެވެ.މާނަވީ ނަޒަރެއް ހުމޭޒުގެ މޫނަށް ހުސްކޮށްލައިގެން އިނުމަށް ފަހު، ހުމޭ އަހައިލައިފިއެވެ.

"ހަޔާތުގެ ބައިވެރިއަކު ހޯދައިގެން، ތަންކޮޅެއް ހަރުދަނާ ދިރިއުޅުމެއް އުޅޭކަށް ނުވިސްނަންތަ؟"

"ތިޔައީ ވަހީދުބެ ވެސް އަބަދު ކިޔާ ލަވަ. އެކަމަކު އެއީ އޭނަގެ އަމިއްލަ އެދުމެއް ވެސް އޮތީމާ. އޭނާ އެދެނީ އޭނަގެ ދޮށީ އަންހެންދަރިޔާ އަހަރެން އިންނަން. އެއީ ދޮންބައްޕަ މާ ލޯތްބެއްވާ ރެހެންދިއެއް. މި ބުނަނީ އޭނަގެ ފުރަތަމަ ކައިވެނިން ލިބުނު ދަރިފުޅުގެ ވާހަކަ"

"ދެނޫފަންނަ ދެބެންގެ ކައިވެނިތާ!" ހުމޭ ހީނގެންފައި ބުނެލިއެވެ."ފުރުސަތުގެ ބޭނުން ނުހިފީ ހިތްކިޔާ ފާޑުގެ ރީތި ކުއްޖަކަށް ނުވާތީތަ؟"

"ރީތިވެއްޖެއްޔާ ހެޔޮ ދޯ...!" ހުމޭޒު ބުނަން އުޅުނު އެއްޗެއް ނުބުނެ ކުރުކޮށްލަމުން ބުނެލިއެވެ.

"ތި ބުނަން އުޅޭ އެއްޗެއް ވިސްނިއްޖެ. ތި ވާހަކައިން ހުމޭޒަކީ ގޮތެއް ވެސް ހުރި ފިރިހެނެއްކަމަށް ފެންނާތީ އަހަރެންގެ ހިތަށް ކުރެވުނު އިތުބާރާ މެދު މުޅިން ހިތްހަމަޖެހޭ ގޮތް ވެއްޖެ. މަށަކީ ރީތިރީތި އަންހެންކުއްޖެއްކަމަށް އެއްވެސް މީހަކު ސިފަކޮށްފާނޭ ކުއްޖެއް ހެނެއް ހިޔެއް ނުވޭ. ނަމަވެސް... ކީކޭ ބުނާނީ! ފިކުރާވާ ގޮތެއް ހުރިކަމަކަށް ނުފެނޭތަ؟" ހުމޭ ހީނލައި، ހަށިތެދުކޮށްލައި، ވަނާ ރީތި މޭމަތި ދައުވަތުގެ ގޮތަކަށް ހުމޭޒާ ދިމާއަށް ސީދާކޮށްލައި، މޫނު އަލިކޮށްލައިގެން އިނދެ އަހައިލިއެވެ.

"ވެދާނެ...!" ހުމޭޒު، ހުމޭއަށް ނިކަން ރަނގަޅަށް ބަލައިލައި، ހިނިގަނޑެއް ޖަހައިލައި ދުރަށް ނަޒަރެއް ދެމުން ބުނެލިއެވެ. "އެކަމަކު ބުނަންތަ! އަދި މާ އަވަހަށް ކައިވެންޏެއްކުރާކަށް ޚިޔާލެއް ނުކުރަން. އުމުރުން މި ހިނގަނީ އެންމެ ސައްބީސް އަހަރަށް؟"

"ފެރީދޯނިމަތިން ފެނުމުން އަހަރެން ހީކުރީ ހުމޭޒުގެ އުމުރުން ވާނީ ވިހި ބާވީސް އަހަރޭ. އެހައި ވެސް ޅަކޮށް މޫނު ފެންނަނީ!"

"ޅަވިއްޔާ ޅަ. ހަރުވިއްޔާ ހަރު. އޮޅުވައިލުމެއް ނެތި ހަމަ އުމުރު މި ބުނެލީ!"

ހުމޭ، ދިރާސާގެ ފުން ކަޅިއެއްދީގެން އިނެވެ. ހުމޭޒު މިރޭ ލައިގެން އިނީ ގަޔަށް ދޫދޫ ހުދު ގަމީހަކާއި ގަދަނޫކުލައިގެ ޖިންސެކެވެ. ފަން އިސްތަށިގަނޑު ކަނދުރާގެ ތިރިއަށް ހުރި އެއްކަލަ ދިގު ބޮލެވެ. އެބޯ ކުރުކޮށް ކޮށައިލުމުގެ ޚިޔާލެއް އޭނާ ގެންގުޅޭ ހެނެއް ހިއެއްނުވެއެވެ. މިފަދަ ބައްދަލުވުމަކަށް އަންނަން ވެސް ބޮލުގައި ފުނާ މާ ބޮޑަށް ހިންގައިލި ވައްތަރެއް ނުމެ ނެތްމެއެވެ. ނަމަވެސް އިސްތަށިގަނޑު ބޭތަރުތީބު ގޮތެއްގައި ތަރުތީބެވެ. މިއީ މިހާރުގެ އިސްޓައިލަކަށް ވެސް ވަނީކަން ނޭނގެއެވެ. ހުމޭގެ ހިތުގައި ހިނގަމުން ދާ މައިގަނޑު ޚިޔާލު ބަސްތަކެއްގެ ސިފައިގައި ހުމޭޒާ ދިމާއަށް ދޫކޮށްލެވިއްޖެއެވެ.

"ކައިވެންޏެއް ކޮށް ދިރިއުޅުމެއް ފައްޓާކަށް ހުމޭޒު ހަގެއް ނޫން!"

"އަބަދުވެސް އަންހެންކުދިން ދައްކާނީ ކައިވެނީގެ ވާހަކަ! އަހަރެން ބޭނުންވަނީ ފުރަތަމަ ދަތުރުފަތުރުކޮށް ދުނިޔެ ބަލައިލައިހަދަން!" ހުމޭޒު ހިނިގަނޑަކާ އެކު ބުނެލިއެވެ.

"އަންހެނަކާ ޖެހުނީމާ ދުނިޔެ އެ އޮތީ ފެނިފައޭ! ހެޔޮލަފާ، ހުނަރުވެރި، އަނތްބެއް މީ ފިރިހެނަކަށް ދުނިޔެމަތިން ލިބޭނެ އެންމެ ބޮޑު ނިއުމަތް...." ހުމޭ މިހައިކަށްހައިވަރަށް ބުނެފައި ކުރުކޮށްލީއެވެ.

މި ބުނި އެއްޗަކާމެދު ހުމޭޒު މިހާރު ވިސްނާކަން މޫނުމަތިން ދޭހަވެއެވެ.

ވެއިޓަރު ބިލު ހިފައިގެން އައީ ދެ މީހުން ވެސް އިތުރު ވާހަކައެއް ނެތި ވިސްނާން ތިއްބައެވެ. ހުމޭ ބިލަށް ބަލައިލައިފައި ފައިސާ ދަބަސް ނަގައި ހަމަޔަށް ނަގުދު ފައިސާއިން އަގު އަދާކޮށްލިއެވެ. ދެން ދެ މީހުން ތިބި ތަނުން ތެދުވެގެން ގަސްވަކަރު ސިޑިން މުރުމުރު ގޮއްވަމުން ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކޮށް ތިރިއަށް ފޭބީއެވެ. ރެއަކީ މިލަ ހަނދުވަރެއް ދޭ ރެއެކެވެ. ހަމަހިމޭން ހިސާބަކަށް، ރާޅު ލަވަކިޔާ ގޮނޑުދޮށަކަށް، އަތިރީފަށުން ލައިފައި ދާ ވާހަކަ ހުމޭ ބުނުމުން ހުމޭޒު އެ ޚިޔާލަށް ތާއީދުކޮށްފިއެވެ. އެ ހިތުގައި ފުއްޓަތްކެއް ޖަހައިލެވިއްޖެކަމުގެ އުފަލާއި އިތުބާރާ އެކު ހުމޭ ރަންއުޅާބައެއް ވިދަވިދައި އޮތް އަތް، އަމޭ ބުނާ ކަހަލަ ގޮތަކަށް ހުމޭޒަށް ދިއްކޮށްލިއެވެ. ހުމޭޒު އެ އަތުގައި ހިފީ ކުޑަވެސް ޖެހިލުމެއް ނެތިއެވެ.

(ނުނިމޭ)

އިބްރާހީމް ޙުސެން މަނިކު
އިބްރާހީމް ޙުސެން މަނިކު
އިބްރާހީމް ޙުސެން މަނިކަކީ ދިވެހިރާއްޖޭގެ އެންމެ މޮޅު ކުރުވާހަކަލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ލިޔުންތެރިއެކެވެ. އޭނާ ވަނީ މިހައިތަނަށް ކުރުވާހަކައިގެ ފަސް ފޮތެއް ޗާޕުކުރައްވައިގެން ނެރުއްވައިފައެވެ. ރާއްޖެއަށް ޒަމާނީ ކުރުވާހަކައިގެ އުސްލޫބު ތައާރަފުކުރެއްވީ އިބްރާހީމް މަނިކެވެ. ކުރުވާހަކައިގެ އިތުރަށް އެހެން ބާވްތްބާވަތުގެ އަދަބީ ލިޔުންތައްވެސް އޭނާ ލިޔުއްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.