އެކުސެސް ލަގެޖު - 3 (އެންމެ ފަހު ބައި)

(25 ފެބުރުއަރީ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ވައިބަރު ނަންބަރަށް އަމިއްލަ ނަމުގައި ތައުޒިޔާގެ މެސެޖެއް ފޮނުވަފާނަމޭ ނަދީ ހިތަށްއެރިއެވެ. މެސެޖުގެ ތިރީގައި އޭނަގެ ފުރިހަމަ ނަން ނަދީމާ އިބްރާހިމް ޖަހައިލައިފައި ފޮނުވިޔަސް އަދި އެއީ ކޮން ނަދީމާއެއްކަމެއް ނޭނގޭނެތާއެވެ. ދެން އެހެންވީއިރު އަފުޒަލަކީ އިސްކޫލު ދައުރު، އަހަރެންގެ ގާތް ރައްޓެއްސެކޭ ބުނެ ކުރު ތައާރަފެއް ވެސް ދޭންވީ ހެއްޔެވެ؟ އެކަމަކު އެއީ އެއްވެސް ބުރަދަނެއް ހުރި ވާހަކައެއްކަމަށް ބަލައިފާނެ ހެއްޔެވެ؟ ސަބަބަކީ ކައިވެންޏަށް ފަހު، ތިންހަތަރު ފަހަރެއްގެ މަތިން އަފުޒަލު، ނަދީމެންގެ ރަށަށް ސަމާއާ އަދި ކުދިންނާ ވެސް އެކު ކުރު ޗުއްޓީއެއް ވޭތުކޮށްލަން އައިސްފައިވިޔަސް، އެއް ފަހަރު ވެސް އޭނާ ނަދީމެންގޭ އޮޅިގަނޑު ވެސް ގިރާކޮށްފައި ނުވާތީއެވެ. ނަދީ މަގެއް މަތިން ދިމާވިޔަސް ޖަހަނީ އިސް ނުވަތަ މޫނުލަނީ އަނެއް ފަރާތަށްކަމަށް ވާތީއެވެ. ތައުލީމީ މަރުކަޒުގައި ކިޔަވަން އުޅުނު ދުވަސްވަރު އޭނަޔަކީ ނަދީމެންގެއިން ފިލައިނުދާ އޮޅު ހާލެއް ފަދަ ކުއްޖަކަށް ވުމާ ވެސް އެކުގައެވެ.

ގޮތްގޮތަށް ވިސްނުމަށް ފަހު ނަދީ ނިންމީ ޝަކުވާގެ ރާގެއްގައި ނޫން ނަމަވެސް، ތެދު ބަހުން އޭނަޔާ އަފުޒަލުގެ ގުޅުން ބަޔާންކޮށް ތައުޒިޔާގެ ސިޓީއެއް ސަމާއަށް ލިޔާށެވެ. އޭނަގެ ތައުޒިޔާއަކީ އެހެނިހެން ދުރުހިލޭ ފަރާތްތަކުގެ ތައުޒިޔާއަށް ވުރެ މާ ޚާއްސަ، މާ އަސަރުހުރި އެއްޗަކަށް ވާނީ ވެސް އޭރުންތާއެވެ؟

މި ޚިޔާލުގައި އަތްދަބަހުގައި އޮތް ނޯޓުފޮތާއި ބައިރޯގަލަން ނަގައިގެން ލިޔަން ފެށިއެވެ.

"އަހަންނަކީ އަފުޒަލު ގަހުގައި ދޮންކުރަން ބައިންދައިފައި ފުރައިގެން ދިޔަ ކަނަމަދެވެ. ދޮންވާއިރު މީގައި އޭނާ އުންމީދުކުރާ ކުލަވަރު ނުވަތަ ފޮނިރަހަ ނުހުންނާނެކަމަށް ފެނިގެން ފަހުން ހިތް ބަދަލުވީތާއެވެ."

މިހައިކަށްވަރަށް ބުނެލުމުން ފުދިއްޖެއޭ ނަދީ ހިތަށްއެރިއެވެ. ސަމާ އިތުރަށް އަޑިޔަށް ކޮންނަން ބޭނުންވާ ނަމަ، އެގޭގައި ހުރި އަފުޒަލްގެ އަމިއްލަ ލިޔެކިޔުންތަކުގެ ތެރޭގައި އޭނާ ލަންޑަނުގައި ކިޔަވަން ހުރި ދުވަސްވަރު ނަދީ އޭނަޔަށް ފޮނުވި އަދަދެއް ނުވާހައި ގިނަ ސިޓީ ހުންނާނެވިއްޔާއެވެ. އެތަކެތި މިހާރު ފެންނާން ނެތި ނައްތައިލެވިފައިވާ ނަމަ، ސަމާއަށް ނަދީ ބުނި ބަހުގެ ހަގީގަތް ހޯދޭނެ އެހެން ގޮތްގޮތް ވެސް ހުންނާނެތާއެވެ.

އަނެއްކޮޅުން، ސަމާ ފަދަ ކަލަމިދި މާތް ބޭފުޅަކާ މުޚާތަބުކުރުމުގައި، އާދަކާދަ ނިޔާކުރާ ގޮތުން، ގެންގުޅެންވީ މާތްބަހުރުވަޔާ މެދަކު ވެސް އޭނާ މި ވަގުތު މާބޮޑަކަށް ނުވިސްނާނެއެވެ. އޭނާ ބަލާނީ ހިތަށް އަންނަ ގޮތަށް، އޭނަޔަށް އަބަދުވެސް ފަސޭހަ އާދައިގެ ބަހުރުވައިން ލިޔެ ނިންމައިލާށެވެ. ފަހުން، ގަނޑުކަނޑާ ފޮތެއްގައި އަސްލު ސިޓީ ލިޔާއިރު ބަހުރުވައިގައި ހުރި ކޮރުކަމެއް ނުވަތަ އިބާރާތުގައި ހުރި ކުރަކިކަމެއް ފިލުވައިލެވިދާނެތާއެވެ. މިހާރު އޭނާ ލިޔާނީ ދެލިކޮޕީއެކެވެ. އެކަމަކު މި ސިޓީއެއް ފަށާނީ އަދި ނިންމައިލާނީ ކިހައި ހިސާބަކުން ހެއްޔެވެ؟

ނަދީގެ ހަނދާނަށް އައީ ދެ ހިތެއްގައި ވާ ލޯބި، ކަތިބަސްތަކެއްގެ ސިފައިގައި އެއް ފަރާތުން އަނެއް ފަރާތަށް އުކައިހެދުމުގެ ދުވަސްގަނޑަށް ފަހު، އެލޯބީގެ ޝުއޫރުތައް ފުރަތަމަ ފަހަރަށް ސީދާސީދަލަށް ބަހާއި އަމަލުން ފައުޅުކުރެވުނު ދުވަހެވެ. އެއީ އެއް ދުވަހެއްގެ ވަރަށް ހެނދުންކޮޅެވެ. ނަދީގެ އުމުރަކީ ސާދަ އަހަރު ނަމަވެސް، ބުރުހަމަވެފައިވާ ހަނދެއް ފަދައިން، ބޮޑު އަންހެނެއްގެ ހުރިހާ ސިފައެއް ޠަބަޢީ ގޮތުން އޭނަޔަށް ލިބިފައިވެއެވެ. މަތިވަރު އައިސް ފުރާފުރިހަމަވެފައިވާ މޭމައްޗާ ވެސް އެކުގައެވެ. ރޭގަނޑުގެ އަނދރިކަން ކެނޑި، އިރުއެރުމުގެ ރަންރީނދޫ ކުލަވަރު އުދަރެހަށް ފާއްދާލުމާ އެކު އޭނަގެ މަސްކެއުޅު ބައްޕަ ފަޅުވެރިކުދިން ހަމަކޮށްގެން ދޯންޏަށް އަރައި މަހަށް ދާން ފުރައިފިއެވެ. ހެނދުނު އަށްގަޑީގައި ނާލުބޯޓު މާލެ ފުރަން އުޅޭތީ، އެ ބޯޓުން ފޮނުވަން ލިބުނު ކުއްލި އޯޑަރެއްގެ ކަންބާކޮޅަކާއި އެހެންވެސް ބައެއް ވައްތަރުގެ ތަރުކާރީ ކަނޑަން މަންމަޔާއި ސައިއްތައާއި ސާއްތަޔާ ތިން މައިން ވަށި އުރުޖަހައިލައިގެން މާއިރާ ދަނޑަށް ދާން ގެއިން ނިކުމެ، މަގު ހުރި ގޮތަށް ހިނގައިގެންފިއެވެ. މިއަދަކީ ކިޔެވުމުގެ ކަމެއްގައި ވެސް އެހެން ކަމެއްގައި ވެސް އިސްކޫލަށް ދާން ނުޖެހޭ ހޮނިހިރުދުވަހަކަށް ވާތީ، އެހެން ބައެއް ދުވަސްދުވަސް ފަދައިން ކޮންމެހެން އަވަސްއަރުވައިލައިގެން ގޯތިތެރެ ކަހަންއުޅުމުގެ ޚިޔާލެއް ނެތި، ނަދީ ނިކަން ހަމަ ޖެހިލައިގެން ކަހަމުން ދިޔައެވެ.

މިކަން ނިމުމުން، މިއަދު ހަދަން ޖެހޭ ހޯމްވޯކެއް ވެސް ނެތުމާ އެކު، ނާސްތާއަށް ފަހު އޭނާ އެނބުރޭނީ އެކިއެކި ރައްޓެހި އަންހެނުން އޭނާއަށް ފަހަން ހަވާލުކޮށްފައިވާ ކުޑަކުދިންގެ ހެދުން ފެހުމުގެ މަސައްކަތަށެވެ. ފެހުމާއި މާޖެހުމަކީ މި އުމުރުގައި ވެސް އޭނާ ވިދައި ނަންއަރަމުން އަންނަ ދެން އަދި، މާބޮޑު ނޫން ނަމަވެސް، ގެޔަށް އާމްދަނީއެއް ވެސް އޭނަގެ ފުށުން ލިބެމުންދާ ކަންކަމަށް ވާތީއެވެ. މިއީ ވަކި ތަނަކުން ކޯހެއް ހަދައިގެން ނުވަތަ ވަކި މީހަކަށް ދަރިވަރުވެގެން އޭނާ ދަސްކުރި ކަންކަމެއް ވެސް ނޫނެވެ. ގުދުރަތީ ގޮތުން ލިބިފައިވާ ހުނަރެއް ފޮތްފޮތް ބަލައިގެންނާއި މީހުން ކޮށްއުޅޭތީ ދެކެގެން، އަމިއްލަ މަސައްކަތުން، އަމަލީ ތަޖުރިބާއިން ތަރައްގީކުރަނީއެވެ. އޭނާގެ ހިތުގައި ފޮރުވިފައިވާ އަފުޒަލުގެ ލޯބި، އޭނާ ތިނޯހާއި ކުލަކުލައިގެ ރޮދިން އަބަދުވެސް ރަމުޒުކުރަމުން ދިޔައީ ރީތި މާކޯޅިއެއް މަތީ ހޯރައަޅައިލާ ފަރި ކޮކާލެއްގެ ސިފައިގައެވެ. ނުވަތަ ހިމަހިމަ ހޯލިކޮޅެއް ތުނބުލައިގެން އުދުހިފައިދާ ގުމުރީއެއްގެ ސިފައިގައެވެ. ނުވަތަ ކުޑަކުއްޖެއްގެ ހެދުމުގައި ލޭ ރަތްކުލައިގެ ހިތެއްގެ ތެރޭގައި އޭނާ ހުދު ރޮދިން ހަރުކޮށްލަދޭ ގޮށްތަކެއް ނޫނީ އެނޫން ވެސް ކޮންމެވެސް މާނައިން ފުރިގެންވާ ރަމްޒެއްގެ ސިފައިގައެވެ.

މަންމަޔާއި ބައްޕަ އޭނާ ލައްވާ މާ ބޮޑަށް ގޭތެރޭގެ ނުވަތަ ބަދިގެތެރޭގެ މަސައްކަތް ނުކުރުވައި، އޭނާ ހިތްއެދޭ ފަދައިން ފެހުމާއި މާޖެހުމުގެ މަސައްކަތަށް ދޫކޮށްފައި ހުންނަކަން ވެސް އެއީ އޭނާ ނުހަނު އުފާކުރާ ކަމެކެވެ. އަނެއްކޮޅުން އުފަން މަންމަޔާއި ބައްޕަ މަރުވެ ޔަތީމުވީ ދުވަހު އޭނާއަށް މިހާރު ލިބިފައިމިވާ ފަދަ ހެޔޮ "މަންމަޔަ"ކާއި "ބައްޕަ"އެއް ދެއްކެވިކަމީ އެ ހިތް ކަލާނގެ ކިބަފުޅަށް އަބަދުވެސް ޙަމްދާއި ޝުކުރުން ފުރިފައި އޮންނަކަމަކަށް ވެސް ވަނީ ވެފައެވެ.

ވަލުދޮރޯށި ހުޅުވުނު އަޑަށް ކަހަން އޮތް ނަދީއަށް އެ ދިމާއަށް އެއްލުނު ކަޅިން ވަގު ވައްތަރެއް މޫނަށް ޖައްސައި، އެއް އަތް ފުރަގަހަށްލައިގެން ހުރެ އަފުޒަލު، ވަދެގެން އައިތަން ފެނިއްޖެއެވެ. ދޮރޯށި ފައިން ރަނގަޅަށް ލައްޕައިލައި، ކޮޅުކޮޅަށް ކަޅިއުކައިލައި، ތިން ވަނަ މީހަކު ނެތްކަން ޔަގީންކޮށްލުމަށް ފަހު، އޭނާ ނަދީ ކައިރިއަށް އައުމުން، ނަދީ އަތުން އިލޮށިފަތި ދޫކޮށްލައިފައި ތެދުވެ ހިންދެމިލައި، އޭނަގެ ފަޚުރެއްކަމަށްވާ ރީތި ދިގު ރާޅުބާނި އިސްތަށިގަނޑު އަތްފުނައުއަޅައި އޮމާންކޮށްލިއެވެ. އަފުޒަލު ރަކި ހިންޏެއް ހީނލައި، ފުރަގަހުގައި އޮތް އަތް ކުރިމައްޗަށް ގެނެސް އެ އަތުގައި އޮތް، ފަތިހުގެ ފިނީގެ އަސަރު ނުކެނޑޭ ބޮޑު ފިނިފެންމާ ދައްކައިލަމުން ބުނެލިއެވެ.

"އެނގޭތަ؟ ރާއްޖެތެރޭގެ ރަށްރަށުގެ ވަލުތެރޭގައި ފިނިފެންމާ ހެދިފައި ހުއްޓާ ފެނުމަކީ އެއްގޮތަކަށް ވެސް އާންމު ކަމެއް ނޫން. އެކަމަކު މިރަށު ވަލުތެރޭގެ ވަކި ހިސާބެއްގައި މާވިނައަކަށް ފިނިފެންމާ ހެދިފައި އެބަހުރޭ. އަހަންނަށް ހީވަނީ އެއީ ކޮންމެވެސް ދުވަސްވަރެއްގައި މިރަށުގެ ކޮންމެވެސް ފިރިހެންކުއްޖަކު އޭނާ ލޯބިވާ އަންހެންކުއްޖާގެ ބޮލުގައި މާޖަހައިދިނުމުގެ ނިޔަތުގައި ޖެހި ދެތިން ފިނިފެންމާ ކުރިއެއްގެ، ބައިހެޔޮވެ މިނިމިންޏަށް ވެގެންދިޔަ ދަރިފަސްކޮޅުހެން. އެ ލޯބީގައި ބަރަކާތް ލެއްވި ފަދައިން މި ލޯބީގައި ވެސް ބަރަކާތްލެއްވުން އެދޭ ހާލު އަހަރެން މިއަދު ނަދީ މައްޗަށް މި އަދާކުރާނީ އޭނަގެ ސުންނަތް. އިހަށް އެދުރު ދެއްކި ގޮތަށް ފަހުން އެދުރު ކަންކުރުމަކީ ފަހެ މީ ނޫންތަ؟"

މިހެން ބުނެ މަލުގެ ވަސްބަލައިލުމަށް ފަހު، ވަށައިގެން ހޯދައިލައި އޭނާ އަބަދުވެސް ރީތިވެގެން ތާރީފު އޮއްސައިހެދި ނަދީގެ އެ ރީތި އިސްތަށިގަނޑުގައި އޭނާ އަތުން މާޖަހައިދީފިއެވެ. އެވަގުތު ދޮރޯށި ހުޅުވައިލައިފައި ގޯތިތެރެއަށް ވަން ރައިވަރުކިޔަން ކުޅަދާނަ އަވަށްޓެރިޔާ އައިސައްތަ މަންޒަރު ދެކެގެން އަނެއްކާ މިއަދު މަށަށް މި ފެންނަނީ އަލިފުޅާއި ދޮންހިޔަލަ ވާހަކައިގެ ތަމްސީލުން ތަންކޮޅެއް ނޫންބާވައޭ ބުނެ ހީނގެންފައި އަތްތިލަބަޑިތަޅައިގަތެވެ.

ނަދީ ދުވެފައި ގެޔަށް ވަދެ، އޭނަގެ ކޮޓަރީގެ ދޮރު އަތުކޮޅަށް ޖަހައިފައި އެނދު މައްޗަށް ވެއްޓި، ބިތްދޮށުގައި އޮތް ބާލީހުގައި ބައްދައިލީ ގެންފައިވާ ލަދަށްވުރެ ވެފައިވާ އުފަލެއްގެ ބޮޑުކަމުންނެވެ. ކުޑަބޭގެ ރައްޓެހިކަމުގައި އަފުޒަލު މިގެޔަށް ވަދެއުޅެން ފެށީއްސުރެ މިއަދާ ހަމަޔަށް، ދުވަސްގަނޑެއް ވަންދެން، ނަދީ ދެކެމުން އައި ހުވަފެނެއް، ހަމަ ކުއްލިއަކަށް ތެދު ހަގީގަތެއްގެ ސިފައިގައި ލޯމައްޗަށް ދެއްކެވުމުން އެ ލޮލަށް ގިނަވި ފޮނިކަރުނަތަކުން ބާލީސް ފޯވާވަރު ވީއިރު ވެސް  ލޮލުން ކަރުނަ ހުހެއް ނުވިއެވެ.

ކިޔެވުމުގެ ރޮނގުން އަބަދުވެސް ރަންވަނައިގައި ވިދަމުން އައި ކުއްޖެއްކަމަށް ވާ އަފުޒަލަށް ކޯހެއް ލިބި، އިނގިރޭސިވިލާތައް ކިޔަވަން ދާން މާލެ ފުރީ އޭގެ ދޮޅު އަހަރެއްހައި ދުވަސް ފަހުންނެވެ. ބޯޓަށް މީހުން އަރަމުންދިޔައިރު އޭނާ މާލޭގައި ހުންނަ ދުވަސްކޮޅު ހަފައިލާން މަންމަގެ މަޝްހޫރު ރެސިޕީއަށް ނަދީ ހަދައިދީފައިވާ އަތުޖެހި ދަޅާ އެކު ގަސްދޮށުގައި ފުރުވާން ނިކުމެ ހުއްޓެވެ. ވަދާއުގެ ސަލާމަށް އަތަށް ލައިދިން ހިމަހޯއްދި އިނގިލިތަކެއް ލިބިގެންވާ ކުޑަކުޑަ އަތްތިލައަށް މާނަވީ ގޮތަކަށް ފިތައިލުމަށް ފަހު އަތް ދޫކޮށްލައި، ލޮލާއި ލޯ ސީދާކޮށްލަމުން އަފުޒަލު ބުނެލިއެވެ. "ފަސް އަހަރު ފަހުން ފިނޭންސުގެ ރޮނގުން މާސްޓަރސް ޑިގިރީ ހަދައި މޮޅު މީހަކަށްވެގެން އަހަރެން އަންނަ އިރު، ނަދީ ހުންނާނީ ފިރިފުރާވަރަށް އަރައިފައިތާ!"

ނަދީ ހިތަށްއެރިއެވެ. އޭނާ އެހެން އެ ބުނަނީ އަހަންނަކީ އޭނަޔަށް ވުރެ ތިން އަހަރު ކުޑަކުއްޖަކަށް ވާތީތާއެވެ. އެއީ ނަދީ ދިހަ ވަނަ ކިލާހުގައި ކިޔަވަމުން ދިޔަ އަހަރެވެ. އުމުރުން އަދި ސޯޅަ އަހަރު ނުފުރެއެވެ.

ވަރަށް އިތުބާރާ އެކު، އުފާވެރި ރާގަކަށް އަފުޒަލު އަހައިލިއެވެ. "ނަދީ އަހަންނަށް އިންތިޒާރު ކުރާނަމެއްނު؟"

ޔަގީންތާއޭ ބުނެ ނަދީ އޭނާ ދަރައިލި އަތަށް، އަތާތާ ޖެހުމަށް އަތް ދަރައިލިއެވެ.

އަފުޒަލު ކިޔަވައިގެން އައިސް މާލޭގެ ބިންވެރި ވަރަށް މަޝްހޫރު އާއިލާއެއްގެ ވާރިސުކަމަށްވާ ސަމާއާ ކައިވެނިން ގުޅުނު ޚަބަރު ކަންފަތަށް އަރަންދެން ނަދީ ހުރީ އިންތިޒާރުގައެވެ. އެ ދުވަހު، ލޮލުން ލޭ ކަރުނައަޅަމުން ނަދީ އޭނާގެ އެ ރީތި ދިގު އިސްތަށިގަނޑަށް އަބަދަށް ޓަކައި އަލްވަދާއު ކިޔައި ކުރުކޮށް ކޮށައިލިއެވެ. އޭގެ ފަހުން އެ އިސްތަށިގަނޑު އެއްވެސް ފަހަރަކު އަފުޒަލަށް އެންމެ ރީތިވެގެން އުޅުނުވަރަށް އުނަގަނޑާ ހަމަޔަކަށް ދިގުވިޔަކަ ނުދެއެވެ. ބޮޑުވަރަކަށް ވެސް ދިގުކުރަނީ ކޮނޑާހަމަޔަށެވެ.

ނަދީ ހިތާހިތާ ސުވާލުކޮށްލިއެވެ. އެ ސަމާ އަފުޒަލު ދެކެ އަސްލު ވެސް ލޯބިވޭބާވައެވެ؟ ދުނިޔަވީ ހަޔާތުގައި، ހިތް އެދޭ ކޮންމެ މޭވާއެއް ބިނދެލެވޭ ފަދަ ނަސީބުވެރި މަރުހަލާއެއްގައި ހުރެވޭ މީހަކު ބިންނަން އުޅޭނީ އަދި ބިންނާނީ ވެސް އޭނާ ހިތާވާ މޭވާއެއްތާއެވެ. ޝައްކެއް ވަސްވާހެއް ވެސް ނެތް ގޮތުގައި ސަމާގެ ބަނޑުން އަފުޒަލަށް ވިހޭ ހަ ދަރިންނަކީ އެ ލޯބީގެ އަބަދަށް ދިރިހުރި ނިޝާންތަކެކެވެ. މައްޗަށް ކިޔަވައިގެން، ވެރީންގެ އުސްގޮނޑިތަކަށް އަރައިތިބޭ ޒުވާން އަންހެނުން، ދަރިޔަކު ދެ ދަރިޔަކު ތިންދަރިޔަކު ވިހައިފާނެއެވެ. ނަމަވެސް އެ ފަދަ އަންހެނަކު ފަސްހަ ދަރިން ވިހެއުމަކީ މި ޒަމާނުގައި ވަރަށް ނުފެންނަ މަންޒަރެކެވެ.

އެކަމަކު އަފުޒަލު ސަމާއަށް ދަރިބައެއް ދިނުމުގެ މާނަޔަކީ ކޮންމެހެން އެފުޅު ދެކެ ލޯބިވުން ހެއްޔެވެ؟

"ކުޑަބޭއެވެ. ނަދީއަށް ފަށްފަށުން އަހަރެންގެ ސަލާން ބުނެދެއްޗެވެ. އަދި އަހަންނަށް ނަދީއާ މެދު ކަންކުރެވުނު ގޮތުން ނަދީގެ ކިބައިން ނިހާޔަތަށް މާފުއެދޭ ވާހަކަ ވެސް ބުނެދެއްޗެވެ. މިއަދު މި ދުލުން މި ވާހަކަ ބުނެލުމުން އަހަރެންގެ ހިތައް ނިކަން ލުއިވެސް ވެއްޖެއޭ."

އަފުޒަލުގެ ދުލުން އެންމެ ފަހުން އެ ބުނެލި ޖުމުލައަކީ ނަދީއަށް ނޭނގި ނަމަވެސް އެ ހިތުގައި އޭނަގެ ލޯބީގެ ހުޅުކޮޅު މިހުރިހައި ދުވަހަކު ނުނިވި ދިއްލިފައި ހުރި ފަދައިން އަފުޒަލުގެ ހިތުގައި ވެސް އެ ލޯބި ނުނިވި ހުރިކަމުގެ އަލިގަދަ ދަލީލެއްތާއެވެ! އެ ލޯބީގެ އެކުސެސް ލަގެޖު އުފުއްލުމުގައި ނަދީ އުމުރުގެ ވިހިބާވީސް އަހަރު ހޭދަކުރި ފަދައިން، ހަމަ އެހައި ދުވަސްވާންދެން އަފުޒަލު ވެސް އެ ވަނީ އޭނަގެ އަނބިފުޅު ފިޔަވައި އެހެން އަންހެނެއް ދެކެވީ އަލަތު ލޯބީގެ އެކުސެސް ލަގެޖު އުފުއްލައިފައި ނޫން ހެއްޔެވެ؟ ކޮންމެއަކަސް މިއީ ސަމާ ކުރިމައްޗަށް މިއަދު ނަދީ ބަންޑުން ޖަހައިލާނެ ސިއްރެއް ނޫނެވެ. އެ ސިއްރު އަބަދުވެސް އޮންނާނީ ސިއްރެއްގެ ގޮތުގައެވެ. ނަމަވެސް ސަމާއާއި އާއިލާގެ ފުން ހިތާމައިގައި އޭނާ މިއަދު ހިތުގެ އަޑިން މި ބައިވެރިވަނީ ލޭގެ އެއްވެސް ގުޅުމެއް އަދި ރައްޓެހިކަމުގެ ގުޅުމެއް ވިޔަސް ނެތް ދުރުހިލޭ ބައެއްގެ ހިތާމައިގައި މީގެ ކުރިން ދުވަހަކު ވެސް ބައިވެރިވެވިފައި ނުވާ ފަދަ ފުން ގޮތެއްގައިކަމަށް ހަމަ ސަރީހަ ބަހުން އޭނާ ބުނެ ހާމަކުރާނެއެވެ. ކީއްވެ ހެއްޔެވެ؟ އެއީ އަފުޒަލުގެ އަނބިދަރީންކަމަށް ވެފައި މިއީ ޚުދު އޭނަގެ ހިތުގެ އަޑުކަމަށް ވާތީއެވެ. ސަމާ ކޮންމެ ގޮތަކަށް ކަން ދުއްޓަސް މުލައްމާކުރުމެއް ނެތި ނަދީ ހާމަކުރަން އެދޭ ތެދު ހަގީގަތްކަމަށްވާތީއެވެ.

މާލެ ދާން ނައްޓައިލި ފުލައިޓު މަތީ ވެސް، ކާބޯ އެއްޗެއްގެ ޚިޔާލެއް ނެތި، ނަދީ ކުރިހައި ވެސް ކަމަކީ ސަމާއަށް ފޮނުވާނެ ސިޓީގެ ދެލިކޮޕީ ލިޔެ ތައްޔާރުކުރުމެވެ. އޭފޯރ ސައިޒުގެ ދިހަބާރަ ސަފުހާއަށް ސިޓީ ދިގުވެގެން ހިނގައިދާނެހެން ހީވުމުން، ކޮންމެހެން ދައްކަން ނުޖެހޭކަމަށް ފެނުނު ވާހަކަތައް ދޫކޮށްލައި، ތިންހަތަރު ސަފުހާއަކަށް ފެތޭ ވަރަށް ކުރުކޮށްލީއެވެ.

މާލެ ދެވުމުން ފިރިމީހާއާ ގުޅައިފައި، ކަންދިމާވި ގޮތުން ރަށަށް ދެވެން މި އަންނަނީ މާދަމާ ހެނދުނު ހަގަޑި ބައިގެ ފެރީންނޭ މިރޭ ހުންނާނީ އަހަރެން އަބަދުވެސް މާލޭގައި ހުންނަ މެހުމާންސަރާގައޭ ބުނެ ދެ ދަރިންނާ ވެސް ވާހަކަކޮޅެއް ދައްކައިލައިހަދައިފައި، އަނގަޔަށް ކާއެއްޗެއް ލުމުގެ ކުރިން، ދިޔަ މަގުމަތީ ޓެކުސީ ހުއްޓުވައި، އިހަށް ފޮތްފިހާރައަކަށް ވަދެ، މީރުވަހެއް ހުރި، މޮޅު ކަރުދާހުގެ ގަނޑުކަނޑާ ފޮތެއް އަތްމަތިކޮށްލިއެވެ. އޭރު ދުވަހުގެ އިރު ހުޅަނގަށް ގޮސް، ރޭގަނޑަށް މޫނު ބަނުމުގެ ކުރިން ދެކެން ބޭނުންހައި ބަޔަކަށް އޭގެ ރީތި އޮރެންޖު ކުލަޖެހިފައިވާ ބަރަކާތްތެރި މޫނު ދައްކައިގެން ހުއްޓެވެ.

ދުވާރު ހުރަސްކޮށް، އޭނަގެ އިންތިޒާރުގައި އޮތް ޓެކުސީއަށް އަރަންދަމުން، ނަދީ މަގަށް ކަޅި ހިންގައިލިއެވެ. އަސުރުގެ ފަހުން، ދާދި ދެންމެއަކު ވެހުނު ވިއްސާރަގަނޑެއްގެ އަސަރު، އެކީއެކައްޗަކަށް ތެމިފައިވާ މަގުން ވެސް އަދި މަގުގެ ބައެއް ދިމަދިމާގައި ހެދިފައިވާ ކުދި ފެންގަނޑުގަނޑުން ވެސް ފެންނާން އެބަ ހުއްޓެވެ. މިހާރު ގަހެއްގެ ފަތެއް ފަތްކޯޅިއެއް އެއްޗެއް ގުޑިވެސް ނުލައެވެ. މެދުއުޑުގައި ރަޖާލައިވާ ފުސްވިލާތައް ވެސް ފުން ހިތާމައެއްގެ ސުކޫތަކަށް މަޑުޖެހި، ހުއްޓިލައިގެން ތިބި ކަހަލައެވެ.

ނަދީގެ ހިތް ބުނަމުންދިޔައެވެ. އަފުޒަލު ސަމާދެކެ ލޯބިވިޔަސް ނުވިޔަސް އޭނާ ގާތުގައި މިހާރު އެ ތިބީ އަފުޒަލުގެ ހަ ދަރިންތާއެވެ. އެގޭ ކުޑަދަރިއަކީ މަގޭ ހަތަރު އަހަރުގެ ކުޑަދަރިއަށް ވުރެ ވެސް ކުޑަކުއްޖެއްތާއެވެ؟

ނަދީއަށް ފިކުރު ހިންގައިލެވުނީ އޭނަޔާ ސަމާގެ ރޯލު އެކޮޅުކޮޅުންޖެހި އަފުޒަލުގެ ހުވަފަތް އަނބިމީހާއާއި ދެމަފިރިންގެ ހަ ދަރިންގެ މަންމަގެ މަގާމުގައި އޭނާ ހުރިނަމަ މިއަދު އޭނާ އުޅޭނެ ހާލާމެދުގައެވެ. މޮޅިވެރިކަން ހަކިބައިން ވަށައިލައި މީހާ ހަފުސްކޮށްފައިވާއިރު، ތަނުއެޅި ކުނަލަށްވެ، ބޯވެސް ހިއްލައިލާނެ ހިތްވަރެއް ނުލިބުނީސްކަން ނޭނގެއެވެ.

މެހުމާންސަރާ އާދެވުމާ އެކު، އެހެން އެއްވެސް ޚިޔާލެއް ނެތި، ލިޔާ މޭޒުދޮށުގައި ހަމަޖެހިލައި، އެތައް ގަޑިއެއްގެ މަސައްކަތުން ސިޓީ އިތުރަށް ކޮށައި މަށައި އެންމެ ފަހުން ހިތްހަމަޖެހޭ ވަރަށް އޮމާންކޮށްލެވިއްޖެއެވެ. އެއަށް ފަހު ކޮޕީއާ އެއް ގޮތަށް، މީހަކަށް ދުއާއެއް، އަޒިމައެއް ލިޔެދޭނެހައި ވެސް ފަރުވާތެރިކަމާ އެކު އަސްލު ސިޓީ އޭނަގެ ރީތި ތާނަ އަތުއަކުރުން، ކުށަށްޖެހުމެއް ނެތި، ލިޔެލައިފިއެވެ. އަތުން ގަލަން ދޫކޮށްލިއިރު އަތް ވާޅުވެ، ސިކުނޑި ވަޅޯވެ ކިރުފެލިހުނިގަނޑެކޭ އެއްފަދައިން މީހާ ފެލި، ހިކިފައިވާކަމުގެ އިހުސާސްކުރެވުނެވެ. އޭނަގެ މުޅި ނަފުސު ފޯކޮށްލި ޖަޒުބާތުތައް މި ސިޓީއަކަށް ފެލައި ހުސްކޮށްލެވިފައި އެ ވަނީ އެހައި ވެސް ބޮޑަށް ވިއްޔާއެވެ. އަނެއްކޮޅުން ކޮޅުނބު އެއާޕޯޓުން "ކުޑަގޮތެއް ހަދައިލި"ފަހުން އެއްޗެއް ނުކައި ނުބޮއި ހުރީތީ ލިބިފައިވާ ޖިސްމާނީ ހައިކަމުގެ އިތުރަށް މިއަދު ހުރިހައި މާނައެއްގައި ވެސް ކުރަން މި ޖެހުނު ބަރު ދަތުރުގެ ސަބަބުން ނަފުސަށް ލިބިފައިވާ ވަރުބަލިކަން ވެސް އިހުނާ ޚިލާފަށް މިހާރު އަދި މާ ބޮޑަށް އިހުސާސްކުރެވެން ފަށައިފިއެވެ.

ދެންވެސް ކެއުމެއް ބުއިމެއް ބުރަކަށިދަމައިލުމުގެ ފިކުރެއް ނެތި އިހަށް ޓެކުސީއަކަށް އަރައިގެން ގޮސް ސަމާއަށް ރައްދުކުރަން އަމިއްލަ އަތުން އެގޭ ދޮރުވާނާ ސިޓީ ހަވާލުކުރިއިރު ގަޑިން ރޭގަނޑު ދިހައެއް ޖަހައިދާން އުޅެއެވެ. ދޮރުވާނު އެތެރެއަށް ވަދެގެން ގޮސްފައި އައިސް ސީދާ އަތްޕުޅަށް ސިޓީ އަރުވައިފީމޭ ބުނުމުން ނަދީގެ ހިތަށާއި ފުރާނަޔަށް ލިބިގެން ދިޔައީ، ކޮޅުނބު ވަޖިރާ ރޯޑުގެ ޔަތީމުޚާނާއަށް އޭނަގެ އެކުސެސް ލަގެޖު ދޫކޮށްލި ދުވަހު ވެސް އެ ހިތަށާއި ފުރާނަޔަށް ލިބިގެން ދިޔަ ފަދަ ލުއިކަމެކެވެ. ނުވަތަ ވަކި ފަރާތަކަށް ރައްދުކުރަންޖެހޭ އަމާނަތަކާ އެކު، މާކަނޑުގައި އެކަނިމާއެކަނި ފަލިޖެހުމަށް ފަހު، ބަނދަރަށް ފޯރި މުސާފިރެއްގެ އުފާވެރިކަމެވެ.

(ނިމުނީ)

އިބްރާހީމް ޙުސެން މަނިކު
އިބްރާހީމް ޙުސެން މަނިކު
އިބްރާހީމް ޙުސެން މަނިކަކީ ދިވެހިރާއްޖޭގެ އެންމެ މޮޅު ކުރުވާހަކަލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ލިޔުންތެރިއެކެވެ. އޭނާ ވަނީ މިހައިތަނަށް ކުރުވާހަކައިގެ ފަސް ފޮތެއް ޗާޕުކުރައްވައިގެން ނެރުއްވައިފައެވެ. ރާއްޖެއަށް ޒަމާނީ ކުރުވާހަކައިގެ އުސްލޫބު ތައާރަފުކުރެއްވީ އިބްރާހީމް މަނިކެވެ. ކުރުވާހަކައިގެ އިތުރަށް އެހެން ބާވްތްބާވަތުގެ އަދަބީ ލިޔުންތައްވެސް އޭނާ ލިޔުއްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.