ހޮނިހިރުވިލޭރޭ

އަތުގައި އޮތް ސުތުލި ކޮތަޅުގެ ދަނޑިގަނޑުލީ އަތްގަނޑު ފޭކޮށްލައި އެތެރެ ބަލައިލުމުން ހިތްޝައްކު މުޅިން ފިލައިގެން ހިނގައްޖެއެވެ. އަހަރެން އަމިއްލައަށް ކައްކައި ތައްޔާރުކުރި ބޮޑު ބަތް ޕާރުސަލު، އިރުކޮޅެއް ކުރިން، ކޮތަޅަށް ލީ ގޮތަށް އެބަ އޮތެވެ. ނޭފަތުގައި ޖެހުނު ގަރަންމަސާލައިގެ މީރު ވަހަށް ދެތިން ފަހަރަކު ނޯށްދަމައިލެވުނެވެ. އެތެރެއަށް އަތްބާނައި އިނގިލިކުރިން ފިތައިލުމުން އަތްދަމައިގަންނާން ޖެހޭހައި ވެސް ގަދަޔަށް ޕާރުސަލުގެ ހޫނުކަން ލަންސުކުރެވުނެވެ. އެހެން ވެދާނެތާއެވެ. ހޫނުކަންމަތީ ބަހައްޓަން އަހަރެން ބަތް ބަންދުކުރީ އަލިމިނިއަމްފޮއިލު ކަރުދާހުގައިވިއްޔާއެވެ. ކޮތަޅުތެރޭ ކުޑަކުޑަ ދެ ފުޅި ފެން ވެސް އޮތެވެ. ދެ މީހުންނަށް ދެ ފުޅިއެވެ. އިތުރަށް ދެ މީހުން އަނގަފޮނިކޮށްލާނޭ ގުލާބުޖާމު ވެސް، ފިނިކަން މަތީ، ކަރުދާހު ތައްޓެއްގައި ސެލޯފޭނުން ބަންދުކޮށްލައިފައި ބެހެއްޓި ގޮތަށް އެބަ ހުއްޓެވެ. އެއީ ވެސް ބައެއް ފިހާރަފިހާރައިން ލިބެން ހުންނަ ޒާތުގެ ރަބަރުގަނޑެއް ކަހަލަ ތައްޔާރީ ގުލާބުޖާމެއް ނޫނެވެ. އެތައް އިރެއްގެ މަސައްކަތުން ހަމަ މި ދެއަތުން ތައްޔާރުކުރި، އަނގަޔަށް ވިރިގެންދާ ފަދަ މީރު ގުލާބުޖާމެވެ.

ބޭރަށް ދާން ހެލިލި ވަގުތު ހަވަނަބުރީގެ ބެލްކަންޏަށް ހުޅުވައިލައިފައި ހުރި ދޮރުން ވަދެގެން އައި ރޯޅިތައް ސަމާސާ ގޮތަކަށް އަހަރެންގެ ދޮންބިލެތް ކުލައިގެ ސާޅީގެ ކަންގަނޑު ވިހުރާލިއެވެ. އެއާ އެކު ލައިގެން ހުރި ކެލާއަތަރުގެ ވަސް މުޅި ގޭތެރެއަށް ފަތުރިގެން ހިނގައްޖެ ކަހަލައެވެ. އަތަށް ގެނެވޭ ކޮންމެ ހަރަކާތްތަކާ އެކު އަތުގައި އޮތް އުޅާބައި ޓިކުޓިކު ލައްވަމުން ލޯބީގެ ތަރާނާއެއް އިއްވައިލާ ކަހަލައެވެ.

ވޭތުވެ ދިޔަ ހަތްމަސްދުވަހުތެރޭގައި އާންމުކޮށް މާލޭގައި އަހަރެން ލައިއުޅޭ ގަޔަށް ދޫ، ދޯހަޅި ހަރުވާޅާއި މަތީބުރީގެ ބަދަލުގައި ރީތި ސާޅީއަކާއި ގަހަނާއިން ޒީނަތްތެރިވެލި މީ ފުރަތަމަ ފަހަރެވެ. އެހެނަސް ފުރަގަހަށް ޖަހާފައި ހުރި ހުޅީގައި، އަހަރެމެންގެ ގޮތަށް، މާބޮނޑިއެއް ނެތުމުގެ ފަޅުކަން ވަރަށް ބޮޑަށް އިހުސާސްކުރެވުނެވެ. އިންޑިއާގައި ކިތަންމެ ތިޔާގި އެއްޗަކަށް ވިޔަސް މަލަކީ ރުއްގަސް މަދު މާލޭގައި ވަރަށް ތަދު އެއްޗަކަށް އޮންނަނީ ވެފައެވެ. ބޭރުން ގެނެވޭ އަގުބޮޑު މާމެލާމެއްޔަށް ފައިސާ ޚަރަދުކުރަން ބޭނުން ނުވާ ނަމައެވެ.

ދެ މީހުން ބައްދަލުވާން ގަޑި ކިޔައިފައި އޮތީ އަށެއް ޖަހާއިރަށެވެ. އަތުކުރީގަޑި ބަލައިލިއިރު ގަޑިން އިރުއޮއްސި ހަތްގަޑި ބައިވަނީއެވެ. ގަޑިއަކީ ރާޖޫ އަހަންނަށް ހަދިޔާއަކަށް ދިން ގަޑިއެވެ. ރާޖޫ ހުންނަ ގޭގެ ސާހިބާ ނުހިނގައިގެން ހަލާކުވީކަމަށް ނިންމައި "ކުނިވައްޓަށް ލާން ނުވަތަ ގެޔާއި ހަމަ ވަރަށް ކައިރީގައި އެހެރަ ރާޅުޖަހާ ވާޓަރު ދޮށަށް ނިކުމެފައި އަތުކޮޅަށް ކަނޑަށް ހޫރައިލާން" ދިން ގަޑިއެވެ.

އެކަހަލަ އެއްޗެއް ރާޖޫ ކުނިވައްޓަށް ނުވަތަ ކަނޑަށް އެއްލައިލާނެ ހެއްޔެވެ؟ އަތާ އަނގަޔާ ދިމާނުވާ ދަތި ދުނިޔެއަކަށް އުފަންވުމުގެ ސަބަބުން ނޫން ކަމެއް ވެސް ނޭނގެއެވެ. އޭނަޔަކީ އެއްޗެހީގެ އަގު ވަޒަންކުރަން ދަންނަ މީހެއް ވިއްޔާއެވެ. އެހެން މީހުން ބާވެގެން ނުވަތަ ބޭނުން ނެތިގެން ދޫކޮށްލާ އެއްޗެހީގެ ބޭނުން ފުރިހަމަޔަށް ހިފަން އެނގޭ ބޭކަލެއް ވިއްޔާއެވެ. އެކަހަލަ އެއްޗެހީގައި ގެއްލުމެއް ހަލާކެއް ހުރި ނަމަ އެކަމެއް ރަނގަޅުކޮށް ހަމަޔަކަށް އެޅުވުމީ ހަމައެކަނި އޭނަގެ ހޮބީއެއް ނޫނެވެ. އަދި ކިއެއްތަ އެއީ ޠަބައީ ގޮތުން އޭނައަށް ލިބިފައިވާ ހުނަރުވެރިކަމެއް ވެސް މެއެވެ.

ސާހިބާ އެއްލައިލަން ދިން ގަޑި ރޫޅައިލުމުން ރާޖޫއަށް އެނގުނީ އޭގައި އަސްލު މާބޮޑު މަރާމާތެއް ނެތްކަމެވެ. ކުރަން ޖެހުނުހައި ވެސް ކަމަކީ ޕެކިނެއް ބަދަލުކޮށްލައި އިސްކުރެއް ބާރުކޮށްލުމެވެ. އެއާ އެކު ގަޑި ހަމަ ބަރާބަރަށް ހިނގަން ފަށައިފިއެވެ.

ރާޖޫ ގަޑި ގެންގޮސް ސާހިބާއަށް ދީފައި ކުރަންޖެހުނު "މަރާމާތު"ގެ ވާހަކަ ކިޔައިދިނުމުން ގަޑި އަނބުރައި ރާޖޫއަށް ދީފައި ބުނިކަމަށް ވަނީ "މިހާރުގެ ފެސަނަކީ އަންހެނުން މޫނުމަތި ބޮޑު ގަޑިއެޅުމެވެ. ކިތަންމެ ރީތިވެފައި މޮޅަސް ތިޔައީ މޫނުމަތި ކުޑަ ގަޑިއެކެވެ. އިހުގައި ކިޔާ ގޮތަށް ނަމަ އަންހެން ގަޑިއެކެވެ. ތިޔަ ގަޑި ރާޖޫ އަށެވެ." ދެން ހީނގެންފައި– "ތިޔަ ކަހަލަ ރަނޑާލި ގޮތެއް ހުންނަ ފިރިހެނަކަށް ރަނގަޅުވާނެ، ނޫންހެއްޔެވެ؟"

ރާޖޫ ދެކޭ ގޮތުގައި މާލޭ މީހުންނަކީ އެހައި ވެސް ހިތްމޮޅު، ފައިސާގެ އަގު ވަޒަން ނުކުރެވޭ، އުޅުމެއް ނެތް ބައެކެވެ. ރާޖޫ މަށަށް ގަޑި ދިނީ ސާހިބާމެންގެ އިސްރާފުކުރުން ބޮޑު ދިރިއުޅުމުގެ މިކަހަލަ ކިތަންމެ ކިތަންމެ މިސާލެއް ކިޔައިދީ ހަލީސާ މަރައި ހީނހަދައިފައެވެ.

ހަލާކުވެފައި ހުންނަ އެއްޗެހި ހަދަން ދަންނާތީ މާލޭގެ އާދައިގެ ވަޒީފާތަކުގައި ނުވަތަ މަސައްކަތު މީހުންގެ ގޮތުގައި އުޅޭ އިންޑިއާމީހުންނާއި ބަންގާޅުމީހުންގެ މެދުގައި ރާޖޫއަކީ ވަރަށް މަގުބޫލު މީހަކަށް އޮންނަނީ ވެފައެވެ. އެމީހުން އަބަދުވެސް ރާޖޫއަށް ހުތްދެއެވެ. "ބޮންދު މާލޭގައި ފޯނާއި ގަޑި އެއްޗެހި މަރާމާތުކުރާ ދުއްކާނެއް ހުޅުވަންވީ ނޫން ހެއްޔެވެ؟ މާރުކޭޓު ގޮޅިއެއްގައި މީހަކަށް ގުލާނުކޮށް ދޭން އުޅުމަށްވުރެ ހާސްބައި ރަނގަޅުވާނެއެވެ.

ޖަވާބުގައި ރާޖޫ ބުނެއެވެ. "މިހާރު އަގަކާ ނުލައި ހިލޭ ފޯނު ހެދޭތީ ބޮންދު މަށަށް ތިޔަ ޚިޔާލު ދެނީތާއެވެ. އަގު ނަގަން ފަށައިފިއްޔާ ބޮންދުންގެ ފުށުން ހެޔޮ ބަހެއް ނުލިބޭނެއެވެ. ބޮންދުމެން ހިތް އެދޭހައި އަވަހަށް މަސައްކަތް ނިންމައިނުދެވޭތީ ނުވަތަ ނަގާ އަގުބޮޑުވެގެން މަށާ މެދު ހިތް ސަކަރާތްވެދާނެއެވެ. އެ ހިސާބުން ދެން ބަލާނީ މަށަށް ކޮންމެވެސް ބޮނޑިއެއް ދެވޭތޯއެވެ. ބޮސް ގާތުގައި އޭއްޗެކޭ މީއްޗެކޭ ކިޔައި ކުޓުވަކުޓުވައިގެން ނަމަވެސް މަ އަވަހަށް މި ރަށުން ބޭރުކޮށްލެވޭތޯއެވެ!"

ވިޔަފާރީގެ ބުއްދި މަދު ނަމަވެސް ރާޖޫއަކީ މަޑުމައިތިރި ހިތްހެޔޮ މިޒާޖެއްގެ މީހެކެވެ. އެ ހިތްހެޔޮކަން އެ މޫނާއި ލޮލުން ފާއްދައިލައިފައި ހުންނަނީ ކަޅުފޮއި ރެއަކު އުދަރެހުން ފަޖުރުތަރި ފާއްދައިލައިފައި ހުންނަހައި ވެސް ފާންކޮށޭ ބުންޏަސް ފާފައެއް ނުވާނެއެވެ.

އެހެނަސް ބަލާބެލުމަށް އޭނާއަކީ އަޅައިގަންނަ ގޮތެއް ނެތް ހަމަ ވަރަށް އާދައިގެ މީހެކޭ ބުނެވިދާނެއެވެ. ފުނަލަށް ނުކިޔަމަންތެރި އިސްތަށިގަނޑުގައްޔާއި ކަންހުޅީގައި މަދުމަދުން ނަމަވެސް ހުރި ނުރަ އަންގައިދެނީ އޭނާ މިހާރު ދެވަން ފުރަޔަށް އަރައިފިކަމެވެ. އެހެނެއް ކަމަކު މަށަށް ރާޖޫ ދޮއްޓެއް ނޫނެވެ. އަދި ހުތުރެއް ވެސް ނޫނެވެ. ރުހުމުގެ ލޮލަކަށް އައިބެއް ނުފެންނާނެއޭ ބުނަނީ މިހެންވެގެންތާއެވެ!

އަހަރެން ނޯކިރީކުރާ ގެއަށް ބާޒާރުކުރަން ދާ ދިއުމުގައި މާރުކޭޓުގެ އެތައް ގޮޅިއެއްގެ ތެރެއިން ރާޖޫ އިންނަ ގޮޅި ޚާއްސަވެގެން ގަންނަން ޖެހޭ ތަކެތި އޭނަ އަތުން ގަނެއުޅެން ފެށީ އޭނަގެ ހެޔޮކަމާއި އެހީތެރިކަން ފެނި ތަޖުރިބާ ކުރެވުމުންނެވެ. އަހަންނާ އެކު މާރުކޭޓަށް ގޮސް އުޅޭ  ރައްޓެއްސެއްކަމުގައިވާ ލައްޗުމީއާ ނުލައި އެކަނި މާރުކޭޓަށް ދާންޖެހުނު ދުވަހެއްގައި ގަތް ބަރަބޮލަކާއި ބޮޑު ކަރަޔާއި އަދި އެހެންވެސް ބައެއް ތަކެތި ކޮންމެ އިނގިއްޔެއްގައި ކޮތަޅެއް އެލުވައި އަތްމަތި ބަރާވެ ނުތަކައިގެން އުޅުނު ތަން ދެކެފައި އޭނާ ބުނީ "އެއްޗެހި ބަހައްޓާފައި ހުންނަ ގެޔާއި އަވަށް ބުނެދީފައި ދާށެވެ. އަހަރެން ބައިސްކަލުގައި ތިޔަ ގެޔަށް އެއްޗެހި ގެންގޮސްދީފާނަމެވެ." އެދުހު އޭނާ އަތުން އަހަރެން ގަތްހައިވެސް އެއްޗަކީ ރާނބާފަތަކާއި ހިނކަދިފަތް ކޯޅިއަކަށް ވުމާ ވެސް އެކުގައެވެ.

އޭގެ ފަހުން އަހަރެން މާރުކެޓަށް ހިނގައްޖިއްޔާ ފުރަތަމަ ވެސް ބަހައްޓާނީ ރާޖޫ އިންނަ ގޮޅިއާ ދިމާއަށެވެ. ގަންނަ އެއްޗެއް ވިއްޔާ ގަންނަނީ އޭނާ އަތުންނެވެ. އެހެން މީހަކު އަތުން އެއްޗެއް ގަންނާނީ ރާޖޫ އަތުން އެ އެއްޗެއް ލިބެން ނެތް ނަމައެވެ.

ފަހަކަށް އައިސް އަހަންނަށް ކޮންމެހެން މާރުކޭޓަށް ނުވަތަ ބާޒާރުކުރަން ދާކަށް ވެސް ނުޖެހެއެވެ. ފޯނުކޮށްފައި ބޭނުން އެއްޗެހި ކިޔައިދިނުމުން ރާޖޫ އެއްޗެހި އަހަރެން ހުންނަ ގެޔަށް ނުވަތަ އަހަރެން ބުނާ އެހެންވެސް ތަނަކަށް އުފަލާ އެކު ގެނެސްދޭނެއެވެ.

މިކަން މިގޮތަށް ހަމަޖެހުމުން ކޮޅުކޮޅަށް ނުހިނގައި އެތައް ބައިވަރު ވަގުތެއް ސަލާމަތްކުރެވިއްޖެއެވެ. އަހަރެން ފައިބައި ހުންނަ ގެ ފިޔަވައި އެހެން ވެސް ތިން ގެއެއްގެ ކެއްކުމާއި ބާޒާރުކުރުމުގައި ހިފީ މި ހިސާބުންނެވެ. ގޭ މަސައްކަތަށް ދަތި ނުވާ ގޮތެއްގައި އެހެން ގޭގޭގެ މަސައްކަތްކޮށް އިތުރު  އާމްދަނީ ހޯދުމަކީ އެންމެ ރަނގަޅު ގޮތެއްކަމަށް އަހަރެންގެ ސާހިބާ ވެސް ދެކޭތީއެވެ. ސާހިބާއޭ މި ކިޔަނީ މަގޭ ބޮސްގެ އަނބިކަނބަލުންނަށެވެ.

އަހަރެން އަލަށް ކެއްކުމާ ހަވާލުވީ މާ ބޮޑެތި އާއިލާތައް ދިރިއުޅޭ ގެތަކަކަށް ނޫނެވެ. އޮފީސް އޮފީހުގައި މަސައްކަތްކުރާ ޒުވާން ދެމަފިރިއަކާއި ދެ ދަރިން ތިން ދަރިން ތިބޭ ގޭގެއަށެވެ. ކައްކަނީ ވެސް ދެއިރަށް އެއްކޮށެވެ. އެ ހުރިހައި ގެއަކަށް ދެއިރު ކައްކަން ޖެހޭ ނަމަ އެކަން ކުރެވޭހައި ވަގުތެއް އަހަންނަކަށް ނުވާނެއެވެ. އެއަށްވުރެ އަހަރެން ފައިބައި ހުންނަ ގޭގައި ކުރަން ޖެހޭ މަސައްކަތް ގިނަވެފައި ބުރައެވެ.

ރާޖޫ އަތުން އާދަވެގެން ތަކެތި ގަނެއުޅެން ފެށުމުން ދެ މީހުންގެ ގުޅުން ބަދަހިވެ ގާތް ރައްޓެހިކަމެއް އުފަންވެއްޖެއެވެ. އެހެނަސް އެއީ ބޭރު ގައުމެއްގައި މަސައްކަތްކުރާ ހިތްނިޔަތް ތެދު އިންޑިއާ ދެ މީހެއްގެ ރައްޓެހިކަމެވެ. އެއް ސަގާފަތަކަށް އަހުލުވެރި، އެއްލޮލުން ކަންކަން ދެކި އުޅޭ ދެ އިންސާނެއްގެ ގާތްކަމެވެ. ރާޖޫއަކީ އަންދުރާގެ ވިޖޭވާޑާ މީހެކެވެ. އޭނާގެ ބަހަކީ ތެލުނގޫބަހެވެ. މަށަކީ ޓެމިލްނާޑޫގެ ނާގަރުކޮއިލު މީހަކީމެވެ. މާދަރީބަހަކީ ތަމަޅަބަހެވެ. ދެމީހުން ކުރެ އެކަކަށް ވެސް އަނެކަކުގެ ބަހެއް ނޭނގެއެވެ. ދެ މީހުން ދަންނަ އިންޑިއާގެ އެހެން ބަހެއް ވެސް ނެތެވެ. އެހެންކަމުން ދެ މީހުން އާންމުކޮށް ވާހަކަދައްކައި ޚިޔާލު ބަދަލުކޮށް އުޅެނީ އަހަރެމެން ދަންނަ ދިވެހިބަހުންނެވެ. މަށަށްވުރެ ގިނަ ދުހު ރާއްޖޭގައި އުޅެފައިވާތީއާއި ކޮށް އުޅޭ މަސައްކަތުގެ ބާވަތުން ވަރަށް ގިނަ ބަޔަކު ފެނިދެނިވެ އެމީހުންނާ އެކު ވިޔަފާރީގެ މުއާމަލާތްތައްކުރަން ޖެހޭތީ ރާޖޫ މަށަށް ވުރެ ދިވެހިބަހަށް މާ ފަރިތައެވެ. ދެން އަނެއްކާ ތާނަ، އާދައިގެ ފެންވަރަކަށް، ލިޔެކިޔަން ވެސް ދަނެއެވެ.

މި ލިޔުމުގައި އަހަރެމެން މޮށެ އުޅޭ ބާޒާރުމަތީ ދިވެހިބަހުގެ ގޮތްގަނޑު ކުޑަ ނަމަ އެއީ މިތާނގެ ހަސްފަތާލަކުން އެއްދުވަހަކު ދިމާވެ ރަހުމަތްގަނެވުނު ދިވެހި އަންހެން ނޫސްވެރިޔަކު އަހަރެން ދިވެހިން ލިޔުނު މި ވާހަކަ ކިޔައިލައިހަދައިފައި އަހަރެންގެ ކުރަކި އިބާރާތްތައް ފަހުން އޭނަގެ ފަށުއި ދިވެއްސަށް ބަދަލުކޮށް ލިޔެލަދިނުމުގެ ނަތީޖާތާއެވެ.

ތެދުތެދަށް ބުނާ ނަމަ އަހަރެން ދިވެހިބަހަށް ޝައުގުވެރިވެ ލޯބި ޖެހެން ފެށީ ރާޖޫއާ ހުރެއެވެ. ދެ މީހުން އެކި ފަހަރުމަތިން ދުވާލާއި ރޭގަނޑުގެ ގަޑިތަކުގައި ގުޅައިގެން އެކިއެކި ކަންކަމާ މެދު ޚިޔާލު ބަދަލުކޮށް ޝުއޫރުތައް ފައުޅުކޮށް ހެދޭ ވަރަށް ދިވެހިބަސް ދަސްކުރަން މަށަށް ޖެހުނީއެވެ. މިގޮތުން ލިޔެކިޔަން ދަސްކުރުމުގެ ބޭނުންތެރިކަން ވެސް ތަޖުރިބާކުރެވުނީއެވެ. ގެޔަށް އަންނަ ދިވެހި ނޫސްތައް ބަލައި ނޭނގޭ ބަސްބަސް، ބަހަށް އަރައިހުރި އެދުރެއް ފަދަ ސާހިބާ ކުރެން އަހައި އޮޅުންފިލުވާން ފެށުމުން ހަލުއިކޮށް ކުރިޔަށް ދެމިގަނެވޭނެ ދޮރެއް ހުޅުވިގެން ދިޔަ ކަހަލައެވެ.

ރާޖޫއާއި މަށާ ދެ މީހުންގެ ރަހުމަތްތެރިކަން ލޯތްބަށް ބަދަލުވެގެން ދިޔައީ ކިހިނެއް، ކޮންއިރަކު ކިހައި ހިސާބަކުންކަމެއް ދެ މީހުން ކުރެ އެކަކަށް ވެސް ބުނާކަށް ނޭނގެއެވެ.

މި ރެއަކީ ރާޖޫ އަހަރެން ގޮވައިގެން ހެދިގޮނޑުދޮށުގެ ރެސްޓޯރެންޓަކަށް ދާން ވައުދުވެފައި އޮތް ހޮނިހިރުވިލޭރެއެވެ.

ފޯނުން އޭނަގެ ވާހަކަ ކަންފަތަށް އެރުމުން އޭނާ ކުރެން އަހައިލީމެވެ. "ރެސްޓޯރެންޓަކަށޭ؟ މާލޭ މީހުންހެން ރާޖޫއަށް ވެސް މިހާރު ފައިސާ ގިނަވީތަ؟"

ޖަވާބުގައި ރާޖޫ ބުނެލިއެވެ. "އަހަރެމެން ދެ މީހުން ރައްޓެހިވީ ފަހުން ތިޔަ ގޭދޮށު އަތިރިން ނުވަތަ އެހެންވެސް އަތިރިއަކުން ބައްދަލުކުރި އެއްވެސް ރެއެއްގައި އަހަރެން އަތުން އުމާއަށް ފެންތައްޓެއްގެ މިންވަރު ވެސް ދެވުނީއެއް ނޫނިއްޔަ. އެންމެ ރެއަކު އުމާ ގޮވައިގެން ރެސްޓޯރެންޓަކަށް ދިޔަޔަސް އެންމެ ރަނގަޅު ވާނެނު!"

"އެންމެ ރެއަކު! އެކަމަކު ތިޔަ ބުނާ ކަހަލަ ތަނަކަށް މަދުވެގެން ވެސް ސަތޭކަ ފަންސާސް ދުއިސައްތައެއްހައި ރުފިޔާ ތަޅައިނުލާ ދެ މީހަކަށް ކައިބޮއި ހަދައިގެން ތަނުން ނިކުމެވިދާނެހެން ރާޖޫއަށް ހީވޭތަ؟ އަހަންނާ ހުރެ ތިޔަ ވަރުގެ ޚަރަދެއް ކުރާނެ ކަމެއް ނެތް!"

މާނަވީ ރާގަކަށް ރާޖޫ ބުނެލިއެވެ. "އަހަރެން މި ޚަރަދުކުރަނީ އަހަންނަށް ޓަކައި!"

"މިހާރު ރާޖޫ ވެސް ފިލްމުތަކުގައި މީހުން ދައްކާ ކަހަލަ ރީތި ވާހަކަ ދައްކަން ދަސްކުރީތަ؟ ބައްދަލުވުމަށް އަހަރެން ދާނީ ދެ މީހުންނަށް ވާނެ ކާއެއްޗިއްސާއި ބޯފެނާ ހިފައިގެން. އާދައިގެ ހޮޓާ ރެސްޓޯރެންޓުތަކުގެ މީހުން ކައްކާ އެއްޗިއްސަށް ވުރެ އަހަރެން ގޭގައި ކައްކާ އެއްޗެހި ގައިމު އަނގަޔަށް މީރުވެފައި ހައްޓަށް ފައިދާ ހުންނާނެ!"

"އެންމެ ރަނގަޅު. އަހަރެން ތިޔަ ކެއުމަށް އިންތިޒާރުކުރާނަން. ދަރުބާރުގެޔާ ދިމާ ދެކުނު، ފިތުރޯނުގަސްތަކުން ފަރުދާވެފައިވާ ތޮށިގަނޑު މަތީގައި. ގަޑިން އަށެއް ޖަހާއިރު، އިނގޭ! މިކަހަލަ އިރުވައިގެ ރީތި ދުވަސްވަރެއްގެ ރެއަކު ދެ ލޯބިވެރިއަކު އެކަހެރިވެ ތިބެ ވާހަކަ ދައްކައިލައި ވައިޖައްސައިލާން ތިބެން އެތަން ވަރަށް ހިތްފަސޭހަވާނެ. ދުއްވާ އެއްޗެހީގެ އުދަނގުލެއް މީހުންގެ ތޮއްޖެހުމެއް ވިޔަސް އެ ހިސާބަކަށް ނޯންނާނެ!"

މިޔޮއްހައި ދުވަހު ރާޖޫއާ ބައްދަލުކޮށް ހަދާއިރު ވެސް އަހަރެންގެ މާޒީ ރާޖޫއަކަށް ކިޔައިދީފައެއް ނުވާނެއެވެ. ކީއްވެ ހެއްޔެވެ؟ އެ ސަފުހާތައް އޭނަ ކުރިމަތީގައި ހުޅުވައިލައިފި ނަމަ އޭނާ ދެން މަށާ ވައިއެޅިލާން ވެސް ބޭނުން ނުވެދާނެތީ ގަންނާކުރެއްވި ބިރުންނެވެ. އެހެން ނަމަވެސް އޭނަޔަށް ކަމެއް ދަމެއް އޮޅުވާލައިގެން އެދުމެއް ހާސިލުކުރާކަށް އަހަރެން ވާ ނެތީމެވެ. އެއަށް ވުރެ ދެ މީހުންގެ ގާތްކަން ބޮޑުވެފައި އެކަކު އަނެކަކުގެ މައްޗަށް އޮތް ލޯބި ބޮޑެވެ. މާތް ދޭވަތާއިންނާ ވަކީލުކޮށްލައިފައި އަހަރެން އެންމެ ފަހުން ނިންމީ، ވަންހަނާއެއް ނެތި، ސާފު ބަހުން ހުރިހައި ވާހަކައެއް އޭނަޔަށް ކިޔައިދޭށެވެ. ވާ އެއްޗެއް ވެދާނެތާއެވެ.

ކިޔެވުން ނިންމައިލައިފައި، އުމުރުން ސަތާރަ އަހަރު ވެސް ނުފުރެނީސް އަހަރެން މީހަކާ އިނދެފީމެވެ. އެ މީހަކީ އައްޔައްޕަންއެވެ. އެއީ އަހަރެން ހިތާވެގެން އިން މީހެއް ނޫނެވެ. އަހަރެމެން ރަށުގެ އާދަކާދަ މަތިން ބައްޕަމެން ދެވި މީހެކެވެ. އެހެނަސް އެއީ މަށަށް ބީރައްޓެއްސެކޭ ނުބުނެވޭނެއެވެ. އޭނަޔަކީ މަގޭ ބައްޕަގެ އިސްޓޫޑިއޯގައި، ބައްޕަ އަތްދޮށުން ފޮޓިގިރާފަރެއްގެ ގޮތުން މަސައްކަތްކުރާ މީހަކަށްވާތީއެވެ. ޅަފުރައިގައި އޭނާ ހާނައި ތަމްރީނުކޮށް މީހަކަށް ހެދީ ވެސް މަގޭ ބައްޕަ ފިޔަވައި އެހެން މީހެއް ނޫނެވެ. އިސްޓޫޑިއޯއަކީ ގާތް ރައްޓެއްސަކާ ހިއްސާވެގެން ބައްޕަ ހުޅުވައިގެން އުޅޭ ތަނެކެވެ.

އޭނަގެ އުސްތާޒު އަދި ސާހިބުގެ ދަރިޔަށް ވާތީ އައްޔައްޕަން އަހަންނަށް އަބަދުވެސް ގަދަރުކުރެއެވެ. ކަންކަމާ ރުޅިއައިސްގެން ދެމަފިރިން ދެބަސްވާން ނުޖެހެއެކޭ ނޫނެވެ. ނަމަވެސް އެހެން ބައެއް ފިރިން ފަދައިން އޭނާ އަތްއިސްކޮށް ދުވަހެއްގައި ވެސް އަނބިމީހާއަށް ހާނީއްކަކޮށެއް ނަހަދައެވެ. އެހެންކަމުން ފިރިއެއްގެ ގޮތުން އޭނަޔަކީ އަމުދުން ގޯސް މީހެކޭ ބުނެވޭނެ ތަނެއް ނެތެވެ. އޭނާގައި ހުންނަ އެންމެ ވިޔާނުދާ އާދަޔަކީ ފުލުފުލުގައި ކަހަލަ ގޮތަކަށް ސިނގިރޭޓު ބުއިމެވެ. އަދި ބަކަރި ބިރިޔާނީއާއި ބިސްގަނޑު ފަދަ ތެލާއި ސަރުބީ ގިނަ ކާތަކެއްޗަށް ދެވިހިފައިފައި ހުރުމެވެ. އެތަކެއްޗާ ދުރުހެލިވާން ކިތަންމެ ވަރަކަށް ވެސް ނަސޭހަތްތެރި ވެވިއްޖެއެވެ. އެކަމަކު އެ ވާހަކަތައް ވެފައި އޮންނަނީ ހާލު ކަންފަތަށް އަޅާ ފެނަށެވެ.

އޭނާ ހިތް އެދޭ ކަހަލަ ކާނާ ގެއިން ލިބެން ނުހުންނާތީ ނުވަތަ މަސައްކަތް ހުންނަ ގޮތުން ގެއަށް އައުން ދަތިވާތީ އޭނާ މުޅިންހެން ކައިބޮއި އުޅެނީ ހޮޓާހޮޓަލުންނެވެ. އޭނާގެ ޚާއްސަ ރޮނގަކީ ކައިވެނީގެ ފޮޓޯއާއި ވީޑިއޯ ނެގުމެވެ. މިކަންކަމަކީ ހޭދާވާ ވަގުތަށް ބެލުމެއް ނެތި، ފިސާރި ކަމާވެގެން، ހިތުލޯބިން އޭނާ ކޮށްއުޅޭ ކަންކަމެވެ. ކުރު މުއްދަތެއްގެ ތެރޭގައި މި ރޮނގުރޮނގުން އޭނާ ވިދައި ނަންހިނގީ ވެސް މިހެންވެގެންކަމަށް ވެދާނެއެވެ. މިފަދަ ފޮޓޯއާއި ވީޑިއޯނަގަން ދިއުމުގެ އޯޑަރުތައް ގިނައިން ލިބިފައި ހުންނަނީ ވެސް ސަހަރުން ބޭރުންނެވެ. ނުވަތަ ޓެމިލްނާޑޫ ނޫނީ ކެރެލާގެ ތަންކޮޅެއް ދުރު ހިސާބު ރަށްރަށުންނެވެ. އެހެންކަމުން މަސައްކަތް ނިންމައިލައިފައި ރޭލު މަގުން ނުވަތަ ބަހުގައި ގެއަށް އާދެވޭއިރު ބައެއް ރޭރޭ ހުންނާނީ ވަރަށް ދަންވެފައެވެ.

އުމުރުން ސައްބީހަށް އެޅުނުއިރު މަށަކީ ތިން ކުދިންގެ މަންމައެވެ. އޭރު މަގޭ ފިރިމީހާގެ އުމުރަކީ ތެއްތިރީސް އަހަރެވެ. ފައިބެ އަހަރުގެ ކުރީ އަހަރު މަގޭ ބައްޕަ ނިޔާވީއްސުރެ އިސްޓޫޑިއޯ އަމަލީ ގޮތުން ހިންގުމުގެ ހުރިހައި ޒިންމާއެއް އެޅިފައި އޮތީ ފިރިމީހާގެ ކޮނޑުގައެވެ. އެހެންކަމުން އޭނަގެ މަސައްކަތް އިހުނަށް ވެސް މާ ބުރައެވެ. އެ ނިސްބަތުން ސިނގިރޭޓު ބުއިމާއި ބިސްގަނޑު ކެއުން ވެސް އިތުރުވެއްޖެ ކަހަލައެވެ. ހަލުވާ، ލައްޑޫ، ރަސަގުއްލާ ގުލާބުޖާމް ފަދަ ފޮނިއެއްޗެއްސަށް އިހަށް ވެސް އޭނާ ދައްސެވެ. މިހާރު އެއީ ވެސް ދެން ދެވިހިފުމަކަށް ވެއްޖެ ކަހަލައެވެ.

ބައްޕަ ނިޔައުވި ފަހުން ނަގަރުތެރޭ އަހަރެމެން ދެމަފިރިން ކުރިން ދިރިއުޅުނު ކުލީ ފުލެޓު ދޫކޮށްލައި، މަންމަ ގާތަށް، އަހަރެމެންގެ މައިފުނަގެއަށް، ބަދަލުވެއްޖައީމެވެ. އެއީ ރަށްބޭރާ ވަރަށް ކައިރި ހިސާބެއްގައި ހުންނަ ގެއެކެވެ. އަހަރެންގެ މުޅި ދުވަސް ހޭދަވެގެން ދަނީ ދަރިން އިސްކޫލަށް ގެންގޮސް ގެނެސް ހެދުމާއި ގޭގެ މަސައްކަތުގައެވެ.

އެއް ދުވަހެއްގެ ހެނދުނެވެ. ބޮޑު ދަރި އިސްކޫލަށް ލައިފައި މާރުކެޓަށާއި ބާޒާރަށް ގޮސް ގެއަށް ބޭނުން ތަކެތި ގަނެގެން، ބަސްދުއްވާ މީހުންގެ ހަޅުތާލާ ހުރެ ގެޔަށް އާދެވޭވަރުވީ ގަޑިން އެގާރަ ޖަހަން ގާތްވެފައި ހުއްޓައެވެ.

އަހަރެން ހައިރާންވީ ފިރިމީހާ ރޭ ދަންވަރު އައިސް އޮށޯތް ގޮތަށް އަދިވެސް ނުތެދުވެ ނިދާ ހަރުދަނޑިވެފައި އޮތީމައެވެ. ހެނދުނުގެ ނާސްތާ ބެހެއްޓި ގޮތަށް އަތްވެސްނުލާ ގޮށިދަށުގައި ހުއްޓެވެ. އެހެންޏާ ކިތަންމެ ލަހުން އޮށޯތް ރެއެއް ނަމަވެސް ހެނދުނު ހަތްގަޑިބައި ނުވަނީސް ހޭލާނެއެވެ. ގަޑިން އަށްގަޑި ފަނަރަ ހިނގާނީ އިސްޓޫޑިއޯ ހުޅުވަންދާން "ބަސްހުއްޓިއަށް" ގޮސް ހުއްޓައެވެ. އޭނާ ދެކޭ ގޮތުގައި ވެރިމީހާ އޭނަގެ ދަށުގައި މަސައްކަތްކުރާ މުއައްޒިފުންނަށް ހުރިހައި ގޮތަކުން ވެސް ނަމޫނާއަކަށް ވާންޖެހެއެވެ. ގަޑިއަށް ފަރުވާ ބެހެއްޓުމަކީ އޭގެ ތެރެއިން އެންމެ މުހިންމު އެއް ކަމެވެ. މިކަހަލަ ހަރުދަނާ އާދަތަކެއް އޭނަގެ ކަށީގައި ހިއްޕައި މުރާލި މީހަކަށް ހެދީ އަހަރެންގެ ބައްޕަ ފިޔަވައި އެހެން މީހެއް ނޫނެވެ.

ފިރިމީހާއަށް ގޮވަން ގައިގައި އަތްޖައްސާލިއިރު މީހާ ގަނޑުފެންގަނޑެއްހައި ވެސް ފިންޏެވެ. ވިންދުހުރިތޯ ބަލަން އަތުކުރީގައި ހިފައިލިއިރު ވިންދެއް ނުޖަހައެވެ. ލިބިގެން ދިޔަ ސިހުމާއި ހާސްކަމުގައި އަހަންނަށް ހަޅޭލައިވައިގަނެވިއްޖެއެވެ. އެ އަޑަށް ކަނބުލޯ އަނެއްކާ ކީއްވީހޭ ގޮވަމުން މަންމަ ދުވެފައި އައިސް ކޮޓަރިއަށް ވަނެވެ.

ރާޖޫގެ ހަށިގަނޑުގައި އަތްޖައްސައިލައިފައި މަންމަ ލޯ ބޮޑުކޮށްލައި އަހަންނަށް ބަލައިލިއެވެ. ވެގެން މި އުޅެނީ ކީއްކަން އަހަންނެކޭ އެއްފަދައިން މަންމަ ވެސް ދެނެގަތް ކަހަލައެވެ. ނަމަވެސް އުންމީދެއް އޮތީތީ ދެމައިން ކުރެ އެކަކުވެސް މި ވަގުތު ދުލުއަޅައި އެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވިއެވެ.

އެމްބިއުލާންސެއް ގެނުވައިގެން ދެމައިންވެގެން ފިރިމީހާ ހަސްފަތާލަށް ގެންދިޔައިރު މަގޭ ހިތްގަނޑު ގުޑުގުޑު އަޅާވަރުން ހީވަނީ މޭއިރާލައިފައި ބޭރަށް ފުންމާލަފާނެހެންނެވެ. ދެމައިން ތިބީ ދުއާމަތީގައެވެ.

ޑަކުޓަރު ބަލަންހުރި ވަރަށް ބަލައިފައި ބުނީ ރޭގެ ފަތިހުގެ ވަގުތެއްގައި ފިރިމީހާ ވަނީ ނިޔައުވެފައި ކަމަށާއި ނިޔައުވީ ހާޓުއެޓޭކެއް ޖެހިގެންކަމަށެވެ.

އަހަންނަށް އެ ވާހަކަ ވެގެން ދިޔައީ ބޯމައްޗަށް އުޑުވެއްޓުން ފަދަ ކަމަކަށެވެ. އެންމެ ސާއްބަ އުމުރުގައި އަހަރެން ހުވަފަތްވެ ޒިންދަގީ ދިޔައީއެވެ. ދަރިންނަށް ކާންބޯންދިނުމާއި ކިޔަވައިދިނުން މުޅިންމެ މަގޭ ޒިންމާއަކަށް ވީއެވެ. އަންހެންކުއްޖަކަށް ވީތީ ބައްޕަމެން އަހަންނަށް މާ ރަނގަޅަށް ކިޔަވައިދިނުމުގެ ވިސްނުމެއް ނުގެންގުޅުނަސް ކޮންމެ ފަދަ ގުރުބާނީއެއް ވެގެން ވެސް އަހަރެންގެ އަންހެންދަރިފުޅަށް އަހަރެން މައްޗަށް ކިޔަވައިދޭން އަޒުމު ކަނޑައެޅީމެވެ.

އިސްޓޫޑިއޯގައި އޮތް ބައްޕަގެ ހިއްސާ ވިއްކައިލައި ތިންބެއިންގެ މެދުގައި ހަމަޔަށް ބަހައިލައިގެން ބަޔަކަށް ލިބުނު މާ ބޮޑު އެއްޗެއް ނެތެވެ. ނަމަވެސް މަގޭ ދޮއްޓަށް ތިބި ދެ ބޭބެގެ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވީ ދުވަހު ބުނެ ކިއުމެއް ނެތި މަށަށް ވަނީ ލިބިފައެވެ. އެކަމަކު އަބަދަކު ބޭބެމެންގެ ތައްޕާހަކުން ނޫޅެވޭނެތާއެވެ! އެ މީހުންނަކީ ވެސް އަތްމަތި ތަނަވަސް މުއްސަނދިންނެއް ނޫނިއްޔާއެވެ. ވިދެޔާއި ހުސްބުޅިޔާއިން ދެކޮޅުޖައްސައިގެން އަނބިދަރިން ގޮވައިގެން އުޅޭ އާދައިގެ މުސާރަވެރިން ވިއްޔާއެވެ.

ދިރިއުޅުމުގެ ކުރިމަގާ މެދު ވިސްނައިލައިފައި އަހަންނަށް މަޖުބޫރުވީ ވަޒީފާއެއް ހޯދާށެވެ. އަހަރެން ކަހަލަ މާރަނގަޅު ތައުލީމެއް ނެތް އަންހެނަކަށް އަހަރެމެން ރަށުން ދެކޮޅުޖެހޭވަރުގެ މުސާރައެއް ލިބޭ ވަޒީފާއެއް ލިބުމަކީ އެއްގޮތަކަށް ވެސް ފަސޭހަކަމަކަށް ނުވެއެވެ.

އެފަދަ ވަޒީފާއަކަށް ފާރަލަމުން ދަނިކޮށް ނޫހުން ފެނުނީ މާލޭ ގެއެއްގެ މަސައްކަތްކުރާ އަންހެނެއްގެ ވަޒީފާ ނޫހުގައި އިޝްތިހާރުކޮށްފައި އޮއްވައެވެ. މުސާރަ ހީކުރިހައި ރަނގަޅު ނޫން ނަމަވެސް މި ވަގުތު އެފަދަ އެހެން މަގެއް ފެނިފައި ނެތުމާ އެކު އެ ވަޒީފާއަށް ކުރިމަތިލީއެވެ. އަހަރެން ގައުމުން ބޭރަށް ދާން ޖެހުނު ނަމަވެސް އުންޏެއް ފަރަގެއް ނެތި ކުދިން ބަލައިދޭން މަންމަ ވައުދުވީތީއެވެ.

ވަޒީފާއާ ބެހޭ ގޮތުން އިންޓަވިއު ކުރި މީހާ އަހަރެންގެ ތަޖުރިބާއަކީ ކޮބައިތޯ އެހުމުން އަހަރެން ބުނީ ގެވެހި އަނތްބެއްގެ ގޮތުގައި، ތިންކުދިންގެ މަންމައެއްގެ ގޮތުގައި، ގޭގެ ހުރިހައި މަސައްކަތްތަކެއް އަހަރުތަކެއް ވަންދެން އަމިއްލަ އަތުން ކުރުން އެއީ ތަޖުރިބާއަކަށް ފަހެ ނުވޭ ހެއްޔެވެ؟

އޭނާ ހީނގެންފައި ވަގުތުން ވަޒީފާ ކަށަވަރުކޮށްދީފިއެވެ.

އަހަރެން ހީކުރީ އަހަރެންގެ ވާހަކަ އިވި އަހަންނަކީ ހުވަފަތްވެފައި އިން ޅަދަރިމައެއްކަން އެނގުމުން ރާޖޫ ފުސް މޫނުވެގެން އިނދެ ޖެހިލާނީ ފެއަށްފެއަށްކަމުގައެވެ. އެކަމަކު އޭނާ ވަގު ގޮތަކަށް ހިނިތުންވެލައި ކަރުކެހިލައިފައި ކިޔައިފިއެވެ.

"ތިޔަ ހުރިހައި ވާހަކައެއް އުމާ ލައްޗުމީއަށް ކިޔައިދިނީމުދޯ!"

ހައިރާންވެގެން އިނދެ އަހަންނަށް ބޯޖަހައިލެވުނެވެ.

ރާޖޫ ބުނެފިއެވެ. "އުމާއަށް ލިބިފައި ތިހިރީ މަރެއް ކަހަލަ މިތުރެއް! އޭނާ އަހަރެން ގާތުގައި އަނތްބަކާއި ކޮއްތެއްކަމަށް ރާޖޫ ފަހެ ތިޔަ އުޅެނީ ގޮރުލޯގަނޑަކަށް ފުންމައިނުލެވިގެން ދޯއޭ ކިޔައިގެން އެވަރަކަށް އެ ކުޓުވީ އަހަރެމެންގެ ގުޅުމަށް ވިހަލުން ފިޔަވައި އެހެން ނިޔަތެއްގައެއް ނޫން!"

"ރާޖޫ ބުނަންތަ؟ ތިޔަ ބުނާ ގުޅުމަކީ ހަމްދަރުދީގެ ގުޅުމެއް ނަމަ އެ ގުޅުމެއް އަހަރެން ބޭނުމެއް ނޫން! އެހެނެއް ނޫން ލޯބީގެ ގުޅުމެއް ނަމަ…!" ޖަޒުބާތުގެ އޮއިވަރުގައި މަގޭ ދޫވެސް މަށާ މާ ދުރަށް ބެހިގެން ހިނގައްޖެ ކަހަލައެވެ.

ރާޖޫ އަހަރެންގެ އުނަގަނޑަށް އަތްވައްޓާލައި ގާތަށް ލަފައިލީއެވެ. އޭނާއަށް އިޖާބަދެމުން އަހަރެން ވެސް ގާތްވެލައި އޭނާގެ ކޮނޑުގައި ބޯއަޅައިލީމެވެ. އެ ތަންވަޅު ލޮލުން ހިލެމުން ދިޔަ އުފާވެރިކަމުގެ ފޮނި ކަރުނަތައް އިނގިލިކުރިން ފޮހެމުން ދިޔައީ ފިރިމަރުވިފަހުން ގައިގެ އެއްބައި މަދުވެފައި ހުރިހުރުން ފިލައި، އަލުން ހިތުގައި ހޫނު ވިންދުތައްޖަހާ ފުރިހަމަ އަންހެނަކަށް ވެއްޖެކަން އިހްސާސްކުރަމުންނެވެ.

ތޮށިގަނޑު ކައިރިން، ދުވާރު މަތިން ދިޔަ ރާޖޫ ދަންނަ "ބޮންދަކު" އަހަރެމެން ތިބި ގޮތް ފެނިގެން، ކުރިމަތީ މަގުގެ އަނެއް ފަރާތުގައި މަގުއައްޔެއް ހުރި ނަމަވެސް ގަސްތަކުގެ ހިޔަނިން ތަނަށް ލިބިފައިވާ ހިސާބެއްގެ އަނދިރިކަމުގެތެރޭ ގުދުވެ، ލޯބޮޑުކޮށްލައި މަގޭ މޫނަށް ނިކަން ރަނގަޅަށް ބަލައިލައިފައި– "ބޮޑު ލޯބި ހުރީ ދޯއޭ" ކިޔައި ހެނމުން ހެނމުން ހިނގައްޖެއެވެ.

(ނިމުނީ)

އިބްރާހީމް ޙުސެން މަނިކު
އިބްރާހީމް ޙުސެން މަނިކު
އިބްރާހީމް ޙުސެން މަނިކަކީ ދިވެހިރާއްޖޭގެ އެންމެ މޮޅު ކުރުވާހަކަލިޔުންތެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މަޝްހޫރު ލިޔުންތެރިއެކެވެ. އޭނާ ވަނީ މިހައިތަނަށް ކުރުވާހަކައިގެ ފަސް ފޮތެއް ޗާޕުކުރައްވައިގެން ނެރުއްވައިފައެވެ. ރާއްޖެއަށް ޒަމާނީ ކުރުވާހަކައިގެ އުސްލޫބު ތައާރަފުކުރެއްވީ އިބްރާހީމް މަނިކެވެ. ކުރުވާހަކައިގެ އިތުރަށް އެހެން ބާވްތްބާވަތުގެ އަދަބީ ލިޔުންތައްވެސް އޭނާ ލިޔުއްވައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.