ސަރުކާރާއެކު މަޝްވަރާތަކެއް ބޭއްވީ އިދިކޮޅު ލީޑަރުންނަށްވެސް އެކަން އެނގިގެން ކަމަށާއި އެއީ ސިއްރުން ބޭއްވި މަޝްވަރާތަކެއް ނޫން ކަމަށް ކުރީގެ ރައީސް މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ސަރުކާރާއެކު ނަޝީދު މަޝްވަރާތަކެއް ބާއްވާފައިވާ ކަމަށް ސަރުކާރުން ބުނާ ވާހަކަތައް ތެދު ކުރައްވައި ނަޝީދު ވިދާޅުވީ އެމްޑީޕީންވެސް އަދި އެމަނިކުފާނުވެސް އިއްތިހާދު ވެފައިވާ ޕާޓީތަކަށް ނޭނގި ސިއްރުން ކަމެއް ނުކުރައްވާނެ ކަމަށާއި ހުރިހާ ކަމެއްވެސް އިއްތިހާދު ވުމަށް ފަހު ކުރިޔަށް ގެންދަނީ އިއްތިހާދަށް އެނގިގެން އެހެން ޕާޓީތަކުގެވެސް މަޝްވަރާގެ މަތިން ކަމަށެވެ.
"ކުރިއަށް އޮތްތާ ވެސް ކަން ހިނގާނީ އެގޮތަށް،" ކޮޅުނބުގައި ހުންނެވި ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.
އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕާޓީ ތަކުންވެސް ބުނެފައި ވަނީ ނަޝީދާއި ސަރުކާރާއެކު ބޭއްވި މަޝްވަރާތަކަކީ އިދިކޮޅު އިއްތިހާދަށް އެނގިގެން ހިނގި ކަމެއް ކަމަށެވެ. އިދިކޮޅު ޕާޓީތަކުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ޙަސަން ލަތީފް ވިދާޅުވެފައި ވަނީ ސަރުކާރުން ނަޝީދާއެކު ބޭއްވި މަޝްވަރާތައް ކުރިޔަށް ގެންދިޔައީ ތިންވަނަ ފަރާތެއްވެސް މެދުވެރި ވެގެން ކަމަށެވެ. ޙަސަން ވިދާޅުވީ މިވަގުތު ޕާޓީތަކުން އެއްބަސްނުވާ ކަމެއް އެއްވެސް ލީޑަރަކު ނުކުރައްވާނެ ކަމަށެވެ.
ނަޝީދާއި އިދިކޮޅު ޕާޓީ ތަކުން މިހެން ބުނި ނަމަވެސް ސަރުކާރުގެ ފަރާތުން އިދިކޮޅު ފަރާތްތަކާއެކު މަޝްވަރާގެ ކަންކަމުގައި އެންމެ އިސްކޮށް ހުންނަވާ މަންދޫބު ފިޝަރީޒް މިނިސްޓަރ ޑރ މުޙަންމަދު ޝައިނީ ވިދާޅުވެފައި ވަނީ ސަރުކާރުން އިދިކޮޅު ލީޑަރުންނާ ވަކިވަކިން މަޝްވަރާ ކޮށްފައިވާނެ ކަމަށާއި، އެންމެ ފުޅާކޮށް މަޝްވަރާ ކުރެވުނީ ނަޝީދާއެކު ކަމަށެވެ.
ޝައިނީ ވިދާޅުވީ ސަރުކާރާއި ނަޝީދާއެކު ކުރެވުނު މަޝްވަރާތައް ސިއްރު ކުރުމަށް ދެފަރާތުންވެސް އެއްބަސްވެފައި ވާނެ ކަމަށެވެ. އަދި ނަޝީދު ހުށަހެޅުއްވި ބަޔެއް ކަންކަމަށް ސަރުކާރުން އެއްބަސްވެފައިވެސް ވާނެ ކަމަށް ޑރ ޝައިނީ ވިދާޅުވިއެވެ. ޝައިނީ ވިދާޅުވީ އެ މަޝްވަރާތަކާއެކު އިދިކޮޅު ޕާޓީތަކާއެކު މަޝްވަރާއަށް ދިޔުމުގެ އެޖެންޑާއަކާ ހަމައަށްވެސް ދެވުނު ކަމަށެވެ.