އަންދަލުސްގެ ބާޒު – 68

(6 ފެބުރުއަރީ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ގަވަރުނަރު ރާތަށި އުފުލައިލަމުން ބުންޏެވެ. [ކަލެއަކަށް އެކައްޗެއްވެސް ނޭނގެއެވެ. އެ ކުއްޖާގެ ނަމަކީ އެންޖެލާއެވެ.]

ވިޔަފާރިވެރިޔާ ބުންޏެވެ. [އަހަރެން އެންޖެލާ ދުށީމެވެ. އެކަމަކު ރަބީޢާ އޭނާއަށްވުރެ މާ ރީއްޗޭ ބުނާތީ އެހީމެވެ.]

ޖޯން މައިކަލް ރުޅި އައިސްގެން ފުފިގެންފައި އަހައިލިއެވެ. [ތިޔަ ކިޔާ ރަބީޢާއަކީ ކާކުހެއްޔެވެ؟]

[އެއީ އެންޖެލާގެ އެއްބަފާ ދައްތައެވެ. އޭނާ މީހުންގެ ތެރެއަށް ނުކުމެއެއް ނޫޅެއެވެ. ފައްޅިއަކަށްވެސް ނުދެއެވެ. އަހަންނަށް އެނގިފައި އޮތް ގޮތުގައި އޭނާގެ އަމަޔަކީ އިސްލާމެކެވެ.]

[ކަލޭ ތިޔަ ދައްކަނީ ފީކަޅާ ވާހަކައެވެ. އަންދަލުސްގެ އެއްވެސް ކުއްޖަކު އެންޖެލާހައި ރީއްޗެއް ނުވާނެއެވެ. އޭނާގެ އަގު ވެއްޓޭ ކަހަލަ ވާހަކަދެއްކުމަކީ އަހަރެން ބަރުދާސްކުރާނޭ ކަމެއް ނޫނެވެ. މީގެ ފަހުން އެއްވެސް އެހެން ކުއްޖަކު އެންޖެލާއަށްވުރެ ރީއްޗޭ ބުނެފިއްޔާ ކަލޭގެ ދުވަސް ދުއްވައިލާނަމެވެ.]

[އެހެންވީމާ މިހާރު ތިޔަހަރީ އެންޖެލާއާ އިންނާން ގަސްތުކޮށް ނިންމައިގެންތާއެވެ.]

[އާނއެކެވެ. އަހަރެން މިހިރީ ނިންމައިގެންނެވެ. އެކަމަކު އޭނާ އަހަރެން ދެކެ ރުޅި އާދެއެވެ.]

[ރުޅިއޭހެއްޔެވެ؟]

[އާނއެކެވެ. އޭނާ އަހަރެން ދެކެ ރުޅި އާދެއެވެ.]

[ފެރްނާންދޯގެ ނައިޓެއް ދެކެ އެއްވެސް އަންހެން ކުއްޖަކު ރުޅި އަންނާންވީ ސަބަބެއް އަހަންނަކަށް ނުވިސްނެއެވެ. އޭނާގެ އަމަޔަކީ ކްރިސްޓިއަނެކެވެ. އެހެންވީމާ ލެއްވި ހެޔޮ ނަސީބަށްޓަކައި އުފާކުރާނީކަން ޔަގީނެވެ. ހުއްދަ ދީފިއްޔާ އެމީހުންނާ ވާހަކަދައްކާށޭ އަހަރެން ބިޝޮޕަށް ދަންނަވައިފާނަމެވެ.]

[އަހަރެން އަމިއްލައަށް އެ މަންޖެގެ މަންމަޔާ ވާހަކަދައްކައިފީމެވެ. އޭނާގެ އެއްވެސް އިއުތިރާޒެއް ނެތެވެ. އެކަމަކު އެ އަންހެންކުއްޖާ އަހަރެން ދެކެ އަންނަނީ އަމަށަކު ރުޅިއެއް ނޫނެވެ. އިހަށް ދުވަހު އަހަރެން އެމީހުންނަށް ދައުވަތެއް ދިނީމެވެ. މަންމަ އައެވެ. އެކަމަކު އެ މަންޖެ ބޮލުގައި ރިއްސަނީއޭ ކިޔައިގެން ބަހަނާއެއް ދެއްކީއެވެ. ރީތި އަންހެންކުދިން ބޮލުގައި ރިއްސާކަމަށް ބުނެ ބަހަނާ ދައްކަނީ ކިހިނެއްވީމާކަން އެނގޭ ހެއްޔެވެ؟ ކަލެއަކީ ބޮޑު މޮޔައެކެވެ. ކަލެއަކަށް ނޭނގޭނެއެވެ. ބޮލުގައި ރިއްސާކަމަށް ކިޔަން ފަށަނީ އޭނާ ދެކެން ބޭނުން ނުވާ މީހެއްގެ ކުރިމައްޗަށް އަންނާން ޖެހުނީމައެވެ. އަހަރެން ޚާދިމާއެއްގެ އަތަށް ދީފައި އޭނާއަށް މައު ބޮނޑިއެއް ފޮނުވީމެވެ. އޭނާ ހެދީ ކިހިނެއްކަން އެނގޭ ހެއްޔެވެ؟ ކަލެއަކަށް ނޭނގޭނެއެވެ. މަޑުކުރާށެވެ. އަހަރެން މި ކިޔައިދެނީއެވެ.]

ޖޯލް މައިކަލް ގޮނޑިން ތެދުވެއްޖެއެވެ. އަދި މޭޒުމަތީގައި ހުރި ގުލްދަސްތާއެއް ނަގައި ވިޔަފާރިވެރިޔާގެ ބޮލުގައި ޖަހައިފައި ބާރަށް ހީނގެންފިއެވެ. [އޭނާ މާ ބޮނޑިން އަހަރެންގެ ޚާދިމާގެ ބޮލުގައި ޖެހީއެވެ. ދެވަނަ ފަހަރަށް އެއްވެސް އެއްޗެއް ހިފައިގެން އަތުވެއްޖެއްޔާ ދެވަރުން އެއްވަރު ކޮށްލާނަމޭވެސް ޚާދިމާއާ ދިމާއަށް ބުންޏެވެ.]

[އެކަމަކު މާޔޫސް ނުވާށެވެ.]

ޖޯން މައިކަލް ރާ ކޯވަރެއް ބޮއިލުމަށް ފަހު ބުންޏެވެ. [އަހަރެން މާޔޫސް ވާނެ ހެއްޔެވެ؟ ކަލެއަށް އަދި އަހަރެން ރަނގަޅަށް ނޭނގެނީއެވެ. އަހަންނާއި އޭނާޔާ ދެމެދު ހުރީ ހައެއްކަ ފިޔަވަޅުގެ ދުރުމިނެވެ. މި ދުރުމިނަކީ ހަތް ކަނޑުގެ ދުރުމިން ކަމުގައި ވީނަމަވެސް އަހަރެން މާޔޫސެއް ނުވާނަމެވެ. އެއީ އަހަރެންގެ ހައްގެކެވެ. އެންޖެލާއަކީ އަހަރެންގެ މިލްކެކެވެ. އަހަރެންގެ މީހަކަށް ވުން ފިޔަވައި އެހެން ގޮތެއް އޭނާއަކަށް ނޯންނާނެއެވެ. އަހަރެން މިއީ ކާކުކަން ކަލެއަށް އެނގޭ ހެއްޔެވެ؟ ކަލެއަކަށް ނޭނގޭނެއެވެ. ކަލެއަކީ މޮޔަ ވިޔަފާރިވެރިއެކެވެ.]

(6)

ޢާއްމު ގޮތެއްގައި އެންޖެލާގެ ރުހުމާ ދެކޮޅަށް އެއްވެސް ކަމެއް ކުރުމަކީ މާރިޔާ ކުރާ ކަމެއް ނޫނެވެ. އެކަމަކު ކުއްލިއަކަށް ދިމާވީ ކަމަކުން އެންޖެލާގެ ކުރިމަގާމެދު ވަރަށް އަވަހަށް ވަކި ގޮތެއް ނިންމާން އޭނާއަށް މަޖުބޫރުވެއްޖެއެވެ.

ވަރަށް ގިނަ އިރު ވާންދެން ނިދައިފައި އޮތުމަކީ މާރިޔާގެ އާދައެކެވެ. އެކަމަކު އެއް ރެޔަކު ކުޑަކޮށް ބަލިވެ އުޅުމުގެ ސަބަބުން އޭނާއަކަށް ނިދޭގޮތެއް ނުވިއެވެ. އެންޖެލާގެ ކޮޓަރި ހުންނަނީ އޭނާގެ ކޮޓަރިޔާ ޖެހިގެންނެވެ. އެރޭ އޭނާ މާ ބޮޑަށް ފެންބޮވައިގެންފިއެވެ. ފެން ބަނޑިޔާ ހުންނަނީ ކޮޓަރިން ބޭރުގައި އޮންނަ ހާމަފެންޑާގައެވެ. ނޯކަރަކަށް ގޮވުމުގެ ބަދަލުގައި އޭނާ ތެދުވެގެން ގޮސް ބަނޑިޔަލުން ފެންބޮއިފިއެވެ. އެނބުރި ކޮޓަރިއަށް ދިޔަ މަގުމަތީގައި އެންޖެލާގެ ޚަބަރެއް ބަލައިލާނީއޭ ހިތަށް އަރައިފިއެވެ. ބަލައިލީއިރު އެ ކޮޓަރީގެ ދޮރު ހުރީ ހުޅުވައިފައެވެ. އެތެރެއަށް ބޯދީ ބަލައިލީއިރު އެންޖެލާގެ އެނދު ހުރީ ހުހަށެވެ.

އެ ކޮޓަރިޔާ ޖެހިގެން ހުންނަނީ ރަބީޢާގެ ކޮޓަރިއެވެ. އެ ކޮޓަރިން ވާހަކަދައްކާ އަޑު އިވެއެވެ. މާރިޔާ ވަގު ފިޔަވަޅުތަކެއް އަޅަމުން ގޮސް އެ ކޮޓަރީގެ ދޮރުބުޑަށް ހުއްޓިއްޖެއެވެ. ދޮރު ކުޑަކޮށް ހުޅުވައިލުމަށް ފަހު އެއް ލޮލުން އެތެރެއަށް ބަލައިލިއެވެ. ކޮޓަރީގެ ބައްތި ހުރީ ދިއްލައިފައެވެ. އެންޖެލާ ފޮތެއް ހިފައިގެން ރަބީޢާގެ ކުރިމަތީގައި ބިންމަތީގައި އިށީނދެގެން އިނދެ ކިޔަމުން ގެންދަނީއެވެ. ވަކި ލަފުޒަކާ ހަމައަށް ގޮސްފައި ހުއްޓާލައިފިނަމަ ރަބީޢާ އޭނާއަށް އެބަ ކިޔައިދެއެވެ. އެއީ ރަބީޢާ ނުލާހިކު ފަރުވާތެރިކަމާއި ލޯތްބާއެކު ކޮންމެ ދުވަހަކު ކިޔަމުން ގެންދާ ފޮތެވެ. ކީރިތި ޤުރްއާނެވެ.

މާރިޔާއަކަށް ފުރަތަމަ އެއްވެސް ހަރަކާތެއް ނުކުރެވުނެވެ. އޭނާ ދުށް ގޮތުގައި އެންޖެލާ އެ ވަނީ ވަރަށް ބޮޑު ފާފައެއްގެ ތެރެއަށް ވަދެ ގެއްލިފައެވެ. ދުވެފައި ގޮސް ދަރިފުޅުގެ އަތުން އެ ފޮތް ޖަހައިގެންފާނަމޭވެސް ހިތަށް އެރިއެވެ. އެކަމަކު އޭނާގެ ފައިތިލަ ބިންމަތީގައި ތަތްލައިފައި ހުރި ކަހަލައެވެ. ގައިން ބާރު ދޫވެއްޖެއެވެ.

އެންޖެލާ ކީރިތި ޤުރްއާން ލައްޕައިލުމަށް ފަހު މަޚުމަލުގެ އުރައަކަށް ލައިގެން ގެންގޮސް އަލަމާރިއަށް ލައިފިއެވެ. އެޔަށް ފަހު ދެ މީހުން ކޮޅަށް ތެދުވެ ނަމާދުކުރާން ފަށައިފިއެވެ.

މާރިޔާ ހިތާމައިން ހިތް ހަލާކުވެފައިވާ ހާލު އެނބުރި ކޮޓަރިއަށް އަތުވެއްޖެއެވެ. އެންޖެލާގެ އިސްތަށިގަނޑުގައި ހިފައި ދަމައި ކޫއްތައިފައި ކޮޓަރިއަށް ގެނެސްފާނަމޭ އެތައް ފަހަރަކު އޭނާގެ ހިތަށް އެރިއެވެ. އެހެން ނަމަވެސް މިފަދަ ނާޒުކު ދަނޑިވަޅެއްގައި ހަރުކަށި ފިޔަވަޅެއް އަޅައިފިނަމަ، އެންޖެލާގެ ދެކޮޅުވެރިކަން އިތުރުވެގެން ހިނގައިދާނޭ ކަމަށް ބަލައިފައި އެހެން ނުހެދީއެވެ. އޭނާ އެއްވެސް ހަރަކާތެއް ނެތި އެތައް އިރެއް ވާންދެން އެހެން އިށީނދެގެން އިނެވެ. އެހެން އިނދެފައި ކުއްލިއަކަށް ކުރެވުނު ޚިޔާލަކާއެކު ތެދުވެއްޖެއެވެ. ކޮޓަރިން ނުކުމެގެން ގޮސް އިމާރާތުގެ މައި ދޮރުން ނުކުމެ މިސްރާބު ޖެހީ އިސް ފާދިރީ ނުވަތަ ބިޝޮޕް ހުންނަ އިމާރާތާ ދިމާއަށެވެ. މީގެ ކުރިން ގަނޑުވަރުގެ ނޯކަރަކުވެސް އަދި ސިފައިންގެ މީހަކުވެސް އޭނާ އެ ގޮތަށް ހިނގައިފައި ތަނަކަށް ދާތީއެއް ނުދެކެއެވެ.

ކުޑައިރުކޮޅެއް ފަހުން އޭނާ އިނީ ބިޝޮޕްގެ ކުރިމަތީގައި ވާހަކަދައްކާށެވެ. [މާތްވެގެންވާ ބައްޕާއެވެ. އަޅުގަނޑު ބޭނުމީ ވީ އެންމެ އަވަހަކަށް އެންޖެލާ މީހަކާ ދެވާށެވެ. އެކަމަކު އެއީ ވަރަށް ބޯ ހަރު ކުއްޖެކެވެ. އަޅުގަނޑު ބުނާ ގޮތަކަށް އެއްވެސް ކަމެއް ނުކުރާނެއެވެ.]

ބިޝޮޕް އަހައިލިއެވެ. [އޭނާ ބޭނުންވަނީ ރާހިބާއަކަށް ވާން ހެއްޔެވެ؟] (ރާހިބާއިންނަނީ ދީން ފަތުރާށާއި ދީނީ ނަސޭހަތްދޭން ތިބޭ އަންހެނުންނެވެ. އެއީ ކްރިސްޓިއަން ދީނުގެ ދަންނަބޭކަނބަލުންނެވެ.)

[ނޫނެކެވެ. މާތްވެގެންވާ ބައްޕާއެވެ. އޭނާއަށް ކަމުދާ އެއްވެސް މީހަކު ނެތީއެވެ.]

[އަހަރެން މި ހުންނަނީ ތިޔަކަމާ ވާހަކަދައްކައިލާން ކަލޭމެންނާ ބައްދަލުކޮށްލާން ބޭނުން ވެފައެވެ. ކަލޭގެ ދަރިފުޅާ ގަޔާވާ ކަމަށް ޖޯން މައިކަލް އެތައް ފަހަރަކު އަހަރެން ގާތު ބުނެފިއެވެ.]

[މާތްވެގެންވާ ބައްޕާއެވެ. ތިޔައީ އަޅުގަނޑުމެންނަށް ލިބޭނޭ ވަރަށް މަތިވެރި ޝަރަފެކެވެ. އެކަމަކު އެންޖެލާއަކީ ވަރަށް ގޮތް ދޫނުކުރާ ކުއްޖެކެވެ. މަނިކުފާނު އޭނާއަށް ވިސްނަވައިދެއްވާށެވެ.]

ބިޝޮޕް ކުޑަކޮށް ވިސްނައިލުމަށް ފަހު ބުންޏެވެ. [އަހަންނަށް ހީވާ ގޮތުގައި ކަލޭގެ ދަރިފުޅާ ބައްދަލުކޮށްލުމުގެ ފުރުސަތު ޖޯން މައިކަލަށް ހޯދައި ދީފިއްޔާ ތިޔަ މައްސަލަ ވަރަށް ފަސޭހައިން ހަމަޖެހިގެން ހިނގައިދާނެއެވެ.]

މާރިޔާ ބުންޏެވެ. [މާތްވެގެންވާ ބައްޕާއެވެ. މިއީ އެހައި ފަސޭހައިން ހައްލުކުރެވޭނޭ މައްސަލައެއް ނަމަ އަޅުގަނޑު މަނިކުފާނަށް ތުރާފުޅެއް ނުޖެއްސީމުހެވެ. އެންޖެލާ މިހާރު އެހެރީ އޭނާގެ ދައްތަގެ ޖާދޫގައި ޖެހިފައެވެ. އޭނާގެ އެއްބަފާ ދައްތައަކީ އިސްލާމެކެވެ. އޭނާ މިހާރު ވަނީ އަޅުގަނޑުމެންގެ ދީނުގެ މީހުންނާމެދު އެންޖެލާގެ ހިތުގައި ވަރުގަދަ ނަފުރަތެއް އުފައްދައިފައެވެ. އޭނާ މަގުފުރެދިދާނެތީ އަޅުގަނޑު ބިރުގަނެއެވެ. އޭނާ އަވަހަށް މީހަކާ ދެވަން ބޭނުންވަނީ އެހެން ވެގެންނެވެ. އަޅުގަނޑުގެ އެއް ބޭނުމަކީ އޭނާ ރަބީޢާއާ ދުރުކުރުމެވެ.]

ބިޝޮޕް ބުންޏެވެ. [ތިޔަހެން ކަންތައް އޮތީވިއްޔާ ފަރުވާކުޑަ ކޮށްލައިގެން ނުވާނެއެވެ. އެކަމަކު އަހަރެންގެ ސުވާލެއް އެބައޮތެވެ. އެންޖެލާގެ ކާވެނި އޭނާގެ ރުހުމާ ދެކޮޅަށް ކުރުވާން އުޅެގެންފިއްޔާ ކަލޭގެ ފިރިމީހާ ބުނާނީ ކީކޭ ހެއްޔެވެ؟]

މާރިޔާ ބުންޏެވެ. [އޭނާގެ ކާވެނި ކްރިސްޓިއަން އިއްޒަތްތެރިޔަކާ ކުރުވުމަކީ އަޅުގަނޑުގެ ފިރިމީހާ ދެކޮޅުހަދާ ކަމެއް ނޫނެވެ. އެކަމަކު އެންޖެލާ ދެކޮޅު ހަދައިފިއްޔާ އޭނާގެ ބައްޕަވެސް އޭނާގެ ކޮޅަށް ބުރަވެދާނެތީ އަޅުގަނޑު ނިކަން ބިރުގަނެއެވެ.]

[އެންޖެލާ ހަމައެކަނި ޖޯން މައިކަލާ އިންނާން ދެކޮޅު ހަދަނީ ހެއްޔެވެ؟ ނޫނީ ހުރިހައި ކްރިސްޓިއަނުން ދެކެވެސް ރުޅި އަންނަނީ ހެއްޔެވެ؟]

މާރިޔާ ބިރުގެންފައި އިނދެގެން ބުނެފިއެވެ. [މާތްވެގެންވާ ބައްޕާއެވެ. ރާ ބޯ މީހުން ދެކެ އެންޖެލާ ވަރަށް ރުޅި އާދެއެވެ. އެއީ އޭނާގެ ދައްތަޔާއެކު އުޅުމުގެ ސަބަބުން ޖެހުނު ބައްޔެކެވެ. ޖޯން މައިކަލް އެންމެ ފުރަތަމަ އަޅުގަނޑުމެންގެ ގެއަށް އައި ދުވަހު ހުރީ ރާ ބޮއިގެން އަމަލުވެފައެވެ. އެންޖެލާ އޭނާ ދެކެ ރުޅި އައި ސަބަބަކީ އެއީ ކަމުގައި ވެދާނެއެވެ.]

ބިޝޮޕް ބުންޏެވެ. [ކަލޭގެ ގޭގެ މާހައުލު ތިޔަ އޮތީ އެހެން ކްރިސްޓިއަނުންގެ ގޭގޭގެ މާހައުލާ ތަފާތު ގޮތަކަށް ކަމުގައި ހީވެއެވެ. އެކަމަކު މާ ބޮޑަށް ހާސްނުވާށެވެ. ތިޔަ މައްސަލަ ހައްލު ކުރެވިދާނެއެވެ. މާދަމާ ރޭ އަހަރެން ތިޔަ ގެއަށް އަންނާނަމެވެ. ޖޯން މައިކަލް އެ ގަޑިއަށް ގެނެވޭނޭ ގޮތް ކަލޭ ހަދާށެވެ. އެހެން އެއްވެސް މީހަކު ގެންނާނޭ ކަމެއް ނެތެވެ.]

މާރިޔާ ބުންޏެވެ. [މާތްވެގެންވާ ބައްޕާއެވެ. ޖޯން މައިކަލްގެ ނަން އިވުމާއެކު އޭނާ ބަލީގެ ބަހަނާ ދައްކައިފައި އޮށޯންނާނޭކަން އަޅުގަނޑަށް ޔަގީނެވެ.]

[އޭނާއަށް އިވޭ ހިސާބުގައި ޖޯން މައިކަލްގެ ނަން ކިޔަނީ ކީއްކުރަން ހެއްޔެވެ؟ ޖޯން އަންނާނީ އަހަރެމެން ކާން މޭޒުދޮށުގައި އިށީނީމައެވެ.]

(7)

ލޯޝާގެ ބިޝޮޕާ ބައްދަލު ކުރުމަށް ފަހު އެ ދުވަހުގެ އިރުއަރައިގެން ހޭދަކުރި ހުރިހައި ވަގުތެއް ރަބީޢާ ހޭދަކުރީ އެންޖެލާއާއި ރަބީޢާއާ އެކުގައެވެ. މަންމަ އިނީމާ ދައްތަޔާއެކު ނަމާދު ނުކުރެވޭތީ އެންޖެލާ އިނީ ވަރަށް ބޮޑަށް ދެރަވެފައެވެ. އެކަމަކު އެ ދުވަހު ދައްތަޔާ މަންމަ ވާހަކަދައްކަމުން ގެންދިޔައީ ވަރަށް އޯގާތެރިކަމާއެކުގައެވެ. އެއީ އެންޖެލާ ވަރަށް އުފާކުރި ކަމެކެވެ.

މިއަދު މާރިޔާ ރަބީޢާއަށް ހެޔޮކޮށް ހިތަމުން ގެންދަނީ އާދަޔާ ޚިލާފަށް ބޮޑަށެވެ. އޭނާގެ ބޯ އޮމާންކޮށް ދިނުމާއި ހެދުން ބަދަލުކުރަން އެހީތެރިވުން ކަހަލަ އެތައް ކަމެއް ކުރިއެވެ. މާރިޔާ ބުންޏެވެ. [ދަރިފުޅާ ރަބީޢާއެވެ. ހެދުމުގެ ކަންތަކުގައި ދަރިފުޅު ވަރަށް ފަރުވާ ކުޑަ އެބަ ކުރަމުއެވެ. ދަރިފުޅުގެ ދޮން އަމާ ވަރަށް ނުބައޭ ދެކޭ މީހުން ބުނާނެއެވެ. ދުވާލު ހަތަރުދަން ތިޔަ ހޭދަކުރަނީ ހިތާމަވެރި މޫޑެއްގައެވެ. މިހާރުވެސް ތިޔަހަރީ ކުލަ ރީނދޫވެފައެވެ. ދަރިފުޅުގެ ބައްޕައަށް ފެނިއްޖެއްޔާ ބުނާނީ މަންމަ ކޮންމެވެސް އުނދަގުލެއް ކުރަނީއޭއެވެ. ތިޔަހެން ނުހަދާށެވެ. އަމިއްލަ ސިއްހަތާމެދު ފަރުވާ ކުޑަ ނުކުރާށެވެ.]

މަންމަގެ ފަރާތުން ރަބީޢާގެ މައްޗަށް މިފަދަ ހެޔޮކަމެއް ފެނުނީމާ އެންޖެލާ ވަރަށް ބޮޑަށް އުފާވިއެވެ. އެހެންވީމާ ރޭގަނޑު ބިޝޮޕާއެކު ކާން އަންނާށޭ ބުނީމާ އޭނާ އެއްގޮތަކަށްވެސް ދެކޮޅެއް ނުހެދިއެވެ.

ކާން ތިބެގެން އެކި ކަހަލަ ވާހަކަތައް ދައްކަމުން ގޮސް އެންމެ ފަހުން ބިޝޮޕް ޖޯން މައިކަލްގެ ވާހަކަ ދައްކާން ފަށައިފިއެވެ. އޭނާގެ ހިތްވަރުގަދަކަމާއި ހަނގުރާމައިގެ އުކުޅުތައް ބޭނުންކުރާ މޮޅު ގޮތްގޮތުގެ ވާހަކަ ދެކެވެމުން ދިޔައިރު އެންޖެލާ އެއްވެސް ކަހަލަ ޝައުގުވެރިކަމެއް ނެތި އަޑުއަހާން އިނީއެވެ. މި ކަހަލަ އެތައް ވާހަކައަކަށް ފަހު ބިޝޮޕް އޭނާގެ އަސްލު ވާހަކަތައް ފަށައިފިއެވެ. [ޖޯން މައިކަލާ ބެހޭ ގޮތުން އަހަރެން ހިތާމަކުރާ އޮންނަނީ އެންމެ ކަމެކެވެ. އެއީ ރާ ބުއިމުގައި ހައްދެއް ނެތުމެވެ. އެހެން ނޫންނަމަ އިސްޕޭނުގެ އެއްވެސް ނައިޓަކަށް އޭނާގެ ކުރިމަތީގައި ފަތިގަނޑު ފިރުކައިލެވޭ ވަރެއްވެސް ނުވާނެއެވެ. އެކަމަކު އޭނާގެ މި ބަލިކަށިކަމުގެ ސަބަބު އެނގުނީމާ މާފުކުރުން އެންމެ ރަނގަޅު ކަމަށް އަހަރެން ގަބޫލުކުރަމެވެ. އޭނާއަކީ އަނބިމީހާ ދެކެ ނިހާޔަތަށް ލޯބިވީ މީހެކެވެ. އަނބިމީހާ މަރުވީމާ ހިތާމަތަކަށް ލުޔެއް ލިބޭތޯ ރާގެ ތެރެއަށް ޣަރަގުވެގަތީއެވެ. އޭގެ ފަހުން އޭނާގެ ދިރިއުޅުމުގެ ހިތިކަން ފިލުވައިދޭނޭ ހަޔާތުގެ ބައިވެރިއަކު އޭނާއަކަށް ނުލިބެއެވެ. އަންދަލުސްގެ އެންމެ އަބުރުވެރި އެންމެ އިއްޒަތްތެރި އާއިލާތަކުންވެސް ދެކެނީ އޭނާޔާ ގުޅުމަކީ ތިމަތިމާމެންނަށް ލިބޭ ވަރަށް މަތިވެރި ޝަރަފެއް ކަމުގައެވެ. އެކަމަކު އޭނާއަށް ކަމުދާ އަންހެންކުއްޖަކު ފެނުނު ކަމަކަށް ނުވިއެވެ. ޝާހީ އާއިލާގެ ކުއްޖަކުވެސް އޭނާގެ މީޔާރަކަށް ނުފެތުނެވެ. އަހަރެން ގާތު އޭނާގެ ރައްޓެއްސަކު ބުނެފައިވާ ގޮތުގައި މިހާރު އޭނާ ހުރީ ވަރަށް މައުސޫމު ކުއްޖަކާ އިންނަ ހިތުން ކެތްތެރިކަން ކޮޅުން ލައިފައެވެ. އެ ކުއްޖަކީ ބުއްދިވެރި ކުއްޖަކު ކަމުގައި ވަނީވިއްޔާ އެ ކުއްޖަކަށް ޖޯން މައިކަލްގެ ހުރިހައި ނުބައި އާދައެއް ފިލުވައިލެވިދާނޭކަން އަހަންނަށް ކަށަވަރެވެ. އެކަން ވެގެން ދާނީ ފައްޅިއަށް ކުރެވޭ ވަރަށް ބޮޑު ޚިދުމަތަކަށްވެސް މެއެވެ. ފައްޅީގެ ފިރިހެނުން މިހާރުވެސް އެ ގެންދަނީ ދުޝްމިނުންނާ ހަނގުރާމަ ކުރަމުންނެވެ. ފައްޅީގެ އަންހެން ދަރީންނަށް އޮތް ވާޖިބަކީ އެ މީހުންގެ ހިތްހަމަ ޖައްސައިދިނުމުގެ މަސައްކަތް ކުރުމެވެ. ޖޯން މައިކަލް ރާބޯތީ އެ ވާހަކަ ދެއްކުމުގެ ބަދަލުގައި އަހަރެމެން ކުރާން އޮތް ކަމަކީ އޭނާ ރާ ބޯން މެދުވެރިވީ ސަބަބު ހޯދައި ބެލުމެވެ. އޭނާ ރާ ބޮނީ އަނބިމީހާ މަރުވީމާ އެކަމުގެ ހިތާމައިގައެވެ. މީގެ އިތުރަށް އޭނާ ވަނީ ހަނގުރާމައިގައި ވަހުޝީ އިސްލާމުންގެ އަތުން އޭނާގެ ގާތް އެތައް ބަޔަކު ގަތުލުވެ މަރުވެގެން ވެއްޓުނުތަން ދެކިފައެވެ. ގައުމުގެ އަންހެން ދަރިން އޭނާގެ ހާލަތާމެދު ހަމްދަރުދީ ވުމުގެ ބަދަލުގައި ނަފުރަތުކުރުމަކީ ގަބޫލުކުރާންވެސް ދަތި ހިތާމަވެރި ކަމެކެވެ.]

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.