(6 ސެޕްޓެމްބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
(4)
އަދިވެސް ބޯކޮށް ވާރޭ ވެހެނީއެވެ. ދޮޅު މޭލެއްހައި ތަނަށް ދަތުރު ކުރެވުމާއެކު ގާޑިޔަލުގެ ދުވެލި ބާރުކޮށްލާން އަބޫ ދާވޫދު އަންގައިފިއެވެ. ފަހަތުން އައި އަސްވާރުން، އޮފްސަރު އިޝާރާތް ކޮށްލީމާ ހުއްޓިއްޖެއެވެ. ގާޑިޔާ މޭލެއްހައި ތަން ދުރަށް ދިއުމާއެކު އަސްވާރުން ގާޑިޔަލުގެ ފަހަތުން ދުއްވާން ފަށައިފިއެވެ.
ބޯ ވާރެޔާއެކު ވާދީގެ ތިރި ބައެއް ދިމަދިމައިގައި ފެން ބޮޑުވެފައި އޮތުމުގެ ސަބަބުން މަގު ވަނީ ފޮރުވޭގޮތް ވެފައެވެ. އެހެންވީމާ އަބޫ ދާވޫދުގެ ބާރުއެޅުމާއެކުވެސް ގާޑިޔާ ދުއްވާ މީހުން ގެންދިޔައީ ނުރައްކާތެރި ހާދިސާއެއް މެދުވެރިވެދާނޭ ކަމަށް ބަލައި ފަރުވާތެރިވަމުންނެވެ. ގާޑިޔަލާއި ފަހަތުން އަންނަ އަސްވާރުންނާ ދެމެދުގެ ރާސްތާ ގާތްވުމާއެކު އަސްވާރުން ދުވެލި މަޑުކޮށްލައެވެ. އެއީ އެކަށީގެންވާ ދުރުމިނެއްގައި ތިބެގެން، ފަހަތުން އާދެވޭނޭ ގޮތް މެދުވެރި ކުރުމަށްޓަކައެވެ.
ފެން ބޮޑުވުމުގެ ސަބަބުން މަގުގެ ބައެއް ދިމަދިމައިން ވަނީ ވަޅު ހެދި، ހަލާކުވެފައެވެ. ވަޅުތަކަށް ވެއްޓި، އަރަމުން ދިޔަ ގާޑިޔާ ހީވަނީ ފުމެމުންދާ ހެންނެވެ. އަބޫ ދާވޫދްގެ އަނބިމީހާއާއި ހަގު ދަރިފުޅު އެންޖެލާ ގެންދިޔައީ މަޑުން ދުއްވާށޭ ކިޔަމުންނެވެ. ޚުދު އަބޫ ދާވޫދްގެ ބޯ އެތައް ފަހަރަކު އަނބިމީހާގެ ބޮލުގައި ނުވަތަ ދަރިފުޅުގެ ބޮލުގައި ޖެހިއްޖެއެވެ. އެކަމަކު އަނބިމީހާއާއި ދަރިފުޅުގެ އާދޭހުގެ އަޑު އޭނާއަކަށް އިވުނު ކަމަކަށް ނުވިއެވެ. މިފަދަ ގޮތަކަށް ގާޑިޔާ ދުއްވާފައި ދަނިކޮށް ވަޅުގަނޑެއްގެ ތެރެއަށް ޖެހުނު ގޮތަކުން މާރިޔާގެ ބޯ ގޮސް ގާޑިޔަލުގެ ހިޔަލުގައި ވަރަށް ބާރަށް ޖެހިއްޖެއެވެ. އޭނާ ހަޅޭއް ލަވައިގެންފައި ބުންޏެވެ. "ގާޑިޔާ ހަމަ މިހާރު ހުއްޓުވާށެވެ. އެހެން ނޫނީ އަހަރެން ފުންމައިލަފާނަމެވެ. ކަލެޔަކީ ވަޙުޝީއެކެވެ. ތިޔަ އުޅެނީ އަހަންނާއި އަހަސރެންގެ ދަރިފުޅު މަރައިލާށެވެ. ކަލޭގެ ނިޔަތް ރަނގަޅު ނޫންކަން މާކުރިން އަހަންނަށް އެނގިއްޖެއެވެ. ކަލޭ ބޭނުން ވަނީ ގްރަނާދާއަށް ދެވުމުގެ ކުރީން އަހަރެމެން ދެމައިންގެ ކިބައިން ސަލާމަތްވާށެވެ. ކަލާނގެއަށްޓަކައި ބުނަމެވެ. މި ގާޑިޔާގަނޑު ހުއްޓުވާށެވެ."
ދެވަނަ ލޮޅުމުގައި އެންޖެލާއާއި ރަބީޢާއާ ދެކުދިންގެ ބޯ ޖެހިއްޖެއެވެ. އެޔާއެކު ގާޑިޔާ ހުއްޓައިލާށޭ ކިޔައިގެން އެންޖެލާ އާދޭސް ކުރާން ފަށައިފިއެވެ. އަބޫ ދާވޫދް ބުންޏެވެ. "ކަލޭވެސް މަންމަ ކަހަލަ ފިނޑި ކުއްޖަކަށް ވާނެކަން އެނގޭނަމަ އަހަންނާއެކު ނުގެނައީމުހެވެ. ރަބީޢާ ނިކަން ދެކިބަލާށެވެ. އުފްވެސް ކިޔައި ނުލައި އެ އިނީއެވެ."
އަބޫ ދާވޫދް މިހެން ބުނުމާއެކު މާރިޔާއާއި އެންޖެލާ ރުޅި ބޭލީ ރާބިޢާއަށެވެ.
މާރިޔާ ބުންޏެވެ. "ރާބިޢާ އެ އިނީ އޭނާޔާ އެއް ދީނެއްގެ ބަޔަކުގެ ގާތަށް ދެވޭތީ އުފަލުންނެވެ."
އެންޖެލާ ބުންޏެވެ. "ކަމެއްދަމެއް މެދުވެރިވެއްޖެއްޔާ އެންމެ ފުރަތަމަ ބައްޕަ ސަމާލުކަން ދެއްވާނީ އޭނާއަށްކަން ރާބިޢާއަށް އެނގެއެވެ."
މި ދެމައިންގެ ނުރުހުމުގެ ބަސްތަކަށް ޖަވާބެއް ދިނުމުގެ ބަދަލުގައި މާރިޔާ ބުންޏެވެ. "ބައްޕާއެވެ. މަންމައާއި އެންޖެލާއާ ދިމާއަށް އެއްޗެތި ކިޔުއްވަނީ ކީއްކުރެައްވަންތޯއެވެ؟ ގާޑިޔާ މަޑުކުރައްވަން އަންގަވާށެވެ."
އަބޫ ދާވޫދް ބުންޏެވެ. "މާރިޔާއެވެ. ކުޑަކޮށް ކެތްތެރިވެލާށެވެ. އަހަރެމެން މިހާރު މިތިބީ ގްރަނާދާގެ އިމުގެ ތެރޭގައެވެ. އަހަރެމެން މކިތިބަ ހާލަތު ގްރަނާދާގެ މީހުންނަށް ފެނުމާއެކު އެ މީހުން ހުރަސް އަޅާން އަންނާނެއެވެ. އެންމެ ފުރަތަމަ އަހަރެން މި ދަތުރުގެ ވާހަކަ ދެއްކީމާ ކަލޭ ވީ އުފަލެއްގެ ބޮޑުކަމުން ފުމެނެގި ހަނދާނެއް ނެތް ހެއްޔެވެ؟ މިހާރު ކުޑަކުޑަ ބުރައެއް އުފުލާން ޖެހުނީމާ ތިޔަ ޝަކުވާ ކުރަނީއެވެ. ބާރާއި ގަދަރުވެރިކަން ހޯދާން ކުރާ މަސައްކަތުގައި ނުރައްކާތެރި ކަންތައްތަކާ ކުރިމަތިލާން ޖެހޭނެއެވެ."
މާރިޔާ ރުޅި އައިސްފައި ބުންޏެވެ. "ކަލެއަކީ ބޮޑު މޮޔައެކެވެ. މި ޠޫފާނުގެ ތެރޭގައި ކަލޭގެ އިންތިޒާރުގައި ތިބޭނީ ކޮން ބައެއް ހެއްޔެވެ؟ އެމީހުން މިހާރު ތިބޭނީ ފާރަހިޔާތަކުގައި އަރާމުކުރާށެވެ."
އަބޫ ދާވޫދް ބުންޏެވެ. "އެކަމަކުވެސް އެ މީހުންގެ ފާރަވެރިންނަށް ފެންނަ ހިސާބަށް އަހަރެމެން ދާން ޖެހޭނީ މި ފަދަ ހާލެއްގައެވެ. އަހަރެމެން މިއީ ފިލައިގެން އައި ބައެއްކަމުގެ ޔަގީންކަން ދެވޭނޭ ގޮތެއް މި ނޫނީ ނެތެވެ. ފަހަތުން އެ އަންނަ ބަޔަކީ އަހަރެމެން އަތުލައިގަންނާން އަންނަ ބަޔަކުކަމުގެ ޔަގީންކަންވެސް ދެވޭނޭ ގޮތަކީ މިއީއެވެ."
ގާޑިޔާ މިހާރު ދުއްވަމުން އެ ދަނީ ތަންކޮޅެއް އުސްކޮށް އޮތް އެހެން މަގުމަގަށްވުރެ ރީތި މަގެއްގައެވެ. އެހެންވީމާ މާރިޔާއާއި އެންޖެލާގެ އަނގަ ތަންކޮޅެއް މަޑުވެއްޖެއެވެ.
ގާޑިޔާ ދުއްވާމީހާ ގޮވައިލިއެވެ. "އަސްވާރަކު އަންނާތީ އެބަ ފެނެއެެވެ."
"ބޭނުންވާ ގޮތް ވުމުގެ މަގު ހުޅުވެނީއެވެ. އަސްވާރު ގޮސް އޭނާގެ ބައިވެރިންނަށް އަންގާނެއެވެ."
މިހެން ބުނެފައި އަބޫ ދާވޫދް ގާޑިޔަލުގެ ކުޑަދޮރުން ބޭރަށް ބޯދީ، ފަހަތް ބަލައިލިއެވެ. އަދި ފަހަތުން އަންނަ އަސްވާރުންނަށް އަތުން އިޝާރާތްކޮށްލިއެވެ. އަދި ގާޑިޔާ ބާރަށް ދުއްވާންވެސް އަންގައިފިއެވެ.
ކުޑައިރުކޮޅެއް ފަހުން ގާޑިޔާ އެ މަގުން ތިރިއަށް ފައިބާން ފަށައިފިއެވެ. ދުއްވާމީހާ އަނެއްކާވެސް ބާރަށް ގޮވައިލިއެވެ. "ވާދީގައި އެ އޮތީ ވަރަށް ފެން ބޮޑުވެފައެވެ. މަގެއް ނުފެނެއެވެ. މާ ބާރަށް ދިއުން ރައްކާތެރި ކަމަކަށް ނުވާނެއެވެ."
އަބޫ ދާވޫދް ބުންޏެވެ. "ރައްކާތެރިކަމާއެކު ދުއްވާށެވެ. އެކަމަކު މަޑުކޮށްގެން ނުވާނެއެވެ. ދެ ގުނަ އިނާމު ދޭނަމެވެ."
މާރިޔާއާއި އެންޖެލާގެ މޫނުމައްޗަށް ނުރުހުމުގެ އަސަރު ވެރިވިއެވެ. އަބޫ ދާވޫދް ދެމައިންގެ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުން ބުންޏެވެ. "ގާޑިޔާ ދުއްވާމީހާއަކީ މޮޔައެއް ނޫނެވެ. ތިރިއަށް ފޭބުމާއެކު އޭނާ ދުވެލި މަޑުކުރާނެއެވެ."
އަބޫ ދާވޫދް ބޭރު ބަލައިލުމަށް ފަހު އަނެއްކާވެސް އަސްވާރުންނަށް އިޝާރާތެއް ކޮށްފިއެވެ. އެޔާއެކު އެ މީހުން ދުވެލި ބާރުކޮށްލިއެވެ.
ވާދީގައި ފެން ބޮޑުވެފައިވާ ވަރުން ހީވަނީ ކޯރެއްހެންނެވެ. އެކަމަކު އިނާމުގެ ދަހިވެތިކަމުގައި ގާޑިޔާ ދުއްވާމީހާ މޭމަތީގައި އިޝާރާތުން ސަލީބެއް ކުރަހައިލުމަށް ފަހު ގާޑިޔާ ފެންގަނޑުގެ ތެރެއަށް ބާލައިފިއެވެ. ދެތިން ފަހަރަކު ފެންގަނޑުގެ ތެރޭގައި އަސްތައް މަގުން ފައިބައިފިއެވެ. ކުރީގައި އޮތް ދެ އަސް ބޮޑު ހިލައެއްގައި ޖެހިފައި ވެއްޓިއްޖެއެވެ. ގާޑިޔާ ލަތްކަކާއެކު ހުއްޓިއްޖެއެވެ. ގާޑިޔާ ދުއްވާމީހާ އެއް އަހުގެ ބުރަކަށިމައްޗަށް ވެއްޓިއްޖެއެވެ. އަދި ކައްސާލައިގެން ފެންގަނޑުގެ ތެރެއަށް ވެއްޓިއްޖެއެވެ. ދެތިން ސިކުންތެއްގެ ތެރޭގައި ގާޑިޔާ އަނެއްކާވެސް ދުއްވައިގެންފިއެވެ. މި ފަހަރު އެއްވެސް ހުރަހަކާ ނުލައި އޮމާންކަމާއެކު ދުވެފައި ގޮސް ގާޑިޔާ ހާމަ މަގަށް ނުކުމެއްޖެއެވެ.
އިތުރު ކުންނެއް ހުރަށް ކޮށްފައި ގޮސް ގާޑިޔާ ނުކުތީ ހާމަ މައިދާނަކަށެވެ. އެތެރޭގައި އިން އަބޫ ދާވޫދަކަށް ގާޑިޔާ ދުއްވާ މީހާ ނެތްކަމެއް ނޭނގެއެވެ. މަގު ދޫކޮށް ގާޑިޔާ މިހާރު ދުވެފައި ދަނީ މައިދާނެއްގައެވެ. ގާޑިޔާ މާ ބޮޑަށް ހެލެން ފެށްޓީމާ ދެތިން ފަހަރަކު އަބޫ ދާވޫދް، ގާޑިޔާ ދުއްވާމީހާއަށް ގޮވައިލިއެވެ. ޚަބަރެއް ނުވީމާ ބޭރު ބަލައިލީއިރު ގާޑިޔާ ދުއްވާމީހާ ފެންނާކަށް ނެތެވެ. ގާޑިޔާ މިސްރާބު ޖަހައިފައި ހުރީ ބޮޑު ހިލައަކާ ދިމާއަށެވެ. އެ ހިލައިގައި ގޮސް ޖެހިއްޖެއްޔާ ގާޑިޔަލުގައި ތިބި މީހުންކުރެ އެކަކުވެސް ސަލާމަތެއް ނުވާނެއެވެ.
ފަހަތުން އަންނަ އަސްވާރުން ތިބީ މާ ދުރުގައެވެ. ކުއްލިއަކަށް ޖަންގަލި ތެރެއިން ހަތިޔާރުއެޅި ތިރީހަކަށް ނުވަތަ ސާޅީހަކަށް އަސްވާރުން ނުކުމެއްޖެއެވެ. އެންމެ ކުރީގައި އޮތީ ކަޅު އަހަކެވެ. އެ އަސް ދުއްވަން އިނީ މޫނު ނިވައިކޮށްގެން އިން މީހެކެވެ. އޭނާގެ ހުދު ޢަބާ ދިޔައީ ވައިގެ ތެރޭގައި ވިހުރުވެމުންނެވެ. މޫނު ނިވައިކޮށްގެން އިން މީހާގެ އިޝާރާތަކަށް ﷲ އަކްބަރުގެ ނަޣާރާ ކުރުމަށް ފަހު ޖަންގަލި ތެރެއިން ނުކުތް މީހުންގެ ތެރެއިން އެއް ބަޔަކު މިސްރާބުޖެހީ ފަހަތުން އަންނަ އަސްވާރުންނާ ދިމާއަށެވެ. މޫނު ނިވައިކުރި މީހާ އަސްގާޑިޔަލުގައި ޖަހައިފައިވާ ދެ އަހާ ދިމާއަށް ދެތިން ތީރު ދޫކޮށްލުމާއެކު ގާޑިޔަލުގެ މިސްރާބު ބަދަލުވެއްޖެއެވެ.
އަސް ގާޑިޔާ ދުވެފައި ދަނީ ދުއްވާމީހަކާ ނުލައިކަން އެނގުމާއެކު މޫނު ނިވައިކޮށްގެން ހުރި މީހާ ގާޑިޔަލާ ދިމާއަށް މިސްރާބު ޖަހައިފިއެވެ. ބާރަށް ދުއްވައިފައި ގޮސް ގާޑިޔާ ދަމަމުން ދިޔަ އަހާ އެއްވަރު ކުރުމަށް ފަހު ހުސިޔާރު ކަމާއެކު ފުންމައިގެން ގޮސް ޖެހުނީ އެ އަހުގެ ބުރަކަށި މައްޗަށެވެ. އޭނާއަށް ރަނގަޅަށް ސަމާލު ނުވެވިގެން އުޅެނިކޮށް ގާޑިޔަލުގެ އެއް ފުރޮޅު ހިލައެއްގައި ޖެހިފައި ނެއްޓިއްޖެއެވެ. އެޔާއެކު ގާޑިޔާ އަރިއަޅައިލައިފިއެވެ. އަހުގެ ފައިގައި އައްސައިފައި ހުރި ބަންދު ނެއްޓިއްޖެއެވެ. އެކަމަކު ބޮލުގެ ބަންދު ނުނެއްޓެއެވެ. އެހެންވީމާ އަރިއަޅައިލައިފައި އޮތް ގާޑިޔާ ދަމަމުން ގެންދިޔައެވެ. މޫނު ނިވައިކުރިމީހާ އަހުގެ ލަގަނުގައި ހިފައިފިއެވެ. ގައިގައި ހުރިހައި ބާރެއް ލައިފައި އަސް ހުއްޓުވޭތޯ މަސައްކަތް ކުރާން ފަށައިފިއެވެ. ގާޑިޔާ ބިންމަތީގައި ކޭއްތެމުން ލޫދެމުން ގޮސް އެންމެ ފަހުން ހުއްޓިއްޖެއެވެ.
ކުޑަ އިރުކޮޅެއްގެ ތެރޭގައި ފަހަތުން އައިސް އަސްވާރުންގެ ފަހަތުން ދިޔަ މީހުން އެނބުރި އަތުވެއްޖެއެވެ. އެ މީހުން އައީ އަސްގާޑިޔާ ދުއްވާމީހާވެސް ގޮވައިގެންނެވެ. މޫނު ނިވައިކުރިމީހާ އެއް ފަރާތުގައި ޒަޚަމްވެފައި ތިބި މީހުންނާ ދިމާއަށް އިޝާރާތްކޮށްލިއެވެ. "އެ މީހުން ޒަޚަމް ނުވާނެ ގޮތްހެދޭތޯ އަހަރެން މަސައްކަތްކުރީމެވެ. އެކަމަކު އެވަރެއް ނުކުރެވުނެވެ. އަހަރެން އުއްމީދުކުރާ ގޮތުގައި އެ މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެއެވެ. ގާޑިޔަލުގެ އެތެރޭގައި އެމީހުން ސާމާނުވެސް އެބަހުއްޓެވެ. އެވެސް ގެންނާށެވެ."
އަބޫ ދާވޫދް އިރުކޮޅަކަށް ހޭނެތިފައި ކަހަލަ ގޮތަކަށް އޮތުމަށް ފަހު ކުއްލިއަކަށް ފުންމައިގެން ތެދުވެ އިށީނދެއްޖެއެވެ. ލެއިން ތަތްތެޅިފައިވާ ނިތްކުރީގައި އަތް ކާއްތައިލުމަށް ފަހު ފުރަތަމަ ބަލައިލީ މޫނު ނިވައިކޮށްގެން ހުރި މީހާއަށެވެ. އެޔަށް ފަހު އޭނާގެ ބައިވެރިންނަށެވެ. "ޝުކުރިއްޔާ."
އެޔަށް ފަހު އަބޫ ދާވޫދް ބަލައިލީ އޭނާގެ އަނބިމީހާއާއި ދެ ދަރިންނާ ދިމާއަށެވެ.
"މާރިޔާ... ރަބީޢާ... އެންޖެލާ..."
މާރިޔާ ކުޑަކޮށް ކުކުރައިލުމަށް ފަހު ލޯ ހުޅުވައިލިއެވެ. އަދި އަހަރެންގެ އެންޖެލާ ކޮބައިހެއްޔޭ ކިޔައިފައި ކައިރީގައި އޮތް އެންޖެލާގެ ކޮނޑުގައި ހިފައި ތަޅުވަން ފަށައިފިއެވެ. އެންޖެލާގެ ތުންފަތުން ހުރީ ލޭ އައިސްފައެވެ. ދެ ފަހަރަކު ކުކުރައިލުމަށް ފަހު އޭނާ މަންމަޔާ ދިމާއަށް ބަލައިލިއެވެ.
އެ މީހުންގެ މޭޒުބާން
(1)
ރަބީޢާ ލޯ ހުޅުވައިލިއެވެ. ބައްތީގެ އަލީގެ ތެރެއިން އޭނާ ބަލައިލިއެވެ. އޭނާ އޮތީ ވަރަށް ރީތި ކޮޓަރިއެއްގެ ތެރޭގައި ބޮޑު އެނދެއްގައި އޮށޯވެގެންނެވެ. އެނދުކައިރީގައި ހުރި ދެ ގޮނޑީގައި ދެ މީހަކު އިށިނދެގެން ތިއްބެވެ. އެކަކީ އޭނާގެ ބައްޕަ އަބޫ ދާވޫދެވެ. ދެން އިނީ ބީރައްޓެހި ޒުވާނެކެވެ. ދަރިފުޅު ހޭ އެރިތަން ފެނިފައި އަބޫ ދާވޫދް އޭނާގެ ނިތްކުރީގައި ފިރުމައިލުމަށް ފަހު ގޮވައިލިއެވެ. "އަހަރެންގެ ދަރިފުޅު ރަބީޢާއެވެ."
ރަބީޢާ ޖެހިލުންވެފައި އޮވެގެން އަހައިލިއެވެ. "އަޅުގަނޑު މިއޮތީ ކޮންތާކުތޯއެވެ؟"
އަބޫ ދާވޫދް ބުންޏެވެ. "ދަރިފުޅާއެވެ. އަހަރެމެން މިތިބީ ރައްކާތެރި ތަނެއްގައެވެ. އަހަރެމްނެގް ބެލެނިވެރިއަކަށް މި ވަގުތު ހުންނެވި ޢިއްޒަތްތެރިޔާގެ ބެއްލެވުމުގެ ދަށުގައި ތިއްބައި ކުރިމަތިވާނޭ އެއްވެސް ނުރައްކަލެއް ނެތެވެ. މިއީ ދަރިފުޅުގެ ޑަކްޓަރެވެ."
ކޮޓަރީގެ އަނެއް ފަރާތުގައި ހުރި އެނދެއްގައި މާރިޔާ އޮށޮވެގެން އޮތެވެ. ޖެހިގެން ހުރި އަނެއް އެނދުގައި އެންޖެލާ އިށީނދެގެން އިނެވެ. އެ ދެ މީހުންނަށް އިޝާރާތްކޮށްފައި ރަބީޢާ އަހައިލިއެވެ. "އެ މީހުން ކިހިނެއްތޯއެވެ؟"
އަބޫ ދާވޫދް ބުންޏެވެ. "އެމީހުން ރަނގަޅެވެ."
އެހެން ޒުވާނަކު އައިސް ކޮޓަރިއަށް ވަދެއްޖެއެވެ. ރަބީޢާގެ ނަޒަރު އިރުކޮޅަކަށް އެ ޒުވާނާގެ މައްޗަށް ހުއްޓުނެވެ. އަބޫ ދާވޫދް ކޮޅަށް ތެދުވެއްޖެއެވެ.
"އިށީންނަވާށެވެ." އެ ޒުވާނާ އަބޫ ދާވޫދްގެ ކޮނޑުގައި އަތް ބާއްވައިލުމަށް ފަހު ބުންޏެވެ. "އަޅުގަނޑު މި އައީ މަނިކުފާނުގެ ދަރިކަނބަލުންގެ ހާލުކޮޅު ބަލައިލުމުގެ ބޭނުމުގައެވެ."
އަބޫ ދާވޫދް ބުންޏެވެ. "މީނާ ހޭއެރީ ދެންމެއަކުއެވެ. މަނިކުފާނަށް މިހައި ބޮޑު ބުރައެއް ޖައްސާން ޖެހުނީތީ ވަރަށް ބޮޑަށް ހިތާމަކުރަމެވެ."
ޒުވާނާ ބުންޏެވެ. "ތިޔަފަދަ ބޭފުޅުންނަށް މަހުމާންދާރީ އަދާކުރާނޭ މިޔަށްވުރެ ރަނގަޅު ތަނެއް ހުރިނަމަ ހާދަހާވާ ރަނގަޅޭ އަޅުގަނޑުގެ ހިތަށް އަރައެވެ."
އެންޖެލާ އެނދުން ތެދުވެގެން އައިސް ރަބީޢާގެ މަގަތުން އިށީނދެއްޖެއެވެ. "ރަބީޢާއެވެ. މިހާރު ހާލު ކިހިނެއް ހެއްޔެވެ؟" އޭނާ ރަބީޢާގެ އަތްތިލައިގައި ފިރުމައިލިއެވެ.
"އަހަރެންގެ ހާލު ރަނގަޅެވެ. ބޮލުގައްޔާއި ފައިގައި އެބަ ރިއްސައެވެ. މަންމަ ކިހިނެއް ހެއްޔެވެ؟"
"މަންމަވެސް ރަނގަޅެވެ."
ޒަޚަމް ވެފައި ތިބި މީހުންނަށް ފަރުވާދޭން އައިސް ހުރި ޑަކްޓަރު ބުނެލިއެވެ. "މާ ގިނައިން ވާހަކަދެއްކުން ރަނގަޅެއް ނޫނެވެ. އަހަރެން ނިދާ ބޭހެއް ދޭނަމެވެ. މީނާއަށް ބޭނުންވަނީ އަރާމެވެ."
ފަހުން އައި ޒުވާނާ އަރަބި ބަހުން ސުވާލުކޮށްލިއެވެ. "މާ ބޮޑު އަނިޔާއެއް ވެފައި ހުރީ ހެއްޔެވެ؟"
ޑަކްޓަރު ޖަވާބުގައި ބުންޏެވެ. "އަދި ދަންނަވާކަށް ނޭނގެއެވެ. ހެނދުނު ބެލީމާ އެނގިދާނެއެވެ. މި ވަގުތު ކުރާނޭ އިތުރު ކަމެއް ނެތެވެ."
އަބޫ ދާވޫދް އަހައިލިއެވެ. "މި ދެމައިން މުޅީން ރަނގަޅު ވާނީ ކިހައި ދުވަހަކުންތޯއެވެ؟"
"މާ ގިނަ ދުވަހެއް ނުވެ ރަނގަޅު ވެދާނެއެވެ. މަނިކުފާނުވެސް އަރާމު ކުރައްވާށެވެ."
(ނުނިމޭ)
Vv.reethi shukuran