ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު މަސައްކަތް ކުރެވޭތީ ވަރަށް އުފާކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނާއިބުރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު މޫސާ މަނިކު (ރީކޯ) ވިދާޅުވެއްޖެއެވެ.
އެނާ އެހެން ވިދާޅުވީ ޕީއެސްއެމް ޗެނަލެއް ކަމަށްވާ ޓީވީއެމްއިން ގެނެސްދިން ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ރައީސް ޔަމީނަކީ ރާއްޖޭގެ ގާނޫނީ ހުކޫމަތު ނަގަހައްޓަވައި އޭގެތެރެއިން ނޫނީ ކަންކަން ކުރައްވާ ބޭފުޅެއް ނޫންކަމަށެވެ.
"ރާއްޖޭގައި ވެރިކަން ކުރެއްވުމަށްޓަކައި ރައީސް ޔާމީން ގާނޫނީ ހުކޫމަތު ބޭނުންކުރައްވާ. ގާނޫނީ ހުކޫމަތުގެ ތެރެއިން ނޫނީ ކަންކަން ނުކުރައްވާ،" މޫސަ ވިދާޅުވިއެވެ. ރައީސް ޔާމީން ކަންކަން ކުރައްވަނީ މަޖިލީހަށް ހުށަހަޅުއްވައިގެން ވިޔަސް އެކަމެއް ގާނޫނީ ހުދޫދުގެ ތެރެއިން ކަމަށްވެސް މޫސަ ވިދާޅުވިއެވެ. މަޖިލީހުގެ ބޭނުމަކީވެސް ގާނޫނުތައް ހެދުން ކަމަށް އޭނާ ވިދާޅުވިއެވެ.
މޫސަ ވިދާޅުވީ ފެބުރުއަރީ 1 ގެ ހުކުމް ތަންފީޒު ކުރެއްވިނަމަ ރައްޔިންގެ މެދުގައި ހަމަނުޖެހުން އުފެދި ލޭއޮހުރުވުމަކަށް ހިނގައިދާނެ ރައީސް ޔާމީން ވިދާޅުވުމަށްފަހު އެކަން އެގޮތަށް ވިޔަނުދީ ކަންކަން އިސްލާހު ކުރައްވައި ހަމައަކަށް އެޅުއްވި ކަމަށެވެ.
ރައީސް ނަޝީދުވެސް ވެރިކަން ދޫކުރެއްވީ އެކަން އެގޮތަށް ނުކޮށްފި ކަމަށްވާނަމަ ރައްޔިތުންގެ މެދުގައި ހަމަނުޖެހުންތަކެއް އުފެދި ލޭއޮހޮރުމަކަށް ހިނގައިދާނެ ކަމަށް ވިދާޅުވެފައި ކަމަށެވެ. އެހެންނަމަވެސް އިސްތިއުފާ ދެއްވައި ޖެހިގެން އައިދުވަހު ހިނގި ކަންތައްތަކުގައި ސީދާ މޫސައަށްވެސް އަނިވި ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވިއެވެ.
"ރައީސުލްޖުމްހޫރިއްޔާ ގާނޫނު އަސާސީ ނެގެހެއްޓުމަށްޓަކައި ދިވެހި ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރުމަށްޓަކައި އެމަނުކުފާނު ކުރައްވަންޖެހޭ ކަމެއް ކުރައްވަން މަޖުބޫރުވާނެ. އެމަނިކުފާނު ކުރައްވާނެ. އަޅުގަނޑު ވަރަށް އުފާކުރަން ރައީސް ޔާމީނާއެކު މަސައްލަތް ކުރެވޭތީ،" މޫސަ ވިދާޅުވިއެވެ.
ގާނޫނު އަސާސީއާއި ރައްޔިތުންގެ ހައްގުތައް ނެގެހެއްޓުމަށް ރައީސް މަސައްކަތް ކުރައްވަމުން ގެންދަވާއިރު އަނެއްކޮޅުން "އަޅުގަނޑުމެންގެ ގައުމުގެ މިނިވަންކަމާއި އިސްތިގުލާލު ގެއްލުވާލަން ބަޔަކު ނުކުމެ ކެނޑިނޭޅި މަސައްކަތް ކުރަމުން އެގެންދަނީ،" މޫސަ ވިދާޅުވިއެވެ.