
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރަށް ވަޑައިގެން އެރަށުގެ ބަނދަރު ހުޅުއްވައިދެއްވައިފިއެވެ.
މިއަދު މެންދުރުފަހު ނޮޅިވަރަންފަރުގައި މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ނޮޅިވަރަންފަރު ބަނދަރު ހުޅުއްވައިދެއްވުމުގެ ގޮތުން ހަނދާނީ ބިނާގެ ފަރުދާ ކައްސަވައިދެއްވައިފައެވެ.
ނޮޅިވަރަންފަރުގައި މިއަދު ހުޅުއްވައިދެއްވި ބަނދަރަކީ 700 ފޫޓު ދިގު 250 ފޫޓު ފުޅާ ބަނދަރެކެވެ.
ރައީސުލްޖުމްހޫރިއްޔާ ތިލަދުންމަތީ ދެކުނުބުރީ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި މި ދަތުރުފުޅުގައި، ކުޅުދުއްފުށީ މަގު ހެދުމުގެ މަޝްރޫޢާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު ނިމުން ފާހަގަކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.