ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްކުރުމުގެ ޤައުމީ މަގުޗާޓު އިފުތިތާހުކޮށްފި

" ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ޝާމިލްކުރުމުގެ ޤައުމީ މަގުޗާޓު" ، ރައީސުލްޖުމުހޫރިއްޔާގެ ނައިބު، އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފު އިފުތިތާހުކޮށްދެއްވައިފިއެވެ.

އެމަނިކުފާނު މި މަގުޗާޓު އިފުތިތާހުކޮށްދެއްވީ މިއަދު ހެނދުނު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމުހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، އިސްލާމްދީނުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާމެދު ޢަމަލު ކުރެއްވުމަށް އަންގަވާފައިވާ ގޮތާބެހޭގޮތުން އަލިއަޅުއްވާލައްވާފައިވެއެވެ. ހަމައެއާއެކު ދީނުގައި އަންގަވާފައިވާ ގޮތަށް، އަދި ކީރިތި ރަސޫލާގެ ސުންނަތުން ސާބިތުވެފައިވާ މިފަދަ ސިފަތައް އަޅުގަނޑުމެންގެ މުޖުތަމަޢުގައި އަށަގެންނެވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވަވާކަމެއްކަން އެމަނިކުފާނު ފާހަގަކުރައްވާފައިވެއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކޮށް، އެމީހުން ބާރުވެރިކުރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސުލްޖުމްހޫރިއްޔާ ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 356 ފަރާތަކަށް ސަރުކާރުގެ އެކި އިދާރާތަކުން ވަޒީފާ ހަމަޖައްސައި ދެވިފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ވަޒީފާގެ މާޙައުލަށް ނުކުތުމަށް ބޭނުންވާ މުހިންމު ހުނަރުތައް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައްވެސް މި ސަރުކާރުން ހިންގާފައިވާކަން ފާހަގަކުރައްވާފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިއަދު އިފުތިތާހުކުރެވިގެންދިޔަ މަގުޗާޓަކީ، ސަރުކާރުން އިސްނަގައިގެން ކުރެވުނު އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ. އަދި މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގައި، ކުރިއަށް އެޅުނު ވަރުގަދަ ތާރީޚީ ފިޔަވަޅެއްކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި އެމަނިކުފާނު ވަނީ ނޭޝަނަލް އެކްޝަން ޕްލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން އެކުލަވާލުމުގެ މަސައްކަތްތައް ފުރިހަމަކަމާއެކު ނިންމަވައި، އިފުތިތާހުކުރުމާ ހަމައަށް މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ނަންފުޅުގަޔާއި، އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި އިޚްލާސްތެރިކަމާއެކު ޝުކުރު އަދާކުރައްވާފައެވެ. އަދި މި މަގުޗާޓު އެކުލަވާލުމުގައި، ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް، (ޔޫ.އެން.ޑީ.ޕީ) އިން ކުރެއްވި މަސައްކަތް ފާހަގަކުރައްވައި، ދިވެހިރާއްޖޭގައި ކުރެވޭ މިފަދަ ގިނަ މަސައްކަތްކުގައި ޔޫ.އެން.ޑީ.ޕީގެ ފަރާތުން މެދުކެނޑުމެއް ނެތި ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަންވެސް، އެމަނިކުފާނު ޝުކުރުވެރިކަމާއެކު ފާހަގަކުރެއްވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.