ބޯކޮށް ވާރޭވެހި، ހދ.ކުޅުދުއްފުށި ސިޓީއާއި ޅ.ނައިފަރު އަދި ހއ.ތަކަންދޫގައި ފެންބޮޑުވެފައިވާތީ، ވެލިބަސްތާ ޖެހުމާއި، ފެންހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑުން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފިއެވެ.
އެގޮތުން ހދ.ކުޅުދުއްފުށީ ސީޓީގައި ކައުންސިލާއި ފުލުހުންނާއި، މޯލްޑިވްސް ރެޑްކްރޮސެންޓާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ 3 ސަރަހައްދެއްގައި ޕަންޕު ޖައްސައިގެން ފެން ހިންދުމުގެ މަސައްކަތްކުރަމުންނެވެ.
މި ވިއްސާރާގައި ޅ.ނައިފަރުގައި ފެންބޮޑުވެގެން ޕަންޕު ބޭނުންކޮށް އެ ރަށުގެ 4 ސަރަހައްދެއްގައި ފެން ހިންދުމުގައި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ ހަރަކާތްތެރިވަމުންނެވެ.
މީގެ އިތުރުން މި ވިއްސާރާގައި ހއ.ތަކަންދޫގައި ވެސް ފެން ބޮޑުވެފައިވާތީ، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކުޅުދުއްފުށި ފަޔަރ ސްޓޭޝަނުގެ ސިފައިން ދަނީ، އެ ރަށަށް ގޮސް އެ ރަށުގެ ކައުންސިލާ ގުޅިގެން ފެންހިންދުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފެންބޮޑުވެފައިވާ ސަރަހައްދުން މޫދަށް ކޯރެއް ކަނޑައި، އިތުރަށް ޕަންޕު ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިންނާއި އޮކްސިލަރީ ފަޔަރ މަނުން ދަނީ ހަރަކާތްތެރިވަމުންނެވެ.
މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރުގެ ގިނަ ރަށްތަކަކަށް ވިއްސާރައިގެ އަސަރު ދަނީ ކުރަމުންނެވެ.
