(15 އޮކްޓޯބަރ 2026 ގައި ޝާއިޢުކުރި ބަޔާގުޅޭ)
ކެފޭ ވިއްކައިލުމަށްޓަކައި ، ނުޢުމާނުގެ ރައްޓެއްސެއްކަމުގައިވާ މުޖީބުﷲ އާ ، ނުޢުމާން ވާހަކަ ދައްކައިފިއެވެ. ކެފޭގެ ހުރިހާ އެއްޗެއް ގަންނަން އޭނާ އެއްބަސް ވެއްޖެއެވެ. އެވާހަކަ އިވުމާއެކީ ރާބިޔާގެ ލޯ ފެންކަޅި ވިއެވެ. އެތަނަކީ ، ލައްކަ ހިތްވަރު ކޮށްގެން ، ވަރަށް ބުރަ މަސައްކަތުން ރާބިޔާ ނަގައި ކޮޅަށްޖެހި ތަނެކެވެ. އެއީ ރާބިޔާފަދަ ފަޤީރުކުއްޖަކަށް ވާވަރުގެވެސް ކަމެއްނޫނެވެ. ނަޞީބު ރަނގަޅުކަމުން ، އެގޮތް މިގޮތަކުން އައިސް އޭނާގެ އަތުގައި އެ ނަޞީބު ހިފީއެވެ. އެންމެ ފުރަތަމަ ފެށުނީއްސުރެ ، އެ ކުޑަކުޑަ ކެފޭއަކީ ، ފުރިހަމަ ރެސްޓޯރެންޓަކަށް ބަދަލު ކުރުމުގެ ހުވަފެން ، ރާބިޔާ އައީ ދެކެމުންނެވެ. ކެފޭގެ ވިޔަފާރި ކާމިޔާބުވެ އަތްމަތި ތަނަވަސްވެއްޖިއްޔާ ، އިސްލާމްއާބާދުގެ ރަނގަޅު ކޮލެޖަކުން ކައްކާ ކޯހެއް ހަދައިގެން ތަންކޮޅެއް ރަނގަޅަށް އެ ވިޔަފާރި ހިންގުމަކީ ، ރާބިޔާގެ އުއްމީދެކެވެ. އެހުރިހާކަމެއް މިހާރު އެއޮތީ ބަދަލުވެ އެކޮޅުކޮޅުން ޖެހިފައެވެ. އެންމެ ދެރަވެގެން އެހިންގާ ކެފޭގަނޑުވެސް އަދި އެއުޅެނީ ހަމަޔަކަށް ނޭޅިގެންނެވެ. މިހާރު އެހިސާބުން އެއޮތީ ކެފޭ ބަންދުކުރަން ޖެހިފައެވެ.
ކޮންމެ ކަމެއްވެސް ﷲ ނިންމަވާނީ އެންމެ ރަނގަޅުގޮތަށްކަމުގައި ޤަބޫލުކުރުމަށް ނުޢުމާން ، ރާބިޔާއަށް ނަޞޭޙަތްތެރި ވިއެވެ. މިހާރު އެކުރިމަތިވި ކަންކަމަކީ ، އެކަމުގައިވެސް ކޮންމެވެސް ރަނގަޅެއް އޮވެގެން ރަނގަޅަކަށްވީ ގޮތެއްކަމަށް ވެދާނެއެވެ.
އެހިސާބުން ރާބިޔާއަށް ރީތިކޮށް ރޮވުނެވެ. އެ ކެފޭއަކީ އޭނާއަށް ނުވާފަދަ މަސައްކަތެކެވެ. އޭގެ އިތުރަށް ކެފޭއާ ޖެހިގެން އޮތް ބަގީޗާއަކީ ، ކެފޭއަށް ބޭނުންވާ މޭވާއާއި ތަރުކާރީ އުފައްދާ ތަނަވަސް ބިމެކެވެ. އެއީ ވަރަށް ފުރިހަމަޔަށް އޭނާއަށް ރާވައި އިންތިޒާމް ކުރެވުނު މަސައްކަތެކެވެ. މީހުންވެސް އެކަން ބަލައިގަނެ ، ރާބިޔާއަށް ތަޢުރީފުކޮށް ، އުޅޭ ކަމެކެވެ. އާދަކޮށް އެ ކެފޭއަށް ޒިޔާރަތްކޮށް ، ރާބިޔާގެ އަތުންހަދާ ހެދިކާއާއި ކާތަކެތި މީރުވެގެން ކައިއުޅޭ އެތައް ބަޔަކު މިހާރު އެބަ ތިއްބެވެ. އެ ހުރިހާކަމެއް ރާބިޔާއާ އެ ވަކިވަނީއެވެ. އެހުރިހާކަމެއް އެ މެދުވެރިވީ ޖާވީދާ ހުރެއެވެ. ޖާވީދު އޭނާއާ އަޅައި ނުގަތްނަމަ ހުރިހާ ކަމެއްވެސް ދިޔައީހީ އެންމެ ރަނގަޅަށެވެ.
މާދަމާއަކީ ، ދައްތަގެ ކައިވެނީގެ ދުވަސްކަމުގައި ، ތޮއްޔިބު ، ރާބިޔާއަށް ހަނދާން ކޮށްދިނެވެ. އޭރަށް ، ބޮޑުބޭބެއާއި ތޮއްޔިބާ ދެބެން ދާނީ ކަޝްމީރަށެވެ. އެތން މީހުން އެކަކުއަނެކަކަށް ވަކިވެ ނުފެންނަ ހިސާބަށް ދާނެކަމަށް ތޮއްޔިބު ބުންޏެވެ. އަދި ތޮއްޔިބުވެސް ރޯން ފެއްޓިއެވެ. މަންމަ ނިޔާވީއްސުރެ ދައްތަޔާ ވަކިން ތޮއްޔިބު އުޅެފައެއް ނެތެވެ. އެންމެންނަށް އެކުގައި ތިބެވޭނެ އެއީ އެންމެ ފަހު ދުވަހެވެ. އޭރު ތޮއްޔިބުހުރީ ، ކަރުދާސް ފޮށިގަނޑެއް ކަފާލައި އޭގެ ބޮޑުކޮށް އޮތްބައިގައި ބޮޑު އަކުރުން " ބަންދު " ޖަހައި ފަވައިގެންނެވެ. އެދުވަހުގެ އިރު އޮއްސުމާއެކީ އެ ބަންދުބޯޑު އެތަނުގައި ހަރުކުރެވޭނެއެވެ.
ރާބިޔާއާ އޭނާ ކައިވެނިކުރަން އުޅޭވާހަކަ މުދައްސިރު ފޯނުން ގުޅައި ޙިޖާޒީއަށްވެސް އެންގިއެވެ. ޙިޖާޒީވެސް އެއްދުވަހަކު ، މުދައްސިރާއެކީ ، ރާބިޔާ ކެފޭއަށް ދިޔައެވެ. އެހެންކަމުން ، މުދައްސިރު ކައިވެނިކުރާ ކުއްޖާގެ ވާހަކަ މާގިނައިރު ކިޔައިދޭކަށް ނުޖެހުނެވެ. ކެފޭހިންގާ ކުއްޖާއޭ ބުނިހިސާބުން ޙިޖާޒީއަށް އެއީ ކޮން ކުއްޖެއްކަން ވަކިކުރަން އެނގުނެވެ.
އެހާ އަވަހަށް މުދައްސިރު އެކުއްޖާޔާ ކައިވެނި ކުރާވާހަކަ ބުނީމަ ، ޙިޖާޒީ މަލާމާތް ކުރިއެވެ.
" އެއްދުވަހު އެ ކެފޭއަށް ސައިބޯލަން ދެވުނީމަ އެ ކުއްޖާއާ އަޅައިގަތީއެވެ. ދެވަނަޔަށް ވީދުވަހު ލޯބި ވެވުނީއެވެ. ތިންވަނަ ދުވަހު ކައިވެންޏެވެ. ހާދަ އަވަސް މަގަކުން ކުރެވޭ ކައިވެންޏެވެ. " ޙިޖާޒީ މަލާމާތް ކޮށްގަތެވެ.
އެކަން ދިމާވިގޮތުން ، ޙިޖާޒީގެ މަލާމާތް ހުއްޓުވޭނެ ޙުއްޖަތެއް މުދައްސިރަށް ދެއްކޭކަށް ނެތެވެ. ކިތަންމެ މަލާމާތެއް ކުރިޔަސް ، ޙިޖާޒީ ގަޑިޔަށް އައުމަށް މުދައްސިރު އެދުނެވެ. ޙިޖާޒީއާއި މުދައްސިރަކީ ، އިސްލާމްއާބާދުގައި ދެމީހުން ކިޔަވަން އުޅުނު އިރުއްސުރެ ފެށިގެން ގާތްގުޅުމެއް ބާއްވަމުން ގެންދާ ދެ ރައްޓެހިންނެވެ. ދެމީހުންވެސް ކިޔެވީ ސިވިލް އިންޖިނިއަރިންގ އެވެ.
ޝޭރުދިލްއަށް ޒަހަރުދީގެން އޭނާ މަރައިލަން ބަޔަކު މަސައްކަތްކުރިކަން އެންމެންނަށްވެސް އޮތީ އެނގިފައެވެ. އެކަން ނޭނގެނީ ހަމައެކަނި ، މަންމަ ބީބީޖާނަށެވެ. އެކަމަކު އެކަންވީ ދޮގަކަށެވެ. ޝޭރުދިލްއަށް ހީވެފައި އޮތްގޮތުގައި އޭނާ އިސްލަމްއާބާދަށް ދަނީ ރައްޓެއްސަކަށް ޒިޔާރަތްކޮށްލުމަށް ކަމަށް މަންމަ ގާތުގައި ބުނެފައި އޮތަސް ، އެ ދަތުރުގެ އަސްލު މަޤްޞަދު މަންމަޔަށް އޮތީ އެނގިފައެވެ. އޭނާ މަރައިލަން ލާ ކުޑަ ޒަހަރު ފޮދަކުން ، އޭނާއަށް ގެއްލުމެއް ނުލިބޭނެކަމަށާއި މަންމަގެ ހެޔޮ ދުޢާޔާއެކީ އޭނާ ރަނގަޅުވެގެން ، ލަހެއްނުވެ އަންނާނެކަމަށް ޝޭރުދިލް ބުންޏެވެ.
ޝޭރުދިލްއަށް ޒަހަރުދޭނީ ކާކުތޯ މަންމަ ކުރި ސުއާލަށް ޝޭރުދިލް ޖަވާބު ދޭކަށް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް މަންމަ ކުރުނުކުރީމަ ، އެފަދަ ކަމެއް ކުރިޔަސް ކުރާނީ ، ޖާވީދުކަމަށް ޝޭރުދިލް ބުންޏެވެ.
އޭރު ހަމަ އެގަޑީގައި ، ޖާވީދުވެސް އޭނާގެ އަޢުވާނުންނާ ބައްދަލު ކުރަމުން ގެންދިޔައެވެ. ޝޭރުދިލް އިސްލާމްއާބާދަށް މާދަމާ ދާ ވާހަކަޔާއި ، އެމީހުން ދަތުރުކުރާނީ ، ޖާވީދުގެ ބޮޑުބޭބެގެ ބިމުންލާފައިކަމުގައި ޖާވީދު ބުންޏެވެ. ޖާވީދު ، އޭނާގެ މީހުންނަށް އެންގީ ، ޝޭރުދިލް އެބިމަށް ވަނަ ދިނުމަށާއި ވަނުމަށްފަހު ނުކުމެގެން ދިއުމަކީ އޭނާ ހުއްދަ ކުރާނެކަމެއް ނޫންކަމުގައެވެ. ޖާވީދު އޭނާގެ މީހުންނާ ބައްދަލު ކުރިއިރު ، އޭނާގެ ބޮޑުބޭބެ ޒަފްރާން ޚާން ، ސިއްރިޔާތުގައި އެ ވާހަކަތައް އަޑުއަހަމުން ގެންދިޔައެވެ. ޝޭރުދިލްގެ ބައްޕަގެ ކިބައިން ބަދަލު ހިފުމަށްޓަކައި ޒަފްރާންޚާން މިހާރު ތައްޔާރު ކޮށްފައި އެހުރީ ޖާވީދެވެ. ޖާވީދުގެ ސިކުނޑި ، ޝޭރުދިލްމެންގެ ޢާއިލާގެ މައްޗަށް ނުރުހުންތެރިކަމުން ބަންޑުން ދާވަރަށް ، ޒަފްރާން ޚާން އެހުރީ ޖާވީދުގެ ސިކުނޑިޔާ ކުޅެލާފައެވެ.
ޖާވީދު ރޭވިގޮތަށް ޝޭރުދިލްއާއި އޭނާގެ އަނބިމީހާ އަދި އޭނާގެ ހަށިފާރަވެރިންގެ އެންމެންނަށް ޙަމާލީ މަރައިލިއެވެ. ޒަފްރާންޚާނަށް އެ ޚަބަރު ލިބުމާއެކީ ، އޭނާގެ އަޢުވާނުން އެއްކޮށްގެން އުފާފާޅު ކުރަމުން ގެންދިޔައެވެ. ޙިޖާޒީއަށް އެ ހިތާމަވެރި ޚަބަރު ލިބުނީ ، މުދައްސިރުގެ ކައިވެނީގެ ރަސްމިއްޔާތަށް ދާން ގެއިން ނުކުމެ ނުކުމެ އޮއްވައެވެ. އެހެންކަމުން މަންމަޔަށްވެސް އެ ޚަބަރުނުދީ ، ޙިޖާޒީ ދިޔައީ ބޭބެމެންނަށް ޙަމަލާދިން ސަރަޙައްދަށެވެ.
ޙިޖާޒީ އަންނަންދެން ކުޑަކޮށް ލަސްކޮށްލުމަށްފަހު ، މާގިނައިރު ކުރެވެން ނެތުމާއެކީ ، މުދައްސިރާއި ރާބިޔާގެ ކައިވެނި ކުރެވުނެވެ. މުދައްސިރުގެ ދައްތައާއި ޅިޔަނާއަދި ދައްތަގެ ދަރިފުޅުވެސް މުދައްސިރާއެކީ އެ ރަސްމިއްޔާތަށް ކަރާޗީއަށް އައެވެ. އެމީހުންނަށް ކަރާޗީއަށް އާދެވުމާއެކީ އެއަރޕޯޓުންވަކި ހިސާބަކުން މުދައްސިރާ ބައްދަލުކޮށް ، ރާބިޔާމެންގެ ގެޔަށް އައީއެވެ. އޭރު ޙިޖާޒީހުރީ ބޭބެގެ ޢާއިލާއާއި ހަށިފާރަވެރިންނާއެކީ ، މުޅި ގްރޫޕް އެއްކޮށް ، ޖާވީދުގެ މީހުން ބަޑިން ޙަމަލާދިނުމާއެކީ ޖީޕް ފުރޮޅާލައި ގޮވުމުގެ ސަބަބުން މަރުވި ސަރަޙައްދަށް ގޮސް ، ސަންދޯކަށް ލެވިފައިވާ ގަބުރުތަކުގެ ކުރިމަތީގައެވެ. ޒަފްރާން ޚާން އާއި އޭނާގެ އަޢުވާނުންނަށް ލިބުނު އުފަލުގައި ، ނަށައި އުފާ ފާޅުކުރަނީއެވެ. މުދައްސިރާއި ރާބިޔާގެ ކައިވެނި ކުރެވި އެކަމުގެ އުފާ ފާޅު ކުރެވެމުން ދަނީއެވެ.
މުދައްސިރު ނިޔާވުމާ ގުޅިގެން އެ ޤަބީލާގެ ސަރުދާރުގެ މަޤާމު ހުސްވީއެވެ. ދެން އެ މަޤާމަށް އަންނާނެކަމަށް ، ޖާވީދާއި ޒަފްރާން ޚާން ބަލަމުން އަންނަނީ ޖާވީދެވެ. އޭރަށް ދެކޮޅުވެރި ދެ ޤަބީލާގެ ވެރިކަން ޒަފްރާން ޚާންގެ އަތްމައްޗަށް އައީއެވެ. ޚާން ސާހަބު ނިޔާވީއްސުރެ ، ޒަފްރާން ޚާން ދެކެމުން އަންނަ ހުވަފެނަކީ އެއީއެވެ.
އެހެންނަމަވެސް ، ޤަބީލާގެ އިސްވެރިންގެ މެދުގައި މަޝްވަރާކޮށް ، އެ ޤަބީލާގެ ސަރުދާރުގެ މަޤާމަށް ޢައްޔަންކުރީ ޙިޖާޒީއެވެ. އޭގެ ކުރިން ، ޙިޖާޒީއާއި އެ ޢާއިލާގައި ދެންހުރި ފިރިހެންކުއްޖާއާ ދެމީހުންގެ ކިބައިން ބީބީޖާންވަނީ ހުވައެއް ޤާއިމް ކޮށްފައެވެ. އެއީ ، އޭނާގެ ދަރިފުޅު ޝޭރުދިލްގެ ދެމަފިރިން ވަޅުލުމުގެ ކުރިން ، ޖާވީދުގެ ބޯ ކަނޑައިގެން އޭނާއަށް ގެނެސް ދިނުމަށެވެ. އެކަން ކުރުވުމަށް ބީބީޖާން ، އޭނާގެ ދެ ފިރިހެންދަރިންގެ ކިބައިން ވަޢުދު ކުރުވިއެވެ.
ޢާންމު ގޮތެއްގައި ، ޕާކިސްތާނުގެ ޤަބީލާ ދިރިއުޅުމުގައި ކައިވެނިވާ ރޭ ، އަންހެންކުއްޖާއަށް ފިރިމީހާގެ ފަރާތުން އަގުހުރި ރަނާއި ޖަވާހިރުގެ ހަދިޔާ ދެވެއެވެ. އެހެނަސް ، މުދައްސިރު ކައިވެނިކުރީ ، އަގުބޮޑު ގަހަނާއާއި ޖަވާހިރަށް ޝަޢުޤު ހުންނަ އަންހެންކުއްޖަކާ ނޫންކަމަށް އޭނާއަށް ޤަބޫލު ކުރެވުނެވެ. މުދައްސިރުގެ ހަދިޔާ ބަދަލުކޮށްލީ ، އޭނާގެ އަންހެނުން ގަވާވާނެކަމަށް ފެންނަ އެހެން އެއްޗަކަށެވެ. އެއީ އެންމެ ފަހުގެ ލެޕްޓޮޕެކެވެ. ކެފޭގައި ކާ އެއްޗެތި ތައްޔާރު ކުރާއިރު ، ރާބިޔާގެންގުޅޭ ލެޕްޓޮޕް ހުޅުވައިގެން ރެސިޕީއަށް ބަލައިގެން އެއްޗެތި ތައްޔާރު ކުރާތަން މުދައްސިރަށް އޮތީ ފެނިފައެވެ. އެ ލެޕްޓޮޕަކީ ، ރާވަލްޕިންޑީގައި ހުންނަ އައިޓީ ފިހާރަޔަކަށް ، ތޮއްޔިބާ އެއްކޮށް ގޮސް ، ރާބިޔާ ގަތް ލެޕްޓޮޕެކެވެ. އެއީ ވަރަށް އާދައިގެ ސެކަންޑް ހޭންޑް ދެރަ ލެޕްޓޮޕެކެވެ. މިރޭ ރާބިޔާއަށް އެ ލިބުނީ ، އެންމެ ފަހުގެ މޮޅު ލެޕްޓޮޕެކެވެ. ރާބިޔާ އިނީ އުފަލުން ފޮޅިފައެވެ.
މުދައްސިރުގެ އެ ކައިވެންޏަކީ އޭނާގެ ހުރިހާ ރައްޓެހިންނަށްވެސް ލިބުނު ޝޮކެކެވެ. އެކަމަކު ، މުދައްސިރަށް އެއީ ކުއްލި ކަމެއްނޫނެވެ. އެންމެ ފުރަތަމަ ފަހަރަށް މުދައްސިރަށް ރާބިޔާ ފެނުނު ވަގުތުވެސް ، އޭނާގެ ހިތަށް ޖަޒުބާތީ އަސަރުތަކެއް ކުރުވިއެވެ. ޚާއްޞަކަމެއް ދެވުނެވެ. އެ ލިބުނު ޖަޒުބާތުން ނެއްޓި ގަތުމަށް މުދައްސިރު މަސައްކަތްވެސް ކުރިއެވެ. އެކަމަކު މުދައްސިރުގެ ހިތް އެކަމަކަށް އެއްބަހެއް ނުވިއެވެ. ހިސާބަށްވުރެ ބޮޑަށް އުނދަގޫ ކުރަމުން ގޮސް ، ރާބިޔާގެ ލޯބި އެހިތަށް ވެއްދިއެވެ. ރާބިޔާ ދެކެން ބޭނުންވިއެވެ. ހުސް ވަގުތެއް ލިބޭއިރަށް އެ ކެފޭއަށް ދާން ބޭނުންވިއެވެ. ޙިޖާޒީވެސް ބުނި ގޮތުގައި އެމީހުންގެ ކައިވެނީގެ ސްޕީޑް އެހުރީ ޖަޕާނުގެ ބްލެޓް ޓްރޭންގެ ދުވެލީގައެވެ. އެއްވެސް ޝަރުތެއް ނެތިއެވެ. ވަގުތަށް ގޮން ޖަހަމުންނެވެ. ކައިވެންޏަށް ހުށަހެޅުނުތާ ތިންވަނަ ދުވަހަކީ ، އެ ކައިވެނި ކުރެވިގެން ، މުދައްސިރުގެ ގެޔަށް ރާބިޔާ އައި ދުވަހެވެ.
މުދައްސިރުގެ ހަދިޔާއަކީ ، ރާބިޔާއަށް ވަރަށް ކަމުދިޔަ އެއްޗެކެވެ. އެއީ ، އޭނާއަށް ދުވަހަކުވެސް ނުލިބޭނެފަދަ އަގުބޮޑު ހަދިޔާއެކެވެ. އެފަދަ ހަދިޔާއަކުން އޭނާގެ ހިތް އުފަލުން ފުރުވައިލަ ދިނީތީ ، ރާބިޔާ ، މުދައްސިރަށް ޝުކުރު އަދާކުރިއެވެ. މުދައްސިރު ބުނިގޮތުގައި އެދެމީހުންގެ ކައިވެންޏަށްވުރެ ޙަލާލުގޮތުގައި ކުރެވުނު ކައިވެންޏެއް މި ދުނިޔެ މައްޗަކުން ނުފެންނާނެއެވެ. މުދައްސިރު އޭނާގެ ދުލުން ، ރާބިޔާދެކެ ލޯބިވާ ވާހަކަވެސް ބުނެލީ ކައިވެނީގެ ފަހުންނެވެ. އެހެން މީހުން ކައިވެނި ކުރާއިރު ، ލޯބިވާ ވާހަކަ ބުނަމުންގޮސް ، ރަންކިޔާ ހިސާބަށްދާއިރު ، ލޯބިވާ ވާހަކަ ބުނާ ހަނދާނެއްވެސް ނުހުންނާނެއެވެ. އެބަސް ވެފައި އޮންނާނީ އެހާ ޢާންމު ބަހަކަށެވެ. ހިތުގެ ޖަޒުބާތު އޮންނާނީ އެބަހުން ފިލާފައެވެ. އެހެން ބުނެލުމަކުން އެއްވެސް އަސަރެއް ނުހުންނާނެއެވެ. ދެވަނަ ފަހަރަށް އަޑުއިވޭކަށް ބޭނުމެއްވެސް ނުވާނެއެވެ.
އެކަމަކު މުދައްސިރާއި ރާބިޔާގެ ލޯބި އެއާ ތަފާތެވެ. މުދައްސިރު ވަރަށް ލޯބިން ، ރާބިޔާގެ ލޮލަށް ބަލަހައްޓައިގެން އިނދެ ފުރަތަމަ ފަހަރަށް ، ރާބިޔާދެކެ އޭނާ އިންތިހާއަށް ލޯބިވާ ވާހަކަ ބުންޏެވެ. ހިތުގެ އެންމެ ފުންމިނުން އުފެދިފައިވާ ލޯބީގެ ޖަޒުބާތުން ، ރާބިޔާދެކެ މުދައްސިރު ލޯބިވާކަމުގައި ބުންޏެވެ. އަދި ، އަބަދުވެސް އޭނާގެ ލޯބި އެގޮތުގައި ބަދަލެއް ނައިސް އޮންނާނެކަމުގެ ޔަޤީންކަން މުދައްސިރު ދިނެވެ. މުދައްސިރާ ދިމާލަށް ބަލަހައްޓައިގެން އަނގައިން ބުނަން ނޭނގިފައި ރާބިޔާ އިނެވެ. މުދައްސިރުގެ ބަސްތަކަކީ ، އެހާ ލޯބިން އެއްވެސް އިންސާނަކު ބުނިއަޑު ރާބިޔާއަށް އިވިފައިވާ ބަސްތަކެއް ނޫނެވެ. އެ ބަސްތަކަށް އޭނާ ރައްދު ދޭނެގޮތެއްވެސް ރާބިޔާއަކަށް ނޭނގެއެވެ. އަދި ، ބަދަލުގައި ބުނާނީ ކީކޭކަމެއް ، މުދައްސރަށް ޖަވާބު ދޭނީ ކޮން ގޮތަކަށްކަމެއް ރާބިޔާއަކަށް ނޭނގެއެވެ. މުދައްސިރުގެ މޫނަށް ބަލަހައްޓައިގެން ޙައިރާންވެފައި އިނދެވުނީއެވެ.
ޒަފްރާން ޚާނަށް ލިބިފައި އޮތް ކާމިޔާބީގައި ގޭގައި އޮވެގެން ފޮނި ހުވަފެންތައް ދެކެމުން ދިޔައެވެ. ޒަފްރާން ޚާން ބުނާގޮތުގައި އެ ޤަބީލާގެ ސަރުދާރުކަން ލިބެންޖެހޭނީ ޖާވީދަށެވެ. އޭރަށް މުޅި އެސަހަރު އެއްކޮށް އެމީހުންގެ އަތްދަށަށް އައީއެވެ. ދަނޑުބިމާއި ޤުދުރަތީ އެތައް ވަޞީލަތެއް އަތްމަތިވާނެއެވެ. އެކަމަކު އެހެންނެއް ނުވިއެވެ. ޝޭރުދިލް ނިޔާވުމުން ސަރުދާރުކަން އެދިނީ ޙިޖާޒީއަށެވެ. އެވާހަކަވެސް ޒަފުރާން ޚާނަށާއި ޖާވީދާ ހަމަޔަށް ފޯރައިފިއެވެ. އޭނާގެ ބޭބެގެ މަރުގެ ބަދަލު ހިފަން ޙިޖާޒީ ކުރި ހުވާގެ ވާހަކަވެސް އެދެމީހުންނާ ހަމަޔަށް އޮތީ ފޯރާފައެވެ. ޖާވީދުގެ ހަށިފާރަވެރިންވެސް އިތުރު ކުރެވުނެވެ.
އަނެއްދުވަހުގެ ހެނދުނުގެ ނާސްތާގެ ގަޑީގައި މުދައްސިރުގެ ދައްތައާއި މުދައްސިރާ އަދި ރާބިޔާއާ ތިންމީހުން ، ކާމޭޒު ދޮށުގައި ތިއްބެވެ. މުދައްސިރުގެ ދައްތަ އެއަރޕޯޓަށް ލައިދޭން އޭނާ ދާންޖެހެއެވެ. އެހެންތިއްބާ ޙިޖާޒީގެ ބޭބެ ޝޭރުދިލްގެ ދެމަފިރިން ޤަތުލުކުރި ވާހަކަ ، މުދައްސިރުގެ ރައްޓެއްސަކު ފޯނުކޮށްފައި ބުންޏެވެ. އެ ޚަބަރު ލިބުމާއެކީ ، ރާބިޔާއަށްވެސް ލިބުނީ ޝޮކެކެވެ. ޙިޖާޒީއަށް މުދައްސިރުގެ ކައިވެންޏަށް ނާދެވުނު ސަބަބަކީވެސް އެއީއެވެ. އަދި ، ފޯނުންވެސް މުދައްސިރާ ނުގުޅުނީ އެހެންވެއެވެ. އެކަމާ މުދައްސިރުހުރީ ވަރަށް ކަން ބޮޑުވެފައެވެ. ދައްތަ އެއަރޕޯޓަށް ލާފައި އޭނާ ދާނީ ޙިޖާޒީގާތަށް ކަމުގައި ބުނެ ، ވަގުތުން މުދައްސިރު ނައްޓައިލިއެވެ.
ޙިޖާޒީއާ ބައްދަލުކުރުމަށްގޮސް އެގޭގައި އުޅެފައި މުދައްސިރަށް ގެޔަށް އާދެވުނީ އިރުއޮއްސުނު ފަހުންނެވެ. އޭރު ، ރާބިޔާހުރީ ހެނދުނު ސައިބުއިގޮތަށް ، މެންދުރުވެސް ނުކައެވެ. ރާބިޔާއަކީ ކައްކާ ކުއްޖެއްކަމަށްވާތީ ، އެރޭ ، ރާބިޔާލައްވާ ކެއްކުމުގެ ބަދަލުގައި އިސްލާމްއާބާދުގެ ކާބޯތަކެތީގެ ރަހަ ދައްކައިލުމަށް ރެސްޓޯރެންޓަކަށް ގޮސް ، ކައިލުމަށް މުދައްސިރު ނިންމިއެވެ.
އެމީހުން ދިޔައީ ، އިސްލާމްއާބާދުގައި ހުންނަ އެންމެ މަޝްހޫރު އެއް ރެސްޓޯރެންޓަށެވެ. މެނޫ ގެނައިމަ އެތާހުންނަނީ ކޮން އެއްޗެއްތޯ ރާބިޔާ ބަލައިލިއެވެ. ކުއްލިޔަކަށް ރަބިޔާއަށް ކޮޅަށް ތެދުވެވުނެވެ. ދެލޯ ބޮޑުވެފައިހުރެ ކިހިނެއްވީތޯ މުދައްސިރު ސުއާލު ކުރިއެވެ. އިތުރު ވާހަކައެއް ނުދައްކާ ރާބިޔާ އެދުނީ އެތަނުން ނުކުމެގެން ދާށެވެ. ވެގެން އުޅެނީ ކީއްކަން މުދައްސިރަށް އެނގުނީ މެނޫގެ އަގުތަކަށް އިޝާރާތް ކޮށްލާފަ ، މިމީހުންނަކީ މީހުން ލޫޓުވާ ބަޔެއްކަމަށް ރާބިޔާ ބުނީމައެވެ. ފަންސާސް ރުފިޔާއަށް ރާބިޔާ ކެފޭގަ ވިއްކާ ކޮފީތަށި އެތަނުގައި ހުރީ ފަސް ސަތޭކަ ރުފިޔާ އަށެވެ. ތަންފުކެއް ބޮޑުވަރެއް ނޫން ހެއްޔެވެ ؟ މުދައްސިރު ގާތަށް ހިނި އައިމަ ރާބިޔާ ހީކުރީ ، އޭނާގެ ފިރިމީހާ އޭނާއަށް މަލާމާތް ކުރަނީ ކަމަށެވެ. ( ނުނިމޭ )

Mi vaahaka hafthaayaku dhe partt nere bola