ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލެ ސަރަޙައްދުން ދޫކުރާ ބިމާއި ފުލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލި ފުރުސަތުގައި މިހާތަނަށް 518 އެޕްލިކޭޝަން ހުށަހަޅައިފިއެވެ.
ފާއިތުވި 24 ގަޑިއިރު ތެރޭގައި ބިމާއި ފުލެޓަށް އެދި ޖުމްލަ 518 އެޕްލިކޭޝަން ހުށަހަޅާފައިވާއިރު، އޭގެތެރޭގައި ހިމެނެނީ ފުލެޓަށް އެދި ހުށަހެޅި 399 އެޕްލިކޭޝަނާއި ބިމަށް އެދި ހުށަހެޅި 119 އެޕްލިކޭޝަނެވެ. އަދި ޑްރާފްޓް މަރުހަލާގައި 3،836 އެޕްލިކޭޝަން ހުރިކަން ފާހަގަކުރެވެއެވެ.
"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން 1250 އަކަފޫޓުގެ 15,000 (ފަނަރަ ހާސް) ގޯއްޗާއި 7900 (ހަތް ހާސް ނުވަ ސަތޭކަ) ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ގޯއްޗާއި ފްލެޓަށް އެދި އެޕްލިކޭޝަން ހުށަހަޅުއްވާނީ މިނިސްޓްރީގެ ޕޯޓަލް (https://boahiyaavahikan.housing.gov.mv) މެދުވެރިކޮށެވެ.
"އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ދޫކުރާ ބިމާއި ފުލެޓަށް އެދި ހުށަހެޅުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ހުޅުވާލާފައިވަނީ އިއްޔެ ހެނދުނު 9:00 ގައެވެ. މި ޕްރޮގްރާމުގެ ދަށުން ދޫކުރާ ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 04 މާރިޗު 2026 ވާ ބުދަ ދުވަހުގެ 23:59 އެވެ. އަދި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ 17 އޭޕްރިލް 2026 ވާ ހުކުރު ދުވަހުގެ 23:59 އެވެ.
މިކަމާ ގުޅޭ އިތުރު މަޢުލޫމާތު މިނިސްޓްރީގެ ހޮޓްލައިން ނަންބަރު، 4004-860, 4004-861, 4004,862, 4004-863, 4004-864, 4004-865 ނުވަތަ މިނިސްޓްރީގެ އީމެއިލް (hotline@infrastructure.gov.mv) މެދުވެރިކޮށް ލިބޭނެއެވެ.
