ތައިލޭންޑުގެ ބޮޑުވަޒީރަށް، ރައީސުލްޖުމްހޫރިއްޔާ، ތަޢުޒިޔާ ފޮނުއްވައިފި

ތައިލޭންޑުގެ ނާކޯން ރާޗަސީމާ ޕްރޮވިންސްގެ ސީކިއޫ ޑިސްޓްރިކްޓްގައި ހިނގި ހިތާމަވެރި ރޭލު އެކްސިޑެންޓާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އެޤައުމުގެ ބޮޑުވަޒީރު، ހިޒް އެކްސަލަންސީ އަނޫޓީން ޗަރްވިރަކޫލްއަށް ތަޢުޒިޔާ ވިދާޅުވެ، މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، އެތައް ފުރާނައެއް ގެއްލި، ގިނަ ބަޔަކު ޒަޚަމްވި މި އެކްސިޑެންޓާ ގުޅިގެން ނުހަނު ފުން ހިތާމަ ލިބިވަޑައިގެންނެވިކަން ހާމަކުރައްވައި، ތައިލެންޑް ސަރުކާރަށާއި، މި ހާދިޘާގެ ސަބަބުން ހިތްދަތިކަން ތަޙައްމަލުކުރަމުންދާ އާއިލާތަކަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ތަޢުޒިޔާ ވިދާޅުވިއެވެ.

އަދި މި ހާދިޘާގައި ޒަޚަމްވި މީހުންނަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން، މީހުން ހޯދައި ސަލާމަތްކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަންތައް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވިއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.