(27 މާރިޗު 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އެންޖެލާއާއި ރަބީޢާގެ ބައްޕަ
(1)
މީލާދީން 1491 ވަނަ އަހަރުގެ އޭޕްރީލުމަހުގެ ތެރޭގައި ފެރްނާންދޯ އޭނާގެ ވަރުގަދަ ފައުޖީ ބާރާއެކު ގްރަނާދާއަށް ހަމަލަދީފިއެވެ. ރަސްގެފާނާއި ރާނީއާއި އަންދަލުސްގެ ހުރިހައި ނައިޓުން އައީ ގްރަނާދާ ފަތަހަ ނުކުރެވެނީސް އެނބުރި ނުދާން ހުވައިކޮށްގެންނެވެ. ބާޒުގެ ވާދީއާއި އަލްޕުހަރާގެ މުޖާހިދުން އެބަޔަކު އެ ތިބި ތަނެއްގައި ހިފަހައްޓައިފައި ބައިތިއްބުމުގެ ބޭނުމުގައި ފެރްނާންދޯ ޚާއްސަ ލަޝްކަރެއް ފޮނުވައިފިއެވެ. ގްރަނާދާގެ ލަޝްކަރުގެ ކޮމާންޑަރަކަށް ހުންނެވީ މޫސާއެވެ. ގްރަނާދާގައި ވަރަށް ގިނަ އަދަދަކަށް މުނާފިގުން މަސައްކަތް ކުރަމުން ގެންދިޔަ ނަމަވެސް ރައްޔިތުންގެ ގިނަ މީހުން ތިބީ މޫސަގެ އެންގެވުމަކަށް ފުރާނަ ދުއްވައިލާންވެސް ތައްޔާރަށެވެ.
ފެރްނާންދޯ އޭނާގެ ނާކާމިޔާބީން ފިލާވަޅު ލިބިގެންފިއެވެ. މި ވަގުތު އެކަށީގެންވާ ވަރުގެ ބާރެއް ލިބިފައި އޮތް ކަމުގައި ވިޔަސް އޭނާ ކުއްލިއަކަށް ގޮސް ވަރުގަދަ ހަމަލައެއް ނުދިނެވެ. އޭގެ ބަދަލުގައި ތަންކޮޅެއް ދުރުގައި ޖާގަޖަހައިގެން ތިބެ ކައިރީގައި ހުރި އަވަށްއަވަށަށް ހަމަލަދެމުން ގެންދިޔައީއެވެ. އެބައިމީހުން ގެންދިޔައީ ތިން ދިމާއަކުން ގްރަނާދާގައި ހުޅުޖަހައި ދަނޑުފަނގު ހަލާކު ކުރަމުންނެވެ. ގިނަ ދުވަހު ހިސާރުކޮށްގެން ތިބުމުގެ ސަބަބުން ދިމާވާ ތަދުމަޑުކަމުގެ ސަބަބުން ގްރަނާދާގެ ރައްޔިތުން ހަތިޔާރު ބަހައްޓާން މަޖުބޫރުވާނޭކަމުގެ ޔަގީންކަން ފެރްނާންދޯއަށް އޮތެވެ. އެހެންވީމާ އޭނާ ގެންދިޔައީ ރަށްބޭރުގައި ހުރި އަވަށްތަކުގެ ދަނޑުތައް ހަލާކުކުރަމުން ދަނޑުވެރިން ރަށުތެރެއަށް ވަންނާން މަޖުބޫރުވާނޭ ހާލަތްތައް މެދުވެރިކުރަމުންނެވެ. ދެ މަހެއްހައި ދުވަހުގެ ތެރޭގައި ތިން ފަރާތުން އެތައް މޭލެއްގެ ދުރުމިނަށް، ރަށްބޭރުގައި އޮތް ފެހިކުލަ ގަދަ ދަނޑުތައް ހަނަފަސް ބިންތަކަކަށް ހަދައިފިއެވެ. ގްރްނާދާގެ ރައްޔިތުންނަށް ބޭރުން އެއްވެސް އެއްޗެއް ގެނެވޭން އޮތް ހަމައެކަނި މަގަކީ ބަޝާރަތު ފަރުބަދަޔާ ދިމާއަށް އޮތް މަގެވެ. ސިއެރާ ނެވާދާގެ ވާދީން ބައެއް ކަހަލަ މޭވާއާއި ތަރުކާރީއާއި ގޮވާން ކޮންމެވެސް ވަރަކަށް ގެނެވެއެވެ. އެކަމަކު އެއީ ރައްޔިތުންނަށް ފުދޭވަރަށްވުރެ މާ މަދު މިންވަރެކެވެ. ވުމާއެކު ރައްޔިތުންގެ ނިކަމެތިކަން ދިޔައީ އެއް ދުވަހުން އަނެއް ދުވަހަށް ބޮޑުވަމުންނެވެ. ހުޅުވިފައި އޮތް ބޮޑު މައިދާނަށް ނުކުމެ ފެރްނާންދޯގެ ފިނޑި ލަޝްކަރާ ދިމާކޮށްލެއްވުމަކީ މޫސާއަކަށް ފަސޭހަފުޅު ކަމަކަށް ނުވިއެވެ. އެހެންވީމާ ލަޝްކަރުން މަދު މީސްކޮޅުކޮޅު އެކި ދިމަދިމާއަށް ފޮނުއްވަމުން ގެންދެވީއެވެ. މި މީސްކޮޅު ގޮސް ފެރްނާންދޯގެ ލަޝްކަރަށް ހަމަލަދީ ދެވެން އޮތް ގެއްލުމެއް ދިނުމަށް ފަހު އެނބުރި އަތުވެދެއެވެ. އޭނާ ހީފުޅުކުރެއްވީ ކޮންމެ ދުވަހަކު ލަޝްކަރަށް ވަމުންދާ ގެއްލުން ފެނުނީމާ ކެތްނުކުރެވިގެން ފެރްނާންދޯ ކުއްލިއަކަށް ރަށަށް ހަމަލަދޭނޭ ކަމަށެވެ. އެކަމަކު އޭނާ އެހެންނެއް ނުހެދިއެވެ. އޭނާގެ ލަޝްކަރު އަވަދިނެތި އުޅުނީ ރަށުގެ ވަށައިގެން ޚަންދަގު ކޮނުމުގައްޔާއި ދިފާއީ ޖަގަހަތައް ހެދުމުގައެވެ.
މި ހިސާރުގެ ތެރޭގައި ގްރަނާދާގެ ހިތްވަރުގަދަ މުޖާހިދުންގެ ފަރުދީ ޖިހާދުގެ އެތައް ވާހަކައެއް މަޝްހޫރުވެފައި ވެއެވެ. ސަވާރީއަކު ރަށުން ނުކުމެ ދުރުގައި ހުރެގެން ފެރްނާންދޯގެ ނައިޓުންކުރެ އެކަކަށް ނަމުން ގޮވައިލައިފައި މުގާބިލާކުރަން ނުކުންނާށޭ ގޮވައިލައެވެ. މިފަދަ ގޮތަށް ނަމުން ގޮވައިލެވުނީމާ ނުނުކުތުމަކީ ނައިޓެއްގެ ޝަރަފަށް އުނިކަން އަންނާނޭ ކަމެއް ކަމަށް އެމީހުން ދެކެއެވެ. އެހެންވީމާ އެ ނައިޓަކު މައިދާނަށް ނުކުމެއެވެ. މި މުގާބިލާތަކުން ގިނަ ފަހަރު ކާމިޔާބީ ހޯދަނީ ގްރަނާދާގެ މުޖާހިދެވެ. އެކަކު މަރައި ވައްޓައިލުމަށް ފަހު އަނެކަކު ނުކުންނާން މުޖާހިދު ގޮވައިލައެވެ. މިފަދަ ދޭދޭ މުގާބިލާތަކުގައި ފެރްނާންދޯގެ ވަރަށް ގިނަ ނައިޓުން މަރުވެގެން ހިނގައްޖެއެވެ.
މި އާދައިގެ މަތީން އެއް ދުވަހަކު ގްރަނާދާއިން މުޖާހިދަކު ނުކުމެއްޖެއެވެ. އޭނާގެ ދަހަނާ ހުރީ ވިދައިލަވިދައިލައެވެ. ލޯ ފިޔަވައި އޭނާގެ މޫނުން އެއްވެސް ތަނެއް ނުފެނެއެވެ. އޭނާ އަރައި އިން އަހަކީ އާދަޔާ ޚިލާފަށް ރީތި އަހެކެވެ. އޭނާ އަހުގައި އައިސް ފެރްނާންދޯގެ ލަޝްކަރާ ތަންކޮޅެއް ދުރުގައި މަޑުކޮށްފިއެވެ. އެޔަށް ފަހު ވަރަށް ބާރަށް ގޮވައިލިއެވެ.
[މިއަދު މަރުވާ ހިތުން އުޅޭ މީހަކު ކަލޭމެންގެ ތެރޭގައި އެބަހުރި ހެއްޔެވެ؟]
އެއްވެސް ޖަވާބެއް ނުލިބުނީމާ އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު އަނެއްކާވެސް ގޮވައިލިއެވެ. [އަހަރެންގެ މި އަހަށް ބަލައިލަބަލާށެވެ. މިފަދަ އަހަކަށް ސަވާރުވުމުގެ ނަސީބެއް ކަލޭމެންގެ ރަސްގެފާނަކަށްވެސް ނުލިބެއެވެ. ދެން ނިކަން އަހަރެންގެ ކަނޑިއަށް ބަލައިލަބަލާށެވެ. ކަލޭމެންގެ ރަސްގެފާނުގެ ތާޖުގައިވެސް ނެތްވަރަށް މި ކަނޑީގައި ޖަވާހިރު އެބަހުއްޓެވެ. މި އަހާއި ކަނޑި ބޭނުންވާ މީހަކު ކަލޭމެންގެ ތެރޭގައި އެބަހުރި ހެއްޔެވެ؟]
ކައުންޓް ޓެންޑެލާ އަހުގައި މައިދާނަށް ނުކުމެއްޖެއެވެ. [ތިޔަ ތަކެއްޗަށްވުރެ ބޮޑަށް އަހަރެން ބޭނުންވަނީ އަހަރެންގެ މި ކަނޑިން ކަލޭގެ ތިޔަ ގޮތެއް ނެތް ދޫ ބުރިކޮށްލާށެވެ.]
ކުޑައިރުކޮޅަކުން ފެނުނީ ޓެންޑެލާގެ މުޅަ މަސްގަނޑު ލެޔާއި ހިރަފުހާ ތަތްތެޅިފައި، ބިންމަތީގައި އޮއްވައެވެ. އޭގެ ފަހުން ނުކުތީ ކަދީޒްގެ ނައިޓެއް ކަމުގައިވާ މާރކޯސްއެވެ. އޭނާއަށްވެސް ޖެހުނީ ޓެންޑެލާއަށް ޖެހުނު ދަތުރެވެ. އެކަކަށް ފަހު އަނެކަކު މަރުވަމުން ގޮސް ފެރްނާންދޯގެ ނައިޓުންގެ ތެރެއިން ހަތް މީހަކު ގަތުލުވެގެން ވެއްޓިއްޖެއެވެ. ގްރަނާދާގެ ފާރުމައްޗަށް އަރައި ކުޅިބަލާން ތިބި މީހުން އުފަލުން ހަޅޭއްލަވަމުން ގެންދެއެވެ. ކާފަރުންގެ ތެރެއިން މީހަކު ނުނުކުމެ އިރުކޮޅެއްވީމާ މުޖާހިދު ގޮވައިލިއެވެ.
[ކަލޭމެންގެ ރަސްގެފާނު ކޮބައިހެއްޔެވެ؟ ކަލޭމެންގެ ތެރެއިން އެ ދުނިޔެއަށް ދިޔަ މީސްމީހުން ރަސްގެފާނަށް އިންތިޒާރު ކުރަންވީ ކިހައި އިރެއް ވާންދެން ހެއްޔެވެ؟ ފިރިހެން ކަނޑިއަކުން އޭނާގެ ލޭ ދެކޭ ހިތުން އިންތިޒާރުކުރާ ވާހަކަ ކަލޭމެންގެ ރަސްގެފާނު ގާތު ބުނާށެވެ.]
ޖޯޝް އައިސްގެން ފުފިގެންފައި ނައިޓަކު ނުކުންނާން އުޅެގަތީމާ ފެރްނާންދޯ އެކަން މަނާކޮށްފިއެވެ. [ނުނުކުންނާށެވެ. މައިދާނަށް ނުކުންނާކަށް އަހަރެން ހުއްދައެއް ނުދެމެވެ.]
މުޖާހިދު އެނބުރި ރަށަށް ވަންނަމުން އޭނާ އަޅައިގެން ހުރި ހެލްމެޓު ނަގައިފިއެވެ. ދޮރާށިދޮށުގައި ތިބި ފާރަވެރިން އަދަބު އިހުތިރާމު އަދާކުޅައުމުގެ ގޮތުން އިސްދަށަށް ޖަހައިލިއެވެ. އެ މުޖާހިދަކީ މޫސާ ބިން އަބީ ޣައްސާނެވެ. ގްރަނާދާގެ އިސްލާމުންގެ އެންމެ ފަހުގެ ކަނޑިއެވެ.
(2)
އަބޫ ދާވޫދް ފެރްނާންދޯގެ ކުރިމަތީގައި ކޮޅަށް އެބަހުއްޓެވެ. އިންތިހާއަށް ދެރަވެފައިވާ ހާލު އާދޭހުގެ ނަޒަރަކުން ރަސްގެފާނުގެ މޫނަށް ބަލަހައްޓައިގެންނެވެ. އޭނާ އައީ ލޯޝާގެ ދީނީ ކޯޓުން ކުރި ހުކުން އިސްތިއުނާފުކުރާށެވެ. އެކަމަކު ރަސްގެފާނު އެ އިސްތިއުނާފު ގަބޫލެއް ނުކުރިއެވެ. އިންސާފު ލިބޭނޭ ކަމުގެ އުއްމީދު ކެނޑުމާއެކު އޭނާ މިހާރު އެހެރީ ރަސްގެފާނުގެ ރަހުމަށް އެދި އާދޭސްކުރާށެވެ. ރަސްގެފާނު ހިމޭނުން އިން ކޮންމެ ހިނދުކޮޅެއް ވެގެން ދިޔައީ އޭނާގެ ހިތަށް އެތައް ޒަޚަމެއް ލިބެމުން ދިޔަ ހިނދުކޮޅަކަށެވެ. އޭނާއަށް އިހުސާސްކުރެވެމުން ދިޔައީ އޭނާގެ ނަސީބުގެ ތަރި ބަދުނަސީބުގެ ބުރުޖަކަށް އަރައިފިކަމުގައެވެ. މިއީ އިށީނދެގެން އިނުމުގެ ބަދަލުގައި ރަސްގެފާނު ފެރްނާންދޯގެ ކުރިމަތީގައި އޭނާއަށް ކޮޅަށް ހުންނާން ޖެހުނު ފުރަތަމަ ފަހަރެވެ. އޭނާ ހީކޮށްގެން ހުރީ ފޭލިގެއަށް އޭނާ ވަނުމާއެކު ފެރްނާންދޯ ތެދުވެ އޭނާޔާ ސަލާންކުރާނޭ ކަމަށެވެ. އަދި އެންމެ ގާތުގައި ހުރި ގޮނޑީގައި ބެއިންދުމަށްފަހު އޭނާގެ ވާހަކަ ރަނގަޅަށް އަޑު އަހައިފައި ލޯޝާގެ ފަނޑިޔާރުން އެތިބީ މޮޔަވެފައޭ ބުނާނޭ ކަމަށެވެ. އެކަމަކު އޭނާ ފެނުމާއެކު ފެރްނާންދޯ ބުންޏެވެ.
[އޭ އަބޫ ދާވޫދާއެވެ. އަހަރެން ކަލެއަށް ހަމްދަރުދީވަމެވެ. އެކަމަކު މިއީ ފައްޅީގެ ފައިސަލާއެކެވެ. އަހަންނާ ހަމައަށް އައީ ކޯޓުގެ ނިންމުން ތަސްދީީގުކުރާށެވެ. އަހަންނަށް ވަނީ މަޖުބޫރުވެފައެވެ. ކަލޭގެ ދަރިންގެ ކިބައިން މިފަދަ ވިޔާނުދާ ކަމެއް ފެނިދާނޭ ކަމަކަށް އަހަރެން ހިއެއް ނުކުރަމެވެ.]
އޭނާއަށް އިވުނު ވާހަކަތަކަކީ ހަގީގަތެއްކަމަށް ގަބޫލުކުރާކަށް އަބޫ ދާވޫދަކަށް ފަސޭހައެއް ނުވިއެވެ. އޭނާ އެތައް އިރެއް ވާންދެން ރަސްގެފާނާ ދިމާއަށް ބަލަހައްޓައިގެން ހުއްޓެވެ. އެންމެ ފަހުން އަޅައަޅައިގެންފައި ވާހަކަދައްކާން ފަށައިފިއެވެ. އިރުކޮޅަކު އެހެން ވާހަކަދެއްކުމަށް ފަހު އޭނާގެ އާދައިގެ ފަސާހަތްތެރި ރާގަށް ބަދަލުވެގެން ހިނގައްޖެއެވެ. ރަބީޢާއާއި އެންޖެލާގެ ކުށެއެް ނެތްކަން ދައްކާން އޭނާ އެތައް ހެއްކެއް ހުށަހެޅިއެވެ. އެކަމަކު ފެރްނާންދޯ އެއިން އެއްވެސް ވާހަކައެއް ގަބޫލެއް ނުކުރިއެވެ. ބޯ ހޫރައިލައިފައި އޭނާ ބުންޏެވެ.
[ތިޔަ ވާހަކައަކުން އަހަންނަކަށް އެއްވެސް އަސަރެއް ނުކުރެއެވެ. ކަލޭގެ ދަރިން އެވަނީ ކުށަށް އިއުތިރާފުވެފައެވެ. މައިކަލް މަރައިލުމުގެ ކުށަށް މާފުކުރުމަކީ އަހަންނަށް ފަހަރެއްގައި ކުރެވިދާނޭވެސް ކަމެކެވެ. އެކަމަކު ފައްޅީގެ އަގު ވައްޓައިލުމާއި ސަރުކާރާ ދެކޮޅަށް ބަޣާވާތްކުރުމުގެ ކުށަކީ ފަހަރެއްގައިވެސް މާފުކުރެވޭ ވަރުގެ ކުށެއް ނޫނެވެ. ކަލޭގެ އެއް ދަރިއަކީ ސިހުރުވެރިއެއް ކަމަށް ކޯޓުން ވަނީ ގަބޫލުކޮށްފައެވެ. އެއީ ހަމަ ތެދެކެވެ. ދެވަނަ ދަރި ކުރި ކަންތައްތަކަކީ ދޮށީ ދަރީގެ ސިހުރުގައި ޖެހިގެން ކުރިކަމެއް ކަމަށް އަހަރެން ގަބޫލުކޮށްފާނަމެވެ. މި ބުނީ މައިކަލް މަރައިލީ ސިހުރުގައި ޖެހިގެން ކަމަށް ގަބޫލުކޮށްފާނަމޭއެވެ. އެކަމަކު އަހުރެންގެ ވެރިކަމާއި ފައްޅިއާއި ކޯޓާ ބެހޭ ގޮތުން އޭނާ ދެއްކި ވިޔާނުދާ ވާހަކަތަކަކީ އަހަންނަށް ކެތްކޮށްގެން ހުންނާން ކުޅަދާނަ ވާހަކަތަކެއް ނޫނެވެ. ލޯޑް ބިޝޮޕްގެ ދަރިފުޅު އެކަހަލަ ވާހަކަތަކެއް ދެއްކި ނަމަވެސް ކަލޭގެ ދަރިފުޅާމެދު ކަންތައް ކުރާ ގޮތަށް އަހަރެން ކަންތައް ކުރީމުހެވެ.]
އަބޫ ދާވޫދްގެ އަޑު ކުރެހިއްޖެއެވެ. ދެވަނަ ފަހަރުވެސް ހިތްވަރު ލައިފައި ރަހުމު ކުރުން އެދި އާދޭސްކުރާން ފަށައިފިއެވެ. އަދި އޭނާގެ ޚިދުމަތްތަކުގެ މަތީން ހަނދާންކޮށްދޭންވެސް ފަށައިފިއެވެ. [މާތްވެގެންވާ ރަސްގެފާނެވެ. އަޅުގަނޑުގެ ބޮލުގައި މިހިރަ އިސްތަށިތައް ނުރައަށް ވެފައިވަނީ މަނިކުފާނުގެ ޚިދުމަތުގައެވެ. އަޅުގަނޑުގެ ދަރިންނަކީ އަޅުގަނޑުގެ ވާލުއިޔާރެވެ. އަޅުގަނޑުގެ މައްޗަށް ރަހުމުގެ ލޯފުޅަކުން ބައްލަވައިދެއްވާށެވެ.]
މި އާދޭހާއެކު ފެރްނާންދޯ އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު ބުނެފިއެވެ. [އަހަރެންގެ ރަހުމުގެ ސަބަބުން ފައްޅީގެ ކޯޓުގެ ނިންމުން ބަދަލެއް ނުކުރެވޭނެއެވެ. އަބޫދާވޫދާއެވެ. އަހަރެން ހިތާމަކުރަމެވެ. ދެން ކަލޭވެސް ކެތްތެރިވާށެވެ. މިއީ ކަލޭގެ ވަފާތެރިކަމުގެ އިމްތިހާނުގެ ވަގުތެވެ.]
އަބޫ ދާވޫދް ބުންޏެވެ. [ޢިއްޒަތްތެރި ރަސްގެފާނެވެ. އަޅުގަނޑުގެ ވަފާތެރިކަމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އެކަމަކު އެއީ އަޅުގަނޑުގެ ދަރިންނެވެ. އެއީ މަނިކުފާނުގެ މި ވަފާތެރިޔާގެ ދަރިންނެވެ. މަނިކުފާނުގެ ލަޝްކަރު ގްރަނާދާގެ ކުރިމަތީގައި އެ އޮތީ މި ވަފާތެރިޔާގެ ބުރަ މަސައްކަތުގެ ސަބަބުންނެވެ. އެއީ އަބުލްޙަސަނާއި އައްޒަޣަލްފަދަ ބޮޑެތި ފަރުބަދަތައް މަނިކުފާނުގެ މަގުން އެއްފަރާތްކޮށްދިން ޚާދިމުގެ ދަރިންނެވެ. އެއީ މަނިކުފާނަށްޓަކައި އަލްޙަމްރާގެ ދޮރުކޮޅުތައް ހުޅުވުމުގެ އިންތިޒާމު ކުޅަ ވަފާތެރިޔާގެ ދަރިންނެވެ. އަޅުގަނޑުގެ މާތް ސާހިބާއެވެ. މަނިކުފާނު އަޅުގަނޑަށް ދެއްވާން ވައުދުވެވަޑައިގަތް އެއްވެސް އިނާމެއް ހޯދާކަށް އަޅުގަނޑު އަދިއެއް ނުދަންނަވަމެވެ. އަޅުގަނޑު މި އައީ ވަރަށް ކުޑަކުޑަ އެދުމަކާއިގެންނެވެ. މަނިކުފާނު ވަނީ އަޅުގަނޑު ގްރަނާދާގެ ނައިބަކަށް ހައްދަވާނޭ ކަމަށް ވިދާޅުވެފައެވެ. އަޅުގަނޑު ނެތް ހާލަތެއްގައި އަމިއްލަ އަބުރާއި އިއްޒަތް ސަލާމަތްކުރާން ފިޔަވަޅެއް އެޅުމުގެ އެއްވެސް ހައްގެއް އަޅުގަނޑުގެ ދަރިންނަށް ލިބިގެން ނުވަނީތޯއެވެ؟]
[އެކަމަކު އެ ކުދިން އެތިބީ މައިކަލް ގަތުލުކޮށްފައެވެ. އެއީ ރާނީގެ ނުހަނު ގާތް ބޭފުޅެކެވެ. ކަލޭގެ ޚިދުމަތްތަކާ އަހަރެން ދެކޮޅެއް ނުހަދަމެވެ. ތިޔަ ދެއްކި ހުރިހައި ވާހަކައެއް ގަބޫލުކުރަމެވެ. އެކަމަކު ހަނދާންކުރާށެވެ. މައިކަލްގެ ޚިދުމަތްތަކުގެ މަތީން ހަނދާން ނައްތައިލުމަކީވެސް އަހަރެމެންނަކަށް ކުރެވޭނޭ ކަމެއް ނޫނެވެ.]
މިހައިތަނަށް ފަރުދާގެ އަނެއް ފަރާތުގައި އަޑު އަހަން އިން ރާނީ އިޒަބެއްލާ ކުއްލިއަކަށް ކުރިމައްޗަށް ނުކުމެއްޖެއެވެ.
އަބޫ ދާވޫދް އާދޭހުގެ ރާގަކަށް ބުނެފިއެވެ. [މަތިވެރިވެގެންވާ ރާނީއެވެ. އަޅުގަނޑަށް ރަހުމުކުރައްވާށެވެ.]
ރާނީ އެއްވެސް ޖަވާބެއް ނުދީ މަޑުމަޑުން ގޮސް ފެރްނާންދޯއާ ޖެހިގެން ހުރި ގޮނޑީގައި އިށީނދެއްޖެއެވެ.
ފެރްނާންދޯ ބުންޏެވެ. [އަބޫ ދާވޫދާއެވެ. ފައްޅި ހިމާޔަތް ކޮށް ނުދެވޭ ކަމަށް ވަނީނަމަ އަހަރެމެންގެ ފަތަހަތަކުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟]
އަބޫ ދާވޫދް ބުންޏެވެ. [އިއްޒަތްތެރި ރަސްގެފާނެވެ. ތިޔަ ވިދާޅުވާ ފަތަހަތަކުގައި އަޅުގަނޑުގެ ހިއްސާވެސް އެކުލެވޭ ނޫންތޯއެވެ؟ އެންމެ ފަހުގެ ފަތަހައަށްޓަކައި އަޅުގަނޑު ކުރާން ހުރި ބައެއް ކަންކަން އަދިވެސް އެބަހުއްޓެވެ.]
ރާނީ ބުނެފިއެވެ. [ކަލޭ ތިޔަ މަސައްކަތްކުރަނީ ކަލެޔާ ނުލައި ގްރަނާދާ ފަތަހަނުކުރެވޭނެ ކަމަށް ބުނެ ބިރު ދައްކަން ކަމުގައި ވަނީނަމަ އެއީ ކަލެއަށް އެޅޭ ޅަ އެއްޗެކެވެ. ކަލޭގެ ބޭނުންކޮށްގެން އަހަރެމެން ކުޅަ ހަމައެކަނި ކަމަކީ ހައެއްކަ މީހުންގެ ޒަމީރު ގަތުމުގެ މަސައްތަކެވެ. އެކަމަށްޓަކައި އަހަރެމެންގެ ޚަޒާނާއިން ހުންނާނީ އެކަމާ އެކަށޭނެވަރަށް ޚަރަދުވެސް ކޮށްފައެވެ. މިހާރު އަހަރެމެން ދޫކޮށްލައިފައި ހިނގައިދާނޭ ކަމުގެ ބިރުދައްކަނީ ކަމުގައި ވަނީނަމަ ދަންނާށެވެ. ކަލެއަށް ވުރެ މާ ހުސިޔާރު އެތައް ބަޔަކު މިހާރުވެސް ގްރަނާދާގައި އެބަތިއްބެވެ. އެމީސްމީހުންގެ ބޭނުން ހިފުމަކީ އަހަރެމެންނަށް ނުކުރެވޭނެ ކަމެއް ނޫނެވެ.]
(ނުނިމޭ)

