7 ތަނެއް ބަލައި ފާސްކޮށް، 2 ބިދޭސީން ހައްޔަރުކޮށްފި

07 ތަނެއް ބަލައި ފާސްކޮށް، 02 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރި ކުރަމުންދާ މައްސަލަ ޙައްލު ކުރުމަށް، "ނެޝަނަލް ޓާސްކްފޯރސް އޮން ކޮމްބެޓިންގ އިލީގަލް އެކްސްޕެޓްރިއޭޓް އޮޕަރޭޝަންސް އެންޑް ބިޒްނަސަސް"ގެ ނަމުގައި ޚާއްސަ ޓާސްކްފޯހެއް ވަނީ އެކުލަވާލާފައެވެ.

އިމިގްރޭޝަނުން އާންމުކޮށްފައިވާ މައުލޫމާތުގައިވާ ގޮތުން ޤަވާއިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި ޓާސްކްފޯސް ގުޅިގެން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، އިއްޔެ ވަނީ މާލޭގައި ހިންގަމުންދިޔަ 07 ތަނެއް ބަލައި ފާސްކޮށްފައެވެ. އަދި އެތަންތަނުން 02 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ބޮޑު އޮޕަރޭޝަނެއްދަނީ ހިންގަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ވިޔަފާރިތަކުގައާއި، ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުންދާ ފަރާތްތައް ހޯދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.

އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.

ބިދޭސީންގެ މަޢުލޫމަތު އެއްކުރުމަށް ހިންގާ އޮޕަރޭޝަންގެ ދަށުން އެއްލައްކަ ނުވަދިހަ ހާހަށްވުރެ ގިނަ ބިދޭސީންގެ މަޢުލޫމާތު ސަރުކާރުން މިހާރު ވަނީ އެއްކޮށްފައެވެ. އަދި އިތުރު މަރުޙަލާތަކުގެ ދަށުން ރާއްޖެއަށް އެތެރެވުމަށް ކޯޓާ ދިން ފަރާތް ނޫން ފަރާތްތަކުގެ ކައިރީ މަސައްކަތް ކުރަމުންދާ ބިދޭސީން ގެންގުޅޭ ފަރާތްތަކަށް އޭޕްރީލް މަހުގެ 2 ވަނަ ދުވަހާއި ހަމައަށް ޤަވާއިދުގެ ތެރެއަށް ވަނުމުގެ ފުރުސަތު މިހާރު ވަނީ ދީފައެވެ. އަދި އަންނަ އަހަރު އެއްވެސް ގޮތަކަށް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއަކު ފެނިއްޖެނަމަ އިތުރު ފުރުޞަތަކާ ނުލާ ޑީޕޯޓު ކުރާނެ ކަމަށް ސަރުކާރުން ވިދާޅުވެފައިވެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.