(30 މޭ 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ބައިކޯހެއްހައި ހިސާބު ކަޑައްތު ކުރުމަށް ފަހު، އޭނާގެ އަހުގެ ދުވެލި މަޑު ކޮށްލައިފައި ރަންބީރަށް ދެންނެވިއެވެ. "މަނިކުފާނުގެ އަސްކޮޅު ވަރަށް ވަރުބަލި ވެއްޖެހެން ހީވެއެވެ. ދެން އެސޮރު ހިތް އެދޭ ވަރަކަށް ދުވުނަދެއްވާށެވެ."
އައު އެކުވެރިއެއް
މެންދުރު ވެގެން އައި އިރު ރަންބީރާއި އޭނާގެ އެކުވެރިޔާއާ ދެ ބޭފުޅުން ތިއްބެވީ ޖަންގަލި ހުރަސް ކުރެއްވުމަށް ފަހު ކުޑަކުޑަ ކޯރެއްގެ އައްސޭރީގައި އިށީނދެވަޑައިގެންނެވެ. އެ ބޭފުޅުން ތިއްބެވީ ވާހަކަފުޅު ދައްކަވާށެވެ. އެ ދެ ބޭފުޅުންގެ ވަރުބަލިކަމާއި ބަނޑުހައިހޫނުކަމުގެ ސަބަބުން ޙާލެއް ނެތިފައި ވާ ދެ އަސް ކޯރުގެ އައްސޭރީގައި ވިނަ ކައިލަކައިލައި ތިއްބެވެ. ރަންބީރުގެ ވާހަކަފުޅު އަޑު އެހުމަށް ފަހު އޭނާގެ އެކުވެރިޔާ ސުވާލު ކުރިއެވެ. "މަނިކުފާނު ދެން ވަޑައިގަންނަވާނީ ކޮން ތަނަކަށްތޯއެވެ؟"
ރަންބީރު ޖަވާބު ދެއްވިއެވެ. "އަޅުގަނޑު ދާނެ ވަކި ތަނެއް ނެތެވެ. މި ވަގުތު ދިރިހުރުމުގެ އެދުން އަޅުގަނޑު ގޮވައިގެން ދާން އެދެނީ ކޮންމެވެސް ދުރު ތަނަކަށެވެ. މި ވާހަކަ ދެންނެވުމުން މަނިކުފާނު ޙައިރާންފުޅު ވެވަޑައިގަންނަވާނެއެވެ. އަޅުގަނޑަށް މަނިކުފާނު ފެނުމުން މިހައިތަނަކަށެއް އަޅުގަނޑު މި ދަނީ ކޮން ތަނަކަށްތޯ ވިސްނުމުގެ ބޭނުމެއް އަޅުގަނޑު އިޙުސާސެއް ނުކުރަމެވެ. ދެންމެ މަނިކުފާނު ތިޔަ ސުވާލު ނުކުރެއްވި ނަމަކަ، އަޅުގަނޑުގެ ހިތުގައި އެ ޚިޔާލެއް ނުއުފެދުނީހެވެ. އަޅުގަނޑު މިހައިތަނަށް ދެކެމުން އައީ ޤުދުރަތު އަޅުގަނޑު މަނިކުފާނާ ޙަވާލު ކުރެއްވީކަމުގައެވެ. އަޅުގަނޑު ވިސްނުމެއް ފިކުރެއް ނެތި މަނިކުފާނުގެ ފަހަތްޕުޅުން ދާން ވީކަމަށެވެ."
ކާކުކަން ނޭނގޭ މީހާ ވިސްނުންތެރިކަމާ އެކު ރަންބީރާ ދިމާޔަށް ބަލައިލައިފައި ބުންޏެވެ. "މިއީ ޢަޖާއިބު ވާ ކަހަލަ ކަމެކެވެ. އެތައް ދުވަހަކުއްސުރެ އަޅުގަނޑު ހީ ކޮށްގެން މިހިރީ އެ މީހެއްގެ އެއްވެސް މަންޒިލެއް ނެތް، އެ މީހެއްގެ ހުރިހައި ސަމާލުކަމެއް ހަމައެކަނި ދިރިހުރުމުގެ މައްޗަށް ހުއްޓިފައި ވާ އިންސާނަކަށް ދުނިޔޭގައި ހުންނާނީ ހަމައެކަނި އަޅުގަނޑު ކަމުގައެވެ. އަޅުގަނޑުގެ ދާއިމީ އެކުވެރިޔަކީ މަރު ދެކެ ގަންނަ ބިރެވެ. އަޅުގަނޑުގެ ޙަޔާތުގެ ހިތާމަޔާއި ހާސްކަމުގެ ނިމުމެއް ނެތް މަގުމަތީން އަޅުގަނޑަށް އެއްވެސް އެކުވެރިޔަކު ލިބޭނެކަމަކަށެއް އަޅުގަނޑު ހިއެއް ނުކުރަމެވެ. މަނިކުފާނު ދުޝްމަނުންގެ ކިބައިން ސަލާމަތް ވެވަޑައިގަތުމަށް ފަހު އަޅުގަނޑާ އެކު ވަޑައިގަންނަވާން ފެއްޓެވުމުން އަޅުގަނޑު ހީ ކޮށްގެން ހުރީ މަނިކުފާނު ތަންކޮޅަކަށް ވަޑައިގެންފައި ކުއްލިޔަކަށް އަސް މަޑު ކޮށްލައްވައިފައި، ތިމަންނާ މި ވަޑައިގަންނަވަނީ މިވެނި ރަށަކަށޭ ނުވަތަ މިވެނި އަވަށަކަށޭ ވިދާޅުވެދާނެ ކަމުގައެވެ. މަނިކުފާނުގެ މޫނުފުޅުމަތީން ހިތާމައިގެ އަސަރު ފާޅު ވިކަމުގައި ވިޔަސް މޫނުފުޅު ހެކި ދެނީ، އަޅުގަނޑުގެ ދުނިޔެއާ މަނިކުފާނުގެ ދުނިޔެ ތަފާތުކަމެވެ. މަނިކުފާނަކީ ކޮންމެވެސް ޤަދަރު ހުރި އަމީރެއްގެ ދަރިކަލެއްކަމެވެ. ކޮންމެވެސް ބޮޑު ގަނޑުވަރެއްގައި މަނިކުފާނަށް އިންތިޒާރު ކުރެވެމުން ދާނެކަމެވެ. އެހައި ގިނަ ބަޔަކު އާދައިގެ މީހެއްގެ ދުޝްމަނުން ކަމުގައެއް ނުވާނެއެވެ. މަނިކުފާނުގެ ދުޝްމަނުންނެކޭ އެއްގޮތަށް މަނިކުފާނުގެ އެކުވެރީން ވެސް ވަރަށް ގިނަ ވާނެއެވެ. ކޮންމެއަކަސް މަނިކުފާނުގެ މި ވަގުތީ އެކުވެރިކަމުން ވެސް އަޅުގަނޑަށް ލިބެމުން ދިޔައީ ވަރަށް ބޮޑު އުފަލެކެވެ. އަޅުގަނޑު މީގެ ކުރީން މަނިކުފާނުގެ އަރިހުގައި، ތިޔަ ވަޑައިގަންނަވަނީ ކޮން ތަނަކަށްތޯއޭ ނުދެންނެވީ އެހެންވެގެންނެވެ. އަޅުގަނޑަށް އެދެވުނީ، މަނިކުފާނު އިރުކޮޅަކު ނަމަ ވެސް އަޅުގަނޑާ އެކު އުޅުއްވުމެވެ. މަނިކުފާނުގެ ވާހަކަ އޮޅުން ފިލުމަށް ފަހު އަޅުގަނޑު ދަންނަވާން ޖެހެނީ މަނިކުފާނަށް މަގު ދައްކާ މީހަކަށް ވާން އަޅުގަނޑު އެކަށީގެން ނުވާ ކަމުގައެވެ. ނަމަވެސް މަނިކުފާނަށް އެކުވެރިޔަކު ބޭނުންފުޅު ކަމުގައި ވާނަމަ އަޅުގަނޑު މިހިރީ ތައްޔާރަށެވެ."
ރަންބީރު ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ މި ބައްދަލުވުމަކީ އެއްވެސް ޙާލެއްގައި އިއްތިފާޤުން ދިމާ ވި ހާދިސާއެއް ކަމަކަށެއް އަޅުގަނޑު ނުދެކެމެވެ. އަޅުގަނޑަށް ހީ ވާ ގޮތުން ޤުދުރަތުން އަޅުގަނޑުމެންނަށް އަދި އޮޅުން ނުފިލާ ކޮންމެވެސް މަޤުޞަދެއް ފުރިހަމަ ކުރެއްވުމަށް ޓަކައި އެކި ދިމަދިމާއިން އަޅުގަނޑުމެން ގެންނަވައި އެއްތަން ކުރައްވަނީއެވެ. އަޅުގަނޑުމެންގެ މަންޒިލާއި އަޅުގަނޑުމެން ހިނގާން ވީ މަގު ކަނޑައެޅުމަށް ޓަކައި އަޅުގަނޑުމެންނަށް ދުވަސްކޮޅަކު އެކުގައި އުޅޭން ޖެހޭނެ ކަމުގައި ދެކެމެވެ. މަނިކުފާނަކީ ކޮން ބޭފުޅަކުކަމާއި، ތިޔަ ވަޑައިގަންނަވަނީ ކޮން ތަނަކުންކަމާއި، މަނިކުފާނު އަޅުގަނޑު އެކުވެރިޔަކަށް ވެވަޑައިގަތުމުގެ ސަބަބެއް ކަމުގައި ހިމެނުނު ހާދިސާއެއް އަޅުގަނޑަށް ވިދާޅުވެދެއްވައިފާނުތޯއެވެ؟"
+ + + +
އެ ކާކުކަން ނޭނގޭ މީހަކީ ރާމްނާތެވެ. ބުރަހުމަނަކު ރާމްނާތުގެ ބައްޕަ ގަތުލު ކުރުމުން އިސް ވި ކޯފާގައި ރާމްނާތު ބުރަހުމަނަކު ގަތުލު ކުރެއްވި ވާހަކަ ވަނީ އިސް ވެގޮސްފައެވެ. އޭނާ ގަތުލު ކުރެއްވި މީހަކީ ބޮޑެތި ބޮޑެތި ރަސްރަސްކަލުން ވެސް އިޙުތިރާމް ކުރެއްވުން ވާޖިބު ކަމުގައި ދެކެވަޑައިގަންނަވާ މީހެކެވެ. ސޫމްނާތުގެ އަޅުވެރިޔަކަށް ވާތީއެވެ. ރާމްނާތު އޭނާގެ ރަށުން ފިލައިވަޑައިގަތުމަށް ފަހު އޭނާޔަށް ވަރަށް އަވަހަށް އިޙުސާސް ވެވަޑައިގަތީ، ސޫމްނާތުގެ އަޅުވެރީންގެ ކޯފާ އަމާޒު ވެއްޖެ މީހަކަށް ދޭވަތާއިންގެ މުގައްދަސް ބިމުގައި އެއްވެސް ޖާގައެއް ނެތްކަމެވެ. ސޫމްނާތުގެ ތޫނުފިލިކަމުގެ ބިރު އިންޑިޔާގެ އަހުލުވެރީންގެ ހިތްތަކުގައި ކުރީން ވެސް ކުޑައެއް ނޫނެވެ. ނަމަވެސް سلطان محمود غزنوی ގެ އަތްޕުޅުމައްޗަށް އެތައް ފައްޅިތަކެއް ފަތަޙަ ވުމުން، އިންޑިޔާގެ ދިގަށާއި ހުރަހަށް މަޝްހޫރު ވެފައި ވަނީ އެ ފައްޅިތައް ހަލާކު ވެގެން ދިޔައީ ސޫމްނާތުގެ ދޭވަތާ އެހެން ފައްޅިތަކުގެ ދޭވަތާއިންނާއި އަޅުވެރީން ދެކެ ކޯފާ ވުމުން ކަމުގައެވެ. ސޫމްނާތުގެ ދޭވަތާގެ ރުއްސެވުން ނުލިބޭހައި ހިނދަކު، އިންޑިޔާގެ ހުރިހައި ބުރަހުމަނުންނާއި ރަސްރަސްކަލުންނާއި އަމީރުން އެކު ވެގެން ވެސް سلطان محمود ބަލި ނުކުރެވޭނެ ކަމެވެ.
ގަވާލިޔާރުގެ ހިތްހަރު ސިފައިންގެ މީހަކު ސޫމްނާތުގެ އަޅުވެރިޔަކު ގަތުލު ކޮށްލި ޚަބަރު ހިމެނުނީ، ގަވާލިޔާރުގެ އާންމުން ވަރަށް ހިތާމަ ކުރާން ޖެހުނު ޚަބަރެއް ކަމުގައެވެ. މި ހާދިސާގެ ސަބަބުން ގަވާލިޔާރުގެ ރަސްގެފާނަށް ލިބިވަޑައިގެންނެވި ހިތާމަފުޅު ވެސް ވަކި ކުޑައެއް ނޫނެވެ. އޭނާ މި ޚަބަރު އިވިވަޑައިގަތުމާ އެކު ސޫމްނާތުގެ އެންމެ ބޮޑު ޕަރައުހަތުގެ ކޯފާއިން ސަލާމަތް ވެވަޑައިގަތުމަށް ޓަކައި އޭނާގެ އަރިހަށް ވަރަށް ގިނަ އަގުހުރި ހަދިޔާތައް ފޮނުއްވައިފިއެވެ. އަވަށްޓެރި ރަސްރަސްކަލުންގެ މަލާމާތާއި އޭނާގެ ރައްޔިތުންގެ ރުޅި އާއި ނުރުހުމުން ސަލާމަތް ވެވަޑައިގަތުމަށް ޓަކައި ސޫމްނާތުގެ އަޅުވެރިޔާގެ ގާތިލު ދިރިހުއްޓައި ހައްޔަރު ކޮށްގެން ނުވަތަ ގަތުލު ކޮށްލައިގެން ގެނެސްދިން މީހަކަށް ވަރަށް ބޮޑު އިނާމު ދެއްވާނެކަން އިޢުލާން ކުރައްވައިފިއެވެ.
އެ ހާދިސާގެ އަށް ދުވަސް ފަހުން، ރާމްނާތު އޭނާގެ ރަށާ އެތައް މޭލެއްގެ ދުރުގައި އޮތް ކުޑަ ރަށަކަށް ވަޑައިގަތުމުން އެނގިވަޑައިގަތީ ސޫމްނާތުގެ އަޅުވެރިޔާގެ ގަތުލުގެ ޚަބަރު ގަވާލިޔާރުގެ ހުރަހަށާއި ދިގަށް ފެތުރިފައި ވާކަމެވެ. އެހެންކަމުން އޭނާ އަވަސް ވެވަޑައިގަތީ ގަވާލިޔާރުގެ ސަރަޙައްދުން ބޭރު ވެވަޑައިގަންނަވާށެވެ. ރަށްރަށާއި އަވަށްއަވަށާއި ކައިރީން ވަޑައިގަންނަވާ އިރު އޭނާ އަބަދުވެސް ހުންނަވަނީ އޭނާ ދަންނަ ކޮންމެވެސް މީހަކާ ދިމާ ވެ، "މި ހުންނެވީ ރާމްނާތެވެ. އަހަރެން މީނާ ދަންނަމެވެ. އަވަހަށް މީނާ ހައްޔަރު ކުރާށެވެ." ގޮވާން ފަށައިފާނެކަމަށް ބިރުފުޅުންނެވެ.
އެއް ދުވަހެއްގެ ހަވީރު ސަރަޙައްދުގެ ވަރަށް ކައިރީން ރޭގަނޑު ހޭދަ ކޮށްލެއްވުމަށް ޓަކައި އޭނާ ކުޑަ އަވަށަކަށް އަރައިވަޑައިގެންނެވިއެވެ. އަވަށުގެ ދަތުރުވެރީން ތިބޭ ހިލޭސާބަހުގެ މުސާފިރުޚާނާއަށް އޭނާ ވަޑައިގެންނެވި އިރު އެތާނގައި ދަތުރުވެރީންގެ ބަޔަކު ތިއްބެވެ. ރާމްނާތާ އެކު ސިފައިންގެ ތެރޭގައި އުޅެފައި ހުރި ޒުވާނަކަށް ދޮރުމަތީން އޭނާ ފެނުމާ އެކު އޭނާ ފާހަގަ ކުރެވިއްޖެއެވެ.
"މަނިކުފާނު މިތަނަށް ވަޑައިގަތީ ކިހިނަކުންތޯއެވެ؟" ޒުވާނާ ޙައިރާން ވެގެން ސުވާލު ކުރިއެވެ.
ރާމްނާތު އޭނާޔަށް ލިބިވަޑައިގެންނެވި ހާސްކަން ފޮރުއްވެވޭތޯ މަސައްކަތް ކުރައްވަމުން ވިދާޅުވިއެވެ. "އަހަރެން މި ދަނީ މުތުރާޔަށެވެ. އެތާނގެ ހަނޫމާންޖީގެ ފައްޅީގައި ނަދުރެއް ފުއްދާން ވެގެންނެވެ."
ޒުވާނާ ބުނެފިއެވެ. "ޙައިރާން ވާފަދަ އިއްތިފާޤެކެވެ. އަޅުގަނޑު ވެސް މި ދަނީ މުތުރާޔަށެވެ. އެތާނގައި އަޅުގަނޑުގެ ތިމާގެ ބަޔަކު ވެސް ތިބެއެވެ. މުސްލިމުން މުތުރާއަށް ޙަމަލަ ދިން ފަހުން އެބައިމީހުންގެ އެއްވެސް ޚަބަރެއް ނުވެއެވެ. މަނިކުފާނުގެ ރަށަކީ ސޫމްނާތުގެ ޖާގީރެއް ދޮގެއްތޯއެވެ؟"
"އާނއެކެވެ!" ރާމްނާތު ވަކީން ބޮޑަށް ހާސް ވެވަޑައިގަތުމާ އެކު ޖަވާބު ދެއްވިއެވެ.
"އެހެން ވީ އިރު އެ ރަށުގެ މީހަކު ސޫމްނާތުގެ އަޅުވެރިޔަކު ގަތުލު ކުރި ވާހަކަ މަނިކުފާނު ވާނީ އަޑު އައްސަވައިފައެވެ."
އަނެއްކާވެސް ރާމްނާތުގެ ކަންބޮޑު ވެވަޑައިގަތުން އިތުރު ވެއްޖެއެވެ. އޭނާ ވިދާޅުވިއެވެ. "އަހަރެން ވެސް މަގުމަތީން ތިޔަ ޚަބަރު އަޑު އަހައިފީމެވެ."
ޒުވާނާ ހީނލައިފައި ދެންނެވިއެވެ. "އެއްވެސް މީހަކު މަނިކުފާނާ މެދު ޝައްކެއް ނުކުރޭތޯއެވެ؟ އެއް ރަށަކުން އަޅުގަނޑު އޮބައިވެސްގެންފިއެވެ."
"ކަލޭ ތިޔަ ބުނި އެއްޗެއް ނުވިސްނުނެވެ."
"އަޅުގަނޑު ކުޑަކުޑަ ރަށެއްގެ މަގުމަތީން ހިނގައިފައި އަންނަނިކޮށް އަޅުގަނޑު ފެނިފައި އެ ރަށުގެ މީހެއް ހަޅޭއްލަވާން ފަށައިފިއެވެ. "މީނާ ހައްޔަރު ކުރާށެވެ! މިހިރަ ދަނީ ސޫމްނާތުގެ އަޅުވެރިޔާގެ ގާތިލެވެ." އަޅުގަނޑުގެ ވަށައިގެން އެތައް ބަޔަކު ޖަމާ ވެއްޖެއެވެ. ނަސީބު ރަނގަޅުކަމުން އެމީހުންގެ ތެރޭގައި އަޅުގަނޑުމެންނާ އެކު ސިފައިންގެ ތެރޭގައި އުޅެފައި ހުރި މީހެއް ވެސް ހުށްޓެވެ. އޭނާ އެތައް މަސައްކަތަކުން މީހުންނަށް ވިސްނައިދީގެން އަޅުގަނޑުގެ ފުރާނަ ސަލާމަތް ކޮށްފިއެވެ. އަޅުގަނޑަށް ފަހުން އެނގުނު ގޮތުގައި އެ ރަށުގެ އަމީރު ރަށުގެ މީހުން ގެންދަވައިފައި، ސަރަޙައްދާ ދިމާޔަށް ދާ ކޮންމެ މީހަކު ރަނގަޅަށް ބަލަހައްޓާން ވަނީ އަންގަވައިފައެވެ. އޭނާ އެބައިމީހުންނަށް ވިދާޅުވެދެއްވައިފައި ވާ ގާތިލުގެ ސިފަ އަޅުގަނޑާ ގުޅެނީއެވެ. ތަފާތަކީ ހަމައެކަނި އަޅުގަނޑު ތަންކޮޅެއް ކަޅުކަމެވެ."
ރާމްނާތު ވިދާޅުވިއެވެ. "ތިޔަހެން ވީ އިރު އެބައިމީހުންނަށް އަހަރެން ފެނުނު ނަމަ މާ ބޮޑަށް ޝައްކު ވީހެވެ. އެހެނީ އަހަރެން މާކަ ކަޅެއް ނޫނެވެ."
ޒުވާނާ ވިސްނުންތެރިކަމާ އެކު ރާމްނާތާ ދިމާޔަށް ބަލައިލައިފައި ބުނެފިއެވެ. "އާދޭހެވެ! މަނިކުފާނު ފެނިއްޖެ ނަމަ މީހުން މާ ބޮޑަށް ޝައްކު ކުރާނެއެވެ. މަނިކުފާނުގެ މޭމަތިފުޅު ވެސް މާ ފުޅަލެވެ. އިސްކޮޅުފުޅު ވެސް އަޅުގަނޑަށް ވުރެ ދިގެވެ. އަދި ..."
"އަދި އަހަރެންގެ ނަން ވެސް ގާތިލުގެ ނަމާ ގުޅެއެވެ." ރާމްނާތު މިހެން ވިދާޅުވެފައި އަސް ދުއްވައިލައްވައިފިއެވެ.
ރާމްނާތު އެ ރޭ ހޭދަ ކުރެއްވީ ޖަންގަލީގައެވެ. އޭގެ އަނެއް ދުވަހު އޭނާ ޖަމްނާ ކޯރު ހުރަސް ކުރައްވައިފައި ގުނޫޖުގެ ސަރަޙައްދަށް ވަދެވަޑައިގެންފިއެވެ. އޭނާއަށް ކުރިމަތި ވެފައިވާ ނުރައްކާތެރިކަން މިހާރު ވަނީ ތަންކޮޅެއް ކުޑަ ވެފައެވެ. ނަމަވެސް އޭނާއަކަށް ހިތްޕުޅު ހަމަޖެހުމެއް ލިބިވަޑައެއްނުގަނެއެވެ. ރޭގަނޑު އޭނާ ހޭދަ ކުރައްވަނީ ކޮންމެވެސް ދަނޑުވެރިއެއް ނުވަތަ ބަކަރި ހުއިހައްޕާ މީހެއްގެ ޖިފުޓީގައެވެ. ދުވާލު ހޭދަ ކުރައްވަނީ ފަޅު ތަންތަނާއި ޖަންގަލިތަކުގައެވެ. އެ ހިތާމަވެރި ދުވަސްވަރު އޭނާއަށް ކުޑަވެސް ހިތްޕުޅު ހަމަޖެހުމެއް ލިބިވަޑައިގަންނަވަނީ ހަމައެކަނި ރޫޕަވަތީގެ ޚިޔާލުފުޅުންނެވެ. އޭނާ ގިނިކަންޏާ ހުންނަވާ އިރު ޚިޔާލު ކުރައްވައެވެ. ޙަޔާތުގެ އަޑިގުޑަން އުނދަގޫ މަގުތައް ކަޑައްތު ކުރެއްވުމަށް ފަހު ކޮންމެވެސް ދުވަހަކުން އޭނާއަށް ރޫޕަވަތީގެ އަރިހަށް ވަޑައިގެންނެވިދާނެއެވެ. ކޮންމެއަކަސް މި ވަގުތު ސޫމްނާތަށް ވަޑައިގަތުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އަޅުވެރިޔާ ގަތުލު ކުރެއްވުމުގެ ހާދިސާގެ މަތީން އެހެން މީހުން ހަނދާން ނެތޭހައި ދުވަސް ވުމުން އެތަނަށް ވަޑައިގެންނެވިދާނެއެވެ.
(ނުނިމޭ)
