މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 47 ވިޔަފާރިއެއް ބަންދުކޮށްފައިވާއިރު، ފުލުހުންގެ އިދާރާ މެދުވެރިކޮށް ކުރެވޭ ތަހުޤީޤަކުން ވިޔަފާރިތައް ހިންގާ ގޮތް ބަލާނެ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ބިދޭސީން ޤަވާއިދާ ޚިލާފަށް ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތުން މިވޭތުވެ ދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 47 ވިޔަފާރިއެއް ވަނީ ބަންދުކޮށްފައެވެ.
ދުވެލި ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ މިދިޔަ ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި 47 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށާއި ވިޔަފާރިތަކުގައި މިގޮތަށް ފާހަގަވާ ތަންތަނުގައި ފުލުހުންގެ ތަހުޤީގެއް ފަށަން ތައްޔާރުވަމުން އަންނަ ކަމަށެވެ.
މީގެ ތެރޭގައި މަނީ ލޯންޑަރިންއަށް ޝައްކުވާ ތަންތަންވެސް މި އޮޕަރޭޝަންގެ ތެރޭގައި ފާހަގަވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ވަނީ އެފަދަ ތަންތަނުން ލާރި ހޯދާ ގޮތްތަކާއި ލާރި ދައުރުކުރާ ގޮތްތަކާއި ބަލާފައި ޖިނާޢީ މިންގަނޑުން ދައުވާ ކުރަން ޖެހިއްޖެނަމަ ދިވެހި ވިޔަފާރި ރަޖިސްޓަރ ކޮށްފައިވާ ފަރާތައް ދައުވާވެސް ކުރައްވާނެ ކަމަށެވެ. ވަޒީރު ވަނީ މިފަދަ ކަންކަން ހުއްޓާލައި ދިވެހިން އަމިއްލައަށް ވިޔަފާރި ކުރުމަށް އިލްތިމާސްކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ނަތީޖާވެސް މިހާރު ފެންނަމުންދާ ކަމަށެވެ. މިގޮތުން ބިދޭސީން އެކި ތަންތަނުގައި ހިންގަމުންދާ ވިޔަފާރިތައް ބަންދުވާން ފެށުމުން ދިވެހި ވިޔަފާރިތަކުން ޚިދުމަތް ހޯދާ މިންވަރު އިތުރުވެފައިވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ސަރުކާރުގެ ކަމާގުޅުންހުރި ހުރިހާ އިދާރާއެއް ގުޅިގެން ބޮޑު އޮޕަރޭޝަނެއްދަނީ ހިންގަމުންނެވެ. އެގޮތުން ރާއްޖޭގެ އެކި ވިޔަފާރިތަކުގައާއި، ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގަމުންދާ ފަރާތްތައް ހޯދުމުގެ މަސައްކަތްދަނީ ކުރަމުންނެވެ.
އަދި ރާއްޖޭގެ ޤާނޫނުތަކާއި ޚިލާފަށް ވިޔަފާރިތަކުގެ ތެރޭގައްޔާއި އެހެނިހެން ކަންކަމުގައި ޙަރަކާތްތެރިވަމުންދާ ބިދޭސީންނަށް އިތުރު ފުރުސަތެއް ދިނުމެއް ނެތި ޑީޕޯޓުކުރުމުގެ މަސައްކަތް ގެންދަނީ ކުރަމުންނެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ސަރުކާރުން ފަށާފަވާއިރު ފާއިތުވި ދެ އަހަރުގެ ތެރޭގައި ޤަވާއިދާ ޚިލާފަށް އުޅެމުން އައި އަދި ޖިނާޢީ ކުށްތަކުގައި ބައިވެރިވެފައިވާ 9188 ބިދޭސީން ވަނީ ރާއްޖެއިން ފޮނުވާލާފައެވެ.
