މުސްތަގުބަލުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމު ކަމެއް: ވަޒީރު

މުސްތަގުބަލުގައި ދިމާވެދާނެ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމު ކަމެއް ކަމުގައި ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވުޒާރާގެ ވަޒީރު އިބްރާޙިމް ވަހީދު ވިދާޅުވެއްޖެއެވެ.

މިހާރު ކުރިއަށްދާ ޒުވާނުންގެ ގައުމީ ކޮންފަރެންސްގެ ބައިވެރިންނާއި މުހާތަބުކުރައްވާ ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ބަދަލުވަމުން އަންނަ ދުނިޔެއަކަށް ތައްޔާރުވުމަށް ޒުވާނުންގެ ތައުލީމާއި ހުނަރު ތަރައްޤީކުރުމަކީ މުހިންމުކަމެއްކަމަށެވެ. އަދި ޒުވާނުންނަކީ މުސްތަޤްބަލުގެ ލީޑަރުންނާއި ޤައުމުގެ ބަޠަލުންކަމަށާއި މާދަމާ ރާއްޖެ އޮންނާނީ މިއަދުގެ ޒުވާނުންގެ ފިކުރާއި ސުލޫކުގައި އެކަން ކުރަހާލެވޭ ގޮތެއްގެ މަތީގައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން މުސްތަޤްބަލުގައި ދިމާވާ ގޮންޖެހުންތަކާއި ކުރިމަތިލާނެ ބަޔަކު އުފެއްދުމަކީ މުހިންމުކަމެއްކަމަށާއި އަދި މިއަދުގެ ޒުވާނުންނަކީ ސުލޫކީ ސިފަތަކާއި އިޖްތިމާޢީ ސިފަތައް ލިބިގެންވާ ދީނަށް އަމަލުކުރާ އަޚްލާގު ރަނގަޅު، ރީތި ސިފަތަކުން ޒީނަތްތެރިވެފައިވާ ބަޔަކަށް ހަދައި ޤައުމަށް ހަވާލުކުރެވޭ ބަޔަކު އުފެއްދުމަކީ ކުރުން މުހިންމުކަމެއްކަމަށް މި ވުޒާރާގެ ވަޒީރު ވިދާޅުވިއެވެ.

ޒުވާން އުމުރުގައި ގިނަ ވަގުތު މަސައްކަތުގައި އުޅޭ ހިތްވަރުގަދަ ޤައުމުގެ އިޤްތިޞާދު ކޮޅަށް ޖެހޭނެ ގިނަ ޒުވާނުން އެބަތިބިކަމަށާއި އެފަދަ ޒުވާނުން ޤައުމަށް ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ ޒުވާން ޖޯށާއި ބުންވަރުން މިއަދު ނުނެރުވުނު މުރާލިކަމެއް މާދަމާ ނުނެރެވޭނެކަމަށެވެ. ޒުވާންކަމުގެ ހަޔާތުން ފާއިތުވާ ކޮންމެ ދުވަހަކީ ހަކަތައިން ގެއްލޭ ދުވަހެއްކަމަށާއި ކުރަން އަޒުމް ކަނޑައަޅާ ކޮންމެ ކަމެއް މާދަމާ ކުރެވޭނީ އެކަން ހާސިލްކުރަން މިއަދު ކުރާ މަސައްކަތަކުންކަމަށް ވިދާޅުވިއެވެ. އަދި ކަންނެތް ކަމުގައި ތިބެގެން ހާސިލްވާނެ އެކައްޗެއްވެސް ނެތްކަމަށާއި ތިމާގެ ކާމިޔާބާއި ނާކާމިޔާބު އޮތީ ތިމާގެ އަތުގައިކަމަށް ވިދާޅުވިއެވެ.

ވަޒީރު އިބްރާހިމް ވަހީދު ވިދާޅުވީ ތިބާއަކީ ކޮންމެ ދާއިރާއެއްގެ މީހަކަށްވިއަސް ޤައުމުގެ ކުރިއެރުމަށް އެމީހެއްގެ ހުނަރު ބޭނުންކުރުމަކީ މުހިންމު ކަމެއްކަމަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.