މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް (މަޓާޓޯ) އިން، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން (ވީ.އެމް.ސީ)، ނެޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސަސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.އެޗް.ޖީ.އޭ.އެމް) އަދި ނެޝަނަލް ބޯޓިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެން.ބީ.އޭ.އެމް) އާ ގުޅިގެން، "ވެލްކަމް އިންޑިއާ" ރޯޑްޝޯ 2026 ގެ ދެވަނަ އެޑިޝަނަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި އިވެންޓް ބޭއްވުމަށް ހަމަޖެހިފައިވަނީ 2026 ވަނަ އަހަރުގެ މާރޗް މަހުގެ 23 އިން 27 އަށް، އިންޑިއާގެ ޗެންނާއި، އަހުމަދުއާބާދު އަދި ޖައިޕޫރުގައެވެ.
މި ރޯޑްޝޯއަކީ، ދިވެހިރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މުހިންމު ބާޒާރުތަކުގެ ތެރެއިން އިންޑިއާގެ މަގާމު އިތުރަށް ހަރުދަނާ ކުރުމަށް މަޓާޓޯއިން އެކުލަވާލާފައިވާ ބޮޑު ސްޓްރެޓެޖީގެ އެއް ބައެވެ. ރަނގަޅު ވައިގެ ގުޅުންތަކާއި، ކުރު ދަތުރުގެ ވަގުތުތަކާއި، ވިސާ އޮން-އަރައިވަލްގެ ފަސޭހަތަކާއެކު، އިންޑިއާގެ ބާޒާރުން ފެންނަމުން ދަނީ ގަދަފަދަ ކަމާއި އާ ހަލުވިކަމެވެ. 2025 ވަނަ އަހަރުގެ ފަހުކޮޅުގެ ޓްރެންޑްތަކުން ދައްކާ ގޮތުގައި، ޚާއްސަކޮށް ލަގްޒަރީ، ޑެސްޓިނޭޝަން، ވެޑިންގް އަދި މައިސް (MICE) ސެގްމެންޓްތަކުން ވަރުގަދަ ކުރިއެރުމެއް ދަނީފެންނަމުންނެވެ. އިވެންޓް ބޭއްވުމަށް ހޮވާފައިވާ މި ރަށްތަކަކީ، ބޭރު ދަތުރުފަތުރުކުރުން ގިނަ، އާމްދަނީ ރަނގަޅު، އަދި ދިވެހިރާއްޖެއަށް ޕްރީމިއަމް އަދި ތަފާތު ތަޖުރިބާތަކަށް ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރުވަމުންދާ މުހިންމު ސަރަހައްދުތަކެވެ.
2026 ވަނަ އަހަރަށް، އިންޑިއާއިން 300,000 ފަތުރުވެރިން ރާއްޖެއަށް ގެނައުމަކީ މަޓާޓޯއިން ކަނޑައަޅާފައިވާ އަމާޒެކެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމަށް އިންޑިއާގެ ބާޒާރުގެ ސްޓްރެޓެޖިކް މުހިންމުކަން އިތުރަށް ހާމަކޮށްދޭ ކަމެކެވެ. އެސޯސިއޭޝަނުން އިންޑިއާގައި ރާއްޖެ އިޝްތިހާރުކުރުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާކަން ފާހަގަކުރެވެއެވެ. 2014 ވަނަ އަހަރުން ފެށިގެން އޯ.ޓީ.އެމް (OTM) އަދި ސެޓް (SATTE) ފަދަ ބޮޑެތި ޓްރޭޑް ފެއަރތަކުގައި ބައިވެރިވި ފުރަތަމަ އިންޑަސްޓްރީ ބޮޑީތަކުގެ ތެރޭގައި މި އެސޯސިއޭޝަން ހިމެނެއެވެ. މާޓޯއިން ވަނީ އަހަރުތަކެއް ވަންދެން މާކެޓް ފުޅާކުރުމާއި ދިގު މުއްދަތުގެ ވިޔަފާރި ގުޅުންތައް ބަދަހިކުރުމުގެ މަޤްސަދުގައި ގިނަ އަދަދެއްގެ ރޯޑްޝޯތަކާއި، ފެމިލިއަރައިޒޭޝަން ޓްރިޕްތަކާއި، ގުޅިގެން ހިންގި އިޝްތިހާރު ކެމްޕޭންތަކާއި، ވިޔަފާރިއަށް އަމާޒުކޮށްގެން ތަފާތު މަސައްކަތްތައް އިސްކޮށް ހިންގާފައެވެ.
"ވެލްކަމް އިންޑިއާ" ރޯޑްޝޯއަކީ ދިވެހި ރިސޯޓްތަކާއި، ގެސްޓްހައުސްތަކާއި، ލައިވްބޯޑްތަކާއި، ތަފާތު ތަޖުރިބާ ދޭ ފަރާތްތަކަށް، އިންޑިއާގެ އިސް ދަތުރުފަތުރުގެ އެޖެންޓުންނާއި، ޓުއަރ އޮޕަރޭޓަރުންނާއި، ޕްލޭނަރުންނާ ސީދާ ބައްދަލުކޮށް ގުޅުން ބަދަހިކުރުމަށް ޚާއްސަ މަންސައެއް ހުށަހަޅައިދޭނެ ކަމެކެވެ. މި މަސައްކަތް ރާވާފައިވަނީ ކުރިއާލާ އެއްބަސްވުންތައް ގާއިމުކުރުމަށް އެހީތެރިވެ، އަހަރުގެ ހުރިހާ ދުވަހުވެސް ދަތުރުފަތުރަށް ހުރި ޑިމާންޑު އިތުރުކޮށް، ސީޒަންގެ އެންމެ ބާރުބޮޑު ދުވަސްވަރު ފިޔަވައި އެހެނިހެން ދުވަސްވަރުގައިވެސް ބުކިންތައް އިތުރުކުރުމަށް އެހީތެރިވެދިނުމުގެ މަޤްސަދުގައެވެ. މީގެ އިތުރުން މި ރޯޑްޝޯގެ ސަބަބުން އިންޑިއާގެ މާކެޓަށް ދިވެހިރާއްޖޭގެ ފުޅާ ދާއިރާއެއްގެ ފަތުރުވެރިކަމުގެ އުފެއްދުންތައް އިޝްތިހާރުވެގެންދާނެއެވެ.
މި ރޯޑްޝޯގައި ބައިވެރިވެވޭ އަދަދު ކަނޑައަޅާފައިވާތީ، ބައިވެރިވެވޭނީ ފުރަތަމަ ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 2026 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަސް ދޭއްގެ ކުރިންނެވެ. މާޓޯ (MATATO)، ވީ.އެމް.ސީ (VMC)، އެން.އެޗް.ޖީ.އޭ.އެމް (NHGAM)، އަދި އެން.ބީ.އޭ.އެމް (NBAM) ގެ މެންބަރުންނަށް 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރުމުން "އާލީ-ބާރޑް ޑިސްކައުންޓް" ލިބިގެންދާނެއެވެ.
މި ރޯޑްޝޯގައި ބައިވެރިވެއްލެއްވުމަށް، އަދި ރަޖިސްޓަރވެލެއްވުމަށް، އަދި ރޯޑްޝޯގެ މަޢުލޫމާތު އެކުލެވޭ ޕްރޮސްޕެކްޓް ހޯއްދެއްވުމަށް www.matato.org/welcomeindia2026 ވަޑައިގަތުން ނުވަތަ admin@matato.org އަށް އީމެއިލް ކުރެއްވެމުން ލިބިގެން ދާނެ އެވެ. އިތުރު މަޢުލޫމާތެއް ބޭނުންފުޅުވާނަމަ، މުޙައްމަދު ބައްސާމް އާދަމް (ސީއީއޯ، މަޓާޓޯ) އަށް (ceo@matato.org) އީމެއިލް ކުރެއްވުން ނުވަތަ +960 777 9413 އާއި ގުޅުއްވުން އެދެމެވެ.
