މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން ރ. ދުވާފަރުގައި ކުރިއަށް ދިޔަ މަސްކެނޑުމުގެ މުބާރާތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ބައްލަވާލައްވައިފިއެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން ދުވާފަރުގައި ކުރިއަށް ދިޔަ އެކި މުބާރާތްތަކުގެ ތެރެއިން އެންމެ ފަހު މުބާރާތެއްގެ ގޮތުގައި ބޭއްވުނު، މަސްކެނޑުމުގެ މުބާރާތް ކުރިއަށް ދިޔައީ އަންހެނުންނާއި ފިރިހެނުންގެ ބައި ވަކިންނެވެ. އަންހެން އަދި ފިރިހެނުންގެ ބައިން މަސްކެނޑުމުން އެއްވަނަ، ދެވަނަ އަދި ތިންވަނަ ވަނީ ހޮވާފައެވެ. ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ޙަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އަޙްމަދު ޝިޔާމެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން މިއަދު ދުވާފަރުގައި ވަނީ ''ރަހަވަރު'' ގެ ނަމުގައި ކެއްކުމުގެ މުބާރާތެއް ވެސް ބާއްވާފައެވެ. މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ވަނަވަނައަށް އައި ޓީމުތަކަށް އިނާމު ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު އެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން ބާއްވާ ރަސްމީ ޖަލްސާ މިރޭ އޮންނާނެއެވެ.
