ޑިޒައިން ބިލްޑް އުސޫލުން، ރ. ދުވާފަރުގެ ހިއްކި ސަރަޙައްދުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ އާއި އެމް.ޑަބްލިޔު.އެސް.ސީ އިން މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ރ. ދުވާފަރުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަލްފާޟިލް ޢަބްދުލް މަތީން މުޙައްމަދެވެ. އަދި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ޑޮކްޓަރ ޢަބްދުﷲ މުއްޠަލިބެވެ.
މިމަޝްރޫޢުގެ ދަށުން ރ. ދުވާފަރުގެ ހިއްކި ސަރަޙައްދުގައި ފެނާއި ނަރުދަމާ ޤާއިމު ކުރެވިފައިނުވާ ސަރަހައްދުގައި ފެނާއި ނަރުދަމާ ހޮޅީގެ މައިނެޓްވޯރކް އަޅައި، ގޭގޭ ގައި ނަރުދަމާ ޖަންކްޝަނާއި ފެން މީޓަރު ބަހައްޓައި، ގޭގެއަށް ފެނާއި ނަރުދަމާ ގެ ކަނެކްޝަން ގުޅައިދެވޭނެއެވެ. މީގެ އިތުރުން، ޕަންޕިންގ ސްޓޭޝަން ބެހެއްޓުމާއި، ސީއައުޓްފޯލް އެއް އެޅުމާއި އަދި މިހާރު ރ. ދުވާފަރުގައި ޤާއިމުކޮށްފައިވާ ފެނުގެ ނިޒާމުގެ ކެޕޭސިޓީ އިތުރު ކުރުމަށްޓަކައި އާރް.އޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާ ކުރާ 02 ތަންގީ ބެހެއްޓިގެންދާނެއެވެ.
ރ. ދުވާފަރުގެ ހިއްކި ސަރަޙައްދުގެ ފެނާއި ނަރުދަމާގެ މަޝްރޫޢަކީ މިނިސްޓްރީ އޮފް ކޮންސްޓަރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން މިކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫޢެކެވެ. މިމަޝްރޫޢުގެ ޖުމްލަ އަގަކީ 70.8 މިލިއަން ދިވެހި ރުފިޔާއެވެ.
މިމަޝްރޫޢުގެ މަސައްކަތްތައް ނިމުމުން ރ. ދުވާފަރުގައި އަލަށް ހިއްކާ ސަރަޙައްދުގައި ރައްކާތެރި ސާފު ބޯފެނާއި، ނަރުދަމާގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
