85 ޒުވާނުންނާއެކު ޔޫތު ހެކަތޯން ފަށައިފި

ޔޫތު ހެކަތޯން 2025 ފަށައިފިއެވެ.

މި ހަރަކާތަކީ ކޯޑިން ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން މި ވުޒާރާއިން ބާއްވާ ހަރަކާތެކެވެ.މި ހަރަކާތުގައި ޖުމްލަ 85 ޒުވާނުން ވަނީ މިއަހަރު ބައިވެރިވެފައެވެ. މި ހަރަކާތަކީ 3 ދުވަހަށް ދެމިގެންދާ ހަރަކާތެކެވެ.ޖުމްލަ 48 ގަޑިއިރަށް މެދުނުކެނޑި ކުރިއަށްގެންދާ މި ހަރަކާތުގައި ޓީމްތަކުން ތަފާތު 4 ޓީމެޓިކް އޭރިއާއަކަށް ޕިޗް ނުވަތަ ހުށައެޅުންތައް ހުށައަޅާނެއެވެ.

މިއަހަރުގެ ޔޫތު ހެކަތޯން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ، މިއަހަރުގެ ހެކަތޯންގައި ގިނަ ޓީމުތަކެއް ބައިވެރިވެފައިވުމުން ފެނިގެންދަނީ ޒުވާނުން މިކަމަށް ހުރި ޝައުގުކަމަށެވެ.މި ހެކަތޯންގެ ބޭނުމަކީ ކުރިއަރަމުން އަންނަ ޒުވާނުން އައިޓީގެ ދާއިރާއިން ބައްދަލުވެ އިތުރު މަގުތައް ހޯދައިދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ގައުމަށް ބޭނުންވަނީ ކޮންކަމެއްތޯ ބަލައި އީޖާދީ ގޮތެއްގައި ގެނެވިދާނެ ހައްލުތައް ހޯދިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"85 ކުދިންނަށްވުރެ ގިނަ ކުދިން މި ހެކަތޯންގައި ބައިވެރިވޭ. މިދިޔަ އަހަރު އަޅުގަނޑުމެން ވަރަށް ދުރާލާ އިއުލާންކޮށްގެން ލިބުނު ވަރަށް ވުރެ ގިނައިން މިއަހަރު މިތަނުގައި ޓީމްތައްވެސް ހިމެނޭނެ ކުދިންވެސް ހިމެނޭނެ. އެހެންވީމަ އެއިން އަޅުގަނޑުމެންނަށް މި ފެންނަނީ ރާއްޖޭގެ ޒުވާނުން މިކަމަށް އޮތް ޝައުގު." ވަޒީރު ވިދާޅުވިއެވެ.

ބައިވެރިންގެ ހުށައެޅުންތަކުގެ ތެރެއިން 1 ވަނަ 2 ވަނަ އަދި 3 ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.1 ވަނައަށް ހޮވޭ ފަރާތަކަށް 1 ލައްކަ ރުފިޔާ، 2 ވަނައަށް ހޮވޭ ފަރާތަކަށް 75،000 ރުފިޔާ އަދި 3 ވަނައަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާގެ ފައިސާގެ އިނާމު އަދި ސްޕޮންސަރގެ ފަރާތުން ހަދިޔާކުރާ އިނާމްތައް ލިބޭނެއެވެ.ބައިވެރިންގެ ހުށައެޅުންތަކުން ޓެކްނޮލޮޖީގެ އެހީގައި މުޖްތަމައުގައި މިވަގުތު ހުރި މައްސަލަތައް ހައްލު ހޯދުމަށާއި މުޖްތަމައުއަށް ފައިދާ ކުރަނިވި އާއުފެއްދުންތައް ފަރުމާ ކުރުމުގެ ފުރުސަތު ހުޅުވާލެވިގެންދާނެއެވެ. މި ހެކަތޯން ކުރިއަށްދާނީ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.