ދިވެހީންގެ މުރާލިކަމާއި ހުނަރާއި ދިވެހި އާދަކާދައާއި ސަގާފަތާ ގުޅިފައިވާ އެންމެ ފަޚުރުވެރި، ދިވެހިވަންތަ މަސައްކަތަކީ މަސްވެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ޕޯސްޓުގައި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭން ފެށީއްސުރެ، މަސްވެރިކަމާ ދިވެހީންނާ ގުޅި ލާމެހިފައި ކަމަށް ވިދާޅުވެ، އެ ދުވަހުއްސުރެ މިއަދާ ހަމަޔަށްވެސް ދިވެހީންގެ މައިގަނޑު ކާނާއަކީ ކަނޑުރޯދި ކަމުގައި ވިދާޅުވިއެވެ.
މަސްވެރިކަމުގެ ދާއިރާ ގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ، މަސްވެރިކަމުގެ ޞިނާޢަތް އިތުރަށް ފުޅާކޮށް، އުފެއްދުންތައް އިތުރުކޮށް، މަސްވެރި ޢާއިލާތަކަށް ލިބޭ އާމްދަނީ އިތުރުކުރެއްވުން ކަމަށެވެ. އަދި ޤައުމުގެ އިޤްތިޞާދަށް މަސްވެރިކަމުން ލިބޭ މަންފާ ގިނަކޮށް މަސްވެރިކަން އިތުރަށް ޒަމާނީކޮށް، މަސްވެރިންނަށް ފުރުޞަތުތައް ފަހިކޮށްދެއްވުމަކީ ވެސް އަމާޒެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލެއްވީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށާއި ޢާއިލާތަކަށް މަސްވެރިންގެ ދުވަހުގެ ތަހުނިޔާ ފޮނުއްވަމުންނެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުވެސް ވަނީ ދުވަހާއިގުޅޭ މެސެޖެއް މީސްމީޑިއާ މެދުވެރިކުރައްވައި ހިއްސާކުރައްވާފައެވެ. އެކަމަނާގެ ޕޯސްޓްގައި ދިވެހި މަސްވެރިންގެ ހީވާގިކަމާއި، ކެރުމާއި، ހިތްވަރަށް ސާބަސް ދެއްވައި، މަސްވެރިންގެ ދުވަހުގެ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.
ކޮންމެ އަހަރެއްގެ ޑިސެންބަރު މަހުގެ 10 ވަނަ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ މަސްވެރިންގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރަނީ ރ. ދުވާފަރުގައެވެ.
