(8 ނޮވެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަމީރަށް ހީފުޅު ވީ ޖަގަތުނާރާއިން ބަލިފުޅު ވި ވާހަކަ ވިދާޅުވުމުން އަޅުގަނޑު ރުޅި އައި ކަމުގައެވެ. އެހެންކަމުން އެ އަމީރު އަޅުގަނޑަށް ބޮޑަށް އަސަރު ކުރުއްވުމަށް ޓަކައި އެ ބޭފުޅުންގެ ފުތޫޙާތުގެ ތަފްޞީލުތައް ވިދާޅުވަމުން ގެންދެވީއެވެ. ނަމަވެސް އަޅުގަނޑު އިނީ މުޅީން އެހެން ޚިޔާލެއްގައެވެ. އަޅުގަނޑު ވިސްނަމުން ގެންދިޔައީ އާޝާއާ މެދުގައެވެ. ޖަގަތުނާރާއިންގެ ލަޝްކަރު ޖަންގައްޔަށް ވަނުމުގެ ކުރީން އާޝާ އާއި އޭނާގެ އެކުވެރީންނަށް އެއަށްވުރެ މާ ދުރަށް ދެވުމުގެ ފުރުޞަތު ދެއްވާތޯ އަޅުގަނޑު ދުޢާ ކުރާން ފަށައިފީމެވެ. ނިހާޔަތުގެ މަޑުމޮޅިކަމާ އެކުގައެވެ. އެހައިތަނަށް އަޅުގަނޑުގެ ހިތުގައި އެ ފަރާތްތަކުގެ ކީރިތިމޫރިތިކަމާ މެދު ޝައްކު އުފެދިފައި ވާ ކަލާނގެތަކަށް ވެސް އާޝާއަށް މަދަދު ކުރެއްވުން އެދި ނުހަނު އާދޭހާ އެކު ދަންނަވާން ފަށައިފީމެވެ. ނަމަވެސް އަޅުގަނޑުގެ ދުޢާ ޤަބޫލެއް ނުވިއެވެ. ހަވީރު ވުމުގެ ތަންކޮޅެއް ކުރީން ޖަގަތުނާރާއިން ލަޝްކަރާއިގެން ވަޑައިގެންނެވި އިރު އޭނާ ހައްޔަރު ކުރައްވައިފައި ވާ މީހުންގެ ތެރޭގައި އާޝާ ވެސް ހިމެނެއެވެ. އަޅުގަނޑަކަށް އޭނާގެ ކުރިމައްޗަށް ދާކަށެއް ހިތްވަރެއް ނުލިބުނެވެ. އެ ވަގުތު އަޅުގަނޑު ވިސްނުން ކުޑަކޮށްލައިގެން އުޅެގެންފި ކަމުގައި ވާނަމަ، އާޝާ ސަލާމަތް ކުރެވިދާނެކަމަށް އޮތް ކުޑަކުޑަ އުއްމީދު ވެސް ގެއްލިދާނެކަން އަޅުގަނޑަށް އެނގެއެވެ. އެހެންކަމުން، އާޝާ އަކީ އަޅުގަނޑު ދަންނަ މީހެކޭ، އަޅުގަނޑު މަރުގެ ތުންފަތްމަތީގައި ވަނިކޮށް ސަލާމަތް ކޮށް އަޅުގަނޑަށް ޙިމާޔަތް ދިނީ އޭނާއޭ އަޅުގަނޑު އެއްވެސް މީހެއްގެ ގާތަކު ނުބުނަމެވެ. އަޅުގަނޑުގެ އެކުވެރީންގެ ސުވާލުތަކުގެ ޖަވާބުގައި އެބައިމީހުންގެ ގާތުގައި އަޅުގަނޑު ބުނީ އަޅުގަނޑު ކޯރުން ސަލާމަތް ވުމަށް ފަހު، އަވަށުގެ މީހުން ދޫ ކޮށްފައި ދިޔަ ޖަނަވާރުތަކުގެ ކިރު ބޮއިގެން ހޮހަޅައެއްގައި އުޅުނީކަމުގައެވެ. އެގޮތަށް ވާހަކަ ދައްކައިގެން އެބައިމީހުން ހިތްހަމަޖައްސައިދެނީއެވެ. ޖަގަތުނާރާއިނަށް އަޅުގަނޑު ފެނިވަޑައިގަތުމުން ވަރަށް އުފާފުޅު ވިއެވެ. ނަމަވެސް އޭނާ އަޅުގަނޑުގެ ގާތުގައި، އަޅުގަނޑުގެ ސިފައިން ލައްވައި އަޅުގަނޑުގެ ބޮލުގެ ކޮންމެ އިސްތަށްޓެއްގެ ބަދަލުގައި ފަރުބަދަމަތީ މީހެއްގެ މަރު ހިފާން ހުވާ ކުރުއްވި ވާހަކަ އޭނާ ވިދާޅުވުމުން އަޅުގަނޑުގެ ހިތް ހީވީ ހުއްޓުނުހެންނެވެ.
+ + + +
އެރޭ ޖަގަތުނާރާއިން ޖިފުޓިއެއްގައި އަރާމު ކުރައްވާން އޮންނަވަނިކޮށް އަޅުގަނޑު އޭނާގެ އަރިހަށް ހިނގައްޖައީމެވެ. އޭނާއަށް އަޅުގަނޑުގެ ވާހަކަ ދަންނަވައިފީމެވެ. ނަމަވެސް ރައްކާތެރި ވުމުގެ ގޮތުން އާޝާ އާއި އޭނާގެ ކާފަގެ ވާހަކަ ނިއުޅައެއްނުލަމެވެ. އޭގެ ބަދަލުގައި އަޅުގަނޑު ފުއްދައިލީ އަޅުގަނޑު ކޯރުގެ އައްސޭރީގައި އޮވެ މަރު ވަނިކޮށް އެ ދިމާޔަށް އައި އަންހެން ކުއްޖަކު އަޅުގަނޑު ވީރާނާ ވެފައި ވާ އަވަށަށް ގެނެސް އަޅުގަނޑަށް ހޭހަން ކުރަމުން ގެންދިޔައޭ ދެންނެވުމުގެ މައްޗަށެވެ.
ޖަގަތުނާރާއިން ސުވާލު ކުރެއްވިއެވެ. "އެ ކުއްޖާ ކޮބައިތޯއެވެ؟"
އަޅުގަނޑު ޖަވާބު އެރުވީމެވެ. "އޭނާ ލަޝްކަރު އައުމުގެ ކުރީން ކޮންމެވެސް ތަނަކަށް ފިލައިގެން ހިނގައްޖެއެވެ. އަޅުގަނޑު މަނިކުފާނުގެ އަރިހަށް މި އައީ އޭނާ ހައްޔަރު ކުރެވިއްޖެ ކަމުގައި ވާނަމަ، އޭނާ އަޅުގަނޑާ މެދު ބެހެއްޓި އިޙުސާންތެރިކަމަށް ޓަކައި މަނިކުފާނު އޭނާގެ ފުރާނަ ސަލާމަތް ކުރައްވާން މަސައްކަތްޕުޅު ކޮށްދެއްވާތޯ ދަންނަވާން ވެގެންނެވެ."
ޖަގަތު ނާރާއިން އޭނާގެ ކުލަކޮޅު ބަދަލު ކޮށްލައްވައިފައި ވިދާޅުވިއެވެ. "އޭނާ މަނިކުފާނަކަށް އެއްވެސް އިޙުސާންތެރިކަމެއް ނުކުރެއެވެ. މަނިކުފާނުގެ ފުރާނަފުޅު ސަލާމަތް ކުރެއްވީ ދޭވަތާއިންތަކެވެ. ދޭވަތާއިން އެދިވޮޑިގެންފި ކަމުގައި ވާނަމަ ބިޗުލެއްގެ ކިބައިން ކަށިޖެހުން ވެސް މަނާ ކުރައްވައިފާނެއެވެ. އެކަލާނގެ އެދިވޮޑިގަންނަވަނީ ދީނަށް ނަޞުރު ދެއްވުމަށް ޓަކައި މަނިކުފާނު ދުނިޔޭގައި ހުންނަވާށެވެ. އެކަމަށް ޓަކައި އެކަލާނގެ ޑަކައިތު އަންހެނެއްގެ ދަރިޔެއްގެ ހިތުގައި އިރުކޮޅަކަށް މަނިކުފާނާ މެދު ރަޙުމު އުފެއްދެވީއެވެ. ނަމަވެސް އަޅުގަނޑު މަނިކުފާނު މާޔޫސް ވެވަޑައިގަތަކަ ނުދޭނަމެވެ. އޭނާ އަޅުގަނޑުމެންނަށް އަތުޖެހިއްޖެ ކަމުގައި ވާނަމަ އޭނާ ފައްޅީގެ ޚިދުމަތަށް ފޮނުވޭތޯ އަޅުގަނޑު މަސައްކަތް ކުރާނަމެވެ. މީގެ އިރުކޮޅެއްގެ ކުރީން އަޅުގަނޑުމެން ޖަންގަލީގެ ތެރެއިން އަންހެން ކުއްޖަކު ހައްޔަރު ކުރީމުއެވެ. ޕަރައުހަތުގެ ކޮއްކޮ އަޅުގަނޑު ގާތުގައި ވަނީ އެ ބޭފުޅުން ޝިޔޫޖީގެ ފައްޅިއަށް އެ ކަހަލަ އަންހެން ކުދީން ބޭނުން ވާ ވާހަކަ ވިދާޅުވެފައެވެ. މަނިކުފާނު ޤައިދީން ދެކެވަޑައިގެންފީމުމުތޯއެވެ؟"
އޭނާ އެ އިޝާރާތް ކުރެއްވީ އާޝާ ފިޔަވައި އެހެން ކުއްޖަކަށެއް ނޫނެވެ. އެކަން އަޅުގަނޑަށް އެނގެއެވެ. ނަމަވެސް އަޅުގަނޑު ޖަވާބު އެރުވީމެވެ. "އަޅުގަނޑު ދެކެފީމެވެ. އޭނާ އެމީހުންގެ ތެރެޔަކު ނެތެވެ. އޭނާ ފަހަރެއްގައި ކޯރަށް ފުންމައިލީ ނޫންބާވައޭ ހީ ވެ އަޅުގަނޑު ބިރު ގަނެއެވެ."
ޖަގަތުނާރާއިން ވިދާޅުވިއެވެ. "އެހެން ވީއިރު ތިޔައީ މަނިކުފާނުގެ ކުށެވެ. ތިޔަހެންވިއްޔާ މަނިކުފާނު ވާނީ އޭނާގެ ގާތުގައި، އަޅުގަނޑުމެންނަކީ ވަރަށް އަނިޔާވެރި ބައެކޭ، އަޅުގަނޑުމެން ޤައިދީންނާ މެދު ޢަމަލު ކުރަނީ ވަރަށް ނުބައި ގޮތަކަށޭ ވިދާޅުވެފައެވެ."
އަޅުގަނޑު ނަފުރަތާ އެކު ދަންނަވައިފީމެވެ. "އާދޭހެވެ! އަޅުގަނޑު އޭނާގެ ގާތުގައި އެހެން ބުނީމެވެ. ޝިޔޫޖީގެ ފައްޅީގައި އެތާނގައި އުޅޭ ހުސްހަށިބައި އަންހެން އަޅުވެރީންނާ މެދު ޢަމަލު ކުރެވޭ ގޮތުގެ ވާހަކަ ވެސް އަޅުގަނޑު ބުނީމެވެ."
ޖަގަތު ނާރާއިން ކޯފާ ވެގެން ތުރުތުރު އަޅައިވަޑައިގެންފިއެވެ. އޭނާ ހަޅޭއްފުޅު ލައްވައިގެންނެވިއެވެ. "ހިމޭނުން ހުންނަވާށެވެ! މަނިކުފާނަކީ ސިފައިންގެ މީހެކޭ ހީ ކުރުމުގެ ކުށް އަޅުގަނޑަށް ކުރެވިފައި ވާކަން މާ ގިނަ ފަހަރު އިޙުސާސް ވިޔަނުދެއްވާށެވެ. މަނިކުފާނުގެ ހިތްޕުޅު ތިޔަހައި ނާޒުކު ކަމުގައި ވާ ނަމަ އެނބުރި ވަޑައިގަންނަވާށެވެ. މަނިކުފާނަކީ މިހާރު އެއްވެސް ހަނގުރާމައެއްގައި ބައިވެރި ވެވަޑައިގަތުން އެކަށީގެންވާ ބޭފުޅެއް ނޫނީމުއެވެ. އަޅުގަނޑުގެ ކުދީން މަރު ވުމަށް ފަހު، މަނިކުފާނު މި ނަޖިސް މީހުންތަކަށް ޙިމާޔަތް ދެއްވާން އުޅުއްވާކަށެއް އަޅުގަނޑަކަށް ޤަބޫލެއް ނުވެވޭނެއެވެ."
އަޅުގަނޑު އެތަނުން ދާން ތެދު ވަމުން ޖަވާބު އެރުވީމެވެ. "އަޅުގަނޑުގެ މަޤާމުގައި މަނިކުފާނުގެ ދަރިކަލަކު ހުންނެވި ކަމުގައި ވީ ނަމަވެސް މަނިކުފާނު ދެއްވީހީ ހަމަ ތިޔަ ޖަވާބުތޯއެވެ؟"
ޖަގަތުނާރާއިން ފޫހިފުޅު ވެވަޑައިގެންނެވި ރާގަކަށް ވިދާޅުވިއެވެ. "މަނިކުފާނުގެ ބަދަލުގައި އަޅުގަނޑުގެ ކުއްޖަކު ހުރި ނަމަ، މި ނަޖިސް މީހުންގެ އެހީގައި ދިރިހުރުމަށް ވުރެ އަޅުގަނޑަށް ރަނގަޅު ވީހީ ކޯރަށް ގެނބިގެން މަރު ވުމެވެ."
އަޅުގަނޑު ހަދާނެ އެއްވެސް ގޮތެއް ނެތިގެން ބޭރަށް ނުކުންނަނިކޮށް ޖަގަތުނާރާއިން ފަހަތުން އަޅުގަނޑަށް ވިދާޅުވެ އަޅުގަނޑު އޭނާއާ ދިމާޔަށް ސަމާލު ކުރުއްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑުގެ ހީ އަކީ ކުށް ހީއެއް ކަމުގައި ނުވާ ނަމަ، މަނިކުފާނު އެ އަންހެން ކުއްޖާއާ ބެހޭގޮތުން ކޮންމެވެސް ކަމެއް އެބަ ސިއްރު ކުރައްވަމުއެވެ."
"ކޮން ކަމެއްތޯއެވެ؟" އަޅުގަނޑު އަޅުގަނޑުގެ ހާސްކަން ފޮރުވޭތޯ މަސައްކަތް ކުރަމުން ދެންނެވީމެވެ.
ޖަގަތުނާރާއިން އަޅުގަނޑުގެ ބޮލުން ފެށިގެން ފަޔާ ހަމަޔަށް ބައްލަވައިލެއްވުމަށް ފަހު، އަޅުގަނޑާ ދިމާޔަށް ލޯ އަޅުއްވައިގެންފައި ވިދާޅުވިއެވެ. "އަޅުގަނޑުގެ ގާތަށް ވަޑައިގެންނެވި އިރު ވެސް މަނިކުފާނަށް އެ ކުއްޖާ ވީ ތަނެއް އެނގިވަޑައިގަންނަވާނެއެވެ. މަނިކުފާނު ތިޔަ އުޅުއްވީ އޭނާ ހުރި ތަނެއް ވިދާޅުވުމުގެ ކުރީން އޭނާއާ މެދު އަޅުގަނޑުގެ ޚިޔާލު ހުރި ގޮތެއް އޮޅުން ފިލުއްވާން ވެގެންނެވެ. އަޅުގަނޑުގެ މި ހީ އަކީ ރަނގަޅު ހީއެއް ކަމުގައި ވާ ނަމަ، އަޅުގަނޑު މަނިކުފާނަށް އަލިފާނާ ކުޅުއްވާން ނުއުޅުއްވާން ނަސޭހަތްޕުޅު އަރުވަމެވެ. އަޅުގަނޑު މަނިކުފާނުގެ އަރިހުން، މަނިކުފާނު އެ ކުއްޖާ ފޮރުއްވައިފައި ވަނީ ކޮން ތަނަކުތޯ އޮޅުން ފިލުވާކަށެއް ނުއުޅޭނަމެވެ. ނަމަވެސް އަޅުގަނޑު މަނިކުފާނުގެ އަރިޔަހުގައި ބަވަސްކޮށް ދަންނަވަމެވެ. މަނިކުފާނު ނަޖިސް އަންހެން ކުއްޖަކަށް ފިލައިގެން ދާން އެހީ ވެވަޑައިގެންނެވިކަން ސާބިތު ވެއްޖެ ކަމުގައި ވާނަމަ، ނަގަރުކޯޓުގެ ސިފައިންގެ އެއްވެސް މީހަކު މަނިކުފާނުގެ ރަޙުމަތްތެރިޔަކު ކަމުގައެއް މަނިކުފާނަކަށް ފެނިވަޑައެއްނުގަންނަވާނެއެވެ. އަޅުގަނޑު އެކަން މަނިކުފާނަށް ހަނދުމަފުޅު ކޮށްއަރުވަމެވެ. މިތާނގެ ނަޖިސް މީހުންގެ އަތުން ޝަހީދު ވެގެން ދިޔަ އަބުޠާލުންގެ މައްޗަކުން އެބައިމީހުން މަނިކުފާނަށް ޓަކައެއް ހަނދާން ނައްތައެއްނުލާނެއެވެ."
އަޅުގަނޑު އެ ޖިފުޓީން ނުކުމެއްޖައީމެވެ. ހިތުގައި ނުއުފުލޭ ފަދަ ބަރެއް ބާއްވައިގެންނެވެ. އޭރު އަޅުގަނޑުގެ ހިތަށް އަރައެވެ. އަޅުގަނޑަށް އިރު އެރުމުގެ ކުރީން އާޝާ ސަލާމަތް ކުރެވޭ ފަދަ ތަދުބީރެއް ނުކުރެވިއްޖެ ކަމުގައި ވާނަމަ، މާދަމާ އެހެނިހެން ލަޝްކަރުތައް އައުމުން އާޝާއާ އެހީ ވުމުގެ ހުރިހައި މަގެއް ބަންދު ވެދާނެއެވެ. އަޅުގަނޑުގެ ހާސްކަން ދިޔައީ އިރުކޮޅަކަށް ވުރެ އިރުކޮޅެއް އިތުރު ވަމުންނެވެ. އުޑުމަތީން ގުގުރީގެ އަޑު އިވެމުން ދެއެވެ. އަޅުގަނޑު ހައްޔަރު ކޮށްފައި ތިބި މީހުން ތިބި ޖިފުޓިއާ ދިމާޔަށް ދާން ފަށައިފީމެވެ. ފާރަވެރީންގެ ތެރެއިން ބައެއް މީހުންނަކީ އަޅުގަނޑުގެ އަމިއްލަ ސިފައިންނެވެ. އެބައިމީހުން އަޅުގަނޑަށް ޓަކައި ކިތަންމެ ބޮޑު ޤުރުބާނީއެއް ވާކަށް ވެސް ފަހަކަށް ނުޖެހޭނެއެވެ. އެކަން އަޅުގަނޑަށް އެނގެއެވެ. ނަމަވެސް އެބައިމީހުން އަޅުގަނޑަށް ޓަކައި ދޭވަތާއިންގެ ކޯފާއަށް ހުރަހެޅޭން ތައްޔާރު ވާނެކަމެއް އަޅުގަނޑަކަށް ޔަޤީނެއް ނޫނެވެ. އެހެންކަމުން އެއްވެސް މީހަކު އަޅުގަނޑުގެ ސިއްރުވެރިޔަކަށް ހެދުމުގެ ކުރީން އެ މީހެއްގެ ހިތް އޮތް ގޮތެއް ވަޒަން ކޮށްލާން ޖެހޭނެ ކަމަށް އަޅުގަނޑުގެ ހިތަށް އެރިއެވެ.
އަޅުގަނޑުގެ އަމިއްލަ ސިފައިންގެ ޔުނިޓެއްގެ އޮފިސަރަކަށް ބުންސީދާސޭ ކިޔާ ޒުވާނަކު ހުރެއެވެ. ހަނގުރާމަ ފެށުމުގެ ކުރީން ޖަގަތުނާރާއިންގެ އަމުރުފުޅަށް އަންހެނުންތަކަކާއި ކުޑަކުދީންތަކެއް ޤަތުލު ކުރި އިރު އޭނާ ހުރީ އެކަމާ ވަރަށް ރުޅި އައިސްފައެވެ. އެކަން އަޅުގަނޑު ދެނެހުރީމެވެ. އެހެންކަމުން، ފާރަވެރީންގެ މީހަކާ ވާހަކަ ދެއްކުމުގެ ބަދަލުގައި އަޅުގަނޑު އޭނާ ހޯދައިފީމެވެ. އަޅުގަނޑު އޭނާ އެއް ފަރާތަކަށް ގެންގޮސްފައި އަޅުގަނޑުގެ ވާހަކަ އޭނާއަށް ކިޔައިދީފީމެވެ. ބުންސީދާސް އާޝާ ސަލާމަތް ކުރާން އެއްވެސް ޖެހިލުމެއް ނެތި ވަޢުދު ވެއްޖެއެވެ. އިރުކޮޅަކު ބަހުސް ކުރުމަށް ފަހު، އަޅުގަނޑުމެން ވަކި ގޮތަކަށް އެއްބަސް ވެއްޖައީމުއެވެ. ބުންސީދާސް އަޅުގަނޑު ފޭލިގެތަކާ ތަންކޮޅެއް ދުރުގައި ބަހައްޓައިފައި ހިނގައްޖެއެވެ. އިރުކޮޅެއްގެ ފަހުން އޭނާގެ ޔުނިޓުން އަށް މީހުން ގޮވައިގެން އަތުވެއްޖެއެވެ. އެ އަށް މީހުންނަކީ އިތުރު ސުވާލެއް ނެތި އަޅުގަނޑުމެންގެ ކޮންމެ އެންގުމަކަށް ޢަމަލު ކުރާނެކަން އަޅުގަނޑަށް ވެސް ޔަޤީން ވާ އަށް މީހުންނެވެ. އަޅުގަނޑު އެބައިމީހުންގެ ގާތުގައި ބުނެފީމެވެ. "ލަޝްކަރުގައި ހިނގާ ނުރައްކައުތެރި ބަޣާވާތެއްގެ ޚަބަރު ލިބިއްޖެއެވެ. އެހެންކަމުން އަމީރު ޖަގަތުނާރާއިން، ބައެއް މީހުން ސިއްރުން ހައްޔަރު ކުރައްވާން ބޭނުންފުޅު ވެއެވެ." އެއަށްފަހު ބުންސީދާސް ދިޔައީ ހައްޔަރު ވެފައި ތިބި މީހުން ބަލަހައްޓާން ތިބި ފާރަވެރީންގެ ގާތަށެވެ. ފާރަވެރީންގެ ވެރިޔަކަށް ހުރީ ޖަގަތު ނާރާއިންގެ އަމިއްލަފުޅު ލަޝްކަރުގެ މީހެކެވެ. ބުންސީދާސް އޭނާ ގާތު ބުންޏެވެ. "އަހަރެން ފޭލިގެތަކުގެ ތެރޭގައި ބުރު ޖަހަމުން ދަނިކޮށް އަމީރު ޖަގަތުނާރާއިނާ ބައްދަލު ވިއެވެ. އެމަނިކުފާނު ކަލެޔަށް އެބަ ވިދާޅުވެއެވެ."
( ނުނިމޭ)
