(15 ނޮވެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
އަޅުގަނޑުގެ އަމިއްލަ ސިފައިންގެ ޔުނިޓެއްގެ އޮފިސަރަކަށް ބުންސީދާސޭ ކިޔާ ޒުވާނަކު ހުރެއެވެ. ހަނގުރާމަ ފެށުމުގެ ކުރީން ޖަގަތުނާރާއިންގެ އަމުރުފުޅަށް އަންހެނުންތަކަކާއި ކުޑަކުދީންތަކެއް ޤަތުލު ކުރި އިރު އޭނާ ހުރީ އެކަމާ ވަރަށް ރުޅި އައިސްފައެވެ. އެކަން އަޅުގަނޑު ދެނެހުރީމެވެ. އެހެންކަމުން، ފާރަވެރީންގެ މީހަކާ ވާހަކަ ދެއްކުމުގެ ބަދަލުގައި އަޅުގަނޑު އޭނާ ހޯދައިފީމެވެ. އަޅުގަނޑު އޭނާ އެއް ފަރާތަކަށް ގެންގޮސްފައި އަޅުގަނޑުގެ ވާހަކަ އޭނާއަށް ކިޔައިދީފީމެވެ. ބުންސީދާސް އާޝާ ސަލާމަތް ކުރާން އެއްވެސް ޖެހިލުމެއް ނެތި ވަޢުދު ވެއްޖެއެވެ. އިރުކޮޅަކު ބަހުސް ކުރުމަށް ފަހު، އަޅުގަނޑުމެން ވަކި ގޮތަކަށް އެއްބަސް ވެއްޖައީމުއެވެ. ބުންސީދާސް އަޅުގަނޑު ފޭލިގެތަކާ ތަންކޮޅެއް ދުރުގައި ބަހައްޓައިފައި ހިނގައްޖެއެވެ. އިރުކޮޅެއްގެ ފަހުން އޭނާގެ ޔުނިޓުން އަށް މީހުން ގޮވައިގެން އަތުވެއްޖެއެވެ. އެ އަށް މީހުންނަކީ އިތުރު ސުވާލެއް ނެތި އަޅުގަނޑުމެންގެ ކޮންމެ އެންގުމަކަށް ޢަމަލު ކުރާނެކަން އަޅުގަނޑަށް ވެސް ޔަޤީން ވާ އަށް މީހުންނެވެ. އަޅުގަނޑު އެބައިމީހުންގެ ގާތުގައި ބުނެފީމެވެ. "ލަޝްކަރުގައި ހިނގާ ނުރައްކައުތެރި ބަޣާވާތެއްގެ ޚަބަރު ލިބިއްޖެއެވެ. އެހެންކަމުން އަމީރު ޖަގަތުނާރާއިން، ބައެއް މީހުން ސިއްރުން ހައްޔަރު ކުރައްވާން ބޭނުންފުޅު ވެއެވެ." އެއަށްފަހު ބުންސީދާސް ދިޔައީ ހައްޔަރު ވެފައި ތިބި މީހުން ބަލަހައްޓާން ތިބި ފާރަވެރީންގެ ގާތަށެވެ. ފާރަވެރީންގެ ވެރިޔަކަށް ހުރީ ޖަގަތު ނާރާއިންގެ އަމިއްލަފުޅު ލަޝްކަރުގެ މީހެކެވެ. ބުންސީދާސް އޭނާ ގާތު ބުންޏެވެ. "އަހަރެން ފޭލިގެތަކުގެ ތެރޭގައި ބުރު ޖަހަމުން ދަނިކޮށް އަމީރު ޖަގަތުނާރާއިނާ ބައްދަލު ވިއެވެ. އެމަނިކުފާނު ކަލެޔަށް އެބަ ވިދާޅުވެއެވެ."
ފާރަވެރީންގެ އޮފިސަރު ބުންސީދާސާ އެކު ހިނގައިގެންފިއެވެ. އިރުކޮޅެއްގެ ފަހުން އަޅުގަނޑުމެންނަށް ތަންކޮޅެއް ދުރުން އެ ދެ މީހުންގެ ވާހަކަ އަޑު އިވޭން ފަށައިފިއެވެ. ފާރަވެރީންގެ އޮފިސަރު ބުނާ އަޑު އިވުނެވެ. "އަމީރު ހުންނެވީ ވަރަށް ބޮޑަށް ވަރުބަލިފުޅު ވެފައެވެ. ހަވީރު އޭނާ އަހަރެންގެ ގާތުގައި ވަނީ އިރު އޮއްސުމާ އެކު އޭނާ އަވަހާރަފުޅު ލައްޕަވާނެ ވާހަކަ ވިދާޅުވެފައެވެ. އޭނާ މިތާ ޖަންގަލީގެ ތެރޭގައި ކުރައްވަނީ ކީއްހެއްޔެވެ؟" ބުންސީދާސް އޭނާއަށް ވިސްނައިދެމުންގެންދެއެވެ. "ކުރިޔަށް ވެސް ވަރަށް ގިނަ ޖިފުޓި އެބަހުއްޓެވެ. އަމީރު ވާސިދިޔޫއާ ވާހަކަފުޅު ދައްކަވާން ޖިފުޓިއެއްގެ ބޭރުގައި އެބަހުންނެވިއެވެ. އަހަރެން ޙައިރާން ވެއްޖައީމެވެ. ކަލޭ ބިރު ގަންނަނީ ކޮން ކަމަކާހެއްޔެވެ؟"
ބުންސީދާސްގެ އެންމެ ފަހު ޖުމުލައިން ވަރަށް ފައިދާ ކޮށްފިއެވެ. ފާރަވެރީންގެ އޮފިސަރު ކުރިޔަށް ދަމަމުން ބުންޏެވެ. "ރަޙުމަތްތެރިޔާއެވެ! ބިރުން އުޅެނީ ކާކުހެއްޔެވެ؟"
ނަސީބު ރަނގަޅުކަމުން، އަނދިރީގެ ތެރޭގައި އޭނާއަށް އަޅުގަނޑުމެން ކުރެ ކޮންމެ މީހަކާ މެދު ވެސް ހީ ވީ ޖަގަތު ނާރާއިން ކަމަށެވެ. ސިފައިން އަޅުގަނޑުގެ އިޝާރާތަށް ޢަމަލު ކޮށްފިއެވެ. ވަގުތުން އޭނާ ވާތަކުން ބަނދެލައިފިއެވެ. ސިފައިންގެ މީހެއް އޭނާގެ ކަނދުރާގައި ޚަންޖަރު ޖައްސައިފައި އިންޒާރު ކުރިއެވެ. "ހަޅޭއްލަވާން އުޅެފި ކަމުގައި ވާނަމަ ކަލޭގެ ފުރާނަ ސަލާމަތެއް ނުވާނެއެވެ."
ބުންސީދާސް އަނެއްކާވެސް އަނދިރީގެ ތެރެޔަށް ގެއްލިއްޖެއެވެ. އޭނާ ކުޑަ އިރުކޮޅެއް ފަހުން ފާރަވެރީންގެ އެހެން ދެ މީހުން ގޮވައިގެން އަތުވެއްޖެއެވެ. އެ ދެ މީހުން ބަނުމަށް ފަހު އެ ދެ މީހުންގެ ބަދަލުގައި އޭނާގެ ސިފައިންގެ ދެ މީހުން ގޮވައިގެން ހިނގައްޖެއެވެ. އަޅުގަނޑުމެން ރައްކާތެރި ވުމުގެ ގޮތުން ފާރަވެރީން ބައިތިއްބީ، އަނގަމަތީގައި ފޮތި ބަނދެފައެވެ. އެއީ އެބައިމީހުން އެކަކު އަނެކަކާ ވާހަކަ ދެއްކިޔަނުދިނުމަށް ޓަކައެވެ. ބުންސީދާސް ބުނި ގޮތުގައި، ފާރަވެރީންގެ ދެން ތިބި މީހުންގެ ތެރެއިން ހަތަރު މީހުންނަކީ އަޅުގަނޑުމެންގެ މީހުންނެވެ. އިތުރަށް ތިބި ތިން މީހުންނަކީ އެހެނިހެން އަމީރުންގެ ލަޝްކަރުތަކުގެ މީހުންނެވެ.
އަޅުގަނޑުމެން ރާވައިފައި ވަނީ އެ ހިސާބުން ފެށިގެން ބުންސީދާސް ފާރަވެރީންގެ ވެރިޔަކަށް ހުރުމަށެވެ. ރޭދެބައި ވުމުން ފާރަވެރީންގެ ތެރޭގައި ތިބި އެހެނިހެން ޖަމާޢަތްތަކުގެ ސިފައިންގެ ތިން މީހުން ވެސް ކޮންމެވެސް ބަހަނާއެއް ދައްކައިފައި ފޮނުވައިލާށެވެ. އެހައިތަނުން ބުންސީދާސް އަޅުގަނޑަށް ޚަބަރު ދޭ ގޮތަށެވެ. އެންމެ ފަހު ފަހަރު ބުންސީދާސް ފޮނުވައިލުމުގެ ކުރީން އަޅުގަނޑު އޭނާ އެހެން މީހުންނާ ދުރަށް ގެންގޮސްފައި އޭނާ ގާތުގައި ބުނީމެވެ. އާޝާއާ ބައްދަލު ކޮށްފައި އަހަރެން ބުންޏޭ ހައްޔަރު ވެފައި ތިބި މީހުން ފިލާން ތައްޔާރު ކުރުވައިފައި ބައިތިއްބާށޭ ބުނާށެވެ. ބުންސީދާސް ދިޔަތަނާ މާ ގިނަ އިރެއް ނުވެ ހިމަފޮދު ވާރޭ ވެހޭން ފަށައިފިއެވެ. އަޅުގަނޑު އެކަމާ ވަރަށް ހިތްހަމަޖެހުނެވެ. އެއީ ބޭރުގައި ތިބި ސިފައިންގެ މީހުން ޖިފުޓިތަކަށް ވަންނާން އުޅެގެންފާނެތީއެވެ. އަޅުގަނޑު ސިފައިންގެ މީހެއްގެ އަތުން އޭނާގެ ހަތިޔާރުތައް އަތުލައިފީމެވެ. ނުހަނު ކެތްތެރިކަމެއް ނެތް ގޮތުގައި ބުންސީދާސްގެ ޚަބަރަކަށް އިންތިޒާރު ކުރާން ފަށައިފީމެވެ. ރޭދެބައި ވުމުގެ ތަންކޮޅެއް ކުރީން އޭނާ ދުވެފައި އަޅުގަނޑުމެންގެ ގާތަށް އަތުވެއްޖެއެވެ. އޭނާ ފެނުމާ އެކު އަޅުގަނޑު ތެދު ވެއްޖައީމެވެ. އޭނާ އަޅުގަނޑުގެ މުލައްދަނޑީގައި ހިފައި ދަމައިފައި އެއް ފަރާތަކަށް ގެންގޮސްފައި ބުންޏެވެ. "އަޅުގަނޑު ޤައިދީން ފިލާނޭ މަގު ތަނަވަސް ކޮށްފީމެވެ. ނަމަވެސް އަޅުގަނޑު މި އައީ އާޝާއާ ބެހޭގޮތުން ވަރަށް ހިތާމަވެރި ޚަބަރަކާއިގެންނެވެ."
އަޅުގަނޑުގެ ހިތް ހީ ވީ ހުއްޓުނުހެންނެވެ. ބެދިފައި ވާ އަޑަކުން ބުނެފީމެވެ. "ކަލާކޮށްޓަކައި އަވަހަށް ބުނެބަލާށެވެ! ކީއް ވީހެއްޔެވެ؟"
އޭނާ ބުނެފިއެވެ. "ދެންމެއަކު ޕަރައުހަތުގެ ކޮއްކޮ އަޅުވެރީންގެ ދެ މީހުން ފޮނުއްވައިގެން އާޝާ އޭނާ ހުންނެވި ޖިފުޓިއަށް ގެންދަވައިފިއެވެ. އަޅުގަނޑު ކުޑަކޮށް ވެސް ދެކޮޅުވެރިކަމެއް ދެއްކި ނަމަ، މި ކުޅިގަނޑު މުޅީން އޮޅުންބޮޅުން ވެއްޖައީހެވެ."
އަޅުގަނޑު ބުންސީދާސަށް ނަސޭހަތް ދިނީމެވެ. "އަހަރެން އާޝާ އެތަނުން ނެރޭން މަސައްކަތް ކުރާނަމެވެ. ކަލޭ ކުޑަ އިރުކޮޅަކު އިންތިޒާރު ކުރުމަށް ފަހު ހުރިހައި ޤައިދީން ދޫ ކޮށްލާށެވެ. އެބައިމީހުން ގާތު ބުނާށެވެ. އެންމެން އެކުގައި ދިޔުމަށް ވުރެ ރަނގަޅު ވާނީ ވަކިވަކީން ފަރުބަދަތަކުގެ ތެރެޔަށް ނުވަތަ ޖަންގައްޔަށް ވަދެ ވިއްސިވިހާލި ވެގަތުމެވެ. އެގޮތަށް ނަސޭހަތް ދޭށެވެ. ކަލޭ ވެސް ފިލުން ނޫން ގޮތެއް ނެތެވެ. ފަހަރެއްގައި ފުރުޞަތެއް ލިބި، އަހަންނަށް ކަލޭގެ އިޙުސާންތެރިކަމުގެ ބަދަލު ދެވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. އަހަންނަށް ކަލޭގެ އިޙުސާންތެރިކަމުގެ ބަދަލު ނުދެވުނު ކަމުގައި ވިޔަސް، ކަލޭ ތިޔަ ޢަމަލު ކުރީ ކަލާނގެ ރުހިވޮޑިގަތުމާ އެއްގޮތަށްކަމުގެ ހިތްހަމަޖެހުން ލިބޭނެއެވެ. އެކަލާނގެ ޙަޟުރަތުގައި ކަލޭގެ ދަރަޖަ ދޭވަތާއަކަށް ވުރެ ވެސް މަތިވެރި ވާނެއެވެ."
ބުންސީދާސް ޖަވާބު ދިނެވެ. "އަޅުގަނޑު މިހިރީ އެންމެ ފަހު ވަގުތާ ހަމަޔަށް ވެސް މަނިކުފާނުގެ އަރިހުގައެވެ. މަނިކުފާނު ޕަރައުހަތުގެ ކޮއްކޮ ހުންނެވި ޖިފުޓީގެ ބޭރުގައި އިރުކޮޅަކު އަޅުގަނޑަށް އިންތިޒާރު ކުރައްވާށެވެ. އަޅުގަނޑު ޤައިދީން މިނިވަން ކޮށްފައި އެތަނަށް ދާނަމެވެ. މަނިކުފާނަށް އެ ޖިފުޓި ހޯއްދަވާން އެނގިވަޑައިގަންނަވާނެތޯއެވެ؟"
އަޅުގަނޑު ޖަވާބު ދިނީމެވެ. "އާނއެކެވެ! އަހަރެން ދެ ލޯ މަރައިލައިގެން ވެސް އެ ޖިފުޓިއަށް ހިނގައިދާނަމެވެ. އެ އަނިޔާވެރި ކަލޭގެ އެހުރީ އަހަންނަށް އެ ތަނަކުން ޙިމާޔަތް ލިބުނު ޖިފުޓީގައެވެ.
+ + + +
އިރުކޮޅެއްގެ ފަހުން އަޅުގަނޑު ހުރީ އާޝާގެ ގޭގެ ފާރު ކައިރީގައި ހުރި ގަހެއްގެ ދަށުގައެވެ. ޕަރައުހަތުގެ ކޮއްކޮގެ ވާހަކަފުޅު އަޑު އަހާށެވެ. އޭނާ ވިދާޅުވަމުން ގެންދަވައެވެ. "ކަލެޔަކީ ވަރަށް ބޮޑު މޮޔައެކެވެ. ޖަންގަލީގެ ތެރެއިން ކަލޭ ހައްޔަރު ކުރެވުނު ވަގުތު އަހަންނަށް ކަލޭ ފެނުނުކަމީ ކަލޭގެ ނަސީބު ރަނގަޅުކަމެވެ. ކަލޭ ކަހަލަ ރީތި އަންހެން ކުއްޖަކު މަރު ވެގެން ނުވާނެއެވެ. ނަގަރުކޯޓުގެ މާތް ޚާންދާންތަކުގެ އަންހެން ކުދީން ޙަސަދަވެރި ވާ ފަދަ އުފާވެރި ދިރިއުޅުމެއް އަހަންނަށް ކަލެޔަށް ހޯދައިދެވިދާނެއެވެ. ކަލޭ މި ޖަންގަލީން ނުކުމެގެން ގޮސް ވަންނާނީ ރަސްރަސްކަލުންގެ ގަނޑުވަރުތަކަށް ވުރެ މާ ފުރިހަމަ ފައްޅިއަކަށެވެ. އެތާނގެ އަޅުވެރީން ކައިބޮއި ހަދާނީ ވެސް ރަންރިހީގެ ތަށިތަށީގައެވެ. އަހަންނަކީ ޕަރައުހަތުގެ ކޮއްކޮއެވެ. އަހަރެންގެ ބޭބެގެ ކުރިމަތީގައި ނަގަރުކޯޓުގެ ރަސްގެފާނު ވެސް ހުންނަވާނީ އަދަބުވެރިކަމާ އެކު ހަށަން ބަނދެވަޑައިގެންނެވެ. އަހަރެން ކަލޭ ޠާހިރު ކުއްޖަކަށް ހަދައިފައި، އަހަރެންގެ ގެއިން ކަލެޔަށް ޖާގަ ދޭނަމެވެ. އަހަރެން ކަލޭ މި ގެނުވީ ކަލޭ ޤައިދީންގެ ތެރޭގައި ހުންނާން އަހަރެން ނޭދޭތީއެވެ. ނިކަން ބަލައިބަލާށެވެ! ކަލޭ ބަނޑުހައި ވެފައި ހުންނާނެކަން އެނގޭތީ އަހަރެންގެ މިރޭގެ ކާއެއްޗެހި ވެސް އެހެރީ ކަލެޔަށް ބަހައްޓައިފައެވެ. އިށީންނާށެވެ! ވިސްނާށެވެ! އަހަރެން ރުޅި އަރުވައިފި ކަމުގައި ވާނަމަ ވާނެ ގޮތަކީ ކާލީދޭވީގެ ކުރިފުޅުމަތީގައި އެހެނިހެން ޤައިދީންނެކޭ އެއްގޮތަށް ކަލޭ ވެސް ޤުރުބާން ކުރެވޭނީއެވެ."
އާޝާ ބުނާ އަޑު އިވުނެވެ. "ނިކަމެތި ކުއްތާއެވެ! އަހަރެންގެ ގައިގައި އަތް ނުލާށެވެ! ކަލެޔަށް އަހަރެން މަރައިލެވިދާނެއެވެ. އެހެން ނަމަވެސް އަހަރެންގެ ޢިއްޒަތް ފޭރިއެއްނުގަނެވޭނެއެވެ. އަހަރެން ދޫ ކޮށްލާށެވެ! އެހެންނޫނީ އަހަރެން ހަޅޭއްލަވައިގެންފާނަމެވެ."
ޕަރައުހަތުގެ ކޮއްކޮ ވިދާޅުވިއެވެ. "ކަލޭ ލަވާނެ ވަރަކަށް ހަޅޭއް ލަވާށެވެ! އެއްވެސް މީހަކަށް މި ވަގުތު މި ޖިފުޓިއާ ކައިރި ވާކަށެއް ނުކެރޭނެއެވެ. މި ވަގުތު ނަގަރުކޯޓުގެ ރަސްގެފާނު މިތާ ހުންނެވި ކަމުގައި ވިޔަސް އޭނާއަށް ވެސް ކަލޭގެ ހަޅޭއްލެވުމަށް ސަމާލުކަން ދެއްވާކަށެއް ކެރިވަޑައެއްނުގަންނަވާނެއެވެ."
އާޝާ ހަޅޭއްލަވާން ފަށައިފިއެވެ. "އަހަރެން ދޫ ކޮށްލާށެވެ! އަހަރެން މިހިރީ އަހަރެންގެ އަޚުންނާ އެކު މަރު ވާން ތައްޔާރަށެވެ."
އަޅުގަނޑުގެ ކެތްތެރިކަން ކޮޅުން ލައިފިއެވެ. އަޅުގަނޑު ކުރިޔަށް ގޮސް ޖިފުޓިއަށް ވަންނާން ގަސްތު ކުރިތަނާ، ލަޝްކަރު ބަލަހައްޓާ ސިފައިންގެ ބައިގަނޑެއް ހިނގައިފައި އަންނަ އަޑު އިވިއްޖެއެވެ. އަޅުގަނޑު އަނެއްކާވެސް ގަހުގައި ލެނގިލައިފީމެވެ. އާޝާ ރޮއި ހަޅޭއްލަވާ އަޑު އިވުމުން ސިފައިން ދުވެފައި އެ ދިމާޔަށް އަތުވެއްޖެއެވެ. ސިފައިންގެ މީހަކު ދޮރުގައި ޓަކި ތަޅައިގެންފައި "ސާހިބާއެވެ! ސާހިބާއެވެ!" ގޮވާން ފަށައިފިއެވެ. އެތެރެއިން ޕަރައުހަތުގެ ކޮއްކޮ ގުގުރައިވަޑައިގެންނެވިއެވެ. "ކޮންތާކު ހިމާރެއް ހެއްޔެވެ؟ މިތަނުން ފެއްސޭން އުޅޭށެވެ! އެހެން ނޫނީ އަހަރެން ކަލޭގެ ހަން ދަމައިލާނަމެވެ."
ސިފައިން އަވަސްއަވަހަށް ދުވެ ރައްކައު ވެއްޖެއެވެ. އަޅުގަނޑު ދޮރު ކައިރިޔަށް ގޮސް ދޮރު ހުޅުވޭތޯ އުޅޭން ފަށައިފީމެވެ. ނަމަވެސް ދޮރު ހުރީ އެތެރެއިން ތަންޑު އަޅައިފައެވެ. އޭރު ޕަރައުހަތުގެ ކޮއްކޮ އާޝާ ގާތު ވިދާޅުވާ އަޑު އިވެއެވެ. "ކޮބާ ކިހިނަކުން ހީވޭހެއްޔެވެ؟ ކަލޭ ލީ ހަޅޭކުގެ އެއްވެސް ފައިދާއެއް ނުކުރިޔެއް ނޫންހެއްޔެވެ؟ ދެން ވެސް ހިތްހަމަޖެހުމާ އެކު އިށީނދެ އަހަރެން މި ދައްކާ ވާހަކަ ރަނގަޅަށް އަޑު އަހާށެވެ!"
އެ ޖިފުޓީގެ ދޮރަކީ ފުދޭ ވަރެއްގެ ވަރުގަދަ ދޮރެކެވެ. އާދައިގެ ގޮތަކަށް ކޮއްޕައިލައިގެން އެ ދޮރުފަތް ހަލާކު ކޮށްނުލެވޭނެކަން އަޅުގަނޑަށް އެނގެއެވެ. ނަމަވެސް ޤުދުރަތު އަޅުގަނޑާ އެހީ ވެވޮޑިގެންފިއެވެ. ކުއްލިޔަކަށް އެއް ފަރާތަކުން ސިފައިން ހޯބޯލަވާ އަޑު އިވޭން ފަށައިފިއެވެ. އަޅުގަނޑު ވަރަށް ބާރަށް ދޮރުގައި ޓަކި ދީފައި ގޮވައިލައިފީމެވެ. "ސާހިބާއެވެ! ސާހިބާއެވެ! ދުޝްމަނުން ޙަމަލަ ދީފިއެވެ. މަނިކުފާނުގެ ފުރާނަފުޅު ސަލާމަތް ކުރައްވާށެވެ!"
(ނުނިމޭ)
