އެންމެ ފަހުގެ ޙަމަލާ – 19

(1 ނޮވެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަޅުގަނޑަށް ވެސް އިރުކޮޅެއް ވާންދެން އެ ރީތި ޒުވާނާގެ ހަށިގަނޑާ ދިމާޔަށް ބަލަހައްޓައިގެން އާގަމަ ވެފައި ހުރެވުނެވެ. ނަމަވެސް ކުއްލިޔަކަށް އަޅުގަނޑުގެ މުޅި ހަށިގަނޑު ތުރުތުރު އަޅައިގެންފިއެވެ. އަޅުގަނޑު އެއް އަތުން އާޝާގެ އަތުގައި، އަނެއް އަތުން އޭނާގެ ކާފަގެ އަތުގައި ހިފައިގެން ކޯރާ ދިމާޔަށް ހިނގައިގެންފީމެވެ. އާޝާ ވަރަށް ބޮޑަށް ފަސް ޖެހިފައި ހުރެ ދެތިން ފިޔަވަޅެއް އެޅުމަށް ފަހު ހުއްޓިއްޖެއެވެ. އޭނާ ރޮއިގެންފައި ބުންޏެވެ. "ނޫނެކެވެ! އަހަންނަށް އަހަރެންގެ ބޭބެގެ މަސްގަނޑު ދޫ ކޮށްލައިފައެއް ނުދެވޭނެއެވެ." މުސްކުޅިޔާ ވެސް ބިންމަތީގައި އިށީނދެއްޖެއެވެ. އަޅުގަނޑު ބުނެފީމެވެ. "ބޭބޭއެވެ! މިއީ އާޝާގެ ފުރާނަ ސަލާމަތް ކުރެވޭން އޮތް އެންމެ ފަހު ދަނޑިވަޅެވެ. ކަލާކޮށްޓަކައެވެ! ބޭބެގެ ކާފަދަރިފުޅުގެ އެންމެ ފަހުގެ ވަޞިއްޔަތް ފުރިހަމަ ކުރުމާ މެދު އިންކާރު ނުކުރާށެވެ!"

މުސްކުޅިޔާ ބުންޏެވެ. "މަނިކުފާނަށް އާޝާގެ ފުރާނަ ސަލާމަތް ކުރެއްވޭނެހެން ހީފުޅު ވާ ނަމަ އޭނާ ގެންދަވާށެވެ! އަޅުގަނޑަކަށް ދެން ތިޔަ ބޭފުޅުންގެ އަރިހަކު ނުދެވޭނެއެވެ. އަޅުގަނޑުގެ ދެ ފައިގައި އަޅުގަނޑުގެ ހަށިގަނޑުގެ ބަރު އުފުލޭހައި ބާރެއް ނެތެވެ. އާޝާ ދަރިފުޅާއެވެ! ދާށެވެ! ކާފަ ދެ އަތް ޖޯޑު ކޮށް އާދޭސް ކުރަމެވެ."

އަޅުގަނޑު އާޝާގެ އަތުގައި ހިފައި ދަމައިގެންފީމެވެ. އޭނާ އަޑުންއަޑުނަގައި ރޮމުން އަޅުގަނޑާ އެކު ދާން ފަށައިފިއެވެ. އިރުކޮޅެއްގެ ފަހުން ދިރިހުރުމުގެ އުއްމީދު އޭނާގެ ހުރިހާ ޒަޚަމްތަކެއްގެ މައްޗަށް ވެރި ވެގެންފިއެވެ. އޭނާ އަޅުގަނޑާ އެކު ވަރަށް ބާރަށް ފިލާން ދުވާން ފަށައިފިއެވެ. އަޅުގަނޑަށް ލިބެމުންދާ ވޭން އިރުކޮޅެއް ވާންދެން އެއްގޮތަކަށް ވެސް އިޙުސާސް ނުވެދިޔައެވެ. ނަމަވެސް ބައި ކޯހެއްހައި ތަނަށް ހިނގުމަށް ފަހު އަޅުގަނޑުގެ ހިތްވަރު މަޑުމަޑުން އެލޭން ފަށައިފިއެވެ. އަޅުގަނޑުމެން ވަރަށް އުނދަގުލުން ކޯރުގެ އައްސޭރީން ފަރުބަދައިގެ ތިރީން ކޯހެއްހައި ހިސާބު ކަޑައްތު ކޮށްފީމުއެވެ. އެ ހިސާބުން އަޅުގަނޑުމެންނަށް ޖަންގައްޔަކަށް ވަދެވިއްޖެއެވެ. އާޝާ އަޅުގަނޑާ އެކު ހިނގުމުގެ ބަދަލުގައި އަޅުގަނޑަށް މަގު ދައްކާން ފަށައިފިއެވެ. ބޯ ގަސްތަކެއްގެ ނިވަލުން ކުއްލިޔަކަށް ހަތިޔާރު ހިފައިގެން ތިބި ފަސް ޒުވާނުން ނުކުމެއްޖެއެވެ. އެބައިމީހުން އަޅުގަނޑުމެންގެ ކުރި ބައްދައިފިއެވެ. އެއީ އާޝާގެ ބޭބެ އެ ބައެއްގެ ވާހަކަ ބުނި މީހުންނެވެ. އޭގެ ތެރެއިން އެކަކު އަޅުގަނޑާ ދިމާޔަށް ޝައްކުގެ ނަޒަރަކުން ބަލައިލައިފައި އޭނާގެ ކޯރާޑި އުފުލައިލައިފައި ސުވާލު ކުރިއެވެ. "ކަލެޔަކީ ކާކުހެއްޔެވެ؟"

އަޅުގަނޑު ބުނެފީމެވެ. "އަހަރެން މި އައީ އާޝާ ތިޔަބައިމީހުންނާ ހަމަޔަށް ގެނެސްދޭން ވެގެންނެވެ. މިއީ ވާހަކަ ދެއްކޭ ކަހަލަ ވަގުތެއް ނޫނެވެ. އާޝާ، އަހަންނަކީ ތިޔަބައިމީހުންގެ ދުޝްމަނެއް ނޫންކަން އަންގައިދޭނެއެވެ. ތިޔަބައިމީހުން އަވަހަށް އޭނާ ކޮންމެވެސް ރައްކާތެރި ތަނަކަށް ގެންދާށެވެ." އޭގެ ފަހުގައި އަޅުގަނޑު އާޝާއާ ދިމާޔަށް ބަލައިލައިފައި ބުނެފީމެވެ. "އާޝާއެވެ! ދެން އަހަންނަށް ކަލެޔާ އެކު ފިލާން ދުވުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އަހަރެން ދެން އަވަށާ ދިމާޔަށް އެނބުރި ދަނީއެވެ. އޭރުން އަހަންނަށް ކަލޭގެ ކާފަގެ ފުރާނަ ސަލާމަތް ކުރެވުމަކީ އެކަށީގެންވާ ކަމެކެވެ."

ޒުވާނުންގެ ތެރެއިން އެކަކު ސުންދަރާ ބެހޭގޮތުން އަޅުގަނޑާ ސުވާލު ކުރިއެވެ. އަޅުގަނޑު ޖަވާބު ދިނީމެވެ. "ސުންދަރު މަރު ވެއްޖެއެވެ. ދެން ވަގުތު ނަގައިނުލާށެވެ. އުތުރު ފަރާތުން ނަގަރުކޯޓުގެ ދެވަނަ ލަޝްކަރު ތިރީގެ ކޮންމެވެސް ދިމާޔަކުން ކޯރު ހުރަސް ކޮށްފައި އަތުވެދާނެތީ އަހަރެން ބިރު ގަނެއެވެ. އެހެންކަމުން ކަލޭމެން ދުވާލު ކޯރު އޮތް ގޮތަށް ހިނގުމުގެ ބަދަލުގައި ރަނގަޅު ވާނީ ފިލައިގެން ޖަންގަލީގެ ތެރެއިން ދަތުރު ކުރުމެވެ."

އާޝާ ހުވަފެނެއްގެ ތެރޭގައި ހުރި މީހަކު ފަދައިން އަޅުގަނޑުމެންގެ ވާހަކަ އަޑު އަހާން ހުއްޓެވެ. އޭނާ އެއްވެސް އެއްޗެކޭ ނުބުނެ އުޖާލާކަން ގެއްލިފައި ވާ ދެ ލޮލަކުން އަޅުގަނޑާ ދިމާޔަށް ބަލަމުން އެމީހުންނާ އެކު ހިނގައިގެންފިއެވެ. އަޅުގަނޑު މަގުފޭރޭ ބަޔަކު ލޫޓުވައިލައިފައި ވާ ދަތުރުވެރިޔަކު ފަދައިން އަވަށާ ދިމާޔަށް ދާން ދަތުރު ފަށައިފީމެވެ.

+ + + +

އަޅުގަނޑޫ އެނބުރި އައި އިރު، ނިހާޔަތަށް މަސައްކަތް ކުރުމާ އެކު ވެސް އަޅުގަނޑަށް ހިނގެނީ ވަރަށް މަޑުންނެވެ. އަޅުގަނޑަށް އަވަށާ ހަމަޔަށް ފޯރުމުގެ ކުރީން ސިފައިންގެ އެތައް ގެމަތަކެއް އަވަށަށް ވަދެއްޖެއެވެ. ސިފައިންގެ ބަޔަކަށް އަޅުގަނޑު ދުރުން ފެނުމާ އެކު ދުވެފައި އައިސް އަޅުގަނޑު ވަށައިލައިފިއެވެ. އެބައިމީހުން އަޅުގަނޑު ކުރެން ޖަގަތު ނާރާއިންގެ ވެރިކަމުގައި ހަނގުރާމަ ކުރާ ލަޝްކަރުގެ ޚަބަރު އަހާން ފަށައިފިއެވެ. އަޅުގަނޑު އެއްވެސް ޖަވާބެއް ނުދީ އާޝާގެ ގެޔާ ދިމާޔަށް ހިނގައްޖައީމެވެ. ސުންދަރުގެ ހަށިގަނޑުގެ ކައިރީގައި އޭނާގެ ކާފަގެ ހަށިގަނޑު އޮތެވެ. އެ ދެ ހަށިގަނޑަށް ހަދައިލައިފައި ވާ ގޮތުން، އަޅުގަނޑަށް އެމީހުން އޮޅުން ފިލުވާން ވެސް އުނދަގޫ ވިއެވެ. ލަޝްކަރުގެ އަމީރަކު ކުރިޔަށް ޖެހިވަޑައިގެން ބޭއިޚްތިޔާރުގައި އަޅުގަނޑާ އޮޅުލައިވަޑައިގެންފައި ވިދާޅުވިއެވެ. "ކަލާނގެ ދީލަތިވަންތަކަމެވެ! މަނިކުފާނު ދުނިޔޭގައި އެބަ ހުންނެވީމުއެވެ! އަޅުގަނޑުމެންނަށް މަނިކުފާނާ ބެހޭގޮތުން ލިބިފައި ވަނީ ވަރަށް ނުބައި ޚަބަރެކެވެ. ތިޔަ ވަޑައިގަންނަވަނީ ކޮން ތަނަކުންތޯއެވެ؟ ޖަގަތު ނާރާއިން އަޅުގަނޑުމެންނަށް ޚަބަރު ދެއްވައިފައި ވަނީ ދުޝްމަނުން މި ސަރަޙައްދަށް ޖަމާ ވަމުންދާ ކަމަށެވެ. ނަމަވެސް އަޅުގަނޑުމެންނަށް މަރު ވެފައި އޮތް މީހެއްގެ ހަށިގަނޑާއި ލޯފަން މުސްކުޅިޔަކު ފިޔަވައި މި ތަނަކުން އެއްވެސް މީހަކު ނުފެނުނެވެ. އަޅުގަނޑުމެން އަވަށަށް ޙަމަލަ ދިނުމުގެ ކުރީން ފަރުބަދަތަކުގެ މައްޗަށް އަރާން ހުރި ހުރިހައި މަގެއް ބަންދު ކޮށްފީމުއެވެ. އަޅުގަނޑަށް ހީ ވާ ގޮތުގައި އެބައިމީހުން ތިރިން ޖަންގައްޔާ ދިމާޔަށް ފިލައިގެން ދިޔައީއެވެ."

އަޅުގަނޑު އޭނާގެ ވާހަކަފުޅަށް އެއްވެސް ޖަވާބެއް އެރުވުމަކާ ނުލައި ދަންނަވައިފީމެވެ. "އެ ލޯފަން މުސްކުޅިޔާ ޤަތުލު ކުރެއްވުމުން މަނިކުފާނަށް ލިބިވަޑައިގެންނެވި ފައިދާއަކީ ކޮބައިތޯއެވެ؟"

އޭނާ ވިދާޅުވިއެވެ. "އެކުވެރިޔާއެވެ! އެ ނުލަފާ ކަލޭގެ އަކީ ވަރަށް ގޮތް ދޫ ނުކުރާ މީހެކެވެ. ޒީލަގަދަ މީހެކެވެ. އަޅުގަނޑު އަވަށުގެ މީހުންނާ ބެހޭގޮތުން އަޅުގަނޑު އޭނާއާ ސުވާލު ކުރާން އުޅުމުން، ތަނެއް ދޮރެއް ނުބަލައި އެއްޗެތި ގޮވައިގެންފިއެވެ. އަޅުގަނޑުގެ ގާތަށް އައި ރުޅީގައި އޭނާގެ މޫނުމަތީގައި ތަފާލެއް ޖަހައިފީމެވެ. ވަގުތުން އޭނާ ބިންމައްޗަށް ދެމިއްޖެއެވެ. އޭނާ ކުރީއްސުރެ މަރު ވުމަށް ޓަކައި ދައްކާނެ ބަހަނާއެއް ނުފެނިފައި ހުރި ކަހަލައެވެ. – ބައްލަވާށެވެ! މަނިކުފާނު އަދިވެސް މަނިކުފާނު ތިޔަ ވަޑައިގަތީ ކޮން ތަނަކުން ކަމެއް ވިދާޅެއްނުވަމުއެވެ. ތިޔަ ވަޑައިގަތީ ކޮން ތަނަކުންތޯއެވެ؟"

އަޅުގަނޑު ވަރަށް އުނދަގުލުން އަޅުގަނޑުގެ ރުޅި މަތަ ކޮށްގެން، އެތާނގެ ކައިރީގައި އޮތް ހިލައެއްގެ މަތީގައި އިށީނދެއްޖައީމެވެ. އިށީންނަމުން އަޅުގަނޑު ޖަވާބު ދިނީމެވެ. "އަޅުގަނޑު ޒަޚަމް ވުމަށް ފަހު މިތާނގެ ކައިރީގައި ފިލައިގެން އުޅުނީއެވެ."

އޭނާ ވިދާޅުވިއެވެ. "އެހެން ވީއިރު އަމީރު ޖަގަތު ނާރާއިން ލަޝްކަރާއިގެން މި ތަނަށް ވަޑައިގަންނަވާނެ އިރެއް މަނިކުފާނަށް އެނގިވަޑައެއްނުގަންނަވާނެ ދޮގެއްތޯއެވެ؟ ސިފައިންގެ ވެރިޔާ އަޅުގަނޑުމެންނަށް އަންގަވައިފައި ވަނީ މިތާނގައި އޭނާގެ އިންތިޒާރުގައި ތިބޭށެވެ. އަޅުގަނޑުމެންނަށް ޚަބަރު ލިބިފައި ވަނީ ރަނގަޅަށް ކަމުގައި ވާނަމަ އޭނާ މިއަދު މިތަނަށް ވަޑައިގަންނަވާން ޖެހޭނެއެވެ. ޚުދު ސިފައިންގެ ވެރިޔާ ވެސް މި ދިމާޔަށް އެބަ ވަޑައިގަންނަވައެވެ. އަޅުގަނޑު ވަރަށް ބޮޑަށް ހިތާމަ ކުރަމެވެ. ތިޔަ ބޭފުޅުންގެ ލަޝްކަރު ބަލި ވުމުން، އަޅުގަނޑުމެންނަށް ޖެހުނީ އަޅުގަނޑުމެންގެ ހުރިހައި ރޭވުންތަކެއް ބަދަލު ކޮށްލާށެވެ. އަޅުގަނޑުމެންނަށް އަޅުގަނޑުމެން އުއްމީދު ކުރި ވަރުގެ ކާމިޔާބީއެއް ހޯދޭ ގޮތެއް ނުވިއެވެ."

އަޅުގަނޑުގެ ހިތުގައި އުފެދުނު ނަފްރަތާއި ފޫހީގެ ސަބަބުން އޮބި ނޯވެގެން ދަންނަވައިފީމެވެ. "ލޯފަން މުސްކުޅިޔަކު މަރުއްވައިލެއްވުނުކަމީ މަނިކުފާނުގެ ކާމިޔާބީއަކަށް ނުފުދޭތޯއެވެ."

އަމީރު ވިދާޅުވިއެވެ. "މަނިކުފާނުގެ މަޠުލަބަކީ، އަވަށުގެ މީހުން އަޅުގަނޑުމެންގެ ކޮންމެވެސް ފަރުވާކުޑަކަމެއްގެ ސަބަބުން ސަލާމަތް ވީއޭ ވިދާޅުވުން ކަމުގައި ވާ ނަމަ، މަނިކުފާނަށް ތިޔަ ވިސްނިވަޑައިގަތީ ރަނގަޅަކަށެއް ނޫނެވެ. އަޅުގަނޑުމެންނަށް އަމުރު އައިސްފައި ވަނީ ހަމައެކަނި ދެކުނު ފަރާތާއި އިރުމަތީ ފަރާތުން މި އަވަށް ވަށައިލާށެވެ. އެ ދެ ފަރާތުން އަޅުގަނޑުމެން ދުޝްމަނުންނަށް ފިލައިގެން ދެވޭން ހުރި ހުރިހައި މަގެއް ބަންދު ކުރީމުއެވެ. ޖަގަތު ނާރާއިން އަޅުގަނޑުމެންނަށް އަންގަވައިފައި ވަނީ އޭނާ ތިރީގެ ކޮންމެވެސް ދިމާޔަކުން ކޯރު ހުރަސް ކުރައްވައިފައި ދުޝްމަނުންނަށް ހުޅަނގު ފަރާތުގެ ޖަންގަލީން ޙިމާޔަތް ހޯދޭން ހުރި މަގުތައް ބަންދު ކުރައްވާނެކަމުގައެވެ. އެހެންކަމުން ދުޝްމަނުންނަށް ސަލާމަތް ވެވޭނެ އޮތީ ދެ ގޮތެކެވެ. އެއް ގޮތަކީ އެބައިމީހުން ކޮންމެވެސް ދިމާޔަކުން ކޯރު ހުރަސް ކުރުމަށް ފަހު ޖަގަތު ނާރާއިންގެ އަޅައިލެއްވުން ކުޑަކަމުގެ ފައިދާ ލިބިގަނެގެން އުތުރު ފަރާތުން މާ ދުރަށް ސޮއްސައިލުމެވެ. ދެވަނަ ގޮތަކީ ޖަގަތު ނާރާއިން އޭނާ އަންގަވައިފައި ވާ ފަދައިން ކޯރު ހުރަސް ކުރައްވައި ދުޝްމަނުން ހުޅަނގު ފަރާތުން ޖަންގައްޔަށް ވަދެ ފިލާނެ މަގު ބަންދު ނުކުރެއްވުމުގެ ސަބަބުން، ދުޝްމަނުންނަށް ފިލައިގެން ދާނެ ފުރުޞަތު ލިބުމެވެ. ނަމަވެސް އެބައިމީހުން ޖަންގަލީގައި ތިބި ކަމުގައި ވާ ނަމަ، އަޅުގަނޑުމެންނަށް ސިންގާތަކެއް ފަދައިން އެބައިމީހުން ވަށައިލައިގެން ތިބެ މަރަމުން ގެންދިޔުމުގެ ފުރުޞަތު ލިބޭނެއެވެ. އަޅުގަނޑުމެންގެ ސިފައިންގެ ވެރިޔާ އެކަހަލަ މީހުންނާ ކުރިމަތި ލައްވާން ފިސާރި މޮޅަށް ދެނެވަޑައިގަންނަވައެވެ. އަޅުގަނޑުމެން ދުޝްމަނުން އެތައް ފަހަރަކު ބަލި ކޮށް މި ފަރުބަދައިގެ ބިތްދޮށުން އެތައް ކޯހެއްގެ ސަރަޙައްދެއް ސާފު ކޮށްފި ވާހަކަ އިވިވަޑައިގަތުމުން މަނިކުފާނު އުފާފުޅު ވާނެއެވެ."

ޖަގަތު ނާރާއިން ބަލިފުޅު ވި ވާހަކަ ވިދާޅުވުމުން އަޅުގަނޑު ރުޅި އައި ކަމުގައި ހީފުޅު ވެގެން، އެ އަމީރު އަޅުގަނޑަށް ބޮޑަށް އަސަރު ކުރުއްވުމަށް ޓަކައި އެ ބޭފުޅުންގެ ފުތޫޙާތުގެ ތަފްޞީލު ވިދާޅުވަމުން ގެންދެވިއެވެ. ނަމަވެސް އަޅުގަނޑު އިނީ މުޅީން އެހެން ޚިޔާލެއްގައެވެ. އަޅުގަނޑު ވިސްނަމުން ގެންދިޔައީ އާޝާއާ މެދުގައެވެ. ޖަގަތު ނާރާއިންގެ ލަޝްކަރު ޖަންގައްޔަށް ވަނުމުގެ ކުރީގައި އާޝާ އާއި އޭނާގެ އެކުވެރީންނަށް އެއަށްވުރެ މާ ދުރަށް ދެވުމުގެ ފުރުޞަތު ދެއްވާތޯ އަޅުގަނޑު ނިހާޔަތުގެ މަޑުމޮޅިކަމާ އެކު ދޭވަތާއިންގެ ޙަޟުރަތަށް ދުޢާ ކުރާން ފަށައިފީމެވެ. އެހައިތަނަށް އަޅުގަނޑުގެ ހިތުގައި އެ ފަރާތްތަކުގެ ކީރިތިމޫރިތިކަމާ މެދު ޝައްކު އުފެދިފައި ވާ ކަލާނގެތަކަށް ވެސް އާޝާއަށް މަދަދު ކުރެއްވުން އެދި ދަންނަވާން ފަށައިފީމެވެ. ނަމަވެސް އަޅުގަނޑުގެ ދުޢާ ޤަބޫލެއް ނުވިއެވެ. ހަވީރު ވުމުގެ ތަންކޮޅެއް ކުރީން ޖަގަތު ނާރާއިން ލަޝްކަރާއިގެން ވަޑައިގެންނެވި އިރު އޭނާ ހައްޔަރު ކުރައްވައިފައި ވާ މީހުންގެ ތެރޭގައި އާޝާ ވެސް ހިމެނެއެވެ. އަޅުގަނޑަށް އޭނާގެ ކުރިމައްޗަށް ދާކަށެއް ހިތްވަރެއް ނުލިބުނެވެ. އެ ވަގުތު އަޅުގަނޑު ވިސްނުން ކުޑަކޮށްލައިގެން އުޅެގެންފި ކަމުގައި ވާނަމަ، އާޝާ ސަލާމަތް ކުރެވިދާނެކަމަށް އޮތް ކުޑަކުޑަ އުއްމީދު ވެސް ގެއްލިދާނެކަން އަޅުގަނޑަށް އެނގެއެވެ. އެހެންކަމުން، އާޝާ އަކީ އަޅުގަނޑު ދަންނަ މީހެކޭ، އަޅުގަނޑު މަރުގެ ތުންފަތްމަތީގައި ވަނިކޮށް ޙިމާޔަތް ދިނީ އޭނާއޭ އަޅުގަނޑު އެއްވެސް މީހެއްގެ ގާތަކު ނުބުނަމެވެ. އަޅުގަނޑުގެ އެކުވެރީންގެ ސުވާލުތަކުގެ ޖަވާބުގައި އެބައިމީހުންގެ ގާތުގައި އަޅުގަނޑު ބުނީ އަޅުގަނޑު ކޯރުން ސަލާމަތް ވުމަށް ފަހު، އަވަށުގެ މީހުން ދޫ ކޮށްފައި ދިޔަ ޖަނަވާރުތަކުގެ ކިރު ބޮއިގެން ހޮހަޅައެއްގައި އުޅުނީކަމުގައެވެ. އެގޮތަށް ވާހަކަ ދައްކައިގެން އެބައިމީހުން ހިތްހަމަޖައްސައިދެނީއެވެ. ޖަގަތު ނާރާއިނަށް އަޅުގަނޑު ފެނިވަޑައިގަތުމުން ވަރަށް އުފާފުޅު ވިއެވެ. ނަމަވެސް އޭނާ އަޅުގަނޑުގެ ގާތުގައި، އަޅުގަނޑުގެ ސިފައިން ލައްވައި އަޅުގަނޑުގެ ބޮލުގެ ކޮންމެ އިސްތަށްޓެއްގެ ބަދަލުގައި ފަރުބަދަމަތީ މީހެއްގެ މަރު ހިފާން ހުވާ ކުރުއްވި ވާހަކަ ވިދާޅުވުމުން އަޅުގަނޑުގެ ހިތް ހީވީ ހުއްޓުނުހެންނެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.