އެންމެ ފަހުގެ ޙަމަލާ – 38

 (14 މާރިޗު 2026 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ފާރަވެރީން އިރުކޮޅެއް ވާންދެން އެކަކު އަނެކަކާ ދިމާޔަށް ބަލަހައްޓައިގެން ހަމަހިމޭނުން ތިއްބެވެ. އިރުކޮޅެއްގެ ފަހުން އޭގެ ތެރެއިން އެކަކު ޖަވާބު އެރުވިއެވެ. "އަޅުގަނޑުމެންނަށް ހަމައެކަނި ދެންނެވޭނީ އަޅުގަނޑުމެންގެ އަމީރުގެ ނަންފުޅެވެ. އޭނާގެ ނަންފުޅަކީ ޖޭކްރިޝަނެވެ. އޭނާގެ ގަނޑުވަރަށް ފުރަމެންދަމު ވަގަކު ފަދައިން ވަދެވަޑައިގެންނެވުމުން، މިއަށް ވުރެ ރަނގަޅު ގޮތަކަށް މަނިކުފާނާ މެދު ޢަމަލު ކުރެވުން ޙައްޤެއް ނޫނެވެ."

ޖޭކްރިޝަންގެ ނަން އިވިވަޑައިގަތުމުން ރަންބީރުގެ ލޯފުޅުމަތީން ހުރިހައި ފަރުދާއެއް ނެގިއްޖެއެވެ. މިހާރު އެއްވެސް ކަމެއް އޭނާގެ އަރިހުގައި އަރަތަކަށް ނުވެއެވެ. ރަންބީރު އިރުކޮޅަކު ހިމޭނުން އޮންނެވުމަށް ފަހު، ބެދިފައި ވާ އަޑުފުޅަކުން ވިދާޅުވިއެވެ. "އަހަންނަކީ އަމީރު މޯހަންޗަންދުގެ ކުއްޖަކީމެވެ. ކަލޭމެންގެ ގާތުން އަހަރެންގެ ބައްޕާފުޅާއި ކޮއްކޯފުޅުގެ ޙާލުކޮޅު އޮޅުން ފިލުވައިދިނުން އެދެމެވެ."

ފާރަވެރީންގެ މީހަކު ޖަވާބު އެރުވިއެވެ. "މަނިކުފާނުގެ ބައްޕާފުޅު އަވަހާރަ ވެއްޖެއެވެ."

ރަންބީރުގެ ދޫފުޅުން އިރުކޮޅެއް ވާންދެން އެއްވެސް ލަފުޒެއް ބޭރެއް ނުވިއެވެ. މިހާރު އޭނާގެ އަރިހުގައި މަރާއި ދިރިހުރުމުގެ އެއްވެސް ޙަޤީޤަތެއް ނެތްކަމުގައި ހިމެނިއްޖެއެވެ.

ދެވަނަ ސިފައިންގެ މީހާ ދަންނަވައިފިއެވެ. "މަނިކުފާނުގެ ބައްޕާފުޅާ މެދު، އޭނާ އަވަހާރަ ވެއްޖެކަމުގައި އަޅުގަނޑުމެންނަށް ޔަޤީންކަމާ އެކު ދެންނެވިދާނެއެވެ. ނަމަވެސް މަނިކުފާނުގެ ކޮއްކޯފުޅުގެ ޚަބަރު އެންމެ ރަނގަޅަށް ދެނެވޮޑިގެން ވާނީ މާތްކަލާނގެއެވެ. އޭނާއާ ބެހޭގޮތުން ވާހަކަ ދެކެވެނީ، އޭނާ ކޯރަށް ފުންމައިލެއްވި ކަމުގައެވެ. ނަމަވެސް އެއްވެސް މީހަކު އޭނާގެ ހަށިކޮޅެއް ނުދެކެއެވެ."

ރަންބީރު ތުރުތުރުއަޅާ އަޑުފުޅަކުން ވިދާޅުވިއެވެ. "އަހަރެންގެ ބައްޕާފުޅު ޤަތުލު ކުރެއްވީ ޖޭކްރިޝަން ހެއްޔެވެ؟"

"އާދޭހެވެ!" ސިފައިންގެ މީހާ ޖަވާބު އެރުވިއެވެ. "އެކަމަކު މިހާރު ތިޔަ ކަހަލަ ވާހަކަތަކުން ލިބިވަޑައިގަންނަވާނީ ކޮން ފައިދާއެއްތޯއެވެ؟ ރަނގަޅު ވާނީ ދެން މާތްކަލާނގެ ހަނދުމަފުޅު ކުރެއްވުމެވެ."

ރަންބީރުގެ ހިތްޕުޅުދަތިކަމާއި މޮޅިވެރިކަމުގެ ނިހާޔަތުގައި ވާ ނަޒަރު އެ ހަމަހިމޭން ފަޒާގައި އާވާރާ ވެގެން ދަތުރު ކުރަމުންދެއެވެ. އޭނާގެ ޒަމީރު އޭނާ މީގެ ފަސް އަހަރު ކުރީން އެކަލާނގެތަކެއްގެ ކީރިތިވަންތަކަމަށް ޓަކައި ފުރާނަފުޅު ޤުރުބާން ކުރެއްވުމުގެ ޢަޒުމުގައި ގެއިން ނުކުމެވަޑައިގެންނެވި ކަލާނގެތަކުގެ އާރެއްބާރެއް ނެތްކަމާ މެދު މަލާމާތް ރައްދު ކުރައްވަމުންގެންދެއެވެ. ކުއްލިޔަކަށް، ޖޭކްރިޝަންގެ ކިބައިން ބަދަލު ހިއްޕެވުމަށް ޓަކައި ރަންބީރު ދުނިޔޭގައި ހުންނަވާ ހިތްޕުޅު ވާން ފަށައިފިއެވެ. އެ ވަގުތު އޭނާގެ ޒަޚަމު ވެފައި ވާ ޒަމީރު ދަންނަވައިފިއެވެ. "ރަންބީރެވެ! މަނިކުފާނު ތިޔަ ހުންނެވީ މި ދުނިޔޭގައި ގިނިކަންޏާއެއް ނޫނެވެ. މި ޤައުމުގެ އެތަކެއް ކުރޯޑު މީހުންނަށް ލިބިފައި ވާ އަނިޔާ، މަނިކުފާނަށް ލިބިވަޑައިގަތް އަނިޔާއަށް ވުރެ މާ ބޮޑެވެ. ޖޭކްރިޝަން ވެސް އެ ހުންނެވީ ގިނިކަންޏާއެއް ނޫނެވެ. މި ޤައުމުގެ ކޮންމެ މީހަކަށް ވެސް އަނެކެއްގެ މައްޗަށް ގަދަ ވުމަށް ފަހު ބަދަލު ވަނީ ޖޭކްރިޝަނަކަށެވެ. މި ކަނޑުގެ ކޮންމެ ބޮޑު މަހެއް ދަނީ ކުދި މަސްތައް ކަމުންނެވެ. މި މުޖުތަމަޢަކީ ހަމައެކަނި އަޗޫތުންގެ ދުޝްމަނެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ބާރެއްގެ ކުރިމަތީގައި ބޯ ލަނބައިލައިފި ކޮންމެ އިންސާނެއްގެ ދުޝްމަނެކެވެ. މި މުޖުތަމަޢުގެ ދޭވަތާއިން އަނެކުންގެ ކަނދުރާއަށް ސަވާރު ވާން ކެރޭ ކޮންމެ އަނިޔާވެރި، ކޮންމެ ޖައްބާރު އިންސާނަކަށް ނަޞުރު ދެއްވައެވެ. ކޮންމެ އަހަރަކު މަނިކުފާނުގެ ބައްޕާފުޅުގެ އަތްޕުޅުން ގޮއި އަތުލާން އަންނަ، ދޭވަތާއިންގެ އަޅުވެރީން މީގެ ފަހުން ޖޭކްރިޝަންގެ އަތްޕުޅުން ގޮއި ނަގާން ދާނެއެވެ. މަނިކުފާނުގެ ހަނގުރާމަ އާއި، ޖަލުގައި ހުންނެވުމުގެ މާނައެއް ނެތެވެ. މިހާރު އަވަހާރަ ވުމުގެ ވެސް މާނައެއް ނެތެވެ. މަނިކުފާނުގެ ލޭފޮދު އޮހޮރިގެން ދާނީ އެ ބިމަކަށް އަނިޔާ ލިބިފައި ވާ ކުށެއް ނެތް ގުނައި ޢަދަދު ނުކުރެވޭހައި ގިނަ މީހުންގެ ލޭތައް ހިނދިފައިވާ ބިމަކަށެވެ."

ރަންބީރު އޮންނެވީ އޭނާގެ ޚިޔާލުފުޅުގެ ތެރެއަށް ގެނބިވަޑައިގެންފައެވެ. ކުއްލިޔަކަށް ތިރީހަކަށް ފިޔަވަޅު ދުރުން، ގަސްތަކުގެ ތެރެއިން ޙަރަކާތްތެރި ވާ ކޮންމެވެސް އެއްޗެއް އޭނާއަށް ފެނިވަޑައިގެންފިއެވެ. އިރުކޮޅަކު ވިސްނައިވަޑައިގެންނެވުމުން، ކޮންމެވެސް މީހަކު ބިންމަތީގައި ބަނޑުލައި ދެމެމުން އަންނަހެން ހީފުޅު ވެއްޖެއެވެ. އެ ވަގުތު ގޮތް ހުސްވުމުގެ ބިރުވެރި އަނދިރިކަމުގެ ތެރެއިން ރަންބީރަށް އުއްމީދުގެ ފަނޑު ދޯދިފަށެއް ފެނިވަޑައިގެންފިއެވެ. އެ ކާކުކަން ނޭނގޭ މީހާ ބަނޑުލައި ދެމެމުން ދެތިން ފިޔަވަޅެއް ކުރިޔަށް އައުމަށް ފަހު، އަނެއްކާވެސް މަޑު ކޮށްލައިފިއެވެ. އޭނާ ބޯ އުފުލައިލައިފައި އަތުން އިޝާރާތެއް ކޮށްލުމަށް ފަހު އެއްވެސް ޙަރަކާތެއް ނެތި އޮށޯވެއްޖެއެވެ. ރަންބީރުގެ އަރިހުގައި ފާރަޔަށް ތިބި މީހުން ބައްތެލި އައުމުގެ އިންތިޒާރުގައެވެ. ކޯރުގެ އަނެއް ފަރާތުގެ އައްސޭރިއާ ދިމާޔަށް ބަލަހައްޓައިގެންނެވެ. ކާކުކަން ނޭނގޭ މީހާ އިރުކޮޅަކު ހިމޭނުން އޮތުމަށް ފަހު އަނެއްކާވެސް މަޑުމަޑުން ކުރިޔަށް އަންނާން ފަށައިފިއެވެ. އެ ވަގުތު އެ މީހާގެ ފަހަތުން ދިހަ ވަރަކަށް މީހުން ހަމަ އެ ގޮތަށް ބިންމަތީގައި ދެމެމުން އަންނަތަން ރަންބީރަށް ފެނިވަޑައިގެންފިއެވެ. މީގެ ކުރީން ގަނޑު ވެފައި ހުރި ރަންބީރުގެ ލޭފޮދު ނާރުފުޅުތަކުގައި ހަލުއިކަމާ އެކު ހިނގާން ފަށައިފިއެވެ. ދިރިހުރުން ދެ އަތް ކުރިޔަށް ދަމައިލައިގެން ރަންބީރު މޭގައި ޖައްސައިލުމަށް ޓަކައި ކުރިޔަށް އަންނަނީއެވެ.

ކުއްލިޔަކަށް ފާރަވެރީންގެ އޮފިސަރު ކޮޅަށް ތެދުވެއްޖެއެވެ. އޭނާ ފަރުވާތެރިކަމާ އެކު އަނެއް ފަރާތުގެ އައްސޭރިޔާ ދިމާޔަށް ބަލާން ހުރެފައި ބުނެފިއެވެ. "އެ ނުލަފާ ކަލޭގެ އަދިވެސް ނާދެއެވެ. މިހާރު ފަތިސް ވާން އުޅެނީއެވެ. އަމީރު ހުންނަވާނީ އަހަރެމެންގެ ޚަބަރެއް ނުވެގެން ވަރަށް ފިކުރުފުޅު ބޮޑު ވެފައެވެ. އަހަރެމެންނަށް އެންމެ ފުރަތަމަ ބުރުގައި ޤައިދީ ގެންދެވުނު ނަމަވެސް ހާދަ ރަނގަޅެވެ."

ފާރަވެރީންގެ ދެވަނަ މީހާ ބުނެފިއެވެ. "ކަލާ ނުޤަބޫލު ވެލައްވައިފާނެތީ ބިރުން ނޫން ނަމަ، ޤައިދީ މިތާނގައި ޤަތުލު ކޮށްލައިފައި އޭނާގެ ހަށިގަނޑު އެންމެ ފުރަތަމަ ބައްތެލީގައި އަނެއް ފަރާތަށް ފޮނުއްވިއްޔާ ރަނގަޅު ވާނެޔޭ ނަންގަންނާނަމޭ އަޅުގަނޑުގެ ހިތަށް އެރިއެވެ."

އޮފިސަރު ހީނގެންފައި ބުންޏެވެ. "ވާހ! ވާހ! އެވެ. ހާދަ ބުއްދިވެރި ވާހަކައެކެވެ. އޭނާ މިތާނގައި ޤަތުލު ކުރާ ނަމަ، އަހަރެމެން އެންމެން އެ ފަރާތަށް ދާން ވީ ކީއްވެގެން ހެއްޔެވެ؟ އަމީރު އަންގަވައިފައި ވަނީ އޭނާ ކޯރުގެ އަނެއް ފަރާތަށް ގެންގޮސްފައި ޤަތުލު ކުރާށެވެ. ކަލެޔަކަށް ނޭނގޭނެއެވެ. އަމީރަކީ ވަރަށް ދުރަށް ވިސްނައިވަޑައިގަންނަވާ ބޭފުޅެކެވެ." މިހެން ބުނެފައި އޮފިސަރު ކަންބޮޑު ވެގެން ދެކޮޅަށް ހިނގާން ފަށައިފިއެވެ.

ބިންމަތީގައި ދެމެމުން އަންނަ މީހުން މިހާރު ވަރަށް ގާތަށް އަތުވެއްޖެއެވެ. ފާރަވެރީންގެ ވާހަކަ ނިމިއްޖެއެވެ. އެބައިމީހުން ހަނުހިމޭން ވުމުން ރަންބީރު ކަންބޮޑު ވެވަޑައިގެންފިއެވެ. ގަސްތަކުގެ ތެރެއިން ފިލަމުން އަންނަ މީހުންނަކީ ޤުދުރަތުން އޭނާއަށް ފޮނުއްވި މަދަދެއްކަން އެނގިވަޑައިގެންފިއެވެ. ފާރަވެރީންނަށް އެބައިމީހުން އަންނަކަން އެނގިއްޖެކަމުގައި ވާނަމަ އެންމެ ފުރަތަމަ ވެސް އޭނާ ޤަތުލު ކުރާން އުޅޭނެކަމަށް ރަންބީރަށް ހީފުޅު ވެއްޖެއެވެ. އެހެންކަމުން އޭނާގެ އެހީތެރީންނަށް ކުއްލިޔަކަށް ޙަމަލަ ދިނުމުގެ ފުރުޞަތު ހޯއްދަވައިދެއްވުމަށް ޓަކައި، ފާރަވެރީންނާ ވާހަކައިގައި މަޝްޣޫލު ކުރެއްވުމަކީ ބޭނުންފުޅު ކަމެއް ކަމުގައި ރަންބީރަށް ފެނިވަޑައިގެންފިއެވެ. ރަންބީރު ފާރަވެރީން އޭނާޔާ ދިމާޔަށް ސަމާލު ކުރެއްވުމަށް ޓަކައި ވިދާޅުވިއެވެ. "ކަލޭމެން ދެނެތިބީމު ހެއްޔެވެ؟ އިސްލާމީ ލަޝްކަރު މި ރަށަށް ވަރަށް އަވަހަށް ދެވަނަ ފަހަރަށް ޙަމަލަ ދޭން ގަސްތު ކުރެއެވެ. އެބައިމީހުން ގަސްތު ކުރަނީ ދެން ފަހަރަކުން އެނބުރި ދިޔުމުގެ ބަދަލުގައި، މިތަން ފަތަޙަ ކޮށްގެން މިތާނގައި ވެރިކަން ކުރާށެވެ."

ފާރަވެރީން ޖަވާބު އެރުވުމުގެ ބަދަލުގައި ކަންބޮޑު ވެގެން ރަންބީރުގެ މޫނުފުޅާ ދިމާޔަށް ބަލާން ފަށައިފިއެވެ.

ރަންބީރު އަނެއްކާވެސް ވިދާޅުވިއެވެ. "މުސްލިމުން މި ހިސާބުގަނޑަށް އައުމުން ޖޭކްރިޝަން ކަހަލަ ބޭފުޅުން އަނިޔާވެރިކަމާ އެއްވަރަށް ފިނޑިފުޅުކަން ވެސް ސާބިތު ވާނެއެވެ."

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.