(17 އޮކްޓޯބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)
ސުފުރާދޮށުގައި އިށީނދެވަޑައިގަތުމާއެކު މޫސަގެ ޚިޔާލީ ލޯފުޅަށް ތަސައްވަރުކުރެއްވިގެން ދިޔައީ ފުރަތަމަ ފަހަރަށް އައްޒަޣަލްގެ އަރިހުގައި ބާޒުގެ ވާދީއަށް ވަޑައިގަތް ފަހަރެވެ. އޭނާއަށް ސިފަކުރެއްވެނީ ބަދްރު ބިން މުޣީރާ ދެއްވި ޚާއްސަ ޖާފަތެވެ. މިއަދު ބަދްރު ބިން މުޣީރާގެ ބަދަލުގައި މަންޞޫރު ބިން އަޙްމަދު އޭނާގެ އަތްޕުޅު ދޮންނަވަން ފެން އަޅުއްވާތަން ފެނިވަޑައިގަތީމާ ބާވަތެއްގެ ބީރައްޓެހިކަމެއް އިހުސާސްކުރެއްވުނެވެ. ބަޝީރުގެ އެކުވެރި މިޒާޖުފުޅާއި މަންޞޫރުގެ އިޚްލާސްތެރިކަމާއެކުވެސް މެހެފިލްގައި ގިނިކަންޏާ ހުންނެވޭކަމުގެ އިހުސާސް ކުރެއްވިއްޖެއެވެ. ބަދްރު ބިން މުޣީރާގެ ވާހަކަފުޅު ދައްކަވާން އޭނާ ބޭނުންފުޅުވިއެވެ. އެކަމަކު ކެރިވަޑައެއްނުގަތެވެ. އެހެން ބޭފުޅުން ތިއްބެވީ މޫސަ ފަރީއްކުޅުއްވާން ފައްޓަވާނޭ ވަގުތެއްގެ އިންތިޒާރުގައެވެ.
ބަޝީރު ވިދާޅުވިއެވެ. [އަވަހަށް ފަރީއްކުޅުއްވާން ފައްޓަވާށެވެ.]
މޫސާ ކާއެތިކޮޅެއް ނަންގަވައި ފަރީއްކުޅުއްވާން އުޅުއްވިއެވެ. އެކަމަކު މިހާރަކު އެއްގޮތަކަށްވެސް ބަނޑުހައިފުޅެއް ނުވެއެވެ. އަނގަފުޅާ ހަމައަށް ދިޔަ އަތްޕުޅު ހުއްޓިއްޖެއެވެ. ލޯފުޅުޅަށް ފުސްކަން އައީ ކަރުނަފޮދުގެ ސަބަބުންނެވެ. މަޑުމަޑުން ވިދާޅުވެވުނެވެ. [ބަދްރު... ބަދްރު...] އޭނާ ކާއެތިކޮޅު ތަށިކޮޅަށް ވައްޓަވައިލެއްވިއެވެ.
މޭޒުބާނުން ކަންބޮޑުވެވަޑައިގެން މޫސަޔާ ދިމާއަށް ބައްލަވަމުން ގެންދަވަނީއެވެ. މޫސަ ދެއަތްޕުޅުން މޫނުފުޅު ފޮރުވައިލެއްވިއެވެ. އެބޭފުޅެއްގެ ކުރިފުޅުމަތީގައި ސިންގާ ރޫރުއަޅާ މުޖާހިދު، މުޅި އުމުރުފުޅު ޠޫފާނާ ހަނގުރާމަ ކުރެއްވުމުގައްޔާއި ގުގުރިއާ ކުޅުއްވުމުގައި ހޭދަކުރެއްވި ހިތްވަރުފުޅު ގަދަ ފަހުލަވާނު، މަރުގެ ނާމާންކަމުގެ ތެރޭގައި ހިނިފުޅުވެޑުވުމުގެ ހިތްވަރުފުޅު ލިބިވަޑައިގެން ހުންނެވި ކުޅަދާނަފުޅު ހަނގުރާމަވެރިޔާ އެތައް ބައެއްގެ ކުރިމަތީގައި ކިރިތިކުރައްވަނީއެވެ. ލޯބިވާ ބޮލިވަރަ ގެއްލުނީމާ މައުސޫމު ކުޑަކުއްޖަކު ރޯފަދައިންނެވެ. [މާފުކުރައްވާށެވެ. އަޅުގަނޑު ބަނޑުހައެއް ނުވެއެވެ.] މިހެން ވިދާޅުވެފައި އޭނާ ތެދުވެވަޑައިގެން އެ ކޮޓަރިކޮޅުން ބޭރަށް ނުކުމެވަޑައިގެންފިއެވެ.
ބަޝީރާއި މަންޞޫރު އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދިމާއަށް ބައްލަވައިލެއްވިއެވެ. މަންޞޫރު ވިދާޅުވިއެވެ. [ތިޔަ ބޭކަލުން އިންތިޒާރުކުރައްވާށެވެ. އަޅުގަނޑު އެބަ އަންނަމެވެ. ބަޝީރު އަޅުގަނޑާއެކު ހިންގަވާށެވެ.]
މޫސަ ފެންޑާގައި ހުންނަވައިގެން އުޑުމަތީގައި ފިޔަޖަހަމުންދާ ތަރިތަކަށް ބައްލަވަނީއެވެ. [ބަދްރު... ބަދްރު...] މިހެން މަޑުމަޑުން ވިދާޅުވަމުންނެވެ.
މަންޞޫރު ކުރިއަށް ޖެހިވަޑައިގެން އޭނާގެ ކޮނޑުފުޅުގައި އަތްޕުޅު ބާއްވައިލެއްވިއެވެ. [ތިޔަފަދަ މާޔޫސީއަކީ ގްރަނާދާގެ އެންމެ ވަރުގަދަ މުޖާހިދާ އެކަށީގެންވާފަދަ ކަމެއް ނޫނެވެ. ގްރަނާދާގެ ހާލަތު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. އެކަމަކު ހިތްވަރު އެލުވައިލުމަކީ އަޅުގަނޑުމެން ކޮށްގެންވާނޭ ކަމެއް ނޫނެވެ.]
މޫސަ، މަންޞޫރާ ދިމާއަށް ބައްލަވައިލެއްވިއެވެ. [މަންޞޫރެވެ. މި ވަގުތު އަހަރެން މި ވިސްނަނީ ގްރަނާދާއާ މެދަކު ނޫނެވެ. ވެއްޓިފައި ހުންނަ ފާރުތައް އަލުން ކޮޅަށް ޖެހުމަކީ ކުރެވިދާނޭ ކަމެކެވެ. ކިއްލާތައް އަލުން ބިނާކުރެވިދާނެއެވެ. ގައުމުގެ އާބާދީ އިތުރުވެސް ކުރެވިދާނެއެވެ. އެކަމަކު ގައުމުތަކުގެ ލޭނާރުތަކުގައި ހަރާރަތު އުފައްދާ ދަރިންނަކީ އަލުން އުފަންވާނޭ ބައެއް ނޫނެވެ. ބަދުރަކީ އަހަރެމެންގެ ގައުމުގެ މި ބުނެވުނު ދަރިއެވެ. އެކަމަކު އަހަރެމެން މިތިބީ އޭނާ ކަށްވަޅަށް ތިރިކޮށްގެންނެވެ. އެއީ މި މަރުވެފައިވާ ގައުމުގެ ނާރުތަކުގައި ދަތުރުކުރި އެންމެ ފަހުގެ ލޭތިތްކެވެ. އެއީ އަހަރެމެންގެ ކަނޑިއެވެ. އެ ކަނޑިކޮޅު ބިނދިއްޖެއެވެ. އެއީ އަހަރެމެންގެ މުލައްދަނޑިއެވެ. އެ މުލައްދަނޑިކޮޅު ބުރިވެއްޖެއެވެ. އެއީ އަހަރެމެންގެ އިރެވެ. އެ އިރު އޮއްސިއްޖެއެވެ. އަހަރެމެން އަނދިރީގައި މަގުއޮޅިގެން މިދަނީ އެހެންވީމައެވެ.]
(2)
ކިއްލާގެ ބޭރުން އަސްތަކެއްގެ ފައިޖެހޭ އަޑު އިވިއްޖެއެވެ. މަންޞޫރު، ބަޝީރާ ދިމާއަށް ބައްލަވައިލެއްވިއެވެ. އިޝާރާތް ވިސްނިވަޑައިގަތުމާއެކު ބަޝީރް ކިއްލާގެ ދޮރާށްޓާ ދިމާއަށް ވަޑައިގެންފިއެވެ.
މަންޞޫރު މޫސައަށް ދެންނެވިއެވެ. [ތިޔަ ހުންނެވީ ވަރުބަލިފުޅުވެފައެވެ. އިށީނދެވަޑައިގަންނަވާން އެތެރެއަށް ހިންގަވާށެވެ.]
މޫސަ އެއްޗެކޭ ވިދާޅުނުވެ މަންޞޫރުގެ އަރިހުގައި ހިންގަވައިގެންފިއެވެ. ސިޑިއަކުން އަރައިވަޑައިގެން ދެ ބޭފުޅުން ވަޑައިގަތީ މަތީބުރީގެ ކޮޓަރިކޮޅަކަށެވެ. އެތަން އޮތީ ދަންމަރުން ދިއްލައިއަޅައިފައެވެ. މަންޞޫރު އިޝާރާތްޕުޅަކަށް މޫސަ އިށީނދެވަޑައިގެންފިއެވެ. މަންޞޫރު ޖެހިގެން ހުރި ގޮނޑިކޮޅުގައި އިށީނދެވަޑައިގެންފިއެވެ. [ގުދުރަތުން އެއް މުއުޖިޒާތް ދައްކަވައިފިއްޔާ ދެވަނަ މުއުޖިޒާތެއްވެސް ދައްކަވައިފާނެ ނޫންތޯއެވެ. އަޅުގަނޑުމެން ތިބީ މަނިކުފާނުގެ މަތީން މުޅީން އުއްމީދު ކަނޑައިލައިގެންނެވެ. މިއަދު މަނިކުފާނު ވަޑައިގަންނަވާ ޚަބަރު ލިބުނީމާ އަޅުގަނޑުމެން ހީކޮށްގެން ތިބީ، އަޅުގަނޑުމެންގެ މީހުންނަށް ކޮންމެވެސް އޮޅުމެއް އެރީކަމުގައެވެ. އަޅުގަނޑުމެންނަށް މޫސަ ލިބުނު ފަދައިން މަނިކުފާނަށް ބަދްރު ލިބިވަޑައިގަތުމަކީ އެކަށީގެން ނުވާ ކަމެއްތޯއެވެ؟ މަނިކުފާނު ފަދައިން އެ މަނިކުފާނުވެސް ކުއްލިއަކަށް ވަޑައިގަތުމަކީ ނުވާނޭ ކަމެއްތޯއެވެ؟]
މޫސަ އުއްމީދާއެކު މަންޞޫރާ ދިމާއަށް ބައްލަވައިލެއްވިއެވެ. އެކަމަކު ދެވަނަ ހިނދުކޮޅުގައި މާޔޫސީއާއެކު ވިދާޅުވިއެވެ. [ހާލަތު މިވަނީ އަހަރެން ފަދައިން މަންޞޫރުވެސް ޅެންވެރިއަކަށް ހަދައިފައިތާއެވެ. މާޔޫސީއަކީ ކޮންމެ ފަދަ މީހަކުވެސް ޅެންވެރިއަކަށް ހަދައިލާ ކަމެކެވެ. އަހަރެން މުޅި ދަތުރު ހޭދަކުރީ ބަދްރު ދުނިޔޭގައި އެބަ ހުންނެވިކަމުގެ ތަސައްލީ ހިތަށް ދެމުންނެވެ. އަބޫ ޢަބްދުﷲ ޝަހީދުކުޅަ ބޭފުޅަކީ އެހެން މީހަކު ކަމަށް ވެދާނެ ކަމަށް ހިތުގައި ކިޔަމުންނެވެ. ނުވަތަ ޝަހީދުކުޅައުމުގެ ބަދަލުގައި، އަޅުގަނޑު ފަދައިން ބަދްރުވެސް ހައްޔަރުކޮށްގެން ގެންގުޅެނީއޭ ހިތަށް އަރުވަމުންނެވެ. ސުފުރާގައި އިށީން ވަގުތު އަހަރެންގެ ނަޒަރު ހުއްޓިފައި ހުރީ ދޮރާ ދިމާއަށެވެ. އަހަރެން އިންތިޒާރުކުރަމުން ދިޔައީ މުއުޖިޒާތަކަށެވެ. އެކަމަކު އަހަރެން ގާތު ކާން ފައްޓާށޭ ބުނެވުމާއެކު އަހަރެންގެ އުއްމީދުގެ ބައްތި ނިވިއްޖެއެވެ. އެ މެހެފިލްގައި ބަދްރު ބިން މުޣީރާގެ ޖާގަ ހުސްވެއްޖެކަމުގެ ހަގީގަތް ގަބޫލުކުޅައުމަކީ އަހަންނަކަށް ފަސޭހަ ކަމަކަށް ނުވިއެވެ. އައި ގޮތަށް ފުރަތަމަވެސް ބަދްރުގެ ވާހަކަ ދެއްކުނު ނަމަ، މޭޒުދޮށުގައި ކުޑަކުއްޖެއްހެން އުޅޭކަށް ނުޖެހުނީހެވެ. އެކަމަކު އަހަރެން މި ހުންނަނީ އެމަނިކުފާނު ދިރިހުންނެވިކަމަށް ބަލައިގެން އިންތިޒާރުގައެވެ. ޝަހީދުވެއްޖެ ކަމަށް ގަބޫލުކޮށްގެންނެއް ނޫނެވެ. އަހަރެން އަމިއްލައަށް އެއްޗެކޭ ބުނުމުގެ ބަދަލުގައި އިންތިޒާރުކުރީ މަންޞޫރު އެއްޗެކޭ ބުނޭތޯއެވެ. މަންޞޫރެވެ. ދިރިހުރުމާއި މަރުގެ މަފުހޫމަކީ އަހަރެން ނުދަންނަ މަފުހޫމެއް ނޫނެވެ. މީހަކު މަރުވީމާ ކުރާ ހިތާމަ އަހަރެންގެ ބޮލަށް ސަވާރުވުމަކީ މީގެ ކުރިއަކުން ވީކަމެއް ނޫނެވެ. ހުވަފެނުގައިވެސް އަހަންނަށް އެމީހުން ފެންނަނީ އެހެން ދުނިޔެއެއްގައި އުޅޭތީއެވެ. މި ދުނިޔޭގައި އުޅޭ ތަނެއް ނޫނެވެ. އަހަންނާއި ބަދްރާ ދެމީހުންގެ އެކުވެރިކަމަކަށް މާ ގިނަ ދުވަހެއް ނުވެއެވެ. އެކަމަކުވެސް އަހަންނަށް އަބަދުވެސް އާދަޔާ ޚިލާފު ގާތްކަމެއް އިހުސާސްކުރެވުނެވެ. އަހަރެންގެ ވުޖޫދުގެ ބައެއް ކަމުގައި ބެލެވުނެވެ.]
އެ ވަގުތު ކޮޓަރިކޮޅުގެ ބޭރުން ފިޔަވަޅުތަކެއްގެ އަޑުއިވުނެވެ. މަންޞޫރު މާނައިން ފުރިފައިވާ ގޮތަކަށް ހިނިތުންވެވަޑައިގަތެވެ. [ބަދްރު ބިން މުޣީރާގެ ފައިންޕުޅު މި ވަގުތު ދެކެވަޑައިގަންނަވާން ބޭނުންފުޅުތޯއެވެ؟]
މޫސަ ވިދާޅުވާނޭ އެއްޗެއް އެނގިވަޑައިނުގެން މަންޞޫރާ ދިމާއަށް ބައްލަވައިލެއްވިއެވެ. އެޔަށް ފަހު ދޮރާ ދިމާއަށް ބައްލަވާން ފައްޓަވައިފިއެވެ. ދޮރު ހުޅުވިއްޖެއެވެ. މޫސަގެ ކުރިފުޅުމަތީގައި ދަގަނޑު ދަހަނާއިން މުޅި ހަށިކޮޅު ޒީނަތްތެރި ކުރައްވައިގެން އެ ހުންނެވީ ދެވަނަ ބޭފުޅެއް ނޫނެވެ. ބަދްރު ބިން މުޣީރާއެވެ.
އެންމެ ފުރަތަމަ އެއްވެސް ހަރަކާތެއް ނެތިފައި މޫސައަށް އިންނެވުނީއެވެ. މަޑުމަޑުން އޭނާގެ ހިތްޕުޅުގެ ހިނގުން އަވަސް ވެގެން ހިނގައްޖެއެވެ. ތުންފަތްޕުޅު ތުރުތުރުއަޅަނީއެވެ. ކުއްލިއަކަށް ވަރަށް ބާރަށް ގޮވައިލެއްވިއެވެ. [ބަދްރު... ބަދްރު...]
ބަދްރު ދެތިން ފިޔަވަޅުފުޅެއް ކުރިއަށް ޖެހިވަޑައިގަތުމަށް ފަހު ދެ އަތްޕުޅު ހުޅުވައިލެއްވިއެވެ. މޫސަ ތެދުވެވަޑައިގެން ބަދްރުގެ ގައިކޮޅުގައި އޮޅުލައިވަޑައިގެންފިއެވެ. [ބަދްރެވެ. މަނިކުފާނު ދުނިޔޭގައި އެބަ ހުންނެވީމުތޯއެވެ؟ މިއީ އަޅުގަނޑުގެ ހިތުގެ މަކަރެއްތޯއެވެ؟ އަޅުގަނޑުގެ އެކުވެރިޔާއެވެ. އަޅުގަނޑުގެ ބައިވެރިޔާއެވެ.]
ބަދްރުގެ ލޯފުޅުން ކަރުނަފޮދު ފާއްދައިލައިފިއެވެ. އެކަމަކު އެއްޗެކޭ ވިދާޅެއް ނުވެއެވެ. ދެ ބޭފުޅުން ވަޑައިގެން ގޮނޑިކޮޅުގައި އިށީނދެވަޑައިގެންފިއެވެ. މަންޞޫރާ ދިމާއަށް ބައްލަވައިލައްވައިފައި މޫސަ ވިދާޅުވިއެވެ. [ދެމީހުން އަހަންނަށް ވަރަށް ބޮޑަށް އަނިޔާވެރި ވެއްޖައީމުއެވެ. އަހަރެން އައުމާއެކީ ނުބުނީ ކީއްވެގެން ހެއްޔެވެ؟]
މަންޞޫރު ވިދާޅުވިއެވެ. [އަޅުގަނޑުމެންނަށް ފިއްލަވައިގެން މިހައި ގިނަ ދުވަހު އުޅުއްވުމުގެ އަދަބެއް ނޯންނާނޭ ކަމަށް ހީފުޅުކުރެއްވީތޯއެވެ. ބަދްރާ ނިކަން ސުވާލުކުރައްވައި ބައްލަވާށެވެ. އެމަނިކުފާނު ކިހައި ވަރަކަށް އިންތިޒާރުކުރެއްވިކަން އެނގިވަޑައިގެންފާނެއެވެ. އެކަމަކު އަޅުގަނޑުމެންގެ ނިޔަތަކީ މަނިކުފާނަށް ތުރާލެއް ޖެއްސުމެއް ނޫނެވެ. ބަދްރު އެ ވަޑައިގެންނެވީ ދެންމެއެވެ. އަޅުގަނޑު ކުރިން ދެންނެވިނަމަ އިންތިޒާރުކުރެއްވުން މަނިކުފާނަށް ވީހީ ވަރަށް އުނދަގޫފުޅު ކަމަކަށެވެ.]
ބަޝީރް ކޮޓަރިކޮޅަށް ވެދެވަޑައިގެންފިއެވެ. [ސުފުރާ އަދިވެސް އޮތީ ތިޔަ ބޭފުޅުންގެ އިންތިޒާރުގައެވެ. އަވަހަށް ވަޑައިގަންނަވާށެވެ.]
މޫސަޔާ ދިމާއަށް ބައްލަވައިލައްވައިފައި ބަދްރު ވިދާޅުވިއެވެ. [މަނިކުފާނު ވަޑައިގަންނަވާށެވެ. ހެދުން ބަދަލުކޮށްލައިގެން އަޅުގަނޑު މި އަންނަނީއެވެ.]
(3)
ފަރީއްކޮޅުން އަވަދިވެވަޑައިގެން ބަދްރު ބިން މުޣީރާއާއި މޫސައާއި ބަޝީރާއި މަންޞޫރާއި އަބޫ މުޙްސިނާ ފަސް ބޭފުޅުން ވަޑައިގަތީ އެ ކޮޓަރިކޮޅަށެވެ. ފަސް ބޭފުޅުން ވަރަށް ގިނައިރު ވާންދެން ވާހަކަފުޅުދައްކަވާން ތިއްބެވިއެވެ. މޫސަ ވަޑައިގަތީ ވަރަށް ދިގު ދަތުރުފުޅެއް ކުރައްވައިފައެވެ. ބަދްރުވެސް އެ ހިސާބަށް ވަޑައިގަތީ ދެތިން އަސްކޮޅަށް ބަދަލުވެވަޑައިގެންނެވެ. އެކަމަކުވެސް އެއްވެސް ބޭފުޅެއްގެ ލޯފުޅަކަށް ބަރުކަމެއް ނާދެއެވެ. ވަރުބަލިފުޅުކަމެއްވެސް އިހުސާސެއް ނުކުރެއްވެއެެވެ. ދެ ބޭފުޅުންވެސް އެ ބޭފުޅެއްގެ ވާހަކަތައް ވިދާޅުވެދެއްވަނީއެވެ. އޭގެ ފަހުން ކުރިއަށް ހުރި ކަންތައްތަކާމެދު ވާހަކަފުޅުދައްކަވާން ފައްޓަވައިފިއެވެ.
މޫސަ އަބޫ މުޙްސިނާ ދެތިން ސުވާލެއް ކުރެއްވުމަށް ފަހު ވިދާޅުވިއެވެ. [ގައިދުން މިނިވަންވުމަށް ފަހު އަޅުގަނޑު ވިޔަފާރިއަކަށް ހެދިގެން ގްރަނާދާއަށް ދިޔައީމެވެ. އަޅުގަނޑު އެރަށުގައި ހުރީ ދެ ދުވަހުއެވެ. ދެ ދުވަހުގެ ތެރޭގައި އަޅުގަނޑަށް ފާހަގަކުރެވުނު ގޮތުގައި އެ ރަށުގެ ރައްޔިތުން ތިބީ ލަދުންނެވެ. އެ މީހުން ތިބީ އަޅުގަނޑުމެންނާ ބައިވެރިވާން ތައްޔާރަށެވެ. ފެރްނާންދޯގެ ނުބައި ނިޔަތާމެދު މިހާރު އެއްވެސް މީހަކުގެ ހިތުގައި ޝައްކުކަމެއް ނެތެވެ. އެހެން ރަށްރަށުން މުހާޖިރުންގެ ގޮތުގައި ހަތަރު ލައްކަ މީހުން ގްރަނާދާއަށް ވަދެއްޖެއެވެ. އެމީހުންގެ ފަރާތުން އިވިފައިވާ އަނިޔާގެ ވާހަކަތައް އިވުނީމާ ރައްޔިތުންނަށް މިހާރު ޔަގީންވާ ގޮތުގައި އަބޫ ޢަބްދުﷲ ފެރްނާންދޯގެ ލަޝްކަރަށްޓަކައި ގްރަނާދާގެ ދޮރާށި ހުޅުވައިދީފިނަމަ މަލަޚާއާއި އެހެން ރަށްރަށުގެ މީހުންނަށް ޖެހުނު ދަތުރު ޖެހޭނެއެވެ. ދަރުމަވެރިންގެ މީހުން ގެންދަނީ ރަށުގެ ދޮރާށިދޮށުގައި ފޯރިމަރަމުންނެވެ. އަލްޙަމްރާގެ ދޮރާށި ދޮށުގައި ކޮންމެ ދުވަހަކު ރައްޔިތުން ގެންދަނީ މުޒާހިރާކުރަމުންނެވެ. އަބޫ ޢަބްދުﷲ ރައްޔިތުންގެ އެދުމަށް އިޖާބަ ނުދީފިނަމަ، ސިފައިން ރައްޔިތުންނާ އެއްކޮޅަށް ޖެހޭނެކަން އަޅުގަނޑަށް ޔަގީނެވެ. ޚިޔާނަތްތެރިވީ މީހުންނަށްވެސް މިހާރު ގަބޫލުކުރެވޭ ގޮތުގައި ފެރްނާންދޯގެ އެންގުމަށް އަމަލުކޮށްފިިނަމަ، އެ މީހުންނަށްވެސް ޖެހޭނީ ގަނޑުވަރު ދޫކޮށްފައި ދާށެވެ. ފުރަތަމަ އެމީހުން ތިބީ އަބޫ ޢަބްދުﷲގެ ވެރިކަމާއި ފެރްނާންދޯގެ އެހިތެރިކަމުގެ ފައިދާ ނަގައިގެން ރައްޔިތުން ލޫޓުވުމުގެ އަޒުމުގައެވެ. އެކަމަކު މިހާރު އެ މީހުން ތިބީ ފެރްނާންދޯގެ ބާރުގެ ދަށަށް ގްރަނާދާ ހިނގައްޖެނަމަ އެމީހުންނަށް ޖެހޭނީ ޚުދު އެމީހުންނަށްވުރެ މާ ނުރައްކާތެރި، މާ ރަހުމުކުޑަ ބަޔަކާ ކުރިމަތިލާންކަން ޔަގީންވާތީ ބިރުންނެވެ. ޠަރީފްގެ ބައިވެރިއަކު އަބޫ ޢަބްދުﷲއަށް އެންމެ ފަހުގެ މެސެޖު ރައްދުކޮށް ދީފިއެވެ. އެހެންވީމާ އަބޫ ޢަބްދުﷲއާއި އޭނާގެ ބައިވެރިންވެސް ތިބީ ބިރުންނެވެ. ޠަރީފް ފަދަ މީހަކު ގަތުލުކޮށްލި މީހަކު އެ މީހުންނާމެދު މާ ރަނގަޅަށް ކަންތައްކޮށްފާނޭ ކަމަށް ބެލުމަކީ މޮޔަ ކަމަކަށް ވާނެކަން މިހާރު އެމީހުންނަށް އެނގެއެވެ. ގްރަނާދާއަށް ހަމަލަދިނުމުގައި މާ ލަސްކުރުމަކީ ފެރްނާންދޯ ކުރާނެކަމެއް ނޫންކަން އަޅުގަނޑަށް ޔަގީނެވެ. ވަގުތު ވަރަށް ކުޑައެވެ. އަޅުގަނޑުމެން ކުރާން ހުރި ކަންތައް ވަރަށް ގިނައެވެ.]
ބަދްރު ވިދާޅުވިއެވެ. [ފެރްނާންދޯގެ ލަޝްކަރު މަލަޚާއިން ނުކުމެއްޖެއެވެ. މި ޚަބަރު އަޅުގަނޑަށް ލިބުނީ މިއަދު މެންދުރުއެވެ.]
މޫސަ ސިހިވަޑައިގެންފައި ވިދާޅުވިއެވެ. [އެހެން ވެއްޖެއްޔާ އަޅުގަނޑު ހަމަ މިހާރު ގްރަނާދާއަށް ދިއުމަކީ ވަރަށް މުހިއްމު ކަމެކެވެ.]
ބަދްރު ވިދާޅުވިއެވެ. [އަޅުގަނޑަށް ހީވާ ގޮތުގައި ގްރަނާދާގެ ރައްޔިތުންނާ މެދު މަނިކުފާނަށް ތިޔަ ކުރެއްވިފައި ވަނީ ނުބައި ހީފުޅެކެވެ.]
(ނުނިމޭ)
