ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް ކެމްޕޭން "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" އިފްތިތާޙުކޮށްދެއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ކެމްޕޭން އިފްތިތާޙުކޮށްދެއްވީ ބާސެލޮސް ނަސައްނަދުރާގައި މިއަދު ހެނދުނު ބޭއްވި ހަފުލާއެއްގައެވެ.
މި ހަފުލާއަކީ ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް ކެމްޕޭން "ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް" އިފްތިތާހުކުރުމަށާއި ބައެއް އައު ޕްރޮޑަކްޓް އިފްތިތާހު ކުރުމަށާއި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމުގެ ބިޔަ މަޝްރޫޢުގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ޚާއްޞަ ހަފްލާއެކެވެ. މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ހަފުލާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބޭންކް އޮފް މޯލްޑިވްސްގެ ކޯޕަރޭޓް ކެމްޕޭން 'ދިވެހީންގެ ބޭންކް - މުޅި ރާއްޖެއަށް' އިފްތިތާޙްކޮށްދެއްވައި ބީ.އެމް.އެލް. އިން އަލަށް ތަޢާރަފުކުރާ ޑިޖިޓަލް ވޮލެޓްގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވާފައެވެ.
މި ހަފްލާގައި ބީ.އެމް.އެލް. އިން ވަނީ އެސް.އެމް.އީ. ޑިވެލޮޕްމަންޓް ފައިނޭންސިންގ ކޮމްޕެނީ (އެސް.ޑީ.އެފް.ސީ.)ގެ މައިގަނޑު ހިއްސާ ބޭންކުން ގަތުމަށްފަހު، އެކުންފުނި ރީބްރޭންޑްކޮށްފައެވެ. އަދި ބޭންކުން އަލަށް ތައާރަފުކުރާ ވިސާ ޕްލެޓިނަމް އެމެރިކާ ޑޮލަރު ޑެބިޓް ކާޑު މިހަފުލާގައި އިފްތިތާޙުކޮށްފައިވެއެވެ. މިހަފުލާގައި ބޭންކުގެ ޚިދުމަތްތައް ފުޅާކުރެވި މުޅިރާއްޖެއަށް ބޭންކިންގ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތާގުޅިގެން އެބޭންކަށް، "އައުޓްސްޓޭންޑިންގ އެޗީވްމަންޓް އޮފް ދަ އިޔަރ އިން ފައިނޭނަޝިއަލް އިންކްލޫޝަން" އެވޯޑް ލިބިފައިވާތީ އެކަން ވަނީ ފާހަގަކުރައްވާފައެވެ.
ވޭތުވެދިޔަ ނުވަ މަސްދުވަހުގެ ތެރޭގައި ވިހި އަތޮޅެއްގެ 105 ރަށެއްގައި ބީ.އެމް.އެލް. އިން ވަނީ އެބޭންކުގެ އޭ.ޓީ.އެމް. ބަހައްޓާފައެވެ. މި ހަފުލާގައި އޭ.ޓީ.އެމް. ތައް ބެހެއްޓުމުގައި ހަރަކާތްތެރިވި ޓީމުގެ މެންބަރުންގެ އަގުވަޒަންކުރައްވައި ދެއްވި ހަނދާނީ ފިލާ އެ ފަރާތްތަކާ ޙަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ.
މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ފުޅާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވަވާ އިސްކަމާއި އެހީތެރިކަން ފާހަގަކުރައްވައި ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ. މި ފިލާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވީ މުޅި ރާއްޖެއަށް ބޭންކިންގ ޚިދުމަތް ލިބޭނެގޮތް މަގުފަހިކޮށްދިނުމަށްޓަކައި ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް.ގެ ޚިދުމަތް ގާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ވީހާވެސް ގާތުން، ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެ މަނިކުފާނު އިސްނަންގަވައިގެން ފެއްޓެވި މި މަޝްރޫޢު ކާމިޔާބުކުރުމަށްޓަކައި ދެއްވި އިސްކަމާއި، އެހީތެރިކަން ފާހަގަކުރުމުގެ ގޮތުންކަމުގައި އެ ބޭންކުން ފާހަގަކުރެއްވިއެވެ.
