ހަނދު އޭގެ ހަނދުވަރާ ނުލާ .... (44)

( 26 އޮކްޓޯބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ)

ކައިވެންޏަށްފަހު ، މަރިޔަމްގެ ކޮޓަރިޔަށް ޚާނަމް ވަދެގެން އައިއިރު ، ހުރީ ރުޅި އައިއްސައެވެ. ޚާނަމްގާތަށް ރުޅިއައިސްފައިހުރީ ، ކައިވެނީގެ ރަސްމިއްޔާތަށް އައި އެންމެންވެސް ، މުރުތަސިމްޚާންގެ އަންހެނުން ،  މީރަބް ކޮބައިތޯ އަހައި ، މީރަބާ ބެހޭގޮތުން ސުއާލު ކުރީމައެވެ. ނޮރޭޒާއި މަރިޔަމްގެ ކައިވެންޏަށްވުރެ ބޮޑަށް އެމީހުންގެ ހިތުގައި އޮތީ ، މީރަބަށް ޚާއްޞަކަމެއް ދެވިފައެވެ. ޙަޔާވެސް މިދުވަސްކޮޅު ހުންނަނީ ޚާނަމް ފަހަތުގައި އަޅުވައިލާފައެވެ. ޚާނަމް ދާހާތާކަށް ފަހަތުން ގޮސް ، ޚާނަމް ރުއްސަން ކުރެވެން އޮތް ކިތަންމެ ކުޑަކަމެއްނަމަވެސް ދޫކޮށެއް ނުލައެވެ. ޚާނަމްގެ ހިތުގައި މީރަބްގެ މައްޗަށް ރުޅިއާއި ނަފްރަތު އުފެދޭނެ ހުރިހާ ކަމެއް ، ޙަޔާ ގެންދިޔައީ ކުރަމުންނެވެ.

މަރިޔަމްގެ ކައިވެންޏަށްފަހު ، ގޭތެރެއިން އެއްވެސް މީހަކު ނުފެންނަ ވާހަކަ ޚާނަމް ބުންޏެވެ. ޚާއްޞަކޮށް މުރުތަސިމް ، އެއްގޮތަކަށްވެސް ގެޔަކު މަޑެއް ނުވެއެވެ.

" އަނބިމީހާ ގެޔަށް ފޮނުވައިލާފައި ، މުރުތަސިމް އެކަމާ ހިތާމަ ކުރަނީއެވެ. މީހަކަށް ލޮލަށް ފެންނާނީ ކިހިނެއް ހެއްޔެވެ ؟ " ޙަޔާ ބުންޏެވެ.

މަރިޔަމް އެމީހުންނަށް ވަގަށް ، ފިލައިގެން އެގެއިން ނުކުމެގެންދާން ، މީރަބް އެހީތެރިވުން އެއީ ، ޚާނަމް އެންމެ ރުޅިއައި އެއްކަންތަކެވެ.

" އަހަރެން ، ޝާހްނަވާޒްގެ ހުވަފަތް އަނބިމީހާ ، ސަލްމާ ބޭގަމް ، އެހެންމީހުންގެ ޢާއިލީ މައްސަލަތަކަށް ޙައްލު ހޯދައިދީ ، ނިންމުންތައް ނިންމާއިރު ، އަހަރެންގެ އަންހެންދަރި ، ޢަމަލު ކުރިގޮތުން ، އަހަރެން މިހުންނަނީ އެހެންމީހުންގެ ކުރިމަތީ އިސްއުފުލައިލަން ނުކެރިފައެވެ. މަރިޔަމަކީ ، ވަރަށް ބަދުނަޞީބު އަންހެނެކެވެ. މަރިޔަމްގެ ބައްޕަ ، ކައިވެނީގެ ވަގުތުގައި ހެޔޮދުޢާ ކޮށްދޭކަށް ދުނިޔެއަކު ނެތެވެ. ބޭބެ އެހުރީ މަރިޔަމްގެ އަތުން އަތްދޫކޮށްލައިގެން ، އޭނާގެ ޙަޔާތުން މަރިޔަމް ނެރެލާފައެވެ. މަންމައެއް ހުރީތީ ، ކައިވެނީގެ ރަސްމިއްޔާތުގައި އެމަންމަޔަށް ހިނިތުންވެލަން ޖެހުނީ މަޖްބޫރުންނެވެ. " ޚާނަމް ބުންޏެވެ.

އެތައް އިރަކު ވާހަކަ ނުދައްކާ އިނުމަށްފަހު ، މަރިޔަމްގެ އަނގަ ހުޅުވައިލިއެވެ. މީރަބްވެސް އެގެއިން ފޮނުވައިލި ގޮތަށް ، މަންމަގެ ބަދު ދުޢާއާއެކީ ، އޭނާވެސް އެގެއިން ނުކުމެގެން ދާނެކަމަށް މަރިޔަމް ބުންޏެވެ. އެކަމަކު ، މަރިޔަމްގެ ޝަރްތެއް ހުށަހެޅިއެވެ. މަންމަޔަށް ޝަރްތު ހުށަހަޅާ ހިސާބަށް ދިޔައީތޯ އަހައި ، ޚާނަމް އަނެއްކާވެސް މަރިޔަމްއާ ދިމާލަށް އެއްޗެތި ކިޔައިގަތެވެ. އެއްވެސް މައްސަލައެއް ނުޖައްސައި ، ނޮރޭޒާއެކީ އޭނާދާން ، މަންމަ ބޭނުންވާނަމަ ، މަރިޔަމްގެ ޝަރްތު ޤަބޫލުކުރުން ނޫންގޮތެއް ނުއޮންނާނެކަމަށް ، މަރިޔަމް ބުންޏެވެ.

މަރިޔަމްގެ ޝަރްތަކީ ކޮބައިތޯ ޚާނަމް ސުއާލު ކުރިއެވެ. އެހެންނޫނަސް ، މަރިޔަމް އެއީ ޚާނަމްގެ ޙަޔާތުގައި ނެތް މީހެއްކަމަށް ޚާނަމް ވަނީ ކުރިންވެސް ނިންމާފައެވެ.   މުޅިން އެއްކޮށް އެގުޅުން ކަނޑައިލުމުގެ ކުރިން ، މަރިޔަމްގެ އެންމެ ފަހު އެދުން ، ފުރިހަމަކޮށްދީގެން އޭނާއަށް ލިބޭނެ އިތުރު ގެއްލުމެއް އޮންނާނެކަމަކަށް ، ޚާނަމަކަށް ނުފެނެއެވެ.

" އަހަރެން މިގެއިން ނުކުމެގެންދާނީ ، މީރަބް މިގެޔަށް އައުމަށްފަހުގައެވެ. " މަރިޔަމްގެ ޝަރްތު ހާމަ ކުރިއެވެ.

ޙަޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އަނެއްކާ އެ ޝަރްތު ފުރިހަމަކުރަން ޚާނަމް މަންމަ އެއްބަސްވާނެ ބާވައެވެ. އެހިސާބުން އޭނާގެ ޚިޔާލީ ދުނިޔެ އެ ނިމުނީއެވެ. ދުށްހާ ހުވަފެނެއް ބިލާހަށް ވީއެވެ.

އެ ޝަރްތު ޤަބޫލު ނުކޮށްފިއްޔާ މަރިޔަމް ހަދާނީ ކިހިނެއްތޯ ޚާނަމް ސުއާލު ކުރިއެވެ.

އެހެންކަމަށްވަންޏާ ، އޭނާ ނޮރޭޒަށް ފޯނުކޮށްގެން ގެޔަށް ގެނެސް ، ހުރިހާ ވާހަކައެއް އަކުރުން އަކުރަށް ، ޙަޤީޤަތާ އެއްގޮތަށް ، ތެދަށް ކިޔައިދޭނީކަމަށް މަރިޔަމް ބުންޏެވެ.

ޙަޔާއަކަށް އެހިސާބުން ހިމޭނަކުން ނުހުރެވުނެވެ. މަރިޔަމް އެދައްކަނީ ކޮންވާހަކައެއްތޯ އާއި ، މީރަބް އެގެޔަށް އައުމަކީ ، އެއްވެސް ޙާލެއްގައި ވާނެކަމެއްނޫންކަމަށް ، ޙަޔާ ބުންޏެވެ. މީރަބް ، އެގެޔަށް އެނބުރި އައިސް ވަންނާނީ ކޮންމޫނަކައިގެންތޯ ޙަޔާ ސުއާލު ކުރިއެވެ. ހަމައެއާއެކު ، ޚާނަމްއަށް މަޖްބޫރުކޮށް ، ޖެއްސުންކުރަން މަރިޔަމް ދިމާކޮށްފައިހުރިކަމަށް ޚާނަމް ބުންޏެވެ.

އެއީ މަންމަޔަށް މަރިޔަމްކުރާ މަޖްބޫރެއްނޫނެވެ. ޖެއްސުމެއްވެސް ނޫނެވެ. އެއީ މަންމަޔަށް މަރިޔަމް ހުށަހަޅާ ޝަރްތެކެވެ. ޤަބޫލު ކުރުމާއި ނުކުރުން އޮންނާނީ މަންމަގެ އިޚްތިޔާރުގައިކަމަށް މަރިޔަމް ބުންޏެވެ. އަދި ، އެ ޝަރުތަކީ މަންމަޔަށް ނުފުއްދޭނެ ޝަރުތެއްކަމަށް ނުބެލުމަށްވެސް މަރިޔަމް އެދުނެވެ.

ޚާނަމްގާތަށް އައިސްހުރި ރުޅިގަދަވެ ،  ދަތްކުނޑި ވިކައިގަތެވެ. އަދި ތެދުވެގެން ދާން ހިނގައިގަތެވެ. ޚާނަމް ހިނގައިގަތުމާއެކީ ، މަރިޔަމް އޭނާގެ މަންމަޔަށް ގޮވައިލާ ، އެކޮޓަރީގެ ދޮރު ، ބޭރުން ތަޅުލާފައި ބެހެއްޓުމަށް ބުންޏެވެ. ފަހަރެއްގައި މިފަހަރު ، އޭނާ އެކަނި ފިލައިގެންދާން ޖެހިދާނެތީއެވެ. ޚާނަމްގެ ރުޅިގަނޑު އިތުރަށް ގަދަވެ ، ދެލޯ އަނގުރު އަލިފާންގަނޑެއްހެން ރަތްވިއެވެ.

ޙަޔާވެސް ނުކުމެގެން ދާން ހިނގައިގަތުމާއެކީ ، ޙަޔާއަށްވެސް މަރިޔަމް ގޮވައިލިއެވެ.

" ޙަޔާއެވެ ! ޙަޔާ ތިޔަގެންދަނީ ، މީރަބާމެދު އަނިޔާވެރިވެ ، ޚުދު ޙަޔާގެ އަމިއްލަ ނަފްސަށް އަނިޔާ ދެމުންނެވެ. " މަރިޔަމް ބުންޏެވެ. އެހެންނަމަވެސް ، މަރިޔަމަށް އެވަގުތު ޖަވާބުދޭކަށް ، ޙަޔާ ބޭނުމެއް ނުވިއެވެ.

ވައްޤާސް މީރަބަށް ވަޢުދުވީފަދައިން ، ޚާނަމާ ބައްދަލު ކުރުމަށްޓަކައި ، އަޙްމަދުއާބާދަށް ދިޔައެވެ. އަންވަރާއި މުރުތަސިމާއެކީ ، ޚާނަމްއާ ބައްދަލު ކުރުމަށް ވައްޤާސް އެދުނެވެ.

މީރަބް އެކުރިކަމެއް ކުރުމާގުޅިގެން ، ވައްޤާސްގެ ޙާލު ރަނގަޅު ނުވާނެކަމަށް އޭނާއަށް ހީވާކަމުގައި ޚާނަމް ބުނުމާއެކީ ، ޚާނަމްގެ ޙާލުވެސް ރަނގަޅުކަމަށް ނިންމެން އޭނާއަށް ނެތްކަމުގައި ވައްޤާސް ބުންޏެވެ. ވައްޤާސް އެހެން ބުނުމާއެކީ ، މުރުތަސިމާއި އަންވަރާ ދެމީހުންގެ ވެސް އިސް އުފުލުނެވެ. ވައްޤާސްއަކީ ، ދުވަހަކުވެސް ، ޚާނަމްއާ ދެކޮޅަށް ޗުއްޕުވެސް ބުނެފައިވާ މީހެއްނޫނެވެ. އަންވަރަކީވެސް އަދި މުރުތަސިމަކީވެސް ޚާނަމްއާ ދެކޮޅަށް ބަސްބުނެ ، ބަޙުސްކުރާ ދެމީހުންނެވެ. އެހެނަސް ، ވައްޤާސް އެއީ ، ޚާނަމްގެ ކުރިމަތީ ، އަޅެއްފަދައިން ހަމައެކަނި އާނބަސްނޫނީ ނުބުނާ މީހެކެވެ.

" މީރަބް އެކުރިކަމެއް ކޮށްފިއެވެ. އެކަމަކު މީރަބް އެކުރިކަމެއްކުރީ ، ޚާނަމްގެ އުފަންދަރިފުޅު މަރިޔަމަށް ޓަކައެވެ. މަރިޔަމް އެކަން އެކުރީ ކީއްވެތޯ އަހަރެންނަށް އަހައިލެވިދާނެ ހެއްޔެވެ ؟ " ވައްޤާސް ބުންޏެވެ.

ވައްޤާސްވެސް މީރަބްގެ ދިފާޢުގައި ވާހަކަދައްކަމުން ގެންދިޔައެވެ. މީރަބް އެކަންކުރީ ކަނޑައެޅިގެން އެނގިހުރެ ، އެޢާއިލާ ބަދުނާމުކޮށް އެމީހުންގެ ކިބައިން ބަދަލު ހިފުމުގެ ބޭނުމުގައިކަމުގައި ޚާނަމް ބުންޏެވެ.

މަރިޔަމް އޭނާގެ އަންނައުނު ޕެކްކޮށް ފޮށްޓަށް އަޅަމުން ގެންދަނިކޮށް ، ޙަޔާ އެތަނަށް އައިސް ، މަރިޔަމްގެ ޝަރްތު އަނބުރާ ގެންދިއުމަށް ބުންޏެވެ. އެއީ ، ވާނެ ކަމެއްނޫނެވެ. އެއީ ، މީރަބް އެގެޔަށް އެނބުރި އައުމަކީ ، މަންމަޔާއި މުރުތަސިމާއި ޙަޔާވެސް ބޭނުންވާ ކަމަކަށް ނުވާތީހޭ އަހައި މަރިޔަމް ސުއާލު ކުރިއެވެ. އެކަން އޮތީ އެގޮތަށް ކަމަށާއި އެންމެފަހުން މަރިޔަމްވެސް އެގެއިން ދާނީކަމަށް ޙަޔާ ބުންޏެވެ. އޭގެފަހުން އެގޭގައި ރަނިކަން ކުރާނީ އޭނާ އެކަންޏެވެ. މީރަބެއް ނުހުންނާނެއެވެ. މަރިޔަމެއްވެސް ނުހުންނާނެއެވެ.

" އަހަރެން ޙަޔާއަށް ޝުކްރުއަދާކުރަން ބޭނުމެވެ. ނުބައި ނިޔަތެއްގައިނަމަވެސް ، ޙަޔާއަށް އަހަރެންނަށް ތިކޮށްދެވުނީ ރަނގަޅު ކަމެކެވެ. އަހަރެން ނޮރޭޒަށް އިންތިޒާރު ކުރަމުންގެންދާ ކަމަށާއި ، ނޮރޭޒް ދެކެ އަހަރެން ލޯބިވާ ވާހަކަ ބުނެދީގެންނެވެ. ނޮރޭޒް ބޭނުންވާ މީހަކީ އަހަރެންކަމުގައި ވެއްޖެއެވެ. އެކަމަކު ، އެމީހެއްގެ ލޯބީގައި ޙަޔާގެ ޖާނާއި މާލު ތިދޭ މީހާގެ ހިތުގައި ކުޑަވެސް ޖާގައެއް ޙަޔާއަކަށް ނެތެވެ. ކިހާ ހިތާމަހުރި ކަމެއް ހެއްޔެވެ ؟ " މަރިޔަމް ބުންޏެވެ.

މަރިޔަމްގެ ވާހަކައިން ޙަޔާގާތަށް ރުޅި އައެވެ. މުރުތަސިމްގެ ހިތުން އޭނާ ޖާގަ ހޯދާނެކަމަށާއި ، އެއްދުވަހަކުން އެގޭގައި ވެރިކަންކުރާނީ އޭނާކަމަށް ޙަޔާ ބުންޏެވެ. މަރިޔަމް ބުނިގޮތުގައި ، އެއީ ހުވަފެނެއްގައި ޙަޔާއަށް ކުރެވިދާނެ ކަމެކެވެ. ޙަޤީޤަތުގައި އެއީ ނުވާނެ ކަމެކެވެ. އޭނާގެ ބޭބެގެ ދިރިއުޅުން ބަރުބާދުވާނެތީ ، ޚުދު އޭނާވެސް އެކަން އެގޮތަށް ވިޔަކަ ނުދޭނެއެވެ. މީރަބް އެގެޔަށް އަނބުރާ ގެނެސްލާނީ ، ޚުދު މަންމަ ކަރާޗީއަށް ގޮސް ، މީރަބް ގޮވައިގެން އައިސްކަމުގައި މަރިޔަމް ބުންޏެވެ. ޙަޔާގާތަށް އައިސްހުރި ރުޅީގައި މަރިޔަމާ ދިމާލަށް އެތިވަރު ގޮވަމުން ގެންދިޔައެވެ.

މީރަބާ ބެހޭގޮތުން ، ވައްޤާސް އާއި ޚާނަމްއާ ދެމެދު ހިނގަމުންދިޔަ ބަޙުސްވެސް ކުރިޔަށް ދިޔައެވެ. ވައްޤާސް އަށް ޤަބޫލު ކުރެވޭގޮތުގައި ، މީރަބާމެދު ޚާނަމް ޢަމަލުކޮށްފައިވަނީ ބޭއިންސާފުންނެވެ. ބައްޕަޔަކަށް ދަރިފުޅަކާމެދު ހީވާނީ އެފަދައިންކަމަށް ބުނުމާއެކީ ، އޭނާ އެވާހަކަ ދައްކަނީ ބައްޕައެއްގެ ޙައިޞިއްޔަތުން ނޫންކަމަށާއި ވަކީލެއްގެ ޙައިޞިއްޔަތުންކަމުގައި ވައްޤާސް ހާމަކުރިއެވެ. ޚާނަމްއާއި ވައްޤާސްގެ ޒުވާބު ވަކިހިސާބަކަށް ދިޔަތަނާ ، މަރިޔަމް އެތަނަށް ޙާޟިރުކޮށްދިނުމަށާއި ، މަރިޔަމްއާ އޭނާ ސުއާލުކުރަން ބޭނުންވާކަމުގައި ވައްޤާސް ބުންޏެވެ. މުރުތަސިމާއި އަންވަރުވެސް އެތާ ތިއްބެވެ. މަރިޔަމް އެތަނަށް ގެނެވުމާއެކީ ، ވައްޤާސް މަރިޔަމްއާ ސުއާލު ކުރަން ފެއްޓިއެވެ.

" މަލިކު ޒުބޭރާއި މަރިޔަމްއާ އެކަކު އަނެކަކަށް ބައްދަލު ކުރުވީ މީރަބް ހެއްޔެވެ ؟ " ވައްޤާސް ސުއާލު ކުރިއެވެ.

އޭނާއާ މަލިކު ޒުބޭރާ ބައްދަލު ކުރުވީ މީރަބްނޫންކަމުގައި މަރިޔަމް ޖަވާބު ދިނެވެ.

" މަލިކު ޒުބޭރާއި މަރިޔަމްއާ ވާހަކަ ދައްކާތާ ކިހާ ދުވަހެއް ވެއްޖެ ހެއްޔެވެ ؟ " ވައްޤާސް ސުއާލު ކުރިއެވެ.

އޭނާ މަލިކު ޒުބޭރާ ވާހަކަ ދައްކައި ބައްދަލު ކުރަމުން ގެންދާތާ އަށްމަސް ވެއްޖެކަމުގައި މަރިޔަމް ބުންޏެވެ.

" މަލިކު ޒުބޭރާއި މަރިޔަމްގެ ގުޅުން މީރަބަށް އެނގުނީ ކިހިނެއް ހެއްޔެވެ ؟ " ވައްޤާސް ސުއާލު ކުރިއެވެ.

މަލިކު ޒުބޭރު ، އޭނާއާ ބައްދަލު ކުރުމަށް ، ރޭގަނޑު އެގެޔަށް ވަގަށް އަންނަކަމުގައި މަރިޔަމް ބުންޏެވެ. އެހެން އުޅެނިކޮށް އެއްރެޔަކު ، މީރަބާ ދިމާވީއެވެ. އަދި ، އެކަން ސިއްރުކޮށްދީފައި ބާއްވައިދިނުމަށް ، މަރިޔަމް އާދޭސްކުރީމާ ، މީރަބް އެކަމަށް އެއްބަސްވީއެވެ.

" މަރިޔަމަށް މީރަބް އެހީތެރިވީ ކޮންޙާލަތެއްގައި ކޮންގޮތަކަށް ހެއްޔެވެ ؟ " ވައްޤާސް ސުއާލު ކުރިއެވެ.

އަހަރެން ، މީރަބްލައްވާ ވަޢުދު ކުރުވީއެވެ. އަހަރެންގެ ލޯބި ޙާޞިލްކުރުމަށްޓަކައި ، މީރަބްގެ ކިބައިން އެހީތެރިކަމަށް އެދުނީއެވެ.

" އެއީ ކޮން ވަޢުދެއް ހެއްޔެވެ ؟ ސާފުކޮށް ބުނެބަލާށެވެ ! " ވައްޤާސް ސުއާލު ކުރިއެވެ.

ޖެހިލުންވެހުރެ ، މަރިޔަމް ޖަވާބުދެމުން ގެންދިޔައެވެ. އަހަރެންނާއި އަނަސް އާ ދެމީހުންގެ ކައިވެންޏަކީ ، މިޢާއިލާގެ ހަރުކަށި އުޞޫލުތަކުގެ މަތިން ކުރެވިދާނެކަމެއްނޫންކަން އަހަރެންނަށް އެނގެއެވެ. އަނަސްއަކީ މަލިކު ޒުބޭރުކަމެއް އަހަރެންނަކަށްވެސް އަދި މީރަބަކަށްވެސް ނޭނގެއެވެ. އޭނާ ބުނިގޮތުގައި އޭނާއަށް ކިޔަނީ އަނަސް އެވެ. އަހަރެންނަށް ހަދާނެގޮތް ބޮޑުވެގެން ، އަނަސް ލަފާދިން ގޮތަށް ، ފިލައިގެން ގެއިން ނުކުމެގެން ދަނިކޮށް ، މީރަބް އަހަރެން ހުއްޓުވިއެވެ.

" މަރިޔަމް ފިލައިގެންދާން އެއްވެސް ޙާލެއްގައި މީރަބް މަސައްކަތްކޮށް އެހީތެރިވެދިން ހެއްޔެވެ ؟ " ވައްޤާސް ސުއާލު ކުރިއެވެ.

އެކަމަށް އެއްވެސް ވަރަކަށް އޭނާއަށް މީރަބް ހިތްވަރު ނުދޭކަމަށް މަރިޔަމް ބުންޏެވެ. އޭގެ ބަދަލުގައި އަބަދުވެސް ، އޭނާއަށް މީރަބް ނަޞޭޙަތްދެމުން ގެންދިޔައީ ފިލައިގެން ނުދާށެވެ ! އަހަރެންގެ ލޯބި އަހަރެންނަށް ހޯދައިދިނުމަށްޓަކައި އެހެން ގޮތްގޮތުން މީރަބް މަސައްކަތް ކޮށްދޭނެ ކަމަށެވެ. އަހަރެން ފިލައިގެންދާން ، މީރަބް އަބަދުވެސް މަނާ ކުރެއެވެ. އަހަރެން ހުއްޓުވައި އަހަރެންނަށް ، ދައްތައެއްފަދައިން ނަޞޭޙަތް ދެއެވެ.

އަހަރެން މީރަބް ލައްވާ ވަޢުދު ކުރުވީމެވެ. އަހަރެންނާ އަނަސްއާ ދެމީހުންގެ ކައިވެނި ކުރުވުމުގެ ވަޢުދެވެ. އަހަރެންނާއި އަނަސްގެ ކައިވެނި ކުރުވޭނެ ގޮތެއްވޭތޯ ، މީރަބް ވަރަށް މަސައްކަތް ކުރިއެވެ. އެންމެންނާ އެވާހަކަ ދެއްކިއެވެ. އެކަމަކު ، އެއްވެސް މީހަކު އެކަމަށް އެއްބަހެއް ނުވިއެވެ. ގެއިން ފިލައިގެންދާން އަހަރެން ނިންމި ސަބަބަކީ އެއީއެވެ. އެކަމުގައި މީރަބްގެ އޮތީ ކޮން ކުށެއް ހެއްޔެވެ ؟ މީރަބްގެ އެއްވެސް ކުށެއް ނެތެވެ.

ދެން ، ގެއިން ވަގަށް ފިލައިގެންދިއުމަށް އަހަރެން ނިންމީމެވެ. އެފަހަރުވެސް ، އެންމެ ފަހު ވަގުތުވެސް ، އެކަން އެހެން ނުކުރުމަށް ، އަހަރެންނަށް މީރަބް އެތައް ނަޞޭޙަތެއް ދިނެވެ. މީރަބް ދެއްކި އެއްވެސް ވާހަކައެއް އަހަރެން ޤަބޫލު ނުކުރީއެވެ.

" އޭގެ މާނަޔަކީ ، މީރަބް އެތާ ނެތަސް ، ފިލައިގެންދާން މަރިޔަމް ނިންމާފައި އޮތުން ހެއްޔެވެ ؟ " ވައްޤާސް ސުއާލު ކުރިއެވެ.

އަހަރެންނަށް ކުރެވޭނެ އެއްވެސްކަމެއް ނެތުނީއެވެ. މީރަބް އަހަރެންނަށް އެހީވިޔަސް އަދި ނުވިޔަސް ، އަހަރެން އޭރު ހުރީ ފިލައިގެން ދާން ނިންމައިގެންނެވެ. އެހެނަސް ، އެކަން އެގޮތަށް އަހަރެން ކުރާނެ ވާހަކަ މީރަބްގާތަކު ނުބުނަމެވެ. އެއީ ، އަހަރެން އަމިއްލަޔަށް ނިންމި ނިންމުމެކެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.