އިސްރަށްވެހިންގެ މަދަހަ މުބާރާތް 2025 ބާއްވައިފި

އިސްރަށްވެހިންގެ ނާދީ މެންބަރުންނަށް އަމާޒުކޮށްގެން، މާލެ އަދި ހުޅުމާލެ ނާދީގައި "އިސްރަށްވެހިންގެ މަދަހަ މުބާރާތް 2025" ގެ ނަމުގައި ޚާއްސަ މަދަހަ މުބާރާތެއް ބާއްވައިފިއެވެ.

މި މުބާރާތުގެ މަޤްޞަދަކީ، ދީނީ ހޭލުންތެރިކަން އިތުރުކޮށް، އިސްރަށްވެހިންގެ މެދުގައި އެކުވެރިކަން އިތުރުކޮށް، ގުޅުން ބަދަހިކުރުމާއި، އެފަރާތްތަކުގެ ހުނަރުތަކާއި ފަންނުތައް ދައްކާލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި މަހުގެ 25 އަދި 26 ވަނަ ދުވަހު މާލެގައި ޤާއިމުކުރެވިފައިވާ އިސްރަށްވެހިންގެ ނާދީގައި ކުރިއަށްދިޔަ މި މަދަހަ މުބާރާތުގައި 49 ފަރާތަކުން ވަކި ވަކި މަދަހަ ހުށަހަޅާފައިވާއިރު، ގްރޫޕް ކެޓެގަރީގައި 10 ގުރޫޕަކުން ވާދަކޮށްފައިވެއެވެ. އެގޮތުން، ގްރޫޕް މަދަހަ އާއި ވަކިވަކި މެންބަރުން ހުށަހަޅައިދިން މަދަހަތަކުގެ ތެރެއިން 1 ވަނަ، 2 ވަނަ، 3 ވަނަ ހޮވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އިސްރަށްވެހިންގެ ނާދީއަކީ އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތަކުގެ ދަށުން، ރާއްޖޭގައި ތިބި އިސްރަށްވެހިންގެ ޖިސްމާނީ، ނަފްސާނީ އަދި އިޖުތިމާއީގޮތުން ދުޅަހެޔޮކަމަށް ބާރުއެޅުމުގެ ގޮތުން، ޚާއްސަ ހަރަކާތްތްތަކެއް ހިންގޭނެ މަރުކަޒުތަކެއް ޤާއިމްކުރުމަށް އެމަނިކުފާނު ވެލެއްވި ވައުދިފުޅުގެ މަތިން ޤާއިމްކުރެވުނު މަރުކަޒުތަކެވެ.

އެގޮތުން، އިސްރަށްވެހިންނަކީ ހަރަކާތްތެރި ދިރިއުޅުމެއް އުޅޭ، ދުޅަހެޔޮ ބަޔަކަށް ހެދުމުގެ މަޤްސަދުގައި އިސްރަށްވެހިންގެ ނާދީގައި މިފަދަ ތަފާތު ޕްރޮގްރާމުތައް ކުރިއަށް ގެންދެއެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.