
ވެރިކަމާ ދުރުގައި އުޅުއްވަން ރައީސް ނަޝީދަށް ދަތިފުޅުވާކަމަށް ހުޅުހެންވޭރު ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް މޫސާމަނިކު ވިދާޅުވެއްޖެއެވެ.
ޓީވީއެމްގައި ރޭ ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ ރައީސް ނަޝީދު 2008 ގައި ވެރިކަމަށް ވަޑައިގެންނެވީ ވެރިކަން ބޭނުންފުޅުވެ ވަޑައިނުގަންނަވާ ކަމަށް ވިދާޅުވުމަށްފަހު ކަމަށެވެ. އެހެން ވިދާޅުވުމަށްފަހުވެސް ވެރިކަމަށް ވަޑައިގެން ޕްރެޝަރ ބޮޑުވެގެން އަމިއްލަ ފުޅަށް އިސްތިއުފާ ދެއްވުމަށްފަހު ޖެހިގެން އައިދުވަހު ބަޣާވާތެއް ކަމަށް ވިދާޅުވި ކަމަށް މޫސަ ވިދާޅުވިއެވެ.
ވެރިކަން ބަދަލުވީ ބަޣާވާތަކުން ކަމަށް ވިދާޅުވުމަށްފަހު މިހާރު އުޅުއްވަނީ އެބަޣާވާތް ކުރެއްވި ކަމަށް ވިދާޅުވި ބޭފުޅުންނާއެކު ކަމަށްވެސް މޫސަ ވިދާޅުވިއެވެ. އެހެންވީމާ އެމަނިކުފާނުވެސް އެ ބަޣާވާތުގައި އެވަނީ ބައިވެރިވެ ވަޑައިގެންފައި ކަމަށް މޫސަ ތުހުތު ކުރެއްވިއެވެ.
އޭނާ ވިދާޅުވީ ވެރިކަމަށް ވަޑައިގެންފައިވެސް ޕްރެޝަރ ބޮޑުވެ ކަމެއް ދިމާވާއިރަށް ވެރިކަން ހިހައްޓަން އެނގިވަޑައި ނުގެން ދޫކޮށްލުމަށްފަހު ރައީސް ޔާމީންގެ ވެރިކަން ވައްޓަވާ ލައްވަން ދިމާކުރައްވައިގެން އުޅުއްވާތީ ސުވާލު އުފެދޭ ކަމަށެވެ. ރައީސް ޔާމީން ވެރިކަމަށް ވަޑައިގެންނެވީ ރައީސް ނަޝީދު ބަލިކުރައްވައިފައި ކަމުން ވެރިކަމުގެ 5 އަހަރު ފުރިހަމަ ކުރެއްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ދެއްވަން ޖެހޭނެ ކަމަށްވެސް މޫސަ ވިދާޅުވިއެވެ.