"ނޭވާހޮޅި" މުޒާހަރައިން ހައްޔަރުކޮށް ބަންދުކުރި މައްސަލަ ބަލައިދިނުމަށް ޕީޕީއެމް އިން ދެ ކޮމިޝަނަކަށް ހުށަހަޅައިފި

ފޮޓޯ: ޕީޕީއެމް ޓްވިޓަރ

"ނޭވާހޮޅި" މުޒާހަރައިން ހައްޔަރުކޮށް ބަންދުކުރި މައްސަލަ ބަލައިދިނުމަށް ޕީޕީއެމް އިން ދެ ކޮމިޝަނަކަށް ހުށަހަޅައިފިއެވެ.

މިމައްސަލަ ހުށަހަޅާފައިވަނީ ޕޮލިސް އިންޓަގްރިޓީ ކޮމިޝަނަށާއި ހިއުމަން ރައިޓްސް ކޮމިޝަނަށެވެ.

ޕީޕީއެމްއިން ބުނީ ޕީޕީއެމްގެ އިސްބޭފުޅުންނާއި ޒުވާނުންނަށް މުޒާހަރާގެ ތެރެއިން ކުރި އަނިޔާތަކާއި ޤާނޫނާއި ޚިލާފަށް ހައްޔަރުކޮށް ބަންދު ކުރި މައްސަލަތައް ބަލައި ދިނުމަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމުޒާހަރާގެ ތެރެއިން 17 މީހަކު ހައްޔަރުކޮށް، ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވާއިރު، އޭގެ ތެރެއިން ބައެއް މީހުންގެ ބަންދަށް 7 ދުވަސް، އަނެއްބައި މީހުންނަށް 3 ދުވަސް އަދި 2 ދުވަސް ވެސް ވަނީ ޖަހާފައެވެ.

އިންޑިޔާގެ މިލިޓަރީ ސިފައިން ދިވެހިރާއްޖޭގައި ތިބުމާ ދެކޮޅަށް މިދިޔަ މަހުގެ 25 ވަނަ ދުވަހު މާލޭގައި ބޭއްވި އެ މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހުންގެ ތެރޭގައި އިދިކޮޅު މަޖިލިސް ދެ މެމްބަރަކު ވެސް ހިމެނެއެވެ.

އެއްވެ އުޅުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާއާއި 32 ވަނަ މާއްދާއިން ރައްޔިތުންނަށް ލިބިދީފައިވާ އަސާސީ ޙައްޤުތަކަށްވާއިރު އެ ޙައްޤުތައް ހަނިކޮށް، ނިގުޅައިގަނެފައިވާކަމަށް އިދިކޮޅު ކޯލިޝަނުން ދަނީ ބުނަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.