ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް، ކުރީގެ ރައީސް ޢަބްދުﷲ ޔާމީނަށް ޙުކުމް އިއްވި ފަނޑިޔާރު ޢަލީ ރަޝީދުގެ ނަން ފޮނުވުމުން އިދިކޮޅުން ވަރަށް ބޮޑަށް ފާޑު ވިދާޅު ވެއްޖެއެވެ.
ޕީއެންސީގެ ރައީސް އަބްދުއްރަޙީމް ޢަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ހުކުމް ކުރެއްވި ކްރިމިނަލް ކޯޓުގެ ގާޒީ ޢަލީ ރަޝީދު ޙުސައިން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ފޮނުވީ އެ ހުކުމް ކުރުމުގެ އިނާމެއްގެ ގޮތުން ކަމަށެވެ. އަދި މިނިންމެވުމުން ޔަޤީންވެގެން ދިޔައީ ރައީސް ޔާމީންގެ ޙުކުމަށް، ރައީސް ޞާލިޙް ނުފޫޒު ފޯރުވި މިންވަރު ކަމަށް އޭނާ ވިދާޅުވިއެވެ.
"ރައީސް ޞާލިޙްގެ މިނިންމެވުމުން ޔަޤީން ވަނީ، ރައީސް ޔާމީނަށް ނުޙައްޤުން ގަސްދުގައި އަނިޔާ ދެމުން ދަނީ ސީދާ ރައީސް ޞާލިޙްކަން. އަދި މިސަރުކާރުން ކޯޓްތަކަށް ހަތަރެސް ފަޔާއި ބޮލާ ލޯވެސް ބާނާފައިވާކަން." ޢަބްދުއްރަޙީމް ވިދާޅުވިއެވެ.
ގާޒީ އަލީ ރަޝީދު ސުޕްރީމް ކޯޓް ފަނޑިޔާރަކަަށް އައްްޔަން ކުރެއްވުމަށް ލަފައަކަށް އެދިވަޑައިގެން ރައީޞް ޞާލިހު ޖޭއެސްސީއަށް ފޮނުވީ މިއަދުއެވެ. ޢަލީ ރަޝީދުގެ އިތުރުން ހދ. ކުޅުދުއްފުށީ ފިނިފެންޖަންބުގޭ ޑރ. މުހައްމަދު އިބްރާހިމްގެ ނަންވެސް ވަނީ ޖޭއެސްއީ އަށް ފޮނުއްވައިފައެވެ.
ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އަލީ ރަޝީދާ ހަވާލުކޮށްފައި ވަނީ އެ ކޯޓުގެ އިސް ގާޒީގެ މަޤާމުގައި ކުރިން ހުންނެވި އަޙްމަދު ހައިލަމް މަގާމުން ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމުމާއި ގުޅިގެންނެވެ. ސުލޫކީ މައްސަލައެއްގައި ހައިލަމް ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމީ ކުރީގެ ރައީސް ޔާމީނަށް ޙުކުމް އިއްވުމުގެ ޝަރީޢަތުގެ މަޖިލީސް ތާވަލުކޮށްފައިވާ ދުވަހުއެވެ. ނަމަވެސް ފަހުގެ ތާރީޚެއްގައި ރައީސް ޔާމީނަށް ޙުކުމް އިއްވައިފައި ވަނީ އެ ކޯޓު ހިންގެވުމާ ޙަވާލުވެ ހުންނެވި ފަނޑިޔާރު ޢަލީ ރަޝީދު އިސްކޮށް ހުންނެވި ފަނޑިޔާރުންގެ ޕެނަލަކުންނެވެ.