އިހުގެ ހިންދީ ލަވަޔަކީ ، ލަވަޔާއި މިއުޒިކަށް ލޯބިކުރާ ކޮންމެ މީހެއްގެވެސް ހިތުގެ ނާރުތަކާ ކުޅެލާ ޖަޒްބާތީ އިޙްސާސްތަކެއް އުފައްދައިދޭ ވަޞީލަތެކެވެ. އެއީ ، މިޒަމާނުގެ ލަވަޔާއި މިއުޒިކާ ތަފާތުކޮށް ، ހަމަހިމޭންކަމާއި މަޑުމައިތިރިކަމާއެކު ، ޖައްވުގައި އުދުހިލާ މަޑު ވައިރޯޅިއެއްފަދައިން ، ހިތުގެ އެންމެ ހިމަ ނާރާ ހަމަޔަށްގޮސް ، ހިތަށް ތަޞައްވުރު ކުރެވޭގޮތަށް ބައްޓަން ކުރެވިފައި ހުންނަ އަޖައިބެއްފަދަ ޖަޒްބާތެކެވެ. އެއީ ، މިޒަމާނުގެ ބައެއް ލަވަޔާއި މިއުޒިކާ އެއްގޮތަށް ، ހަޅޭކުގެ ހަރުއަޑުން ، ތެޅިފޮޅި ، އެއަޑު އިވުމުން ، ހިތުގެ ޖަޒްބާތުވެސް ތެޅިފޮޅިގަނެ " ކިކް " އައިސް ވަޖިދުވާފަދަޔަކުން އަންނަ ޒާތުގެ ހަލަބޮލި ޖަޒްބާތެއްނޫނެވެ. އިހުގެ ލަވަތަކާއި މިހާރުގެ ގިނަ ލަވަތަކުގެ ތަފާތަކީ އެއީއެވެ. އިހުގެ ލަވަޔާއި މިއުޒިކުން ، ހަމަހިމޭންކަމާއި މަޑުމައިތިރި އިޙްސާސްތަކަކުން ، ސިކުނޑިޔަށް ހަމަޖެހުމާއި ހިތަށް ފަސޭހަކަން ލިބޭއިރު ، މިހާރުގެ ގިނަ ލަވައާއި މިއުޒިކުން ހިތް ތެޅުމާއެކީ ، ހަށިގަނޑަށް ލޮޅުންލިބި ، " ކިކް " އައުމެވެ.
މީގެ 64 އަހަރުކުރިން ، 1961 ގައި ، ބޮލީވުޑްގައި އުފެއްދި ، " ހަމްދޯނޯ " މިފިލްމަށް މުޙައްމަދު ރަފީޢު އާއި އާޝާ ބޯސްލޭ ކިޔައި ، ދޭވް އާނަންދު އާއި ސާދުނާ ކުޅެފައިވާ ، " އަބީ ނަޖާއޯ ޗޯޅުކަރު " މި ލަވަޔަކީ ، ހިންދީ ލަވައިގެ ދުނިޔޭގައި އެންމެ ނަން ހިނގާ ޖަޒްބާތީ އެއްލަވައެވެ.
ފޮރުވިފައިވާ ޖަންގައްޔެއްގައި ފިނީގެ މާޙައުލެއްގައި ޒުވާނަކު ، އޭނާގެ ލޯބިވެރިޔާގެ ކުރިމައްޗަށް ، ހިތުގައިވާ އުދާސްތައް ބަންޑުން ކޮށްލާއިރު ، އެ ހިތުގައި ބިންވަޅު ނެގިފައިވާ ފޮނި އުއްމީދުގެ ރަހަ އިޙްސާސް ކުރެވެއެވެ. އެ ފޮނިފޮނި ، މާނައިން ފުރިގެންވާ ބަސްތަކުން ، މުޅި ކާއިނާތުގެ ހަމްދަރްދީ ލިބިގެން ، އެ ޒުވާނާގެ ހިތުގެ އިޙްސާސްތައް ، އޭނާގެ ލޯބިވެރިޔާއަށް ހުށަހަޅުން ދާއިރު ، ހިނިތުންވުމާއި ހަމަޖެހުމުގެ އުފާވެރިކަމުން ، އެ ޒުވާނާގެ މޫނު އަލިވެގެން ވެއެވެ. ނުރުހުމުގެ އެއްވެސް އިޙްސާސެއްނެތި ، ޠޯހިރު ހިތަކުން އުފެދިގެން އަންނަ ޖުމްލަތައް ، އޭނާގެ ލޯބިވެރިޔާގެ ހިތަށް ، ޚަންޖަރެއްފަދައިން ހެރެމުން ދެއެވެ. ނޫނެކޭ ބުނަން ނުކެރޭ ވަރަށެވެ.
ލަވައިގެ އަސާސަކީ ، ފިރިހެން ކުއްޖަކު ، އަންހެންކުއްޖަކު ދެކެ ، އިންތިހާއަށް ލޯބި ވުމެވެ. އަންހެން ކުއްޖާއަށް ލިބިފައިވާ ލަދުވެތިކަމުން ، އޭނާ ބޭނުންވަނީ އަވަހަށް ގެޔަށް ދާށެވެ. އެހާ ފުރިހަމަ ބަސްތަކަކުން ، އޭނާގެ އިޙްސާސްތައް ބަންޑުން ކޮށްލަމުންދާ ، ޒުވާން ފިރިހެން ކުއްޖާ ދޫކޮށްލާފައި އެތަނުން ދާކަށްވެސް ، އަންހެން ކުއްޖާގެ ހިތެއް ނޭދެއެވެ.
" ހަމް ދޯނޯ " ގެ އަބީނަ ޖާއޯ ޗޯޅުކަރު ، މިލަވަ އައިސްފައިވަނީ ، ފިލްމުގެ ކުރީކޮޅުގައެވެ. މުޅި ފިލްމުގެ ދެންހުރި މަންޒަރުތައް ، އެ ލަވައިގެ މައްޗަށް ބައްޓަން ކުރެވިގެންދާފަދަ ގޮތަކަށެވެ. ކަޅާއި ހުދުގެ މި ފިލްމަކީ ، މިހާރުގެ ކުލަ ފިލްތަކާ އަޅާކިޔައި ، ދޫކޮށްލެވޭވަރަށްވުރެ ، މާ ފުރިހަމަ ރީތި ފިލްމެކެވެ.
ޒުވާން ދޭވް އާނަންދު ، އޭނާގެ ހިތުގައިވާ ލޯބީގެ އިޙްސާސްތައް އަމުނަމުން އަތުރަމުން ، ސާދްނާއަށް ހުށަހަޅަމުން ގެންދިޔައީ ، އޭނާގެ ހިތްއެދޭ ޖަޒްބާތަށް ބަރޯސާ ކޮށްގެންނެވެ. ރީތިރީތި ރަށެއްގެ ލޯބި ގޮނޑުދޮށުގައި ބީހިލަމުން އެދާ ރާޅުގެ ފޮރުވިފައިވާ އިޙްސާސްތަކަށް ގެއްލި އިނދެ ، އަޅުގަނޑު ހިތްވެސް އެ ލަވައިގެ ޖަޒްބާތީ އިޙްސާސްތަކަށް ގެއްލިގެން ދިޔައެވެ.
ދޭވް އާނަންދު
އަހަރެން ދޫކޮށްލާފައި ، އަދި އިހަށް ނުގޮސްފާނަން ހެއްޔެވެ ؟ އަހަރެންގެ ހިތެއް އަދި ނުފުރެއެވެ. ތިޔައައީ ، ހަމަ ދެންމެއަކު ނޫން ހެއްޔެވެ ؟ ކަލާ އައުމުން ބަހާރު މޫސުމް އައިފަދައެވެ. ޖަންގަލީގެ މި ފިނި މާޙައުލުގައި މިހިރަބިޔަ ގަސްތައް އެކަމަށް ހެކިވާނެއެވެ. ކަލާގެ ތިޔަ ޖަޒްބާތީ މީރުވަހުން މުޅި ޖައްވުގައި މީރުވަސް ދުއްވައިލަން މި އުފާވެރި މާޙައުލަށް މިޖެހޭ ވަޔަށް ފުރުޞަތު ދީފާނަން ހެއްޔެވެ ؟ ކަލާގެ ތޫނުފިލި ލޮލުގެ އަލިކަން މުޅިތަނަށް ފެތުރިލައިގެން ދިއުމަށް ހުއްދަ ދީފާނަން ހެއްޔެވެ ؟ ރޭގަނޑުގެ ވަގުތުކޮޅު ކުޑަކޮށް ދަންމައިލަން ފުރުޞަތު ދެމާ ހެއްޔެވެ ؟ އަހަރެންގެ ހިތް ، އޭގެ އަމިއްލަ ޒާތުގައި ހަމަޖެހިލަން ފުރުޞަތު ދެމާ ހެއްޔެވެ ؟ އަދި ، ކުޑައިރުކޮޅަކު ، ދިރިހުރެލަން އަހަރެންނަށް ފުރުޞަތު ދީފާނަން ހެއްޔެވެ ؟ ކަލާގެ ޢިޝްޤީ ޖަޒްބާތުގެ ކޯވަރެއްގެ ރަހަ ބަލައިލަން ، އަހަރެންނަށް ފުރުޞަތެއް ދީފާނަން ހެއްޔެވެ ؟ އެކަމަށް އެދި ، އަހަރެން އަދި ، އެއްވެސް އެއްޗެކޭ ނުބުނަމެއް ނޫން ހެއްޔެވެ ؟ އެކަމާ ބެހޭ އެއްވެސް ވާހަކައެއްގެ އަޑު ، ކަލާ އަދި ނާހަމެއް ނޫން ހެއްޔެވެ ؟ އަހަރެން ދޫކޮށްލާފައި އަދި އިހަށް ނުދާށެވެ ! އަހަރެންގެ ހިތެއް އަދި ނުފުރެއެވެ.
ޝާދްނާ
ތަރިތައްވެސް މިހާރު މެދުއުޑުގައި ފިޔަޖަހަން ފަށައިފިއެވެ. ވޮށްތައްވެސް ދިއްލެން ފަށައިފިއެވެ. ދެން ހެވެވެ. އަހަރެން ހިފަހައްޓަން ނުހަދާށެވެ ! އަހަރެންގެ ކުރި ބައްދަން ކުރިޔަށް ނުޖެހޭށެވެ ! މިހާރު މަޑުކޮށްފިނަމަ ، އަހަރެންނަކަށް ދެނެއް ނުދެވޭނެއެވެ. ކަލާ ދޫކޮށްލާފައި އަހަރެންނަށް ދެވޭނެ ހެންނެއް ހިއެއް ނުވެއެވެ. ކަލާގެ ހިތެއް ނުފުރެއޭ ބުނަމުން ގެންދާނެއެވެ. މިއީ އެހާ ފަސޭހައިން ނިމެން އޮންނަކަހަލަ ގުޅުމެއް ނޫނެވެ.
ދޭވް އާނަންދު
އަދިއެއް ނޫނެވެ. އަހަރެން ދޫކޮށްލާފައި ، އަދި އިހަށް ނުގޮސްފާނަން ހެއްޔެވެ ؟ އަހަރެންގެ ހިތުގެ މުހުތާދުތައް އަދިއެއް ނުފުދެއެވެ. އަހަރެންގެ ހިތުގެ މުހުތާދުތައް ނުފުދެނިސް ، އެހިތަށް ތަދުކޮށްފައި ، ކަރުހިއްކައިގެންފައި ހުއްޓާ ، ކަރު ތެންމާލަ ނުދީ ، ތިޔަ އުޅެނީ ދާން ހެއްޔެވެ ؟ ކޮންމެ ދުވަހަކު ތިހެން ދާން ވެއްޖެނަމަ ، ކަލާވީ ވަޢުދު ފުއްދޭނީ ، ކިހިނެއް ހެއްޔެވެ ؟ ޙަޔާތުގެ ދިގު ރާސްތާގައި ، ޒުވާން ދެހިތެއްގައިވާ ޖަޒްބާތީ އިޙްސާސްތަކަށް ވާނީ ކިހިނެއް ހެއްޔެވެ ؟ ދިރިއުޅުމުގައި ، ވަރަށްގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެއެވެ. އެ ގޮންޖެހުންތައް އަންނަނީ ، އަހަރެމެން އިމްތިޙާން ކުރުމަށްޓަކައެވެ. އަހަރެންގެ ވާހަކަތަކުން ، ކަލާގެ ހިތަށް އުނދަގޫވިޔަ ނުދެއްޗެވެ. އެއީ ލޯބީގެ އިޙްސާސް ތަކެކެވެ. މައްސަލަ ޖައްސަން ދައްކާ ވާހަކައެއް ނޫނެވެ.
ޝާދްނާ
އާނއެކެވެ ! އެކަމަކު ، ކަލާގެ ހިތް އަދި ނުފުރޭ ވާހަކަ ، އަބަދު ބުނަމެއް ނޫންހެއްޔެވެ !
ދޭވް އާނަންދު
އާނއެކެވެ ! އަހަރެންގެ ހިތެއް އަދި ނުފުރެއެވެ.
ޝާދްނާ
ނޫނެކެވެ ! ނޫނެކެވެ ! ނޫނެކެވެ !
