ހަނދު އޭގެ ހަނދުވަރާ ނުލާ ..... (43)

( 22 އޮކްޓޯބަރ 2025 ގައި ޝާއިޢުކުރި ބަޔާގުޅޭ)

މަރިޔަމްގެ ޙަޔާތަށް އެ ކުރިމަތިވި ހިތާމަވެރި ޙާދިސާގައި ، ބޭރަށް ނުކުންނާނެ ހިތްވަރެއްނެތި ، އެނދުމަތީ ފައިވަށްކޮށްލައިގެން އިންދާ ، ނަށަމުން ލަވަކިޔަމުން ޙަޔާ އައިސް އެކޮޓަރިޔަށް ވަނެވެ. ޙަޔާއައީ ، ގްލާބިޖާމޫ ތަށްޓެއް ހިފައިގެންނެވެ. ޙަޔާ އައިސް ، އެނދުމަތީ ޖައްސައިލުމާއެކީ ، އެއޮށްބޮޑު ކަންތައްގަނޑަށް ފަހުވެސް ، ޙަޔާ ތިހުރީ އުފަލުންތޯ މަރިޔަމް ސުއާލު ކުރިއެވެ. ޙަޔާގެ މޫނުމަތިން ދެރަވުމުގެ އެއްވެސް އަސަރެއް ނުފެނެއެވެ. އޭނާ އެހުރީ އުފަލުންކަމުގައި ޙަޔާ ބުންޏެވެ. އަދި އެކަމުގެ އުފަލުގައި ، އޭނާއެއައީ ، މަރިޔަމަށްވެސް ފޮނިކާ އެއްޗެއް ކާންދޭންކަމުގައި ބުނެ ، ގްލާބިޖާމޫ އެއްލައި ޙަޔާ ދިއްކޮށްލި ސަމުސާ ، މަރިޔަމް ދުރުކޮށްލިއެވެ.

" މަރިޔަމް ގެޔަށް އައުމުގެ އުފަލާއި ، މީރަބް ގެއިން ނުކުމެގެން ދިއުމުގެ އުފަލުގައި އަހަރެން ކައިލަފާނަމެވެ. " ހިނިތުންވެލައިގެން އިނދެ ، ގްލާބިޖާމޫ ކައިލުމަށްފަހު ޙަޔާ ބުންޏެވެ.

އޭނާއާ ހުރެ ، މީރަބް ގެއިން ބޭރުކޮށްލެވުނީ ހެއްޔޭ އަހައި މަރިޔަމް ރޯން ފެއްޓިއެވެ. އާނއެކޭ ބުނުމާއެކީ ، އޭނާއަށް ، އެއްގާބުރިން ދެދޫނި މަރައިލެވުނީކަމަށް ބުނެ ، ޙަޔާ އުފަލުން ނަށައިގަތެވެ. މީރަބްވެސް ގެއިން ބޭރުކޮށްލެވުނީއެވެ. މަރިޔަމަށްވެސް ގެޔަށް އާދެވުނީއެވެ. އެއަށްވުރެ ބޮޑު އުފަލެއް އޭނާއަށް ނުލިބޭނެކަމަށް ޙަޔާ ބުންޏެވެ.

" މަރިޔަމް ބުނީ ކީކޭކަން ހަނދާން އެބަހުރި ހެއްޔެވެ ؟ ޙަޔާއަކީ އަހަރެންގެ ތިމާގެ މީހެއްނޫނެވެ. ރަޙްމަތްތެރިޔެއްވެސް ނޫނެވެ. އޭގެ ބަދަލުގައި މީރަބަކީ މަރިޔަމަށް އެންމެ ހެޔޮއެދޭމީހާ ކަމަށް ހަދައިފިއެވެ. މީރަބްގާތު ، މަރިޔަމްގެ ސިއްރުތައް ބުނަން ފަށައިފިއެވެ. ކުޑައިރުއްސުރެ ، މުރުތަސިމްދެކެ އަހަރެން ލޯބިވާކަން މަރިޔަމަށްވެސް އެނގޭނެއެވެ. އެކަމަކު ، އަހަރެމެން ދެމީހުންގެ ދެމެދަށް މީރަބް އައިސް ވަދެއްޖެއެވެ. އަހަރެން ބާކީ ވީއެވެ. މިއަދު ، އަހަރެން މިހުރީ މޮޔަވާވަރަށް އުފަލުގައެވެ. " ޙަޔާގެ ވާހަކަ ކުރިޔަށް ގެންދިޔައެވެ.

ޙަޔާއަތުގައި އޮތް ތަޅުދަނޑިއެއް މަރިޔަމަށް ދައްކައިލިއެވެ. އެއީ މަރިޔަމްގެ ކޮޓަރީގެ ތަޅޚުދަނޑި ކަމަށާއި ، އެ ތަޅުދަނޑި އޭނާއަތަށް ދިނީ ޚާނަމް މަންމަ ކަމަށް ބުންޏެވެ. މަރިޔަމްގެ ކޮޓަރި ތަޅުލާފައި ބަހައްޓަން ، ޚާނަމް މަންމަ އޭނާއަށް އެންގިކަމަށް ޙަޔާ ބުންޏެވެ. އެއީ ، ދެވަނަ ފަހަރަށް މަރިޔަމް ފިލައިގެން ހިނގައިދާނެތީއެވެ. މާދަމާއަކީ ، ނޮރޭޒާއެކީ މަރިޔަމްގެ ކައިވެނި ކުރެވޭ ދުވަސްކަން ޙަޔާ ، ހަނދާން ކޮށްދިނެވެ. މަރިޔަމްގެ ކޮޓަރި އޭނާ ހުޅުވާނީ މާދަމާ ހެނދުނުކަމުގައިވެސް ޙަޔާ ބުންޏެވެ.

އެހުރިހާ އަނގައެއް ޙަޔާ ތެޅިއިރުވެސް ، މަރިޔަމް އެއްވެސް އެއްޗެކޭ ނުބުނެ ހިމޭނުން އިނެވެ. މަރިޔަމް އެއިނީ ޙަޔާއާ ކުރިމަތިލެވޭ ވަރަށްވުރެ ބޮޑު ހިތާމައެއްގެ ތެރޭގައެވެ. އެ ޙާލަތުގައިވެސް ޙަޔާ އައިސް މަރިޔަމަށް ތަކުލީފެއް ދިނުން ފިޔަވައި އެހެންކަމެއް ނުކުރެއެވެ.

މަރިޔަމްގެ ކައިވެނީގެ ރަސްމިއްޔާތަށް ހެނދުނުހެނދުނާ އެގެޔަށް އައުމަށް ، ޚާނަމް އޮތީ ވައްޤާސްގެ ދެމަފިރިންނަށް އަންގާފައެވެ. އެރޭ ރޭގަނޑު ދަތުރަށް ފަށަން އެމީހުން ނިންމިއެވެ. އެރޭ ގޮސް ، އެގޭގައި ނިދާލާފައި ، ހެނދުނު ހޭލައިގެން ، ކައިވެންޏަށް ތައްޔާރުވެލަން ފަސޭހަ ވާނެތީއެވެ.

ނޯކަރަކު ގެއިން ބޭރަށް ނުކުތްއިރު ، ގޭދޮރުމަތީ މީރަބް އިށީނދެލައިގެން އިންތަން ފެނުނެވެ. މީރަބަށް ގޮވައިލުމުން ޚަބަރެއް ނުވުމާއެކު ، ގޭތެރެޔަށް ވަދެ ، ބޭރުގައި މީރަބް އިންވާހަކަ ވައްޤާސްގެ ދެމަފިރިންގާތު ބުންޏެވެ. ވައްޤާސްއާއި އަނީލާއާ ދެމީހުން އައިސް ، މީރަބަށް ގޮވައި ހޭލައްވައިލިއެވެ. މީރަބްގެ ގައިގާ ވަރެއް ނެތެވެ. މޫނުމަތިން ފެންނަނީ ހިތާމައާއި މޮޅިވެރިކަމެވެ. އެތަނަށް މީރަބް ދޫކޮށްލާފައި ދިޔައީ ކާކުތޯ ވައްޤާސް ސުއާލު ކުރިއެވެ. ނޯކަރު ބުނިގޮތުގައި ، އޭނާ ބޭރަށް ނުކުތްއިރު ، މީރަބް ، ޚަބަރުހުސްވެފައި އެތާ އިންތަން ފެނުނީއެވެ. އެހެންމީހަކު އެތާކު ނެތެވެ.

މޫނަށް ފެންޖަހައި ހެދުމުން ، މީރަބް ކުޑަކޮށް ހޭ އެރިއެވެ. ވައްޤާސް އާއި އަނީލާއާ ދެމަފިރިންވެގެން އަތުލަފިކޮށްގެން ، ގޭތެރެޔަށް މީރަބް ވެއްދިއެވެ.

މަރިޔަމަށް ކުރިމަތިވެފައިވާ ނިކަމެތި ޙާލަށް ވިސްނަން ، ތުންގަނޑު ބިމަށް ހަރައިގެން އިންދާ ، ކައިވެނީގެ ގަހަނާއާއި ހެދުން ހިފައިގެން ޚާނަމް އާއި ޙަޔާ އެތަނަށް އައިސް ވަނެވެ. މަރިޔަމް ކޮޅަށް ތެދުވެ މަންމަގާތަށް ޖެހިލައި ، އޭނާއަށް މަޢާފް ކުރުމަށް އެދުނެވެ. އެވަގުތު ، ޚާނަމްގެ އަތުގައި ހުރިބާރެއްލާފައި މަރިޔަމްގެ މޫނުމަތީގައި ޖެހިއެވެ. މަރިޔަމް އަރިއަޅާލައިގެން ނުވެއްޓުނީ ހަމަ ކިރިޔާއެވެ.

" އަހަރެންގެ ފަރާތުން މަރިޔަމްއަށް ލިބޭނީ މަޢާފެއްނޫނެވެ. އަހަރެންގެ ފަރާތުން ލިބޭނެ އެތި މިދިނީއެވެ. ގެއިން ވަގަށް ފިލައިގެން ދިޔަ އަންހެނާއެވެ. އަހަރެންގެ ޢިއްޒަތަށް ޤަދަރުކުރަން ނޭނގޭކަމަށް ވަންޏާ ، އަހަރެން މަރިޔަމާމެދު ޚިޔާލު ބަހައްޓަންޖެހޭ ސަބަބެއް ނެތެވެ. އަހަރެންގެ ލޮލުން ފޭބި ކަރުނަ މަރިޔަމަށް ނުފެންނަ ކަމަށް ވަންޏާ ، މަރިޔަމްގެ ލޮލުން ފައިބާ ކަރުނަ އަހަރެންނަކަށް ނުފެންނާނެއެވެ. އަހަރެންނަށް މަންމާއޭ ކިޔާފަ އަނގަ ހުޅުވައިލުމުގެ ޙައްޤު ، މަރިޔަމަކަށް މިހާރަކު ނެތެވެ. ނޮރޭޒާ ކައިވެނިކޮށްގެން ، މިގެއިން ނުކުމެގެން ދާށެވެ ! "  ޚާނަމް ބުންޏެވެ.

މޫނުމަތީގައިހުރި ، އޭނާގެ އިނގިލިތަކުގެ ނިޝާން ، މޭކަޕުން ފޮރުވައިލުމަށް ، ކޮޓަރިން ނުކުންނަމުން ، މަޑުކޮށްލުމަށްފަހު ޚާނަމް އިތުރަށް ބުންޏެވެ. އެހެންނޫނީ ، މީހުން މަލާމާތްކުރާނީ އޭނާއަށެވެ.

މަރިޔަމަށް ދެން އޮންނާނީ ، މުޅި ޢުމުރަށްވެސް ރުއިންކަމަށް ބުނެފައި ، ޙަޔާވެސް އެކޮޓަރިން ނުކުތެވެ. އެމީހުން ނުކުތުމާއެކީ ، ރޮމުންރޮމުންގޮސް ، މަރިޔަމަށް ، މީރަބް އަށް ގޮވައިލެވުނެވެ.

ނޮރޭޒާއެކީ ކުރެވޭ މަރިޔަމްގެ ކައިވެންޏަށް އިންކާރު ކުރެވޭނެ އެއްވެސް ޢުޒުރެއް އަދި ޙައްޤެއްވެސް މިހާރަކު މަރިޔަމަކަށް ނެތެވެ. އެންމެ ދެރަވެގެން އޭނާގެ ހިތުގެ ޙާލު ބަޔާންކޮށްލަ ދެވޭނެ އިންސާނަކުވެސް މިވަގުތު ، އެނާގެ ގާތަކު ނެތެވެ. ހުރި މީހަކީ ހަމައެކަނި މީރަބެވެ. މީރަބް އެވަނީ ، އޭނާގެ ޙައްޤުގައި ކުރިމަސައްކަތުގެ ސަބަބުން ، އެގެއިން ބޭރުކޮށްލެވިފައެވެ.

ހަމަޖެހިފައި އޮތްގޮތަށް ، މަރިޔަމްގެ ކައިވެނި ، ނޮރޭޒާއެކީ ކުރެވިއްޖެއެވެ. ޙަޔާއާއި ނޮރޭޒްގެ ދެމައިން ފިޔަވައި އެތާތިބި އެކަކުގެ މޫނުމަތިންވެސް ، އުފާވެރިކަމުގެ އަސަރެއް ނެތެވެ. އެންމެންވެސް ތިބީ ގަދަކަމުން ހިނިތުން ވެލައިގެންނެވެ. އެދުވަހުގެ ހެނދުނު ، މީރަބަށް ހޭލެވުނުއިރު ، ވައްޤާސްގެ ދެމަފިރިން ، މީރަބާ ދިމާލަށް ބަލަހައްޓައިގެން އެތާ ތިއްބެވެ.

" މީރަބް އެވެ ! ދަރިފުޅާއެވެ ! ޚާނަމްއަކީ ، އަހަރެންގެ މަޔެއްފަދައިން ، އަހަރެން ބަލައި ބޮޑުކުރި މީހާއެވެ. ޝާހްނަވާޒަކީ އަހަރެންގެ ވަރަށް ގާތް ރަޙުމަތްތެރި އެކެވެ. މިއަދު އަހަރެން މިހުރި މަޤާމަކީ ، އެދެމީހުންގެ ހެޔޮކަމުން ލިބިފައިވާ އެއްޗެކެވެ. މަރިޔަމަކީ ، މީރަބް ފަދައިން އަހަރެންގެ ދަރިއެއްގޮތަށް ބަލަމުން އައި ކުއްޖެކެވެ. މަރިޔަމްގެ ކައިވެންޏަށް ދިއުން ، ޚާނަމް އަހަންނަށް މަނާކޮށްފިއެވެ. އެފަކީރުގެ ކައިވެނި ކުރެވުނުއިރު ، އަހަރެން އެ އުފަލުން މިވަނީ މަޙްރޫމް ވެފައެވެ." ވައްޤާސް ބުންޏެވެ.

މަރިޔަމްގެ ކައިވެނި ކުރެވުނީތޯ އާއި ކައިވެނި ކުރެވުނީ ކޮންއިރަކުތޯ މީރަބް ސުއާލު ކުރިއެވެ. ކައިވެނި ކުރެވުނީ މިއަދުއެވެ. މަރިޔަމްގެ ކައިވެނި ކުރެވުނުކަންވެސް މީރަބަށް އެނގުނީ ވައްޤާސް ބުނީމައެވެ. އޭގޭގެ އެކަކުވެސް އޭނާއަށް އެކަން އަންގައެއް ނުލައެވެ. އެންމެ  ދެރަވެގެން މުރުތަސިމްވެސް މެއެވެ. މަރިޔަމްގެ އަތުގައި ފޯނެއް ނުއޮންނާނެއެވެ. މީރަބާ ނުވަތަ އެހެން މީހަކާ ގުޅޭނެ އެއްވެސް ގޮތެއް މަރިޔަމަށް މިވަގުތު ތަނަވަސްވެފައެއް ނުއޮންނާނެއެވެ. މަރިޔަމް ވާނީ ބަންދު ކުރެވިފައެވެ.

މީރަބާ ބެހޭގޮތުން ، ވައްޤާސްގާތު ޚާނަމް ބުނި ވާހަކަތައް އެއީ ތެދުތޯ މީރަބާ ، ވައްޤާސް ސުއާލު ކުރިއެވެ. އެކަމާބެހޭގޮތުން މީރަބް ބުނާނީ ކީކޭ ހެއްޔެވެ ؟ ބަޔެއްގެ މިލްކިއްޔާތާއި ޤަދަރާއި ޢިއްޒަތް ސަލާމަތް ކުރުމަށްޓަކައި ހެދޭދޮގަކީ ، ދޮގެއްނޫނެވެ. މީހެއްގެ އަޚްލާޤުގައި ތެދުހަރުލައި އެއީ އެކަމުން ، ބަޔެއްގެ ދިރިއުޅުން ބަރބާދުވެގެންދާ ކަމަކަށްވަނީނަމަ ، އެދޮގު ދޮގަކަށް ނުވާނެއެވެ. ވައްޤާސްގާތު ޚާނަމް މަންމަ ހެދި ތެދަކީ ، އެފަދަ ދޮގެއްކަމަށް މީރަބް ބުންޏެވެ.

އެހެންކަމަށް ވަންޏާ ، މީރަބްގެ ތެދު ހާމަކުރުމަށް ، ވައްޤާސް އެދުނެވެ.

" ބައްޕާއެވެ ! އަހަރެން ތެދަށް ބުނެފިއްޔާ ، އެތެދަކީ ، ބައްޕަގެ ކޯޓުގައި ތެދުގެ ގޮތުގައި ސާބިތު ކުރެވޭނެ އެއްޗެކެވެ. އެކަމަކު ބައްޕަ ، އަހަރެންގާތު ބުނެބަލާށެވެ ! އަހަރެންގެ ވަކީލަކަށް ބައްޕަ ވެދާނަން ހެއްޔެވެ ؟ " މީރަބް ބުންޏެވެ.

މީރަބްގެ ގާތަށް ގޮސް ވައްޤާސް އިށީނދެލިއެވެ. ޢަދްލު އިންސާފަށް ލޯބިކުރާ ވަކީލެއްކަމުގައި ވުމުގެ ކުރިން ، އޭނާއަކީ ، މީރަބްދެކެ އިންތިހާއަށް ލޯބިވާ ، މީރަބްގެ ބައްޕަކަމަށް ވައްޤާސް ބުންޏެވެ. މުރުތަސިމްވެސް ، މީރަބްދެކެ އިންތިހާއަށް ލޯބިވާކަމުގައި މީރަބް ބުންޏެވެ. އެކަމަކު ، އޭނާއަށް ކުރިމަތިވި އެންމެ އުނދަގޫ ވަގުތު ، އޭނާ ދޫކޮށްލާފައި އެދިޔައީއެވެ.

އެފަދަކަމެއް މީރަބަށް ކުރެވުނީތޯ ، އަނެއްކާވެސް ވައްޤާސް ސުއާލު ކުރިއެވެ. މަލިކު ޒުބޭރާއެކީ ފިލައިގެންދާން މަރިޔަމަށް މަގުފަހިކޮށްދިނިން ހެއްޔެވެ ؟ އެއީ މީރަބް އެންމެ ދެރަވާ އެއްކަންތަކެވެ. އެކަކުވެސް ، މީރަބްގެ ވާހަކަ އަޑުއަހާކަށް ތައްޔާރެއްނޫނެވެ. މީރަބް ބުނަން އެއުޅެނީ ކޮންވާހަކައެއްތޯ އަނީލާވެސް ސުއާލު ކުރިއެވެ. މީރަބް ބުނަން އެއުޅެނީ އެކަމުގެ ޙަޤީޤަތެވެ. އެކަން ހިނގި ގޮތަށް ތެދަށެވެ. އޭނާއާއި މަރިޔަމް ނޫން އެހެންމީހަކަށް އެކަމުގެ ޙަޤީޤަތެއް ނޭނގޭނެއެވެ.

އެކަން ހިނގިގޮތް އޭނާއަށް ކިޔައިދިނުމަށް ، މީރަބްގެ ކިބައިން ވައްޤާސް އެދުނެވެ.

" އެރޭ ކައިވެނިކޮށްގެން ، އެދުވަހުގެ ހެނދުނު ، އެންމެން ސަޔަށް ނުކުތުމުގެ ކުރިން ގެޔަށް އަންނާނެކަމަށް އަހަރެންގާތު ، މަރިޔަމް ވަޢުދުވިއެވެ. މަރިޔަމްގެ ލޯބީގެ ޙައްޤުގައި ، އެންމެންގެ ކިބައިން މަޢާފަށް އެދޭނެކަމަށް މަރިޔަމް ބުންޏެވެ. އަހަރެންގެ ކުށަކީ ، އެކަމުގައި މަރިޔަމަށް އެހީތެރިވެ ދިނުމެވެ. އަނަސްގެ ނަމުގައި އަހަރެމެންނަށް ފެނުނީ މަލިކު ޒުބޭރުކަމެއް އަހަރެންނަކަށްވެސް އަދި މަރިޔަމަކަށްވެސް ނޭނގެއެވެ. އެއީ ، މަލިކު ޒުބޭރުކަމަށް ކިރިޔާވެސް ހީވިނަމަ ، އޭނާއާއެކީ ، މަރިޔަމް ފޮނުވަންވީ ކީއްކުރަން ހެއްޔެވެ ؟ މަރިޔަމަކީ ، އަހަރެންގެ ކޮއްކޮއެއްފަދަ ކުއްޖެކެވެ. މަރިޔަމްދެކެ ، އިންތިހާއަށް އަހަރެން ލޯބިވަމެވެ. " މީރަބް ކިޔައިދެމުން ގެންދިޔައެވެ.

މީރަބްގެ ވާހަކަތައް އަޑުއަހަން ވައްޤާސްއާއި އަނީލާއާ ދެމަފިރިން މަޑުން ތިއްބެވެ.

" އަޑު އިވިއްޖެ ނޫންހެއްޔެވެ ؟ ޚާނަމްއަށް ފޯނުކުރާށެވެ ! އަހަރެންގެ ދަރިފުޅުގެ ކުށެއްނެތި ، އޭނާއަށް އަނިޔާއެއް ދެވިގެން ނުވާނެއެވެ. ކޮންމެ ފަހަރަކު ، މީރަބްގެ ކުށެއްނެތި އަނިޔާ ދޭއިރު ، އެމީހުން އެތިބެނީ ، އަހަރެންގެ ދަރިފުޅަށް ގޯނާއެއް ކޮށްލެވޭނެ ކުޑަނަމަވެސް ފުރުޞަތެއް ފެނޭތޯ ބަލަބަލައެވެ. " އަނީލާ ބުންޏެވެ.

މަރިޔަމްގެ ކައިވެނި ކޮށްދިނުމަކުން މަރިޔަމް ކުށުން ބަރީޢަވީ ނޫންކަމަށް އަނީލާ އިތުރަށް ބުންޏެވެ. ކުށެއްނެތި ، މީރަބްގެ ދިރިއުޅުން ބަރުބާދުކުރުމަށް ، ޚާނަމަށް ވައްޤާސް ފުރުޞަތުދީގެން ނުވާނެއެވެ. ޚާނަމަށް ފޯނު ނުކުރާނެކަމަށް ވައްޤާސް ބުންޏެވެ. ޚާނަމްގާތަށް ، ސުއާލުކުރަން ދާނީ ޚުދު ، ވައްޤާސްއެވެ. އަހަރެންގެ ދަރިފުޅުގެ ޙައްޤުގައި ، ޚާނަމްއާ މޫނާއި މޫނު ސީދާކޮށް ވާހަކަ ދައްކާނަމެވެ. ވައްޤާސް ، މީރަބްގެ އަތްމަތީ އޭނާގެ އަތްބާއްވައިލިއެވެ.

" ބައްޕަ އަދި މިހުރީ ދުނިޔޭގައެވެ. ބައްޕަ ދިރި މިހުންނަނީ ދަރިފުޅަށްޓަކައެވެ. " ވައްޤާސް ބުންޏެވެ.

މުރުތަސިމަށް ލިބުނު ތަކްލީފުގައި ، ގޯތިތެރޭގައި ހިމޭންވެލައިގެން ހުއްޓެވެ. އޭނާގެ ކުރިމައްޗަށް ނިއުޅި ހުށަހެޅިގެން އެދަނީ މީރަބްގެ ލޯބި ހޯދުމަށް ކުރި މަސައްކަތާއި މީރަބްގެ ހިތުގައި އޭނާގެ މައްޗަށް ޚާއްޞަކަމެއް ދެވިގެންދިޔަ ޙާދިސާތަކެވެ. ލޯތްބަކީ ކޮން އެއްޗެއްކަމާއި ލޯބިހޯދަން ތަކްލީފާއި ހިތްދަތިކަން ތަޙާއްމަލުކުރަންޖެހޭނެކަމަށް ، މީރަބް ބުނެފައިވާ ވާހަކަ ތަކެވެ.

އެ ޚިޔާލުތަކުގެ ތެރެޔަށް މުރުތަސިމް ގެއްލިފައި ހުއްޓައި ، ޙަޔާ އައިސް މުރުތަސިމަށް ގޮވައިލިއެވެ. އޭނާ ލައިގެންހުރި ހެދުން ރީތިތޯ އަހައި އެއީ މުރުތަސިމް ހޯދައިދިން ހެދުމެއްކަމަށް ބުންޏެވެ. އަދި ، މުރުތަސިމް ހަނދާން ކުރަމުން އެގެންދާ އަންހެންކުއްޖާ ، މުރުތަސިމް މަތިން ހަނދާން ނުކުރާކަމަށް ޙަޔާ ބުންޏެވެ. މީރަބް ނެތުމުން ، ގޭގެ އެންމެންނަށް ލިބިފައިވާ ތަކްލީފަކަށްވެސް އެ އަންހެންކުއްޖާ ނުވިސްނާނެއެވެ. މީރަބް ނެތިގެން ، ޙަޔާއަށް ލިބެނީ ކޮން ތަކްލީފެއްތޯ މުރުތަސިމް ސުއާލު ކުރިއެވެ. އެއީ ، މުރުތަސިމަށް ލިބޭ ތަކްލީފުން ޙަޔާގެ ހިތަށް ތަދުވާތީކަމުގައި ޙަޔާ ބުންޏެވެ. އެތާ ހުއްޓަސް ، މުރުތަސިމް އެހުރީ އެތާގައި ނޫންކަމަށް ޙަޔާ ބުންޏެވެ. މީރަބް ކޮންމެތާކު ހުއްޓަސް ، އެހުރިތަނެއްގައި ހުންނަން އޭނާ ދޫކޮށްލުމަށް ، ޙަޔާގެ ކިބައިން މުރުތަސިމް އެދުނެވެ.

" މަރިޔަމްގެ މޫނަށް ބަލައިލިން ހެއްޔެވެ ؟ އެއްވެސް އުފާވެރިކަމެއް ނެތެވެ. ހިތާ ފުރާނައިން ޤަބޫލުކޮށް ، ނޮރޭޒް ، މަރިޔަމާ ކައިވެނި ކުރިނަމަވެސް ، އެކައިވެނިން މަރިޔަމަކަށް އުފަލެއް ނުލިބެއެވެ. އެއީ ، ކީއްވެގެންކަން އެނގޭ ހެއްޔެވެ ؟ އެއީ ، މަރިޔަމަށް އުފާވެރިކަމުގެ އިޙްސާސެއް ނުކުރެވޭވަރަށް ، ހައްލައިލައިގެން ، މީރަބް އޭނާ ވާވައްދާލައިފާ އޮތީމައެވެ. މަލިކު ޒުބޭރާއި މަރިޔަމް ބައްދަލު ނުކުރުވިނަމަ އަދި ، ގެއިން ވަގަށް ނުކުމެގެންދާން މީރަބް އެހީތެރިނުވިނަމަ ، މިޙާލަތެއް ކުރިމައްޗެއް ނުވާނެއެވެ. އެހުރިހާ ރޭވުމެއް ރާވައި ، ހުރިހާކަމެއް ކޮށްފައި ، މީރަބް އެހުރީ މިނިވަންކަމާއެކީ ، އަހަރެމެންނަށް ލިބޭ ތަކްލީފަށް ހޭށެވެ. އަނެއްކޮޅުން ، މުރުތަސިމް ތިހުރީ ، މީރަބްގެ މަތިން ހަނދާން ކޮށް ، މީރަބް ނެތީމަ އެކަމާ ހިތާމަ ކުރާށެވެ. " ޙަޔާ ބުންޏެވެ.

ޙަޔާ ފެންނަނީ ކިހިނެއްތޯ ދެންމެ ސުއާލު ކުރިން ނޫންތޯ ، ޙަޔާކުރެން މުރުތަސިމް އަހައިލިއެވެ. ޙަޔާ އާއެނކޭ ބުނުމާއެކީ ، މުރުތަސިމް ދިން ޖަވާބުން ޙަޔާގެ އަނގަ ހުތްވެގެން ދިޔައެވެ.

" އަހަރެންނަށް ޙަޔާ ފެންނަނީ ، ވިހަގަދަ ނާގަ ހަރުފައެއްގެ ގޮތުގައެވެ. " މުރުތަސިމް ބުންޏެވެ.

ޙަޔާގެ އަނގަ ތައްމިނަށް ހުޅުވި ، އެކަމަކު ބުނާނެ އެއްޗެއް ނޭނގި ބަސްހުއްޓުނެވެ. ނިތްކުރިޔަށް ރޫއަރުވައި ، އަމިއްލަ ނަފްސަށް ލަޢުނަތް ދިނެވެ. އުނދަގޫ އަދި ބުރަ އެތައް މަސައްކަތަކުން ، އެތައް މަކަރަކާއި ޙީލަތަކުން އުފަންކުރުވި ، ޙާލަތުންވެސް ، ޙަޔާއަށް ލިބުނު ފައިދާއެއް ނެތެވެ. ދެންވެސް ފައިދާއެއް ލިބުނިއްޔާ ލިބޭނީ މީރަބަށެވެ. ( ނުނިމޭ )

ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދު
ފާރޫޤު އަޙްމަދަކީ ރާއްޖޭގެ ނޫސްވެރިކަމާއި ލިޔުންތެރިކަމުގެ ދުނިޔޭގައި ވިދާ ނަމެކެވެ. ރާއްޖޭގެ އިންގިލާބީ ލިޔުންތެރިންގެ އިސް ސަފުގައި ހުންނެވި ތަޖުރިބާކާރު ލިޔުންތެރިއެކެވެ. މަޝްހޫރު ހުކުރު ނޫހާއި މިއަދު ނޫހާއި ހަވީރު ނޫހާއި ރާއްޖޭގެ އެހެން ނޫސްތަކާއި މަޖައްލާތަކަށް މަގުބޫލު އެތައް ލިޔުމެއް ލިޔުއްވައިފައިވާ ލިޔުންތެރިއެކެވެ. ފާރޫޤަށް ވަނީ 2023 ވަނަ އަހަރު ދިވެހިބަހާއިއަދަބިއްޔާތުގެ ދާއިރާއިން، ދިވެހިބަހުގެ ލިޔުންތެރިކަން ކުރިއެރުވުމުގެ ރޮނގުން ހިތްވަރުދިނުމުގެ އިނާމު ލިބިވަޑައިގެންފައެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.