އަންދަލުސްގެ ބާޒު - 3

(26 ޖުލައި 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ސަރަހައްދީ ބާޒު

(1)

މުސްލިމުން ޣަރްނާޠާގައި ވެރިކަން ކުރާތާ ގާތްގަނޑަކަށް އަށް ގަރުނު ވެއްޖެއެވެ. މި އަށް ގަރުނުގެ ތާރީޚަކީ މަތިވެރި ގައުމެއްގެ އެރުމާއި ވެއްޓުމުގެ ދާސްތާނެވެ. މި ދާސްތާނުގެ ފުރަތަމަ ބާބު ލިޔެވިފައި ވަނީ އަރަބި ފާތިހުންނާއި އުމަވީ ދަރިކޮޅުގެ ގަދަރުވެރި ޒައީމުންގެ ދާފޮދާއި ލޭފޮދުންނެވެ. އެ ރަސްކަމެއްގެ ވަރުގަދަ އަޒުމުގެ ކުރިމަތީގައި މެދުތެރޭ ކަނޑުގެ ބިޔަ ރާޅުތައް ހިމޭންވެ ޕައިރެނީސްގެ ފަރުބަދަތައް ލަދުން އިސްޖަހައިލީ ވަރުގަދަ ރަސްކަން މިހާރު އާރެއްބާރެއް ނެތްކަމުގެ ނިކަމެތި އިހުސާސާއެކު ވެރިކަމުގެ ތާރީޚުގެ އެންމެ ފަހުގެ ބާބު ލިޔަނީއެވެ. ޠާރިޤް ބިން ޒިޔާދާއި މޫސާ ބިން ނުޞައިރުގެ ހިތްވަރުގަދަ ފަހުލަވާނުންނާއި ޢަބްދުއްރަޙްމާނުގެ ވާރިސުން ބޮޑުކުރެއްވި ސަގާފަތާއި ތަމައްދުނުގެ ބިޔަގަހަށް މިހާރު ޖެހެމުން ދަނީ ޚަރީފު މޫސުމުގެ ހޫނު އަދި ފަނާކުރަނިވި ވައެވެ.

މުސްލިމުން މި ގައުމަށް ވަދެގެން އައީ އަރައިގެން އައި ވަރުގަދަ ޠޫފާނެއް ހެންނެވެ. ދެކޮޅުވެރިކަމުގެ ފާރުތައް ވެއްޓި އިސްޕޭނުގެ ހަނގުރާމަވެރިން އަރަބި އަސްވާރުންގެ ކުރިމަތީގައި ހަތިޔާރު ބެހެއްޓީމާ އެ ޠޫފާން ބަދަލުވެގެން ދިޔައީ ރަހުމަތުގެ ވިލާގަނޑަކަށެވެ. އަންދަލުސްގެ ހަނަފަސް ބިންތައް ސުވަރުގެވަންތަ ބަގީޗާތަކަކަށް ބަދަލުވެގެން ހިނގައްޖެއެވެ. އެއީ ޖަހާލަތުގެ ވަބާގެ ސަބަބުން އިންސާނިއްޔަތުގެ ނޭވާ ހޮޅިއަށް އެޅިފައި ވަނިކޮށް ދިރުން ލިބި ޔޫރަޕުގެ ދަންމަރަށް ވެގެން ދިޔަ ބަގީޗާތަކެވެ. ޔޫރަޕުގެ މައްޗަށް ބިރުވެރިކަމާއި ބަރުބަރިއްޔަތު އާއްމު ވެފައި ވަނިކޮށް  އަންދަލުސްގެ ކޮންމެ ގެއެއްގައިމެ ޢިލްމާއި ހުނަރުގެ ދަންމަރު ދިއްލައިލިއެވެ. ޔޫރަޕުގެ އަޣުލަބިއްޔަތު އާބާދީ އުނުއޮރިޔާން ނިވައިކޮށް އުޅުނީ ޖަނަވާރު ހަމުންނެވެ. ދިރިއުޅުނީ ހޮހަޅަތަކާއި ޖަންގަލިތަކުގައެވެ. އެފަދަ ދުވަސްވަރެއްގައި މުސްލިމުން އައިސް ފޮތިވިއުމުގެ ފަންނާއި އިމާރާތްކުރުމުގެ ފަންނު މެދުތެރޭ ކަނޑުގެ ދެކުނުގެ ސަރަހައްދަށް ފަތުރައިލިއެވެ. ޔޫރަޕުގައި ފޮތް ކިޔާ މީހުންގެ އަދަދު ދެއަތުގެ އިނގިލިތަކުން ގުނައިލެވޭހައި މަދުކޮށް އޮތް ދުވަސްވަރެއްގައި އަމިއްލަ ކުޑަ ކުތުބުޚާނާއެއް ނެތް ގެއެއް އަންދަލުސްއިން ހޯދުން ވަނީ ދަތި ކަމަކަށް ވެފައެވެ.

އުމަވީ ވެރިކަމުގެ ދައުރަކީ އަންދަލުސްގެ ތާރީޚުގެ ރަން ދައުރެވެ. ކޯރްދޮބާއާއި ސެބިއްޔާއާއި ތޮލޭދޯގެ ވީރާނާ އާސާރުތައް ދެކޭ ފަތުރުވެރިޔާ އެތަންތަނުގެ ހައިބަތާއި ކަރާމާތް ތަސައްވަރުކުރުމާއެކު ހައިރާންވެފައި ސުވާލުކުރެއެވެ. "މިތަނުގެ ދުޅަހެއުކަމާއި ތިޔާގިކަން ދެކެވަޑައިގެން ޝާލްމީންގެ ސަފީރުން ހައިރާންފުޅުވީ ގައުމަކީ މިއީ ހެއްޔެވެ؟ މިހާރު ފެންނާން މި އޮތް އިސްޕޭނަކީ އަރަބީންގެ އޭރުގެ އަންދަލުސް ހެއްޔެވެ؟ ބިމުން ރަން ނަގަމުން ދިޔަ ބައްރު ހެއްޔެވެ؟ ފަގީރުކަމާއި ނިކަމެތިކަމުގެ ލިސާންވެސް ނެތް ސަހަރު ހެއްޔެވެ؟ ރޫސީވިލާތާއި އީރާނާ ހަމައަށް ވިޔަފާރި ފުޅާކޮށްފައި އޮތް ގައުމު ހެއްޔެވެ؟ އެ ގައުމެއްގެ ޔުނިވަރުސިޓީތައް މުޅި ދުނިޔެއަށް މަޝްހޫރުވެގެން ދިޔަ ގައުމު ހެއްޔެވެ؟ އެ ގައުމެއްގެ އިލްމުވެރިންގެ ފައިދޮށުގައި އަފްލާޠޫނާއި އަރަސްޠޫގެ ދަރިވަރުން އިށީނދެގެން ތިބި ގައުމު ހެއްޔެވެ؟"

ކޮންމެ ދުވަހަކު ހަވީރު އެ ވީރާނާވެފައިވާ ބިނާތަކުގެ ކައިރީގައި އެނބުރޭ މުވައްރިޚުންގެ ރޫހު މޮޅިވެރިކަމާއެކު އެ ސުވާލު ތަކަށް ޖަވާބު ދޭނޭކަން ނޭނގެއެވެ. "އާނއެކެވެ. އިސްޕޭނަކީ އަރަބީންގެ އެ އަންދަލުސްއެވެ. އެ އަންދަލުސްގެ ޝާނާއި ބާރަކީ މިހާރު މާޒީގެ ވާހަކަތަކަކަށް ވެއްޖެއެވެ. މި ޖަބަލުއްޠާރިޤަކީ ޠާރިޤް ބިން ޒިޔާދުގެ ނައު ނަގިލީ ލީ ހިލައެވެ. މި ޤުރްޠުބާއަކީ ޢަބްދުއްރަޙްމާން 3 ވަނައިގެ ދަރުބާރަށް ރަސްރަސްކަލުން ފޮނުއްވި ސަފީރުން ވަޑައިގެން އެ ދަރުބާރެއްގެ އިއްޒަތާއި ގަދަރު ދެކެވަޑައިގެން ހައިރާންފުޅުވެގެން އުޅުއްވި ދަރުބާރު ހުރި ރަށެވެ. މިއީ ހަމަ އެ އަންދަލުސްއެވެ. މިއީ ގައުމުގެ ދަލާއި ލެއިން ބިމުގެ ވެއްޔަށް ދިރުން ދިން ގައުމެވެ. މިހާރު މި ވަނީ އެ ވަރުގަދަ ވެރިކަން ފުނޑުފުނޑުވެ، ވެރިކަމުގެ ޝާން އުފުލައިދިން ހުނަރުވެރިންގެ ގަބުރު ވަނީ މި އާސާރުތަކާއެކު ވަޅުލެވިފައެވެ. އެއީ މި ގައުމަކީ ޔޫރަޕުގެ އެހެން ގައުމުތަކަށް ހުރި ދަންމަރަކަށް ހެދި މީހުންނެވެ."

ގައުމުތަކުގެ އެރުމާއި ވެއްޓުމުގެ ވާހަކަތައް މުވައްރިޚުން ވަރަށް ގިނައިން ލިޔެ ހާމަކުރެއެވެ. އެހެންނަމަވެސް މި ވާހަކަތަކުގެ ތެރެއިން އެންމެ އިބުރަތްތެރި، އެންމެ ދިލްޗަސްޕު ވާހަކައަކީ އަންދަލުސްގެ އަރަބި ފާތިޙުންގެ އެރުމާއި ވެއްޓުމުގެ ވާހަކައެވެ. އާދަމުގެފާނު އުފެއްދެވީއްސުރެ މިހައިތަނަށް ތަރައްގީގެ މަގުގައްޔާއި ހަލާކުގެ މަގުގައި ދަތުރުކުރި ގާފިލާތައް ދުނިޔެމައްޗަށް އުދަވާ އިރާއި، ހަނދާއި ތަރިތައް ވާނީ ދެކެފައެވެ. އެ ފަލަކީ މަޚްލޫގުންގެ ހިތެއް އޮތްނަމަ އަރަބީންގެ އެރުމާއި ވެއްޓުމުގެ ވާހަކަތައް އެ ހިތުގައި ބިންވަޅު ނެގިފައި ހުންނާނޭކަން ކަށަވަރެވެ.

(2)

މުސްލިމުން އަންދަލުސް ފަތަހަކުރުމަށް ފަހު ފާއިތުވެގެން ދިޔަ ފުރަތަމަ ދައުރަށް ފަހު އުތުރު ސަރަހައްދީ އިމުގެ ކައިރީގައި ކްރިސްޓިއަނުންގެ ކުދިކުދި ދައުލަތްތަކެއް ނުވަތަ ރަސްކަންތަކެއް އުފެދުނެވެ. ބާރުގަދަ މުސްލިމް ވެރިންގެ ދައުރުގައި މި ރަސްކަންތައް ވެގެން ގޮސްފައި ވަނީ އަންދަލުސްގެ އިސްލާމީ ވެރިކަމަށް އެހީތެރިވާ ބަޔަކު ކަމުގައެވެ. އެހެންނަމަވެސް ވެރިންނާއި މުސްލިމުން ބަލިކަށިވެގެން ދިއުމާއެކު އެރަސްކަންތައް މިނިވަންކަން އިއުލާނުކޮށް ސަރަހައްދީ އިންމަތީގައި ހުރި ރަށްރަށާއި އަވަށްއަވަށަށް އަރައި ލޫޓުމާރުކޮށް ހަދާން ފަށައިފިއެވެ. މުސްލިމުންގެ އާރާއިބާރު އެންމެ ވަރުގަދަ ދައުރަކީ އުމަވީ ދައުލަތުގެ ދިގު ދައުރެވެ. ކްރިސްޓިއަން ރަސްކަންތަކުގެ ވިޔާނުދާކަމާއި ނޭއްގާނި އަމަލުތަކާއެކުވެސް އުމަވީ ރަސްރަސްކަލުން އެމީހުންނާ މެދު ކަންތައް ބެހެއްޓެވީ ވަރަށް ރަނގަޅަށެވެ.

ހިޖުރައިން ފަސް ވަނަ ގަރުނުގައި އުމަވީ ދަރިކޮޅުގެ ވެރިކަން ވެއްޓުމަށް ފަހު މުސްލިމުންގެ އަތުން އަމަނާއި ވެރިކަމުގެ ބާރުތައް ސޮހެމުންގޮސް މުޅީން ގެއްލޭ ހިސާބަށް ހިނގައްޖެއެވެ. އަންދަލުސްގެ ބާރުގަދަ ވެރިކަން ގާތްގަނޑަކަށް ވިހި ކުދި ވެރިކަމަށް ބަދަލުވެގެން ހިނގައްޖެއެވެ. މި ވެއްޓުމުގެ ބޭނުން ހިފައިގެން އަސްތޫރިއާ އާއި ޔަސޫނާއި ލިއޯނާއި ކަސްތިއްޔާ އެއްކޮށްގެން އަލްފޮންސޯ 6 ވަކި ކްރިސްޓިއަން ވެރިކަމެއް ގާއިމު ކޮށްފިއެވެ.

ވަކި އަވަށެއްގެ މައްޗަށް ނުވަތަ ސަރަހައްދެއްގެ މައްޗަށް ހިންގަމުން ގެންދާ ބާރު ކުޑަވެއްޖެނަމަ އަންދަލުސްގެ ޚުދުމުޚްތާރު ވެރިން އެހީތެރިކަމަށް އެދެނީ އަލްފޮންސޯގެ ކިބައިންނެވެ. މީނާ ކުރާ ކަމަކީ އެއް ވެރިޔަކު އަނެއް ވެރިޔަކާ ދެކޮޅުވެރި ކުރުވުމަށް ފަހު ދެ ފަރާތުންވެސް އެކަމުގެ އަގު އަތުލުމެވެ. އެންމެ ފަހުން ގޮސް އިސްޕޭނުގެ ހުރިހައި އަމީރުން ކަހަލަ ގޮތަކަށް މީނާގެ އަމުރުވެރިކަމުގެ ދަށަށް ގެނެސްފިއެވެ. އެޔާއެކު މުޅި ގައުމުގައި އަސްކަރީ ފާރަހުރަސްތައް އަޅައި ފާރަހިޔާތައް ހަދައި އަސްކަރީން ނުކުމެ ލޫޓުމާރުކޮށް މީހުން މަރައި ހަދާން ފަށައިފިއެވެ.

މި މުސީބާތުގެ ދަނޑިވަޅުގައި މުސްލިމުންނަށް އެހީތެރިވެވަޑައިގަތުމަށްޓަކައި ވަޑައިގަތީ އަލްޖަޒާއިރާއި (އަލްޖީރިއާއާއި) މަޣްރިބުކަރައިގެ (މޮރޮކޯގެ) އަމީރު ޔޫސުފް ބިން ތާޝިފީނެވެ. ކްރިސްޓިއަނުންގެ ތޫނު ވަކިތަކުން މުސްލިމުން ސަލާމަތްކޮށްދެއްވީ އެމަނިކުފާނެވެ. އެކަމަކު އެމަނިކުފާނަކަށްވެސް ބައިބައިވެފައިވާ މުސްލިމުން އެއްގަލަކަށް އެރުއްވޭ ގޮތެއް ނުވިއެވެ. ކުރެއްވި އިސްތިރާޖީ މަސައްކަތްޕުޅު ނާކާމިޔާބުވީމާ އެމަނިކުފާނު ކުރެއްވި ކަމަކީ އަންދަލުސް ހިއްޕެވުމަށް ފަހު އެއީ އެމަނިކުފާނުގެ އެފްރިކާ ވެރިކަމުގެ އެއް ޕޮވިންސުކަމުގައި ހެއްދެވީއެވެ.

އެފްރިކާގެ އަލްމުރާބިޠޫންގެ ރަސްކަން ގާއިމު ކުރެއްވީ ޔޫސުފް ބިން ތާޝިފީނެވެ. އެކަމަކު ރަސްކަން މާ ގިނަ ދުވަހަކު ދެމިއޮންނަ ވަރެއް ނުވިއެވެ. ވެރިކަމުގެ ތެރޭގައި ފަނިއަޅައި ބަލިކަށި ވެއްޖެކަން އެނގުމާއެކު އަންދަލުސްގެ ބޮޑުން ވެރިކަމާ ދެކޮޅަށް ތެދުވެއްޖެއެވެ. އަދި އަންދަލުސްގެ ބޮޑު ކޮންމެ ސަހަރެއްގައި ވަކި ރަސްކަމެއް ގާއިމުކޮށްގެންފޫއެވެ. މި ނާޒުކު ދަނޑިވަޅުގައި ޢަބްދުލްމުއުމިން ނުކުމެވަޑައިގެން ޖިހާދު ކުރައްވައި އަންދަލުސްގެ ކުދިކުދި ރަސްކަންތައް ބަލިކުރައްވައި އަލްމުވައްޙިދޫންގެ ޚިލާފަތުގެ ބިންގައު އަޅުއްވައިފިއެވެ.

އުތުރުން އަރައިގެން އައިސް ހަމަލާދޭ ކްރިސްޓިއަނުން މުވައްޙިދޫންގެ ލަޝްކަރުގެ މަސައްކަތުން އެތައް ފަހަރެއްގެ މަތީން ބަލި ކުރިއެވެ. އެހެންނަމަވެސް ވެރިކަމުގެ މައި މަރުކަޒަކީ އެފްރިކާ ކަމުގައި ވާތީ އަންދަލުސްގެ މައްޗަށް އޮތް ބާރު ދިޔައީ އެއް ދުވަހުން އަނެއް ދުވަހަށް ބަލިކަށި ވަމުންނެވެ. އަދި އަންދަލުސްގެ އަމީރުންގެ ހީލަތްތެރި ރޭވުންތައްވެސް ދިޔައީ ގިނަވަމުންނެވެ.

އަލްޢުޤާބް ހަނގުރާމަ (ލަސް ނަވާ ދި ތޮލޯސާ ގެ ހަނގުރާމަ) ކުރެވުނީ މީލާދީން 1212 ވަނަ އަހަރުއެވެ. މި ހަނގުރާމައިގައި ކްރިސްޓިއަނުންނާ މުގާބިލާކޮށް އެހައިތަނަށް ދެމިއޮތް މުވައްޙިދޫންގެ ހަމައެކަނި ލަޝްކަރު ބަލިވީއެވެ. އެޔަށް ފަހު ކްރިސްޓިއަނުން ގެންދިޔައީ ސަހަރަކަށް ފަހު ސަހަރެއް ހިފަމުންނެވެ.

މީލާދީން 1238 ވަނަ އަހަރާއި 1265 ވަނަ އަހަރާ ދެމެދު މުސްލިމުން އަވަދިނެތި އުޅުނީ އެއް ބަޔަކު އަނެއް ބަޔަކާ ތޮޅި ހަނގުރާމަ ކުރުމާއިގެންނެވެ. ފެރްނާންދޯ 3 އަކީ ކަސްތިއްޔާގެ ރަސްގެފާނެވެ. އޭނާއާއި އަރަގޮންގެ ވެރިން އެއްބައިވެ ކޯރްދޮބާއާއި އެލެވެންސިއާއާއި ސެބިއްޔާއާއި މޫރްސިޔާ ހިފައިފިއެވެ. ކޯރްދޮބާއާއި ސެވިއްޔާ ކްރިސްޓިއަނުންގެ އަތްދަށަށް ދިއުން މުސްލިމުންނަށްޓަކައި ވެގެން ދިޔައީ ތާތާރުން އަރައި ބަޣްދާދާއި ބުޚާރާ ހިފުން ވަރުގެ ބޮޑު ކަމަކަށެވެ.

އަންދަލުސްގައި ބާކީ އޮތް ހަމައެކަނި ތަނަކީ ގްރަނާދާއެވެ. އަންދަލުސްއަކީ މޮންސެއްރާތުން ފެށިގެން ގޮސް އަލްމެރީއާގެ އައްސޭރީގެ ސަރަހައްދާއި އެހިސާބުން ފެށިގެން ގޮސް ޖަބަލުއްޠާރިޤާ އެކީގައި އޮތް މުޅި ސަރަހައްދެވެ. މުސްލިމުން ގްރާނާދާގައި އިތުރު ދުއިސައްތަ ފަންސާސް އަހަރު ވާންދެން ވެރިކަން ކުރިއެވެ. ހިފާފައިވާ ސަރަހައްދުތަކުން ވަރަށް ގިނަ މީހުން ގްރަނާދާއަށް އައެވެ. އެމީހުން ގަބޫލުކުރި ގޮތުގައި ދިފާއުގެ އެންމެ ފަހުގެ މަރުކަޒަކީ ގްރަނާދާއެވެ. ގަރްނާދާގެ ވެރިންނަށް ޚިދުމަތްކުރުމުގެ އަޒުމާއި އެދުން އެމީހުން ފައުޅުކުޅައެވެ. އެހެންނަމަވެސް ބޮޑެތި ބާރުތައް ބަލިކޮށް އިނދަޖައްސައިލީ އިސްލާމީ ކަނޑިތައް މިހާރު ހުރީ އުރައުރައަށް ލެވިފައެވެ.

ދޮޅު ގަރުނެއްހައި ދުވަސް ވާންދެން ގްރަނާދާއަށް ކުރިމަތިލާން ޖެހިފައި އޮތީ ވެރިންގެ އަމިއްލަ އެދުން ބޮޑު ޚުދުމުޚްތާރު އުސޫލުތަކާއެވެ. ސަހަރައްދީ އިމުގައި ހުރި އިލާކާތަކަށް ކުރިމަތިލާން ޖެހިފައި އޮތީ އަރައިގެން އަންނަ ކްރިސްޓިއަނުންގެ އަނިޔާވެރިކަމާއި ލޫޓުވުމާއި ގަތުލުއާއްމާއެވެ. ދޭތެރެދޭތެރެއިން ގްރަނާދާގެ ހިތްވަރުގަދަ އަމީރުން އެ އަރައިގެން އަންނަ ކްރިސްޓިއަނުން ބަލިކޮށް ފަހަތަށް ޖައްސަވައެވެ. އެހެންނަމަވެސް ކްރިސްޓިއަނުންގެ ފަރާތުން ކުރިމަތިވާ ނުރައްކާތެރިކަމާއި އަނިޔާތައް އެކީއެކައްޗަކަށް ހުއްޓުވައި މުސްލިމުން ސަލާމަތްކޮށްދެއްވާ ވަރުގެ އަޒުމުފުޅު ވަރުގަދަ ފަހުލަވާނަކު ފެންނަވަރެއް ނުވެއެވެ.

އަމީރަކު ހިތްވަރުފުޅު ކުރައްވައިފައި ތެދުވެވަޑައިގެން ކާމިޔާބީއެއް ހޯއްދަވައިފިނަމަ ރައްޔިތުން އެފަދަ އަމީރެއްގެ ފަހަތްޕުޅުގައި ޖޯޝާއި ފޯރިއާއެކު ދުވަސްކޮޅަކަށް ދެމިތިބެއެވެ. އެޔަށް ފަހު މުޅި ރަސްކަން ބަދަލުވެގެން ދަނީ ހަސަދަވެރިކަމާއި ދެކޮޅުވެރިކަމުގެ މައިދާނަކަށެވެ.

މި ހުރިހައި މައްސަލަތަކަކާއެކުވެސް ގްރަނާދާ ވެފައި ވަނީ އިލްމާއި ސައިންސްގެ މައިދާނުގައި ޔޫރަޕަށް ކީއްކުރަންތޯ މުޅި ދުނިޔެއަށްވެސް މިސާލެއް ކަމުގައެވެ. ގްރަނާދާ ޖަހައިލައިފައި އަރައިގެން ދެވޭވަރުގެ އެހެން ގައުމެއް ނުވަތަ ރަށެއް ނެތެވެ. އެތާނގެ އިމާރާތްކުރުންތެރިން ވަނީ މުޅި ދުނިޔެއަށް މަޝްހޫރުވެފައެވެ. އެތާނގެ ޔުނިވަރުސިޓީތަކުން އުނގެނުމަށްޓަކައި ދުރުދުރުން ދަރިވަރުން އާދެއެވެ. ގްރަނާދާގެ ސަރުޖަނުންނާއި ބޭސްވެރިންނާ ފައިހަމަކުރެވޭ ވަރުގެ އެއްވެސް ބަޔަކު ދުނިޔޭގެ އެހެން ތަނެއްގައި ނެތެވެ.

ގައުމަކުން މިނިވަންކަމާއި ގަދަރާއި އިއްޒަތުގެ މަގު އިޚްތިޔާރުކޮށްފި ނަމަ އިލްމާއި ފަންނުވެރިކަން ވެގެން ދަނީ އެ ގައުމެއް ކުރިއަށް ގެންދާ ބާރަކަށެވެ. އެމަގު ދޫކޮށްލައިފިނަމަ އިލްމާއި ފަންނުވެރިކަން ވެގެން ދަނީ އަމަލުވާ ވިހަ ބޭހަކަށެވެ. އެ ވިހައިގައި ޖެހިއްޖެ ނަމަ އަމަލުތަކުގެ ދޯދިޔާކަމަށްޓަކައި ޒަމީރު ކުރަމުން ގެންދާ މަލާމާތަކުން ކުރާ އެއްވެސް އަސަރެއް ނޯވެއެވެ.

ހިޖުރައިން 9 ވަނަ ގަރުނު އަދި މީލާދީން 15 ވަނަ ގަރުނުގެ ނިމުމާ ހަމައަށް ގްރަނާދާގެ ރަސްކަން ބަލިކަށިވަމުން ދިޔައީ ނުހަނު ހަލުވިކަމާއެކު ފާޅުގައި އެކަން ފެންނަފަދަ ގޮތަކަށެވެ. ފެރްނާންދޯ 5  އާއި އިޒަބެއްލާގެ ކާވެނީގެ ސަބަބުން މި ދެ ކްރިސްޓިއަނުންގެ ވެރިކަން އޮތް އަރަގޮންއާއި ކަސްތިއްޔާގެ އިއްތިހާދުވުމާއި އަންދަލުސްގެ މުސްލިމުންގެ މެދުގައި އޮތް ދާޚިލީ ފިތުނަވެރިކަމާއި ދެކޮޅުވެރިކަން ވެގެން ދިޔައީ މުސްލިމުންގެ ބައްތީގެ ކަނިވަމުން ދިޔަ ހުޅުކޮޅަށް ޖެހުނު އެންމެ ފަހުގެ ވައިރޯޅި ކަމުގައެވެ.

(ނުނިމޭ)

3 ޚިޔާލު

  1. ޢަބްދުﷲ ނަޢީމް އިބްރާހީމް ޖަޒާކަﷲ ޚައިރަން އިސްޕޭން އާއިބެހޭ " އިސްޕޭން ފަތަޙަ ފަދަ "ވ. ގިނަލިޔުންތައް ކިޔާލެވިއްޖެ މިލިޔުމުގައި ސިފަކޮށްދެއްވާފައިވާ ގޮތުން ލޮލުން ކަރުނަ ހިލިއްޖެ ވވ.އަސަރުގަދަ ޝުކުރަން

  2. ރާއްޖޭގައި މިފަދަ މޮޅު ލިޔުންތެރިން ތިއްބަވާ ކަމީ އަޅުގަނޑުމެން ކަހަލަ ކިޔުންތެރިންނަށް ބޮޑު ރަހުމަތެއް. މި ތަރުޖަމާއަށްޓަކައި ނައީމުއަށް ވަރަށް ބޮޑަށް ޝުކުރުވެރިވަން

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.