ރައީސްގެ ސްޕެޝަލް އެންވޯއީ، ޔޫރަޕިއަން ކޮމިޝަނަރ ފޮރ ފިޝަރީޒް އެންޑް އޯޝަންސްއާ ބައްދަލުކުރައްވައިފި

ސްޕެޝަލް އެންވޯއީ އޮފް ދަ ޕްރެޒިޑެންޓް އަދި ކުރީގެ ރައީސް، ޑޮކްޓަރ މުޙައްމަދު ވަޙީދު ޙަސަން، ޔޫރަޕިއަން ކޮމިޝަނަރ ފޮރ ފިޝަރީޒް އެންޑް އޯޝަންސް، ކޮސްޓަސް ކާޑިސްއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ ގްލޯބަލް ޓުއަރިޒަމް ފޯރަމް އެނުއަލް މީޓިންގ 2025 ގެ ހަވާސާގައެވެ.

މި ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ވިލާތުގެ އިއްތިހާދަށް މަންފާކުރަނިވި ދާއިރާތަކުން، ދެމެހެއްޓެނިވި މަސްވެރިކަމުގެ އާޖުފާޖުތަކާއި ވިޔަފާރި ފުޅާކުރުން ހިމެނޭހެން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސްޕެޝަލް އެންވޯއީ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ އިޤްތިޞާދުގައި މަސްވެރިކަމުގެ ސިނާޢަތުގެ ބުރަދަނުގެ މައްޗަށް އަލިއަޅުއްވައިލައްވަމުން، އެހެން ފަރާތްތަކާ އެއްހަމައެއްގައި ވާދަކުރުމަށްޓަކައި ބައިނަލްއަޤްވާމީ ބާޒާރުތަކަށް ހަމަހަމަ ފުރުސަތު ލިބިދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ދެފަރާތުންވެސް ވަނީ ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން މެނޭޖްކޮށް، ގަވާއިދާ ޚިލާފަށް ކުރާ މަސްވެރިކަން ހުއްޓުވުމަށް ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލެއްވީ، ދިވެހިރާއްޖެއާއި ވިލާތުގެ އިއްތިހާދާއި ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރެއްވުމުގެ އަޒުމް އައުކުރައްވަމުންނެވެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.