އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން، ލ. އަތޮޅު ތަޢުލީމީ މަރުކަޒާއި އިހައްދޫ ސްކޫލުގެ ކެޑޭޓުންނަށް އަމާޒުކޮށްގެން "އަން-އާމްޑް ކޮމްބެޓް" ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.
މި ސެޝަނަކީ މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ)އާއި، ހަމަދު ބިން ޚަލީފާ އަލް ޘާނީ ސްކޫލުގެ އިތުރުން ލ. އަތޮޅު ތަޢުލީމީ މަރުކަޒާއި އިހައްދޫ ސްކޫލް ގުޅިގެން ކުރިއަށް ގެންދާ ކެޑޭޓް ކޭންޕުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަނެކެވެ. ލ. އަތޮޅު ތަޢުލީމީ މަރުކަޒުގައި އޮގަސްޓު 21އިން 24އަށް ކުރިއަށްދާ މި ކޭންޕުގައި ކުރިއަށް ގެންދިޔަ މި ސެޝަނުގައި 76 ކެޑޭޓުން ބައިވެރިވެ، ތަމްރީނުތައް ވަނީ ފުރިހަމަކޮށްފައެވެ.
އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުގެ މުދައްރިބުން ނަގައިދިން މި ސެޝަނުގައި، ނުރައްކާތެރި ޙާލަތްތަކުގައި އަމިއްލަ ނަފުސު ދިފާއުކުރާނެ އަސާސީ އުކުޅުތަކާއި، ސެލްފް-ޑިސިޕްލިންގ ނުވަތަ އަމިއްލަ ނަފުސު ކަންކަމަށް އަހުލުވެރިކުރުވުމުގެ މުހިންމު ހުނަރުތައް ކެޑޭޓުންނަށް ވަނީ ދަސްކޮށްދީފައެވެ.
މި ތަމްރީނު ސެޝަންތަކުގެ މައިގަނޑު މަޤްޞަދަކީ ކެޑޭޓުންގެ ޖިސްމާނީ އަދި ނަފުސާނީ ޤާބިލުކަން އިތުރުކޮށް، އަޚުލާޤީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ޒިންމާދާރު، ހިތްވަރުގަދަ ޒުވާން ޖީލެއް ބިނާކުރުމަށް އެހީތެރިވެދިނުމެވެ.
