
އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި އައްޑުއަތޮޅު ހުޅުދޫއާއި މީދޫއާއި އެއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޤަރާރަކުން މިއަދު ނިންމަވައިފިއެވެ.
އެމަނިކުފާނު މިގޮތަށް ނިންމަވާފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޏ) އާއި، ޤާނޫނު ނަންބަރު 2025/15 (ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމުގެ ޤާނޫނު) ގެ 4 ވަނަ މާއްދާގެ (ށ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދީފައިވާ އިޚުތިޔާރުގެ ދަށުން ނެރުއްވި، 27/2025 ރައީސުލްޖުމުހޫރިއްޔާގެ ޤަރާރުންނެވެ.
އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށްޓަކައި މި ތިންރަށުގެ ރައްޔިތުންގެ މެދުގައި، ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ގިނަ އަދަދެއްގެ ރައްޔިތުންގެ ފަރާތުން
އެ ރަށްރަށުގައި ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ރަށު ކައުންސިލް އުފެއްދުމަށް އެކި ހުއްޖަތްތަކާއެކު ސަރުކާރަށް ހުށަހަޅައިފައިވާތީ، އެކަމުގައި އައްޑުއަތޮޅު ހުޅުދޫއާއި، މީދޫއާއި އަދި އެތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލުހުރި ގޮތެއް ހޯދުމަކީ މުހިންމު ކަމެއްކަމަށް ސަރުކާރަށް ފެންނާތީއެވެ.
މި ޤަރާރުގެ ޖަދުވަލު 1 ގެ ދަށުން، އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ނަމުގައި ކައުންސިލްތައް އުފައްދަން ތިރީގައިވާ ސުވާލުތައް ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހެޅުމަށް ވަނީ ނިންމަވާފައެވެ.
އައްޑުއަތޮޅު ހުޅުދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލުތައް؛
- އައްޑުއަތޮޅު ހުޅުދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ހުޅުދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
- އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށް ޓަކައި
ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
އައްޑުއަތޮޅު މީދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލުތައް؛
- އައްޑުއަތޮޅު މީދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު މީދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
- އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫ، އެއް ކައުންސިލްގެ ދަށުން ހިންގުމަށް ޓަކައި
ދެ ރަށުގައި އެއް ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް އެދި ހުށަހަޅާ ސުވާލު؛
- އައްޑުއަތޮޅު ފޭދޫއަށް ޚާއްޞަކުރެވިގެން، އައްޑުއަތޮޅު ފޭދޫ ކައުންސިލް އުފައްދަން ފެނޭހެއްޔެވެ؟
ރައީސުލްޖުމްހޫރިއްޔާގެ ޤަރާރު ނަންބަރު 27/2025 (އައްޑޫ ސިޓީ ކައުންސިލް އެކުލެވިފައިވާ ގޮތަށް ބަދަލުގެނައުމަށް ޓަކައި އައްޑުއަތޮޅު ހުޅުދޫއާއި އައްޑުއަތޮޅު މީދޫއާއި އައްޑުއަތޮޅު ފޭދޫގެ ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނެގުން) ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރުމާއެކު، ޤާނޫނުގައިވާ ގޮތުގެ މަތީން ވޯޓު ނެގުމުގެ ކަންކަން ކުރިޔަށް ގެންދެވުމަށްޓަކައި ވަނީ އިލެކްޝަން ކޮމިޝަނަށް ހުށަހަޅުއްވައިފައެވެ.
އެ ރަށްރަށުގެ ރަޖިސްޓްރީގައިވާ ވޯޓުލުމުގެ ޙައްޤު ލިބިފައިވާ އެންމެން ބައިވެރިވާ ގޮތަށް، މި ވޯޓު ކުރިއަށްގެންދިއުމަށް ނިންމަވާފައިވަނީ، މި ހިނގާ2025 އޮކްޓޫބަރު މަހުގެ 24 ވާ ހުކުރު ދުވަހު ނުވަތަ 25 ވާ ހޮނިހިރު ދުވަހުގެ ތެރެއިން ދުވަހެއްގައެވެ.