
މުދައްރިސުންގެ މަސައްކަތުގެ ބުރަކަމާއި މަތިވެރިކަން ވަޒަންކޮށް، މުދައްރިސުންނަށް ޙައްޤު ގަދަރާއި އިޙުތިރާމް ދިނުމަށް، މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމް ގޮވާލައްވައިފިއެވެ.
މޭޔަރ ޢާޒިމް މި ފަދައިން ގޮވާލެއްވީ ބައިނަލްއަގުވާމީގޮތުން މި އަދު ފާހަގަ ކުރަމުން އަންނަ މުދައްރިސުންގެ ދުވަހާ ގުޅިގެން، އެ މަނިކުފާނުގެ އަމިއްލަ ފުޅު މީސްމީޑިއާގެ އެކައުންޓް ތަކުން ކުރެއްވި ޕޯސްޓުތަކުގައެވެ.
ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ، އުނގަންނައިދިނުމުގެ ބުރަ، މިންނެތް މަސައްކަތްކުރައްވާ ހުރިހައި މުދައްރިސުންނަށް އަރިސްކުރައްވައި، މޭޔަރ ވިދާޅުވެފައި ވަނީ މުދައްރިސުންގެ މަސައްކަތާއި ޤުރުބާނީއަކީ، ވަޒަންކުރެވޭ ވަރަށް ވުރެ، މާ ބުރަ، މާ އިޚުލާޞްތެރި، މަސައްކަތެއް ކަމަށެވެ.
''އިސްލާމީ ދިވެހި މުޖުތަމަޢުގައި ބައިވެރިއެއްގެ ގޮތުންނާއި އަމިއްލަ ފަރުދެއްގެ ގޮތުން ތިމާއަށާއި، އާއިލާއަށާއި، ރަށާއި ޤައުމަށް، ފައިދާހުރި، ހަރުދަނާ، ބޭނުންތެރި މީހަކަށް ހެދުމަށް ޓަކައި، ކުއްޖާގެ ވިސްނުމާއި، ހަށިގަނޑާއި، ރޫޙީބައި ހާނައި ތަރުބިއްތުކުރަމުން ގެންދިއުމާއެކު ބޭނުންވާ ހުނަރުތައް ލިބި ދިނުން.'' މިއީ މުދައްރިސުންގެ މައިގަނޑު މަސައްކަތެވެ. މޭޔަރ ޢާޒިމް ވިދާޅުވި އެވެ.
މުދައްރިސުންގެ ދުވަހާ ގުޅިގެން މޭޔަރ ޢާޒިމް މިއަދު ވަނީ، ގަލޮޅު މަދަރުސާ އާއި އަޙްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލަށް ޒިޔާރަތް ކުރައްވައި، އެ ދެ ސުކޫލްގެ މުދައްރިސުންނާ ބައްދަލުކުރައްވައި ވަގުތު ކޮޅެއް ހޭދަކުރައްވައިފައެވެ.