އިދިކޮޅު އެންމެބޮޑު ތިން ޕާޓީ ކަމަށްވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ އުވާލަން ޖެހިފައިވާ ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމުން ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި އެޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އެ ތިން ޕާޓީ އުވާލަން ޖެހޭ ސަބަބަކީ ގާނޫނުތަކުގެ ބޭރުން މަސައްކަތް ކުރުމާއި، ގައުމަށް ހެޔޮއެދިގެން މަސައްކަތްކުރާ ޕާޓީ ތަކަށް އެޕާޓީތައް ނުވާތީއެވެ.
އަދުރޭ ވިދާޅުވީ މަގުމައްޗަށް ނުކުމެ ހަމަނުޖެހުން ހިންގުމާއި، ސިފައިންނާއި ފުލުހުންނަށް ޖެއްސުން ކުރުން ފަދަ ކަންކަމަކީ އެއްވެސް ގާނޫނަކުން ޖާގަ އޮތް ކަމެއް ނޫން ކަމަށާއި ނަމަވެސް ގައުމަށް ހެޔޮނޭދޭ، އަދި ގައުމުގައި ހަމަނުޖެހުން އުފައްދަން އެ ޕާޓީ ތަކުން މަސައްކަތް ކުރާ ކުރުމަކީ ގާނޫނާ ޚިލާފަށް ކުރާ ކަންކަމަށްވާތީ އިލެކްޝަން ކޮމިޝަނުން އެ ތިންޕާޓީއާމެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި އަދަބު (ޕާޓީތައް އުވާލުމަށް) އިލެކްޝަން ކޮމިޝަނަށް ގޮވާލައްވާ ކަމަށެވެ.
އަދުރޭ ވިދާޅުވީ ދައުލަތުން ސިޔާސީ ޕާޓީ ތަކަށް 2018 ވަނަ އަހަރުގެ ފައިސާ ދޭންޖެހޭ ދުވަސްވެސް ކައިރި ވަމުން އަންނަ ކަމަށާއި، ނަމަވެސް އެމްޑީޕީ، ޖޭޕީ އަދި އަދާލަތު ޕާޓީއަށް ދައުލަތުން ފައިސާ ދޫނުކޮށް އެ ޕާޓީ ތަކަށް ދޭންޖެހޭ ފައިސާ މިއަހަރު ހިފެހެއްޓުމަށްވެސް އިލެކްޝަން ކޮމިޝަނަށް ޕީޕީއެމުން ގޮވާލާ ކަމަށެވެ.
އިދިކޮޅު އެންމެ ބޮޑު ތިން ޕާޓީ އުވާލަން ޕީޕީއެމުން ރޭ ގޮވާލިއިރު ސަރުކާރާ ދެކޮޅަށް މިވަގުތު އެންމެ ބޮޑަށް މަސައްކަތް ކުރަމުން ދަނީވެސް އެ ތިން ޕާޓީއެވެ. އެ ތިން ޕާޓީގެ އެންމެ އިސް ތިންބޭފުޅުންވެސް މިވަގުތު ތިއްބެވީ ޖަލު ޙުކުމުގައެވެ. އެއީ އެމްޑީޕީގެ ރައީސް މުޙަންމަދު ނަޝީދު އާއި ޖުމްހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲއެވެ.