އެމެރިކާގެ ރައީސު ޑޮނަލްޑް ޓްރަޕް ލަސްވެގެން އަންނަ މޭ މަހު އުތުރު ކޮރެޔާގެ ޒައީމު ކިމް ޖޮންގ އުން އާ ބައްދަލުކުރައްވަން ތައްޔާރަށް ހުންނެވިކަމަށް ވައިޓްހައުސް އިން ބުނެފިއެވެ. އެމެރިކާއާއިި އުތުރު ކޮރެޔާގެ ވެރިންގެ ފުރަތަމަ ބައްދަލުވުމަށް ރައީސު ޓްރަމްޕަށް ކިމް ދައުވަތުދެއްވީ ދެކުނު ކޮރެޔާގެ މަންދޫބުން މެދުވެރިކުރައްވައެވެ.
ކިމްގެ ދައުވަތު ޓްރަމްޕް ގަބޫލުފުޅުކުރެއްވިކަން ހާމަކުރަަމުން ވައިޓް ހައުސްގެ ތަރުޖަމާނު ބުނީ ފަހުން ކަނޑައަޅާ ވަގުތެއްގަައި ކަނޑައަޅާ ތަނެއްގައި ޒައީމު ކިމްއާ ބައްދަލުކުރައްވަން ރައީސު ޓްރަމްޕް ތައްޔާރަށް ހުންނެވި ކަމަށެވެ. "އަހަރުމެން އިންތިޒާރު މިކުރަނީ އުތުރު ކޮރެޔާ ނިއުކްލިއަރ ހަތިޔާރު ނެތް ތަނަކަށް ހަދަން. އެކަން ކުރެވެންދެން މިހާރު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އޮންނާނެ." ވައިޓް ހައުސްގެ ތަރުޖަމާނު ސާރާ ސޭންޑަރސްގެ ބަޔާނުގައި ވެއެވެ.
މިފަދަ ބައްދަލުވުމަކަށް ތައްޔާރުވަމުން ދާކަން ރައީސު ޓްރަމްޕްވެސް ވަނީ ހާމަކުރައްވާފައެެވެ. އޭނާ ކުރެއްވި ޓްވީޓްގައި ވިދާޅުވެފައި ވަނީ "ނިއުކްލިއަރ ހަތިޔާރު ނެތް ތަނަކަށް ހަދާ ވާހަކަ ދެކުނު ކޮރެޔާގެ މަންދޫބުންނާއެކު ކިމް ޖޮންގ އުން ދެއްކެވި. ހަމަ އެކަނި ހަތިޔާރު ހެދުން ހުއްޓާލުމެއް ނޫން. އެ ދުވަސްވަރު އުތުރު ކޮރެޔާއިން މިސައިލް ޓެސްޓެއްވެސް ނުކުރާނެ. މި ލިބުނީ ވަރަށް ބޮޑު ކުރިއެރުމެއް. އެއްބަސްވުމަކާ ހަަމައަށް އާދެވެންދެން ދަތިކުރުމުގެ ފިޔަވަޅުތައް އޮންނާނެ. ބައްދަލުވުމެއް ރޭވެމުން އެބަދޭ."
ދެކުނު ކޮރެޔާގައި ބޭއްވުނު ފިނި މޫސުމުގެ އޮލިމްޕިކްސް އަަށް ފަހު ދެ ކޮރެޔާގެ ގުޅުން ރަނގަޅުވެފައި ވަނިކޮށް، ދެކުނު ކޮރެޔާގެ ވަފުދު އުތުރު ކޮރެެޔާގެ ޒައީމު ކިމް އާ ބައްދަލުކުރުމަށް ފަހު އޭނާގެ ހުށަހެޅުއްވުންތަކާއިގެން އައީ ވޮޝިންޓަނަށެވެ. ވަފުދުގެ ބޭފުޅުން ފުރަތަމަ ބައްދަލުކުރެއްވީ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ލެފްޓިނެންޓް ޖެނެރަލް އެޗް. އާރު. މެކްމާސްޓަރ އާއެވެ. ދެން ރައީސު ޓްރަމްޕާއެވެ. ދަޢުވަތުގެ ޚަބަރު ފުރަތަަމަ ޢާއްމުކުރެއްވީ އޭނާއެވެ. މިހުރިހާ ކަމެއް ހިނގައި ދިޔައީ ގަޑިއެއްހާ އިރު ތެރޭގަައި ކަމަށް އެމެރިކާ ސަރުކާރުގެ އިސް މަސްއޫލުވެރިއަކު ވިދާޅުވިއެވެ.
މި ބައްދަލުވުމުގެ ވާހަކަ އިއުލާންކުރުމާއެކު، ޖަޕާނުގެ ދިފާއީ ވަޒީރު އިޓްސުނޮރީ އޮނޮޑެރާ ވިދާޅުވީ ޕިޔޮންގޔަންގާއެކު ފައިދާހުރި ވާހަކަތަކެއް ދެއްކޭނީ އުތުރު ކޮރެޔާގެ ނިއުކްލިޔަރ ހަތިޔާރުގެ ޕްރޮގްރާމް މުޅިން ހުއްޓާލައިގެންނެވެ.
ރައީސު ޓްރަމްޕާއެކު ބާއްވަވާ ބައްދަލުވުމުން ޒައީމު ކިމް ބޭނުންފުޅު ވަނީ ކޮން ކަމެއް ކަން އަދި ވަނީ ނޭނގުމެއްގެ ތެރޭގައެވެ.
ޚަބަރު: ދަ ސްޓްރެއިޓްސް ޓައިމްސް، ސީއެންއެން، ބީބީސީ