އެންމެ ފަހުގެ ޙަމަލާ – 11

(6 ސެޕްޓެމްބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ކޮމާންޑަރު ޖަވާބު ދެއްވިއެވެ. "އިންސާނުންގެ އަތުން ކޮށައި މަށައި ހަދައިފައި ހުންނަ ބުދުތައް މުގުރޭނީ އިންސާނުންގެ އަތުންނެވެ. ކޮށައި މަށައިފައި ވާ ހިލަގަނޑެއް ބުރަހުމަނެއްގެ އަތަށް އެރުމުން އެ ހިލަގަނޑު ބަދަލު ވެގެން ދަނީ އިންސާނިއްޔަތުގެ ކޮންފަދަ ނުރައްކައުތެރި ދުޝްމަނަކަށްކަން މަނިކުފާނަށް އެނގިވަޑައިގަންނަވާނެ ނަމަ ކިހައި ރަނގަޅު ވީސްތޯއެވެ؟ މަނިކުފާނަކީ ރާޖުޕޫތަކީމުއެވެ. މަނިކުފާނު އެ ބުދުތައް ދެކެ ލޯބިފުޅު ވާ ސަބަބު ވިސްނައިގަތުމަކީ އަޅުގަނޑަށް ދަތި ކަމެއް ނޫނެވެ. ގުނައި ޢަދަދު ނުކުރެވޭހައި ގިނަ އިންސާނުންގެ މައްޗަށް މަނިކުފާނު މާތް ކުރީ އެ ބުދުތަކެވެ. އެތަކެއް ޤަރުނުއްސުރެ ތިޔަ ބޭފުޅުން އެތަކެއް ހާސް އިންސާނުން އެބައިމީހުންގެ މައިގަނޑު އިންސާނީ ޙައްޤުތަކުން މަޙުރޫމު ކުރައްވައިގެން ތިޔަ އުޅުއްވަނީ އެ ބުދުތަކުގެ ބާރުގައެވެ. އިންސާނުން ކުރެ އެއް ބަޔަކަށް ދީނުގެ ވެރިކަން، އަނެއް ބަޔަކަށް ރަސްކަމާއި ސިޔާސީ ވެރިކަން ދީފައި، އަނެއް ބަޔަކު ވިޔަފާރި އާއި ދަނޑުވެރިކަން ކުރުމަށް، އަނެއް ބަޔަކު "ނަޖިސް މީހުންގެ" ނިކަމެތި ދަރަޖަޔާ މެދު ރުހިގެން ތިބޭން މަޖުބޫރު ކުރީ އެ ބުދުތަކެވެ. މި ޤައުމުން އެ ބުދުތަކުގެ ބާރު ކެނޑިގެން ދިޔުމަކީ އިންސާނިއްޔަތަށް ލިބޭނެ އެންމެ މަތިވެރި ފަތަޙައެވެ. މަނިކުފާނު އެ ބުދުތަކުގެ ދިފާޢުގައި ކަނޑި އުފުއްލަވައިލެއްވުމުގެ ކުރީން ކޮންމެވެސް އަޗޫތެއްގެ ގާތުން އެބައިމީހުންގެ ނިކަމެތި ކޮނޑުތަކަށް ބަރު ބޮޑީ ރަސްކަލުންގެ ގަނޑުވަރުތަކުގެތޯ ނުވަތަ ބުދުތަކުގެ ފައްޅިތަކުގެތޯ އައްސަވައިލެއްވި ނަމައެވެ. ނުވަތަ ވިޔަފާރި އާއި ދަނޑުގޮވާން ކުރާން އުޅޭ މީހުންގެ ގާތުން ކަލޭމެންގެ މަސައްކަތުގެ ބޮޑު ބައި ދޭން ޖެހެނީ ކަނޑީގެ ތުނޑުން ޓެކްސް ނަންގަވާ ވެރީންނަށްތޯ ނުވަތަ ބުދުތަކަށް ޖިޒީ ނަގާ ބުރަހުމަނުންނަށްތޯ ސުވާލު ކުރެއްވި ނަމައެވެ."

ރަންބީރު ނިހާޔަތަށް ކެތްތެރި ވެވަޑައިގެން ވިދާޅުވިއެވެ. "އަޅުގަނޑުގެ ހީ އަކީ ކުށްހީއެއް ކަމުގައި ނުވާ ނަމަ، ކޮންމެވެސް ދުވަސްވަރެއްގައި މަނިކުފާނަކީ ވެސް ރާޖުޕޫތަކީމުއެވެ. ދުޝްމަނުންނާ ހަނގުރާމަ ކުރެއްވުމުގައި މަނިކުފާނުގެ ހިތްވަރުފުޅު ކޮޅުން ނުލި ނަމަ، ދޭވަތާއިންނާ މެދު މަނިކުފާނުގެ ޚިޔާލުފުޅަށް ތިޔަ ބަދަލު އަންނާނެހެން ހީއެއް ނުވެއެވެ."

"އާދޭހެވެ! އަޅުގަނޑަކީ ރާޖުޕޫތަކީމެވެ. ނަމަވެސް ދިމާ ވި ސަބަބުތައް އަޅުގަނޑުގެ ކަނދުރާ އިންސާނިއްޔަތަށް އިޙުތިރާމު ކުރުމުގެ ގޮތުން ލަންބައިލީއެވެ."

"ތިޔަ ދެއްކެވި ވާހަކަފުޅުން އަޅުގަނޑަށް އެނގުނީ މަނިކުފާނު މުސްލިމުންގެ ކުރިމަތީގައި ހަތިޔާރު ބެހެއްޓެވުމަށް ފަހު ނަޖިސް އަޗޫތުންގެ އެކުވެރިއަކަށް ވެވަޑައިގަތީ ކަމެވެ."

"ނޫނެކެވެ. އަޅުގަނޑު އިންސާނުން ޝިކާރަ ކުރާ ގިންތީން ނުކުމެ، އިންސާނިއްޔަތަށް އިޙުތިރާމު ކޮށް ޤަދަރު ކުރާ މީހުންގެ ސަފަށް ވަނީއެވެ."

"އެހެން ވީއިރު މަނިކުފާނު محمود غزنوی އާއި އޭނާގެ ސިފައިންނަކީ އިންސާނިއްޔަތުގެ ދިދަ އުފުލާ މީހުން ކަމުގައި ދެކެވަޑައިގަންނަވަނީތޯއެވެ؟"

"އާދޭހެވެ! އަޅުގަނޑަށް ޔަޤީނެވެ. سلطان محمود ގެ ފުތޫޙާތާ ވިދިގެން އިންސާނުންގެ ތެރެއިން ނަސްލީ އިމްތިޔާޒު ނައްތައިލުމާއި އަނިޔާވެރީންގެ އަތުން ކަނޑި އަތުލައި، އަނިޔާ ލިބޭ މީހުންނަށް ނަޞުރު ދިނުން އެ ދީނުގެ މަޤްޞަދެއް ކަމުގައި ވާ ދީން ފެތުރުމުގެ މަގު ފަހި ވާނެއެވެ. އިންސާނުންގެ މެދުގައި ނަސްލީ އިމްތިޔާޒު އުފެއްދުމުގެ މައްޗަށް ތިމާމެންގެ ތަމައްދުނުގެ ބިންގާ އަޅައިފައި ވާ މީހުންނާއި، ތިމާމެންގެ ކިއްލާތަކާއި ފައްޅިތަކުގައި ތިބެ ތިމާމެންނަކީ ކަލުން ކަމުގައި ދަޢުވާ ކުރާ މީހުންނަށް ވުރެ ބޮޑަށް އެފަދަ ދީނަކާ ދެކޮޅު ހަދާނީ ކޮން ބައެއްތޯއެވެ؟ ނުވަތަ މި ދެންނެވި ފައްޅިތަކާއި ކިއްލާތަކުގެ ސިޙުރު ބާޠިލު ކޮށްގެން މެނުވީ އަޅުންނާއި ސާހިބުން އެއް ސަފަކަށް ގެންނާން މަސައްކަތް ކުރާ ދީނެއް ފެތުރުމުގެ މަގު ސާފު ވާނެތޯއެވެ؟ އަޅުގަނޑު ޤަބޫލު ކުރަމެވެ. މިހާރު އަޅުގަނޑު މި ދައްކާ ވާހަކަ އަކީ މަނިކުފާނަށް އަޑު އައްސަވާން މާކަ ފަސޭހަފުޅު ވާހަކައަކަށް ނުވާނެއެވެ. ނަމަވެސް މަނިކުފާނު ވެސް ރަސްމަތިފުށުގެ ބޭފުޅެއްގެ ބަދަލުގައި ޢާއްމު އިންސާނެއްގެ ޙައިޘިއްޔަތުން ވިސްނައިވަޑައިގަންނަވާ ދުވަހަކުން، މަނިކުފާނަށް އިޙުސާސް ވެވަޑައިގަންނަވާނީ سلطان محمود ހިންދުސްތާނަށް ވަޑައިގަތުމަކީ އިންސާނުންގެ ގުނައި ޢަދަދު ނުކުރެވޭހައި ގިނަ ބައެއްގެ ދުޢާ އިޖާބަ ކުރެއްވުންކަމެވެ."

ރަންބީރު ވިދާޅުވިއެވެ. "އިންސާނެއްގެ ޙައިޘިއްޔަތުން އަޅުގަނޑަށް ވިސްނެނީ އަޅުގަނޑު މިހިރީ މަނިކުފާނުގެ ނަޒަރުގައި އިންސާނިއްޔަތުގެ އެންމެ ފުރިހަމަ ނަމޫނާ ކަމުގައި ހިމެނޭ މީހުންގެ ޖަލުގައި ކަމެވެ."

" سلطان محمود غزنوی ގެ ސިފައިންގެ ކޮންމެ މީހަކީ އިންސާނިއްޔަތުގެ އެންމެ ފުރިހަމަ ނަމޫނާއެއް ކަމަކަށެއް އަޅުގަނޑު ދަޢުވާއެއް ނުކުރަމެވެ. ނަމަވެސް އަޅުގަނޑު ކެރިހުރެގެން ދަންނަވާނަމެވެ. އެ އަޚްލާޤީ ޤާނޫނަކަށް އެބައިމީހުން މައިގަނޑު ގޮތެއްގައި އީމާން ވެގެން އެތިބަ ޤާނޫނަށް ތެދުވެރިކަމާ އެކު ޢަމަލު ކުރާ ކޮންމެ މީހަކު ވާނީ އިންސާނިއްޔަތުގެ ފުރިހަމަ ނަމޫނާއެއް ކަމުގައެވެ. ޤައިދީއެއްގެ ހައިސިއްޔަތުން މި ކިއްލާގެ ކޮންމެވެސް ފާރަވެރިއެއްގެ އަޚްލާޤު ނުބައިކަމާ މެދު މަނިކުފާނުގެ ހިތްޕުޅުގައި ޝަކުވާއެއް އުފެދިފައި އޮތުމަކީ އެކަށީގެން ވާ ކަމެކެވެ. ނަމަވެސް ޤަރުނުތަކެއްގެ ކުރީން މިތާނގެ އެތަކެއް ކުރޯޑު އިންސާނުން ހިންދީ މުޖުތަމަޢުގެ ސިފައިންގެ އަތުން ބަލި ވުމަށް ފަހު އަބަދަށް ޓަކައި އަޅުވެތި ވެފައި ވާކަމާއި ބުރަހުމަނުން މިއަދު ވެސް އީމާން ވަނީ އެ ނިކަމެތީން އެ ފަރާތްތަކަށް ޤުރުބާން ކުރެވުމުން އުފާ ވާ ދޭވަތާއިންތަކަކަށްކަން މަނިކުފާނު ހަނދުމަފުޅު ނައްތައިލައްވައިގެން ނުވާނެއެވެ. އަޅުގަނޑަށް ޔަޤީނެވެ. ކިތަންމެ ޚުލުޤު ނުބައި މުސްލިމަކު ވެސް ހަނގުރާމައިގައި ހައްޔަރު ވެފައި ހުރި މީހަކާ މެދު ތިޔަ ބޭފުޅުން މި ދެންނެވި ނިކަމެތިންނާ މެދު ޢަމަލު ކުރެއްވި ގޮތަކަށް ކަންތަކެއް ނުކުރާނެއެވެ. މަނިކުފާނު ހައްޔަރު ވެވަޑައިގެން ތިޔަ ހުންނަވާ ދުވަސްތަކަކީ ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާނެ ދުވަސްތަކެއްކަން އަޅުގަނޑަށް ވެސް އެނގެއެވެ. ނަމަވެސް އަޅުގަނޑު މަނިކުފާނަށް ޔަޤީންފުޅު ކޮށްއަރުވަމެވެ. މަނިކުފާނުގެ ވަރަށް އަވަހަށް މިނިވަން ވެވަޑައިގެންފާނޫއެވެ. މަނިކުފާނުގެ ކުރިފުޅުމަތީގައި އެތަކެއް ހާސް ޤައިދީން މިހާރު ވެސް ވަނީ މިނިވަން ވެފައެވެ. ނަމަވެސް އަޗޫތުންގެ ހިތްދަތި ދިރިއުޅުން ނިކަން ހިތްޕުޅަށް ގެންނަވަބައްލަވާށެވެ! އެބައިމީހުން ދުނިޔެއަށް ލޯ ހުޅުވައިލަނީ ވެސް އެ ނިކަމެތިކަމުގެ ތެރެޔަށެވެ. އެންމެ ފަހު ނޭވާ ދޫ ކޮށްލަނީ ވެސް ހަމަ އެ ނިކަމެތިކަމުގެ އުނގަށެވެ. އަޅުގަނޑު މަނިކުފާނުގެ އަރިހުން ހަމަ އެއްމެ ސުވާލެއްގެ ޖަވާބު ހޯދާން ބޭނުމެވެ. މިސާލަކަށް ޖޭޕާލް ނުވަތަ އާނަންދުޕާލްގެ ލަޝްކަރަށް ޣަޒްނީއަށް ދެވި މުސްލިމުން ބަލި ވި ނަމަ ތިޔަ ބޭފުޅުން ހަނގުރާމައިގައި ހައްޔަރު ކުރެވޭ މީހުން އެއްކިބައިގައި އޮއްވައި ޢާއްމު މުސްލިމުންނާ މެދު ޢަމަލު ކުރައްވާނީ ކިހިނަކުންތޯއެވެ؟ ތިޔަ ބޭފުޅުން މުސްލިމުންނާ މެދު ޢަމަލު ކުރައްވާނެ ގޮތް ބުރަހުމަން މުޖުތަމަޢުން އިންޑިއާގެ ޤައުމީ އަހުލުވެރީންނާ މެދު ޢަމަލު ކުރި ގޮތާ ތަފާތު ވާނެތޯއެވެ؟ އެ ބުދުތަކަކަށް މިހާރު ވެސް އަޗޫތުން ޤުރުބާން ކުރެވެމުންދާ ބުދުތައް ޣަޒްނީއަކު ނުބަހައްޓާނެތޯއެވެ؟ ޣަޒްނީއަށް ޙަމަލަ ދެއްވާން ޖޭޕާލް ވަޑައިގެންނެވި އިރު ބުރަހުމަނުން މުސްލިމުންނަކީ ނަޖިސް ބައެއް ކަމަށާއި، އަޗޫތުން ފަދައިން އެބައިމީހުން ބަލި ކުރުމަކީ ދީނީ ޚިދުމަތެއްކަން އިޢުލާނެއް ނުކުރޭތޯއެވެ؟"

ރަންބީރު ދެއްވާނޭ ޖަވާބެއް ނެތިގެން ވިދާޅުވިއެވެ. "ތިޔަހެން ވިއްޔާ މަނިކުފާނު އަޅުގަނޑުގެ ކިބައިން ތިޔަ އެދިވަޑައިގަންނަވާ ކަމަކީ ކޮބައިތޯއެވެ؟"

ކޮމާންޑަރު ތަންކޮޅެއް ސީރިއަސްކަން ކުޑަ ކޮށްލައްވައިފައި ވިދާޅުވިއެވެ. "މަނިކުފާނު ކަންބޮޑު ވެވަޑައިނުގަންނަވާށެވެ! އެ ކަމަކީ ރަނގަޅު ކަމެއް ކަމުގައި މަނިކުފާނުގެ ޒަމީރު ހެކި ނުވާ އެއްވެސް ކަމެއް ޤަބޫލު ކުރައްވާކަށެއް އަޅުގަނޑެއް ނުދަންނަވާނަމެވެ. އަޅުގަނޑަށް މަނިކުފާނާ ފުރަތަމަ ބައްދަލު ވެވުނު ބައްދަލުވުމަކީ ވަރަށް ކުރު ބައްދަލުވުމެކެވެ. ހަމަ އެ ރޭމެ އަޅުގަނޑު ބަހީމްޕާލްގެ ލަޝްކަރުގެ ބާކީ ތިބި މީސްކޮޅު ކަޝްމީރުގެ ތަރުލޯޗަންޕާލްގެ ލަޝްކަރާ ބައިވެރި ވިޔަނުދޭން ދިޔަ މުސްލިމުންގެ ޖަމާޢަތްތަކާ ބައިވެރި ވެއްޖައީމެވެ. އޭގެ ފަހުން އަޅުގަނޑަކަށް މި ދިމާޔަށް އަންނާނެ ފުރުޞަތެއް ނުލިބެއެވެ. ނަމަވެސް އަޅުގަނޑު އަބަދުވެސް މަނިކުފާނުގެ މަތީން ހަނދާން ވެއެވެ. އަޅުގަނޑު މަނިކުފާނުގެ ހިތްވަރުފުޅުގަދަކަމާއި، މަނިކުފާނު ކުރެއްވި ނިހާޔަތުގެ ހިންމަތަށް އިޢުތިރާފު ވަމެވެ. އަޅުގަނޑަށް ވަގުތު އޮތް ނަމަ، މަތިވެރި މާތް މަޤްޞަދަކަށް ޓަކައި މަސައްކަތް ކުރައްވާން މަނިކުފާނު ތައްޔާރު ކުރުވިދާނެޔޭ ވަރަށް ގިނަ ފަހަރު އަޅުގަނޑުގެ ހިތަށް އަރައެވެ. އަޅުގަނޑުމެން ދެ މީހުންގެ ޙަޔާތުގެ މަޤްޞަދަކީ އެއް މަޤްޞަދެއް ކަމުގައި ކޮންމެވެސް ދުވަހަކުން ވާނެކަން އަޅުގަނޑަށް މިހާރު ވެސް ޔަޤީނެވެ. ނަމަވެސް އަޅުގަނޑުގެ ހިތާމަ އަކީ އަޅުގަނޑަށް ހިތްހަމަޖެހިލައިގެން މަނިކުފާނާ ވާހަކަ ދެއްކުމުގެ ފުރުޞަތު ލިބޭނީ ތަންކޮޅެއް މަދުން ކަމުގައި ފެންނާތީއެވެ. އިއްޔެ އަޅުގަނޑަށް ޚަބަރު ލިބުނު ގޮތުގައި ކަލަންޖަރުގެ ރަސްގެފާނު، ތަރުލޯޗަންޕާލަށް އޭނާގެ ގެއްލިފައި ވާ ރަސްކަން އަނބުރައި އަތުލައްވައިދެއްވާން ވަޢުދު ވެވަޑައިގެންފިއެވެ. އޭނާ ގަވާލިޔާރާއި އެ ނޫން ވެސް އަވަށްޓެރި ދައުލަތްތަކުގެ އެހީ ހޯއްދަވައިގެން މުސްލިމުންނާ ދެކޮޅަށް ގުޅިފައި ވާ ބާރެއް އުފެއްދެވޭތޯ އެބައުޅުއްވައެވެ. އަޅުގަނޑަށް އެނގިފައި ވާ ގޮތުގައި އެ ބޭފުޅުން ގުނޫޖުގެ ރަސްގެފާނަށް ވެސް އަޅުގަނޑުމެންނާ ކުރެއްވި ހަނގުރާމައިގައި ފިލައިވަޑައިގަތުމުގެ ސަބަބުން ފިނޑިކަމުގެ މަލާމާތް ކުރައްވައި ބަދުނާމު ކުރައްވަމުން އެބަގެންދަވައެވެ. އެ ރަސްގެފާނުގެ ބޮޑުންގެ މެދުގައި އެ ރަސްގެފާނާ މެދު ނަފުރަތު އުފައްދަވަމުން އެބަގެންދަވައެވެ. ކަން މިހެން ހުރުމާ އެކު، سلطان محمود غزنوی އެބައިމީހުންނާ ދިމާ ކުރެއްވުން އަވަސް ކުރައްވައިފާނެއެވެ. އަޅުގަނޑަށް ވެސް މިތަނުން ކުއްލިޔަކަށް ދާން ޖެހުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް އަޅުގަނޑު މިތަނުން ދިޔުމުގެ ކުރީން މަނިކުފާނާ މެދު ގޮތެއް ނިންމުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމުގައި ދެކެމެވެ. މަނިކުފާނާ ބެހޭގޮތުން އަޅުގަނޑަށް މަނިކުފާނު މިނިވަން ވެވަޑައިގަތުމަށް ފަހު سلطان محمود އާ ދެކޮޅަށް އެއްވެސް ހަނގުރާމައެއްގައި ބައިވެރި ވެވަޑައިނުގަންނަވާނެކަމުގެ ޔަޤީންކަން ދެވޭ ގޮތް ވެއްޖެ ކަމުގައި ވާނަމަ، މަނިކުފާނު މިނިވަން ކުރުމާ ބެހޭގޮތުން އަޅުގަނޑުގެ ހުށައެޅުން ޤަބޫލު ކުރެވޭނެކަން އަޅުގަނޑަށް ޔަޤީނެވެ."

"އަޅުގަނޑު ތިޔަ ގޮތަށް ވަޢުދު ވެއްޖެ ކަމުގައި ވާނަމަ މަނިކުފާނު އެ ވަޢުދަށް އިތުބާރު ކުރައްވާނުތޯއެވެ؟"

"އާދޭހެވެ!"

"އަޅުގަނޑު އެފަދަ ވަޢުދެއް ނުވެއްޖެ ކަމުގައި ވާނަމަ މަނިކުފާނު ހައްދަވާނީ ކިހިނަކުންތޯއެވެ؟"

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.