އެންމެ ފަހުގެ ޙަމަލާ – 15

(4 އޮކްޓޯބަރ 2025 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

ޖަގަތު ނާރާއިން ލަފާ ކުރައްވާ ގޮތުގައި އަޅުގަނޑުމެންގެ ލަޝްކަރުގެ އެހެނިހެން ގެމަތަކުގެ އިންތިޒާރުގައި މަޑު ކުރާން ޖެހޭ އެންމެ ފަހުގެ މަންޒިލް އަޅުގަނޑުމެން ތިބި ތަނާ ފަންސާހަކަށް ކޯހަށް ވުރެ ދުރެއް ނޫނެވެ. ނަމަވެސް ފާލަމާ ދުރަށް ތަންކޮޅަކަށް ދެވުމާ އެކު އަޅުގަނޑުމެންނަށް ޖެހުނީ ހިނގުމުގެ ބަދަލުގައި ފިރުކޭށެވެ. އަޅުގަނޑުމެންގެ އެއްފަރާތުގައި ހުރީ އުސް ފަރުބަދައެވެ. އަނެއް ފަރާތުގައި އޮތީ ކޯރެވެ. ސީދާ ފަރުބަދަމައްޗަށް އެރޭނެ އެއްވެސް މަގެއް ނެތެވެ. ފަރުބަދައިގެ ކައިރީން ކޯރު އޮތް ގޮތަށް ހިނގުން ވެސް އިންތިހާ ދަރަޖަޔަށް އުނދަގުލެވެ. މެންދުރު ވީ އިރު އަޅުގަނޑުމެންނަށް އެތައް އުނދަގުލަކުން ކަޑައްތު ކުރެވުނީ ގާތްގަނޑަކަށް ދެ ކޯހެއްގެ ދުރުމިނެވެ. އެ ހިސާބުން ފަރުބަދައިގެ ބުޑު ހުރި ގޮތުން ޖެހުނީ ފަރުބަދަ ކަނޑައިގެން މަގު ހަދާށެވެ. އަޅުގަނޑު ޖަގަތު ނާރާއިންގެ އަރިހުގައި ދެންނެވީމެވެ. "އެނބުރި ގޮސް އެހެން މަގެއް ފެނޭތޯ ބަލަމާތޯއެވެ؟" ނަމަވެސް އޭނާ ޖަވާބު ދެއްވިއެވެ. "ދެން އަޅުގަނޑުމެންނަށް ކޮންމެ މަގަކުން ވެސް ދިމާ ވާނީ މި ކަހަލަ ފަރުބަދަތަކާއެވެ."

އަޅުގަނޑު ދެންނެވީމެވެ. "މަނިކުފާނު ގަސްތު ކުރައްވަނީ ތިޔަ ގޮތަށް ކަމުގައި ވާނަމަ، ރަނގަޅު ވާނީ އަޅުގަނޑުމެން އެނބުރި ގޮސް ކޯރުގެ އަނެއް ފަރާތުގައި ހާމަ ތަނެއްގައި ބަނޑަހަ ޖެހުމެވެ. އޭގެފަހުގައި ލަޝްކަރުގެ ކޮންމެވެސް ބަޔަކު ފޮނުއްވައިގެން މަގު ހެދުމުގެ މަސައްކަތް ކުރުމެވެ. މަގު ހަދައި ނިމުމުން، ލަޝްކަރަށް ދަތުރު ފަށާން އެންގެވުމެވެ. އެހެން ނޫނީ، މި ގޮތަށް ދަތުރު ކުރަނިކޮށް، ފާރަ ލައިގެން ތިބޭ ދުޝްމަނުންގެ ބަޔަކަށް ހަމައެކަނި ހިލަ އުކައިގެން ވެސް އަޅުގަނޑުމެންގެ ލަޝްކަރު ސުންނާފަތި ކޮށްލެވިދާނެއެވެ."

ނަމަވެސް ޖަގަތު ނާރާއިނަކީ އޭނާއަށް ފެނިވަޑައިގަންނަވާ ގޮތަކީ ކިތަންމެ ތަނަކުން ތަނަކު ނުޖެހޭ ގޮތެއް ކަމުގައި ވިޔަސް އެއީ އެންމެ ރަނގަޅު ގޮތް ކަމުގައި ހައްދަވާން މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާ ވިދާޅުވިއެވެ. "އަޅުގަނޑު މި އުނދަގޫ މަގު ޚިޔާރު ކުރީ ދުޝްމަނުން މި ދިމާޔަށް ސަމާލުކަން ނުދީ ކޮންމެވެސް އެހެން މަގެއްގައި ފޯރިޔަށް ތިބޭނެތީއެވެ."

އަޅުގަނޑު ދެންނެވީމެވެ. "ދުޝްމަނުންގެ ކޮންމެވެސް މީހަކަށް އަޅުގަނޑުމެން ކޯރުގައި ފާލަން އަޅަނިކޮށް ފެނިފައި އޮވެދާނެއެވެ. އެ މީހަކު އެހެން މީހުންނަށް ޚަބަރު ދިނުމުން ދުޝްމަނުން ފަރުބަދައިގެ ބިތްދޮށުން ކޮންމެވެސް ފަސޭހަ މަގަކުން ފަރުބަދަމައްޗަށް އަރައި ތިބުމަކީ ވެސް އެކަށީގެންވާ ކަމެކެވެ."

ޖަގަތު ނާރާއިން ކޯފާ އިސް ކުރައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު މަނިކުފާނާ ބަހުސް ކުރާކަށެއް ބޭނުމެއް ނޫނެވެ. މަނިކުފާނުގެ ހިތްވަރުފުޅެއް ނެތިއްޔާ މަނިކުފާނު އެނބުރިވަޑައިގެންނެވިޔަސް އެންމެ ރަނގަޅެވެ. އަޅުގަނޑުމެންނަށް ރައްކާތެރި ތަނަކަށް ދެވުމުން، މިހާރު ނުރައްކަލެއް ނެތޭ، ވަޑައިގަންނަވާށޭ ދަންނަވައިފާނޫއެވެ."

އަޅުގަނޑުގެ ވާން އުޅޭ އެބޭބޭފުޅުގެ ދޫފުޅުން އެފަދަ ޖުމުލައެއްގެ އަޑު އެހުމަކީ އަޅުގަނޑަށް ފަސޭހަ ކަމަކަށް ނުވިއެވެ. އަޅުގަނޑު ނުޤަބޫލު ވެލައިފައި ދެންނެވީމެވެ. "ހިތްވަރުގަދަކަން ދައްކާން ޖެހޭ ކަހަލަ ދަނޑިވަޅެއް އައުމުން، މަނިކުފާނަކަށް އަޅުގަނޑާ ދިމާޔަށް ފިނޑިކަމުގެ މަލާމާތެއް ނުކުރެއްވޭނެއެވެ."

ޖަވާބުގައި ޖަގަތު ނާރާއިން ކޮންމެވެސް އެއްޗެކޭ ވިދާޅުވާން އުޅުއްވިއެވެ. ނަމަވެސް އޭނާގެ އަނގަފުޅު ހުޅުއްވައިލެއްވި ގޮތަށް ހުޅުވިފައި ހުރީއެވެ. ފަރުބަދައިގެ މަތީން ނުރައްކާތެރި އަޑުފަށްގަނޑެއް އިވިއްޖެއެވެ. ދިގު ސަފަކަށް ތިބެ މަޑުމަޑުން ރައްކާތެރިކަމާ އެކު ފިޔަވަޅު އަޅަމުން ގެންދިޔަ ސިފައިން ސިހިގެން ދިޔުމާ އެކު ހުއްޓި އެކަކު އަނެކަކާ ދިމާޔަށް ބަލާން ފަށައިފިއެވެ. ދިމާ ވެދާނެކަމަށް އަޅުގަނޑަށް ހީ ވި ނުރައްކާ އައިސް ކުރިމަތި ވީއެވެ. އަޅުގަނޑުމެންނާ ދިމާޔަށް ހިލައިގެ ވާރޭ ވެހޭން ފަށައިފިއެވެ. އިރުކޮޅެއް ވީ އިރު އެއްވެސް މީހަކު ހަށީ ހޭ ވެސް ނެތެވެ. ކޮންމެ މީހަކު ވެސް ތިމާގެ ފައިދޮށުގައި އޮތް ބިންކޮޅު ރައްކާތެރި ނޫން ކަމަށް ހީ ވާތީ އަނެކަކު ކޮއްޕައިލައިފައި އެ މީހާ ހުރި ތަންކޮޅަށް ވެރި ވެވޭތޯ މަސައްކަތް ކުރަނީއެވެ. ފަހަތުގައި ތިބި މީހުން ކުރިޔަށް އަރާން އުޅެނީއެވެ. ކުރީގައި ތިބި މީހުން ފަހަތަށް ޖެހެނީއެވެ. އެކެއްގެ ގައިގައި ހިލަޔަކުން ޖެހޭ އިރު އަނެކަކު އޮންނަނީ ކޯރަށް ވެއްޓިފައެވެ. ބިރުން ކޯރަށް ފުމެމުންދާ މީހުން ވެސް މަދެއް ނޫނެވެ. ޖަގަތު ނާރާއިން ގަހަކާ ނިވައި ވެވަޑައިގެން ހުންނަވައި އަޑުފުޅަށް ލެއްވޭން ހުރި ހުރިހައި ބާރެއް ލައްވައިފައި ހަޅޭއްފުޅުލައްވަމުން ގެންދެވިއެވެ. އޭނާ ވިދާޅުވާ އެއްޗެއް ޚުދު އޭނާއަށް ވެސް އެނގިވަޑައިގަންނަވާހެން ހީއެއް ނުވެއެވެ. އެންމެ ފަހުން އައި ކޮޅަށް އެނބުރި ދިޔުން ނޫން އެހެން ގޮތެއް ނެތްކަން ސިފައިންނަށް އަމިއްލަޔަށް އިޙުސާސް ވެއްޖެއެވެ. ނަމަވެސް އޭރު ތިންހަތަރު ސަތޭކަ މީހުން ވަނީ ފުން ވަޅެއް ކަހަލަ ކޯރަށް ވެއްޓިފައެވެ.

އަޅުގަނޑުމެން ބިރުން ސިހިސިހި ތިބެ މަޑުމަޑުން ފިޔަވަޅު އަޅަމުން ދަތުރު ކޮށްފައި ދިޔަ މަގުން، އަޅުގަނޑުމެން އެނބުރި އައީ ދުވެފައެވެ. އަޅުގަނޑުމެންގެ ނަޞީބު ރަނގަޅުކަމުން ފަރުބަދައިގެ ކައިރީގައި ތަންތަންކޮޅުގައި ގަސް ހެދިފައި ހުއްޓެވެ. އެހެންކަމުން ގިނަ ދިމަދިމާއިން ދުޝްމަނުންނަށް އަޅުގަނޑުމެން ރަނގަޅަކަށް ނުފެނެއެވެ. އެބައިމީހުން ތަނެއްދޮރެއް ނުބަލައި ހިލަ އުކަމުން ގެންދިޔައީއެވެ. ނަމަވެސް ސިފައިން ހާސް ވެފައި ތިބި ވަރުން، ހިލައިން ޖެހިފައި މަރު ވާ މީހުންނަށް ވުރެ ގިނައީ އެކަކު އަނެކަކު ކޮއްޕައި ގެންނެވުމުގެ ސަބަބުން ކޯރަށް ވެއްޓެމުންދާ މީހުންނެވެ. އަޅުގަނޑުމެން ފާލަމާ ކައިރި ވަމުން ދިޔަ ވަރަކަށް ހިލައިގެ ވާރޭ ދިޔައީ ތުނި ވަމުންނެވެ. ނަމަވެސް ފާލަމާ ކޯހެއްގެ ދެބައިކުޅަ އެއްބައިހައި ހިސާބުން ފެށިގެން އަޅުގަނޑުމެންގެ ބޯމަތީގައި ހުރީ އެއްވެސް ނިވައިކަމެއް ނެތް ފަރުބަދަތަކެވެ. އެ ފަރުބަދަތަކުގެ މަތީގައި އަޅުގަނޑުމެންގެ އިންތިޒާރުގައި ދުޝްމަނުން ތިއްބެވެ. އެބައިމީހުން ހިލައިގެ އިތުރަށް ދުނި އުކާން ވެސް ފަށައިފިއެވެ. އަޅުގަނޑު ލަފާ ކުރާ ގޮތުގައި އެ ހަތަރު ފަސްސަތޭކަ ގަޒެއްގެ ތެރެއިން އަޅުގަނޑުމެންނަށް ލިބުނު ގެއްލުން އޭގެ ކުރީން ލިބުނު ހުރިހައި ގެއްލުމަކަށް ވުރެ މާ ބޮޑެވެ. އަޅުގަނޑުގެ މުލައްދަނޑިއަށް ވެސް ދުންޏެއް ހެރުނެވެ. ނަމަވެސް އެ ވަގުތު އެ ކަހަލަ ޒަޚަމަކާ މެދު ޚިޔާލު ކުރުން ވެސް އަޅުގަނޑަށް ވީ އުނދަގޫ ކަމެއް ކަމުގައެވެ. އެ ނުރައްކާތެރި ސަރަޙައްދުން ފެށިގެން ފާލަމާ ހަމަޔަށް އަޅުގަނޑުމެން ދާން އޮތް މަގު ތަންކޮޅެއް ފުޅަލެވެ. ފަރުބަދައިގެ ބުޑުދޮށުން ކޯރާ ދިމާޔަށް ކަތިކޮށް ހުރި ތަން ވެސް ތަންކޮޅެއް ރައްކައުތެރިއެވެ. މަދުމަދުން ހިސާބަކަށް ހިލަތައް ތިރިޔަށް އާދެއެވެ. ނަމަވެސް ކުރީން އަޅުގަނޑުމެންނާ ކުރިމަތި ވި ހިލައިގެ ޠޫފާނާ އަޅައިބަލާ އިރު އެއީ އެއްގޮތަކަށް ވެސް ނުރައްކަލެއް ނޫނެވެ. ނަމަވެސް އޭރުވެސް ކޮންމެ ސިފައިންގެ މީހެއްގެ މަޤުޞަދަކަށް ވެފައި އޮތީ ފާލަން ހުރަސް ކުރުމުގައި ތިމާ އެހެން މީހުންނަށް ވުރެ ކުރި އަތުލުމެވެ. ޖަގަތު ނާރާއިންގެ އެއް ބޭފުޅެއްގެ ގައިކޮޅުގައި ހިލަޔަކުން ޖެހިފައި ކޯރަށް ވެއްޓިވަޑައިގަތީ އަޅުގަނޑު ބަލަހައްޓައިގެން ހުއްޓައެވެ. އަނެއް ދަރިކަލުންނަށް ވީނުވީ ގޮތެއް ވެސް ނޭނގުނެވެ.

އަޅުގަނޑުމެން އައި މަގުގެ ފާލަމާ ދިމާޔަށް ލަނބައިލާ ހިސާބަށް އާދެވުމުން، އަޅުގަނޑުމެންނަށް ފެނުނީ ދުޝްމަނުންގެ ފަންސާހަކަށް ފަސްދޮޅަހަކަށް މީހުން ފާލަމަށް ޙަމަލަ ދޭ ތަނެވެ. ކޯރުގެ އަނެއް ފަރާތުގެ ދިފާޢީ މަރުކަޒުގައި ފާލަން ޙިމާޔަތް ކުރާން ތިބި އަޅުގަނޑުމެންގެ ދުނިދަނޑިވެރީން އެބައިމީހުން ފާލަމާ ކައިރި ވިޔަނުދޭން މަސައްކަތް ކުރަމުންގެންދާ ތަނެވެ.

އަޅުގަނޑުމެން ކުޑަވެސް ހުއްޓުމަކާ ނުލައި އެބައިމީހުންނާ ޙަމަލަ ދީފީމުއެވެ. އެބައިމީހުން ބިރުން ފަހަތަށް ޖެހޭން ފަށައިފިއެވެ. ނަމަވެސް އޭރު އަޅުގަނޑު ސިފައިންގެ މީސްކޮޅަކާ އެކު އެބައިމީހުންގެ ފުރަގަހަށް ހިނގައްޖައީމެވެ. ފާލަމުގެ ކައިރީން އެތައް ހިސާބަކަށް، ފަރުބަދައިގެ ކައިރި ހުރީ ފަސޭހައިން އެތަނުން ދެވޭ ކަހަލަ ގޮތަކަށެއް ނޫނެވެ. ކުރިމަތީން ވެހެމުން ދިޔަ ދުނީގެ ވާރޭގެ ތެރޭގައި ދުޝްމަނުންނަށް އަތުނުވެ ފާލަން ހުރަސް ކުރެވޭކަށެއް ވެސް ނެތެވެ. ޚާއްޞަކޮށް، ފާލަން މަތީން އެއްފަހަރާ ދެވެނީ ގިނަ ވެގެން ދެ މީހުންނަށް ކަމުގައި ވާތީއެވެ. ދުޝްމަނުންނަށް އަޅުގަނޑުމެންގެ އަތްދަށު ވެވިއްޖެކަން އެނގުމުން ވަރަށް ވަރުގަދަޔަށް އަޅުގަނޑުމެންނާ ދިމާ ކުރިއެވެ. ނަމަވެސް އަޅުގަނޑުމެންގެ ގޮނި ފޫ ވައްޓައިލައިފައި ފަރުބަދަމައްޗަށް އެރި މީހުންނާއި ކޯރަށް ފުންމައިލި މީހުންނާ އެކު ޖުމުލަ ވިއްސަކަށް މީހުން ފިޔަވައި އެހެން މީހަކަށް ސަލާމަތް ވެގެން ދިޔުމުގެ ފުރުޞަތެއް އަޅުގަނޑުމެން ނުދެމުއެވެ. އަޅުގަނޑުމެންނަށް ދުޝްމިނުންގެ ބާކީ ތިބި ތިރީހަކަށް ނުވަތަ ސާޅީހަކަށް މީހުން މަރައިލެވުނު އިރު އަޅުގަނޑުމެންގެ ލަޝްކަރުގެ ދެބައިކުޅަ އެއްބައި ނަގައިލެވިއްޖެއެވެ.

ޖަގަތު ނާރާއިންގެ ހަމަ ހެއިފުޅެއް ނެތެވެ. އޭނާ މޮޔައަކު ފަދައިން އޭނާގެ ބޭފުޅުންނަށް ވިދާޅުވެ ހަޅޭއްފުޅު ލައްވަވަމުން ގެންދަވަނީއެވެ. ލަޝްކަރު އެއްވެސް ތަރުތީބެއް ނެތި ފާލަން ހުރަސް ކުރަމުން ގެންދެއެވެ. ފާލަން ހަލާކު ވެދާނެޔޭ އަޅުގަނޑަށް ހީވާން ފަށައިފިއެވެ. އެހެންކަމުން އަޅުގަނޑު ދުވެފައި ގޮސް ފާލަމުގެ ކައިރިޔަށް ހުއްޓިއްޖައީމެވެ. އަޅުގަނޑުގެ ހަޅޭކުގެ އަޑަށް ސިފައިންގެ ހާސްކަން ތަންކޮޅެއް ކުޑަ ވެއްޖެއެވެ. ނަމަވެސް ދުއިސައްތައެއްހައި ސިފައިންނަށް ފާލަން ހުރަސް ނުކުރެވި ތިއްބައި، އަނެއްކާވެސް ފަރުބަދައިގެ ކައިރީން އަޅުގަނޑުމެންނާ ދިމާޔަށް ދުނީގެ ވާރޭ ވެހޭން ފަށައިފިއެވެ. ހަމަ އެޔާއެކު ދުޝްމަނުންގެ އެތައް ބަޔަކު ނަޢުރާ ކުރަމުން ފަރުބަދަމަތީން ފައިބާން ފަށައިފިއެވެ. އެ ނުރައްކާތެރި ދަނޑިވަޅުގައި ފަންސާހަކަށް ފަސްދޮޅަހަކަށް ޒުވާނުން އަޅުގަނޑާ ބައިވެރި ވެއްޖެއެވެ. އަޅުގަނޑުމެން ކުރިޔަށް އަރައި ދުޝްމަނުންގެ މަގު ހުރަސް ކޮށްފީމުއެވެ. އަޅުގަނޑުގެ ކަށިމައްޗާއި ކަނދުރާގައި ކަނޑީގެ ދެ ޒަޚަމް އުފެދިއްޖެއެވެ. އަޅުގަނޑުގެ އެކުވެރީންގެ އެތައް ބަޔަކު ޤަތުލު ވެއްޖެއެވެ. ނަމަވެސް އަޅުގަނޑުމެން ދުޝްމަނުން ފާލަމާ ކައިރި ވިޔަކަނުދިނީމުއެވެ. އިރުކޮޅެއްގެ ތެރޭގައި އަޅުގަނޑާ އެކުގައި ތިބި ވިއްސަކަށް މީހުން ފިޔަވައި އެހެން އެންމެންނަށް ފާލަން ހުރަސް ކުރެވިއްޖެއެވެ. އަޅުގަނޑުމެން ހަނގުރާމަ ކުރަމުން ފަސްފަހަތަށް ފާލަމާ ދިމާޔަށް ދާން ފަށައިފީމުއެވެ. ނަމަވެސް ދުޝްމަނުންގެ ވަރުގަދަ ޙަމަލައަކުން އަޅުގަނޑުމެންގެ ފައިތިލަތައް މައިދާނުން އުފުރިއްޖެއެވެ. އަޅުގަނޑުގެ އެކުވެރީން އެންމެން އެއްފަހަރާ ފާލަން ހުރަސް ކުރާން އުޅެގެންފިއެވެ. އަޅުގަނޑު ފާލަމުގައި ފައި ޖައްސައިލުމާ އެކު ފާލަން ހަލާކު ވެއްޖެއެވެ. އަޅުގަނޑު އަވަހަށް ކޯރަށް ފުންމައިލައިފީމެވެ. އެ ކޯރުން ސަލާމަތުން އެއްގަމަށް އެރުމަކީ މުޢުޖިޒާއެއް ފަދަ ކަމެކެވެ. އެންމެ ފަހުން ފާލަމަށް އެރި މީހުން ވެސް އަޅުގަނޑަށް ވުރެ ކުރިޔަށް ހިނގައްޖެއެވެ. ބައެއް މީހުން ފާލަން ހަލާކު ވެގެން ކޯރަށް އޮހެމުން ދިޔަ ލަކުޑިތަކުގައި ބައްދައިގެން ތިއްބެވެ. އޭރު އެ ލަކުޑިތަކުގެ އެއްކޮޅު ވަރުގަދަ ވަލަކުން ފާލަމަށް ވަނީ އައްސައިފައެވެ. ނަމަވެސް ކޯރުގެ ގަދަ އޮއިވަރު އެ ލަކުޑިތައް ވެސް ރާޅުތަކުގެ ހޮޅިދަށުލައިފިއެވެ. އަޅުގަނޑުމެން ތިބީ ދުޝްމަނުންގެ ހިލަ އާއި ދުނި ފޯރާ ފަށުގައެވެ. ނަމަވެސް ކޯރުގެ އަނެއް ފަރާތުގައި ތިބި އަޅުގަނޑުމެންގެ ލަޝްކަރުގެ ދުނިތަކުން ދުޝްމަނުން ވިއްސިވިހާލި ކޮށްލީ ކަމެއް، ނުވަތަ އެބައިމީހުންގެ ހަނގުރާމައިގެ ޤާނޫނު އަޅުގަނޑުމެންނާ ތަފާތު ވުމުގެ ސަބަބުން ކަމެއް ނޭނގެއެވެ. ކޮންމެއަކަސް، އަޅުގަނޑުމެން މަރު ވެދާނެކަން ޔަޤީން ވުމުން ދުޝްމަނުން އަޅުގަނޑުމެންނާ ޙަމަލަ ދިނުން ހުއްޓައިލައިފިއެވެ.

(ނުނިމޭ)

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.