އަންދަލުސްގެ ބާޒު - 14

(8 ނޮވެމްބަރ 2024 ގައި ޝާއިއުކުރި ބަޔާ ގުޅޭ)

އަބޫ ދާވޫދް ބުންޏެވެ. [ދަރިފުޅަށް އަދި ނޭނގި އޮތީ ކަމަށް ވެދާނެއެވެ. އަތްޕުޅުގައި ހުރި ހުރިހައި މުދަލެއް ދެއްވައިފައިވެސް އޭނާގެ އެކުވެރިކަން ބައްލަވައިގަންނާން ފެރްނާންދޯ ބޭނުންފުޅުވާނެއެވެ. ފެރްނާންދޯގެ ދަރުބާރަށް އޭނާ ގެންދެވޭނީ ގައިދީއެއްގެ ގޮތުގައެވެ. އަތުގައި އަޅުވާނީ ރަނުގެ ބިޑިއެކެވެ. ފެރްނާންދޯ އެ މަނިކުފާނުގެ ބޮޑު ވަޒީރު ގާތު ނުވަތަ ލޯޑް ބިޝޮޕް ގާތު ވިދާޅުވާނެއެވެ. ކަލޭމެން ގޮނޑިން ތެދުވެ މި ޢިއްޒަތްތެރި މެހުމާނު އިށީނދެވަޑައިގަންނަވާން ތަން ދައްކާށެވެ. އޭނާ އެއް ފަހަރަކު ކަސްތިއްޔާގެ ވަލީ ޢަހްދު މަރުގެ ތުންފަތްމަތީން ސަލާމަތްކޮށް ދިނެވެ. އެހެންވީމާ ކޯރްދޮބާއާއި ސެބިއްޔާގެ ގަވަރުނަރު ބައްލަވަނީ އޭނާއަކީ ވަރަށް ބޮޑު ހެޔޮކަމެއް ކޮށްދިން މީހަކު ކަމުގައެވެ. އޭނާ މި ވިޔާނުދާ މީހުންގެ ތެރޭގައި އުޅެގެން ވަގުތު ބޭކާރު ކުރަނީއެވެ. އޭނާގެ އަސްލު ޖަގަހައަކީ މި ޖަންގައްޔެއް ނޫނެވެ. ކަސްތިއްޔާގެ ޝާހީ ދަރުބާރެވެ. އޭނާ އަހަރެމެންނަށް ކޮށްދިން ހެޔޮ ކަމުގެ ބަދަލުގައި އޭނާގެ ނުރުހުމުގައިވެސް ދަރުބާރަށް އޭނާ ގެންދާނަމެވެ. ރަސްގެފާނާއި ރާނީ އޭނާގެ ކުށަށް މާފުކުރައްވާނެކަން ޔަގީނެވެ.]

މި ވާހަކަތައް އިވިފައި އެންޖެލާގެ ހިތުގައި އޮތް ބިރުވެރިކަން އުފާވެރިކަމަށް ބަދަލުވެގެން ހިނގައްޖެއެވެ. މީގެ ކުރީން އޭނާ ހީކޮށްގެން ހުރީ ބަޝީރުގެ މައްޗަށް އޭނާގެ ހިތުގައި އޮތް ގާތްކަން އެ އޮތް ގޮތަށް އޮވެ މަރުވާނީ ކަމުގައެވެ. މިތަނުން އެނބުރި ދިއުމާއެކު އެ ބާބު ނިމުނީ ކަމުގައެވެ. އެ ދެމީހުން ބައްދަލުވާން ދިމާވީ ހާދިސާއަކީ މާޒީގެ ފޮނި ހުވަފެނެއް ކަމުގައި ވެދާނޭ ކަމުގައެވެ. އޭނާޔާ ދިމާއަށް ބަޝީރު ފުރަތަމަ ބަލައިލުމާއެކުވެސް ހިތަށް ނޭނގޭ ބާވަތެއްގެ އިހުސާހެއް ވަދެގެން ދިޔައެވެ. ވިންދު އަވަސްވާ ގޮތް ވިއެވެ. ދަތުރުގެ ވަރުބަލިކަން ފިލުވައިލާން ގަހެއްގެ ހިޔަލުގައި އިށީނދެގެން އިނދެ، ގަހުގައި ތިބެގެން ރާގުރާގަށް ގޮވަމުންދާ ދޫނީގެ [ލަވައިން] އުފާވެރިކަން ހޯދާ ދަތުރުވެރިޔަކާ އެންޖެލާއަކާ މާ ބޮޑު ތަފާތެއް ނެތެވެ. އެ ލަވައިގެ އުފާވެރިކަން ހިތާއި ރޫޙަށް ފެތުރިގެން ދިޔަނަމަވެސް ދޫންޏަކީ ދަތުރުގެ ބައިވެރިއަކަށް ހަދާކަށް އެއްވެސް ދަތުރުވެރިޔަކު ހިތަކަށްވެސް ނާރާނެއެވެ.

އެކަމަކު ރަބީޢާގެ ޙާލަތު މުޅީން ތަފާތެވެ. އޭނާގެ ސިކުނޑީގައި އެނބުރެނީ މުޅީން އެހެން ޚިޔާލެކެވެ. އޭނާއަށް ފެންނަނީ ފެރްނާންދޯގެ ދަރުބާރުގައި ބަދްރު ބިން މުޣީރާއަށް ދެރަ ގޮތްތަކެއް މެދުވެރިވާ ތަނެވެ. އޭނާގެ އުއްމީދުގެ ހުޅުކޮޅު ކަނިވަމުން ދަނީއެވެ. އޭނާގެ އުޑުގައި ފިޔަ ޖަހަޖަހައި ހުރި ތަރިތައް، ފަހަރަކު ތަރިއެއް، އޮއްސެމުން ދަނީއެވެ. މާޔޫސީގެ ދަށުވެ އޭނާ ފިތެމުން ދަނީއެވެ. ނޭވާ ލާން އުނދަގޫ ވަނީއެވެ. އޭނާ ބޭނުންވަނީ ބާރަށް ހަޅޭއްލަވައިގަންނާށެވެ. ހަޅޭއްލަވައިގަނެވޭނެ ނަމައެވެ. ކޮންމެވެސް އެއްޗެކޭ ބުނެވޭނެ ނަމައެވެ.

އަބޫ ދާވޫދް ބުންޏެވެ. [އަހަރެން ގާޑިޔާ ދުއްވާމީހާ އެބަ ގެންނަމެވެ.]

މާރިޔާ ބުނެފިއެވެ. [އަހަރެން ތިޔަ ވާހަކަ ގަބޫލުކުރަމެވެ. ކަންތައްގަނޑު މާ ބޮޑުކޮށްލެވުނީތީ ވަރަށް ދެރަ ވެއްޖެއެވެ.]

[އަހަރެން އޭނާ މި ގެންނަނީ ބައެއް ކަންތައްތައް އޭނާއަށް އޮޅުންފިލުވައި ދޭން ވެގެންނެވެ. އެކަހަލަ ވާހަކަ ދައްކާން މި ކޮޓަރި ރައްކާތެރިވާނެއެވެ.]

އަބޫ ދާވޫދް ގޮސް ގާޑިޔާ ދުއްވާމީހާ ގޮވައިގެން އައިސް ކޮޓަރިއަށް ވަދެ، ދޮރު ލައްޕައި ތަޅުލައިފިއެވެ. އެޔަށް ފަހު މަޑުމަޑުން ރަބީޢާއަށް ގޮވާން ފަށައިފިއެވެ. [ރަބީޢާ... ދަރިފުޅާ ރަބީޢާ...]

ރަބީޢާ އެއްވެސް ޖަވާބެއް ނުދިނީމާ ކިޔައިފިއެވެ. [ރަބީޢާ ނިދައިފައި އޮތްކަން ރަނގަޅެވެ. ދަރިފުޅާ އެންޖެލާއެވެ. ދައްތަ ގާތު މިއިން އެއްވެސް ވާހަކައެއް ނުދައްކައްޗެވެ.]

ކުޑަ އިރުކޮޅަކު ހިމޭނުން އިނުމަށް ފަހު އަބޫ ދާވޫދް ވާހަކަދެއްކީ ގާޑިޔާ ދުއްވާމީހާއާއެވެ. [ހަނދާން ކުރާށެވެ. ފެރްނާންދޯގެ ނައިޓެއްގެ ލަގަބު ބޭނުމިއްޔާ ހުސިޔާރުކަމާއެކު މަސައްކަތް ކުރަން ވާނެއެވެ. ކަލޭ ކިތަންމެ ކުޑަކަމަކާ ފަރުވާ ކުޑަ ކޮށްލިޔަސް މިހައިތަނަށް ކުޅަ ހުރިހައި ކަމެއް ފެނަށް ދާނެއެވެ. ކަލޭ ސީދާ ސަރަޙައްދުގެ ގަވަރުނަރު ގާތަށް ދާށެވެ. އަހަރެން ލިޔުމެއް ނުދިނީ ރައްކާތެރިވުމުގެ ގޮތުން ކަމަށް ބުނާށެވެ. ސަރަޙައްދީ ބާޒު ހުކުރު ވިލޭރޭ މިތާގައި ހިފެހެއްޓޭތޯ އަހަރެން މަސައެްކަތް ކުރާނަމެވެ. އޭނާ މިތާގައި އުޅޭނަމަ މި ކޮޓަރީގެ ދެ ކުޑަދޮރުން އަލި ފެންނަ ގޮތް ހަދާނަމެވެ. އެ އަލި ވަރަށް ދުރަށް ފެންނާނެއެވެ. އެންމެ ދޮރަކުން އަލި ފެންނަ ކަމަށް ވަންޏާ ބާޒު ގޭގައި ނޫޅެނީއެވެ. އެހެން ވެއްޖެނަމަ ހަމަލަ ދިނުމުގެ ބޭނުމެއް ނޯންނާނެއެވެ. ރޭގަނޑު ޠޫފާނެއް އަޔަސް ކުޑަދޮރުތަކުން އަލި ފެންނާނޭ ގޮތް ހެދޭތޯ އަހަރެމެން މަސައްކަތް ކުރާނަމެވެ. އެއްވެސް ކުޑަ ދޮރަކުން އަލިކަމެއް ފެންނާން ނެތިއްޔާ އޭގެ މާނައަކީ ނުރައްކާތެރި ކަމެއް އޮތުމެވެ. ކުރިއަށް ޖެހުން ރައްކާތެރިއެއް ނުވާނެއެވެ. އަދި އެ ރޭ މެންދަން ވުމުގެ ކުރީން ކިއްލާއަށް ޙަމަލަ ނުދެވިއްޖެނަމަ އަހަރެމެން އެންމެންގެ ދިރިއުޅުން ނުރައްކަލުގެ ތެރެއަށް ވެއްޓޭނެ ވާހަކަ ކަލޭ ދަންނަވާށެވެ. ސަރަޙައްދު ހުރަސްކުރުމުގެ ކުރީން އެއްވެސް މީހަކަށް ޙަމަލައިގެ ޚަބަރެއް ނުވާނޭ ގޮތްވެސް ހަދާން ވާނެއެވެ. މީގެ ކުރީން ގާޑިޔާ ދުއްވާމީހަކަށް ރަސްގެފާނުގެ ނައިޓެއްގެ ލަގަބު ދެއްވި ވާހަކަ ކަލޭ އަހައިފައެއް ނޯންނާނެއެވެ. އެކަމަކު މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމައިފިއްޔާ އެފަދަ ލަގަބެއް ލިބޭ ފުރަތަމަ މީހާއަށް ކަލޭ ވާނެއެވެ. ފެރްނާންދޯގެ ދަރުބާރުގައި ކަލެއަށްޓަކައި ޢިއްޒަތުން ފުރިފައިވާ ގޮނޑިކޮޅެއް ބެހެއްޓޭނެއެވެ.]

ގާޑިޔާ ދުއްވާމީހާ ބުންޏެވެ. [އަޅުގަނޑަކީ މަނިކުފާނުގެ ޚާދިމަކީމެވެ. އަޅުގަނޑުގެ ސާހިބުމީހާ ގްރަނާދާގެ ރަސްކަން ލިބިވަޑައިގެންފިނަމަ އަޅުގަނޑަށް އެ އޮތީ ވެފައެވެ. އެހެން ވެއްޖެނަމަ ފެރްނާންދޯގެ ނައިޓަކަށް ވުމުގެ ބަދަލުގައި އެ ރަސްގެފާނުގެ ދަރުބާރުގެ ދޮރުވާނުކަންވެސް އަޅުގަނޑު އުފަލާއެކު ގަބޫލުކުރާނަމެވެ.]

އަބޫ ދާވޫދް ބުންޏެވެ. [އަހަރެން ކަލޭގެ ފަރާތުން އުއްމީދުކުރި ގޮތަކީވެސް ތިޔައީއެވެ. އަހަރެންގެ ތަގުދީރުގެ ތަރި ފިޔަ ޖަހާން ފަށައިފިނަމަ އަހަރެންގެ ވަފާތެރިންގެ ސަފުގެ އެންމެ ކުރީގައި ހުންނާނީ ކަލެއެވެ. ކަލޭ ހުންނާނީއަކީ ގަނޑުވަރުގެ ދޮރުވާނަކަށް ނޫނެވެ. އަހަރެންގެ ދަރުބާރުގެ ޒީނަތަކަށް ވާނީ ކަލެއެވެ. އަހަރެންގެ ތާޖުގައި ޖެހެވޭ ޖަވާހިރަކަށް ވާނީ ކަލެއެވެ. ދެން ގޮސް އަރާމުކުރާށެވެ. މިރޭ ފަތިހު ކަލޭގެ ދަތުރުގެ ހުރިހައި ކަމެއް ހަމަޖެހޭނެއެވެ. ކިއްލާ ބަލަހައްޓާން ތިބޭ ސިފައިންގެ ޢަދަދު ފަންސާހަށްވުރެ އިތުރެއް ނުވާނެއޭ ބުނާން ހަނދާން ކުރާށެވެ.]

ގާޑިޔާ ދުއްވާމީހާ ނުކުމެގެން ދިޔައީމާ އަބޫ ދާވޫދް ތެދުވެގެން ގޮސް ހުރިހައި ދޮރެއް ލައްޕައި ތަޅު ލައިފިއެވެ. އެޔަށް ފަހު ވަރަށް ގިނަ އިރުވާންދެން މާރިޔާއާއި އެންޖެލާއާ ދެމައިންނާ ވާހަކަދައްކާން އިނެވެ. ތިން މީހުން މިހާރު ދެކެނީ ވަރަށް ރީތި ހުވަފެނެކެވެ. އަބޫ ދާވޫދް ރަސްކަލަކަށް ވާތަނެވެ. މާރިޔާ ރަންޏަކަށް ވާތަނެވެ. އެންޖެލާ ރަސްދަރިކަނބަލަކަށް ވާތަނެވެ. ދެކެވެމުންދާ ވާހަކައަކީ ކުރިމަގުގައި ލިބޭން އޮތް އުފަލާއި އަރާމު ދިރިއުޅުމުގެ ވާހަކައެވެ. އެކަމަކު ރަބީޢާގެ ހިތަކު މިއިން އެއްވެސް ވާހަކައެއްގެ މައްޗަށް ކުޑަވެސް ޝައުގުވެރިކަމެއް ނެތެވެ. ބައްޕަ ދެންމެ ދެއްކި ވާހަކަތަކަކީ އޭނާގެ ކަންބޮޑުވުން އިންތިހާއަށް ދާން ފުދޭވަރުގެ ވާހަކަތަކެކެވެ. ސަރަޙައްދީ ބާޒަށްޓަކައި ވަރުގަދަ ދަންތުރައެއް ތައްޔާރު ވަމުންދާކަން އޭނާއަށް އެނގިއްޖެއެވެ. ބާޒުގެ ދިރިއުޅުން މިހާރު އެ އޮތީ ވަރަށް ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ. ރަބީޢާ ބޭނުންވަނީ އެ ދަންތުރަ ހަލާކުކޮށްލާށެވެ. އަންނާން އޮތް ނުރައްކާތެރިކަމުން ބާޒު ސަލާމަތްކުރާށެވެ. އޭނާގެ ބައްޕަގެ ނިޔަތް ނުބައިކަމާއި ވިޔާނުދާކަން އަދިކިރިޔާ މި އެނގުނީއެވެ. ވުމާއެކު އެކަނިވެރިކަމުގެ އިޙްސާސް ވަރަށް ބޮޑަށް ކުރެވޭން ފަށައިފިއެވެ. އެއީ ކާކުކަން މާ ރަނގަޅަށް ނޭނގުނު ނަމަވެސް އެންމެ ކައިރި މީހަކު ކަމުގައި މިހާރު އޭނާއަށް އިޙްސާސް ކުރެވެނީ ސަރަޙައްދީ ބާޒުގެ ނަމުން މަޝްހޫރުވެފައިވާ ޒުވާނާއެވެ.

މީގެ ކުޑައިރުކޮޅެއް ކުރީން އޭނާއަށް ވިސްނިފައި އޮތީ [ސަރަޙައްދުގެ ބާޣީ] އަކީ ހުރިހައި ނުރައްކާތެރިކަމަކުން ސަލާމަތްވެފައިވާ މީހަކު ކަމުގައެވެ. އެކަމަކު މިހާރު އޭނާޔާމެދު ވިސްނާން ފެށީމާ ހިތަށް ވަންނާން ފެއްޓީ ވަރަށް ބޮޑު ބިރުވެރިކަމެކެވެ. އެއީ ދަތުރުވެރިޔަކު ފަރުބަދައެއްގެ ރީތި، އެހެނަސް ނުރައްކާތެރި ކުންނަކާ ދިމާއަށް ހިނގަމުންދާއިރު ގަންނަ ކަހަލަ ބިރެކެވެ. އޭނާއަށްޓަކައި ބަދްރު ބިން މުޣީރާއަކީ ހިތްހަމަ ޖެހުން ލިބިދޭފަދަ ކުލަރީތި އުދަރެހެކެވެ. އަދި ގޮވާން ތައްޔާރުވެފައިވާ އަލިފާން ފަރުބަދައެކެވެ. ނުވަތަ ވިރިގެން ފައިބާން ތައްޔާރުވެފައިވާ ގަނޑުފެނުގެ ފަރުބަދައެކެވެ. އޭނާއަށް ބަދްރު ފެންނަނީ މި ހުރިހައި ސިފައެއް އެކުލެވިފައިވާ މީހަކުގެ ގޮތުގައެވެ. އެކަމަކު ބައްޕަގެ ނުބައި ރޭވުމާއި ވާހަކައިގެ ސަބަބުން އޭނާގެ ޚިޔާލު މިހާރު ވަނީ ބަދަލުވާން ފަށައިފައެވެ. މިހާރު އޭނާއަށްޓަކައި ބަދްރަކީ އެ ގަހެއްގެ ދޮށުގައި އޭނާ ހާލި ހަދައިފައިވާ ހިޔާދޭ ގަހަކަށް ވެއްޖެއެވެ. އެ ގަސް ގެންދަނީ ދިމާވާ މުސީބާތުގެ ރޯޅިތަކާ ކެރިގެން ކުރިމަތިލަމުންނެވެ. އޭނާ ބޭނުންވަނީ އެ ގަސް ވެއްޓުނަ ނުދީ ހިފަހައްޓާށެވެ. އޭނާގެ ނާޒުކު އަތުން ގަހުގެ ބުޑުދޮށުން ކޮނެ، މޫތައް ހަރުލާވަރަށް ފަސްލައި، ވަރުގަދަ ކުރާށެވެ.

އަބޫ ދާވޫދް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ރަބީޢާ އިރުކޮޅެއް ވާންދެން ދެ އަތަކަށް ފުރޮޅިފުރޮޅި އޮވެފައި އެންމެ ފަހުން ނިދައިފިއެވެ.

ރަބީޢާގެ ކަންބޮޑުވުން

(1)

ރަބީޢާއަށް ލޯ ހުޅުވައިލެވުނު އިރު މުޅި ގައިގަޔާއި ބޮލުގައި ރިއްސައެވެ. ކުޑަ ދޮރުން އެތެރެއަށް ވަދެފައިވާ އަލިކަމަށް ބަލައިލީމާ މެންދުރު ނަމާދު ވަގުތު ފާއިތުވާން ގާތް ވަނީކަން އެނގިއްޖެއެވެ. އޭނާ ތެދުވެގެން ގޮސް ވުޟޫކޮށްގެން އައިސް ނަމާދުކުރުމަށްފަހު އަނެއްކާވެސް އެނދުގައި އޮށޯވެއްޖެއެވެ.

މީގެ އެއް ދުވަސް ކުރީން ބަޝީރް ޙަސަން ވަޑައިގެން ރަބީޢާގެ ފައިގެ އޮއްޓު ނައްޓަވައިލެއްވުމަށް ފަހު ކުޑަކޮށް ހިނގައި އުޅެން ފެށްޓީމާ ފައިގައި މިހާރު ހުރި ތަދު ފިލައިފާނޭ ކަމަށް ވިދާޅުވިއެވެ. އަދި ކިއްލާއިން ބޭރަށް ނުކުމެ ތަންކޮޅެއް ދުރަށް ހިނގައިލުން މާ ރަނގަޅު ވާނޭ ކަމަށާއި ތާޒާ ވައިގެ ތެރޭގައި ހިނގައި އުޅުނީމާ ފަސޭހަވުން އަވަސް ވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ގާޑިޔާ ދުއްވާމީހާ ފުރުވައިލާފައި އަބޫ ދާވޫދް އައިސް ކޮޓަރިއަށް ވަދެފައި ބުންޏެވެ. [ރަބީޢާ ދަރިފުޅާއެވެ. އަދިވެސް ނިދަނީ ހެއްޔެވެ؟ ކޮއްކޮޔާއެކު ބޭރަށް ނުކުމެ ކުޑަކޮށް ހިނގައިލާފައި އަންނާށެވެ. މާރިޔާވެސް ދެ ކުދިންނާއެކު ދާށެވެ.]

އަބޫ ދާވޫދްގެ ވާހަކައަށް ރަބީޢާ އެއްވެސް ޖަވާބެއް ނުދިނީމާ އެންޖެލާ ބުނެފިއެވެ. [ދައްތަގެ ހާލު މުޅިއަކުން ރަނގަޅު ހެންނެއް ހިޔެއް ނުވެއެވެ. މަންމާއެވެ. ދެ މީހުން ބުރެއް ޖަހައިލަން ހިނގާށެވެ.]

އަބޫ ދާވޫދް އަހައިފިއެވެ. [ދަރިފުޅާ ރަބީޢާއެވެ. ކިހިނެއް ވީ ހެއްޔެވެ؟ ޙާލު ރަނގަޅު ހެއްޔެވެ؟]

ރަބީޢާ ބައްޕަޔާ ދިމާއަށް ބަލައިވެސް ނުލައި އޮވެ، ހިތާވެރި ރާގަކަށް ބުންޏެވެ. [އަޅުގަނޑުގެ ހާލު ރަނގަޅެވެ.]

[ނޫނެކެވެ. ދަރިފުޅުގެ ލޯވެސް ތިޔަހަރީ ރަތްވެފައެވެ.]

[އަޅުގަނޑުގެ ގައިގައި ރިއްސަނީއެވެ.]

އަބޫ ދާވޫދް ރަބީޢާގެ ވިންދު ބަލައިލިއެވެ. [ހުން އައީކަން ނޭނގެއެވެ. ބައްޕަ ހަމަ މިހާރު ޑަކްޓަރަށް އަންގާނަމެވެ.]

ރަބީޢާ ބުންޏެވެ. [ނޫނެކެވެ. އަޅުގަނޑުގެ ޙާލު މުޅީން ރަނގަޅެވެ. ޑަކްޓަރު ގެންނަވާނޭ ކަމެއް ނެތެވެ. ބައްޕާއެވެ. އަޅުގަނޑު ބޭނުންވަނީ ހަމަ މިހާރު ގްރަނާދާއަށް ދާށެވެ.]

[ދަރިފުޅަށް ރަނގަޅަށް ހިނގައިގަނެވެންދެން އަހަރެމެންނަށް ޖެހޭނީ މިތާގައި ތިބޭށެވެ.] މިހެން ބުނެފައި އަބޫ ދާވޫދް ކޮޓަރިން ނުކުމެގެން ހިނގައްޖެއެވެ. ކުޑަ އިރުކޮޅެއް ފަހުން އެނބުރި އައީ ބަޝީރް ބިން ޙަސަން ގޮވައިގެންނެވެ.

ބަޝީރް ރަބީޢާގެ ވިންދު ބައްލަވަމުން، އޭނާގެ މޫނަށް ކަޅިއެއް އެއްލަވައިލެއްވިއެވެ. [ރޭ އަވަހާރަފުޅު ނުލައްޕަވައި އޮންނެވިހެން ވަރަށް ބޮޑަށް ހީވެއެވެ.]

އަބޫ ދާވޫދާއި، މާރިޔާއާއި އެންޖެލާއާ ތިން މީހުން އެކަކު އަނެކެއްގެ މޫނަށް ބަލައިލިއެވެ. އެ މީހުން ރޭ ދެއްކި ވާހަކަތައް ރަބީޢާއަށް އަޑު އިވުނީ ނޫން ބާވައޭ ތިން މީހުންގެވެސް ހިތަށް އެރިއެވެ.

[ނޫނެކެވެ. ރޭ އަޅުގަނޑަށް ވަރަށް ރަނގަޅަށް ނިދުނެވެ. ހޭލެވުނީ މިއަދުއެވެ. ހޭލެވުނު އިރު ވަރަށް ބޮޑަށް ބޮލުގައި ރިއްސައެވެ.]

[މާ ގިނައިރު އަވަހާރަފުޅު ލެއްޕެވީމާ ވީ ގޮތެއް ކަމުގައި ވެދާނެއެވެ. އަޅުގަނޑު ބޭސް ފޮނުވާނަމެވެ. ހަވީރު ބޭރަށް ނުކުމެވަޑައިގެން ކުޑަކޮށް ހިންގަވައިލައްވާށެވެ. ތިޔަހެން އެއް ތަނެއްގައި މާ ގިނަ ދުވަހު އޮންނެވުމަކީ ހަށިކޮޅަށް ގެއްލުން ވާނޭ ކަމެކެވެ.]

އަބޫ ދާވޫދް ހަމަޖެހުމުގެ ނޭވައެއް ލިއެވެ. [އަޅުގަނޑުގެ އަންހެނުންވެސް އުޅެނީ ބޮލުގައި ރިއްސާތީއެވެ.]

ބަޝީރު މާރިޔާގެ ވިންދު ބައްލަވައިލެއްވިއެވެ. [ކަމަނާ މާ ކުޑައިރުކޮޅަކު އަވަހާރަފުޅު ލެއްޕެވީއެވެ. ނުވަތަ ރަބީޢާ ފަދައިން މާ ގިނައިރު އަވަހާރަފުޅު ލެއެްޕެވީތާއެވެ. ހެނދުނާ ހަވީރު ހިންގަވާން ފެއްޓެވީމާ ތިޔަ ކަހަލަ ތަދުފުޅެއް ނުހުންނާނެއެވެ.]

[އަޅުގަނޑަށް ހަމަ ރަނގަޅަށްވެސް މާ ގިނައިރު ނިދުނީއެވެ.]

ބަޝީރު ވިދާޅުވިއެވެ. [އަޅުގަނޑު ބޭސް ފޮނުވާނަމެވެ. އަވަހާރަފުޅު ލައްޕަވާން އުނދަގޫފުޅުވަންޏާ އެއިން ބޭސްގުޅައެއް ފަރީއްކުޅުއްވާށެވެ.]

ހަވީރު އަތަށް އަޅައިގަތްއިރު ރަބީޢާގެ ހާލުވެސް ރަނގަޅު ވެއްޖެއެވެ. އަބޫ ދާވޫދްގެ އެދުމުގެ މަތީން މާރިޔާއާއި އެންޖެލާއާއެކު އޭނާވެސް ހިނގައިލާން ނުކުމެއްޖެއެވެ. މިހާރުވެސް ހިނގަނީ ޒާތަކަށް ކޮރު ޖަހަމުންނެވެ. އެއް ފަހަޔަށް މާ ބޮޑަށް ބުރަވެގެން ހުރެއެވެ. އޭރު ކޯއްޓޭގެ ބޭރުން ބަޝީރު އަސްކޮޅުގައި ވަޑައިގަންނަވަނީއެވެ. ރަބީޢާމެން ފެނިވަޑައިގަތީމާ މަޑުކުރައްވައިފިއެވެ.

[ދެ ފައިންޕުޅަށްވެސް އެއްވަރަކަށް ބުރަވެވަޑައިގެން ހިންގަވާށެވެ. ދެ ދުވަހެއްގެ ތެރޭގައި މުޅީން ރަނގަޅުފުޅު ވެދާނެއެވެ. މިއަދު މާ ދުރަށް ވަޑައިނުގަންނަވާށެވެ.]

އެންޖެލާ އަހައިފިއެވެ. [ތިރީގައި އެ އޮތް ވާދީއަށް ދިއުން ނުރައްކާތެރި ވާނެތޯއެވެ؟]

ބަޝީރު ވިދާޅުވިއެވެ. [މި ތާގައި މެހުމާނުންނަކަށް ނުރައްކަލެއް ނޯންނާނެއެވެ.]

(2)

ދެ ދުވަސް ވާންދެން ރަބީޢާ އުޅުނީ ހާސްކަންމަތީގައެވެ. އަންނާން އުޅޭ ނުރައްކަލުގެ ވާހަކަ ބަދްރު ބިން މުޣީރާއަށް ދަންނަވާން އޭނާ ބޭނުމެވެ. އެކަމަކު ބައްޕަ ނުރައްކަލުގެ ތެރެއަށް ވައްޓައިނުލައި އެފަދަ ވާހަކައެއް ދެންނެވުމަކީ ވާނޭ ކަމެއް ނޫންކަން އޭނާއަށް އެނގެއެވެ. ވަރަށް ގިނައިރު ވާންދެން ވިސްނުމަށް ފަހު އެންމެ ފަހުން ރަބީޢާ ގަސްތުކުރީ ކޮންމެވެސް ގޮތަކުން ބަދްރުގެ ފައިންޕުޅު ދެކޭށެވެ. ބަޝީރަށް ދަންނަވައިލީމާ އެނގުނު ގޮތުގައި ބަދްރު މިހާރު ވަޑައިގެންވީ އޭނާ އުޅުއްވާ މަރުކަޒުގައެވެ. އެނބުރި ވަޑައިގަންނަވާނީ ދެ ދުވަސް ފަހުންނެވެ. ހުކުރު ދުވަސް އަންނާން އަދި ހަތަރު ދުވަސް އެބައޮތެވެ. ކޮންމެ ނަމާދަކަށް ފަހު ރަބީޢާ ދުޢާކުރަމުން ދިޔައީ ބަދްރު އެނބުރި ވަޑައިނުގެން އަދި ތަންކޮޅެއް ގިނަ ދުވަސް ކުރައްވާތޯއެވެ.

(ނުނިމޭ)

4 ޚިޔާލު

  1. ވާހަކަ ގެނެސްދޭލެއް މާލަހީ. ތަންކޮޅެއް އަވަހަށް ވަކީ ޤަވާޢިދަކުން ގެނެސްދިނުން އެދެން. ޝުކުރިއްޔާ ޢަބުދުﷲ ނަޢީމު އިބްރާހީމްބެ.

ޚިޔާލު ފޯމު

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.