
މި އަހަރު ސެޕްޓެމްބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބަކީ ރައްޔިތުންގެ އިތުބާރު ލިބިފައިވާ އިންތިޚާބަކަށް ހެދުމަށް ކުރައްވަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް އިލެކްޝަންސްކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް އާދަމް ވިދާޅުވެއްޖެއެވެ.
އާފަތިހަށް މައުލޫމާތު ދެއްވަމުން ޝަރީފް މިރޭ ވިދާޅުވީ "ރައްޔިތުންގެ އިތުބާރު ލިބިފައިވާ އިންތިޚާބަކަށް މި އިންތިޚާބު (ރިޔާސީ އިންތިޚާބު) ހެދުމަށް ކުރަންޖެހުނު ހުރިހާ ކަމެއް ކުރާނަން،" ކަމަށެވެ.
ޝަރީފް މިހެން ވިދާޅުވިއިރު އިދިކޮޅު ފަރާތްތަކުން ގެންދަނީ އިންތިޚާބު މިނިވަން ނުވާނެ ކަމަށް ބުނެ އީސީގެ ރައީސަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.
އިދިކޮޅު ފަރާތްތަކުން ބުނަމުން ގެންދަނީ އީސީގެ ރައީސަކަށް ވަޑައިގަންނަވަންޖެހޭނީ މިނިވަން މުސްތަގިއްލު އަދި އެއްވެސް މީހެއްގެ ނުފޫޒެއް ނުފޯރުވޭނެ ބޭފުޅަކު ކަމަށެވެ. ޝަރީފް ވިދާޅުވީ އޭނާގެ މައްޗަށް އެއްވެސް މީހަކަށް ނުފޫޒު ނުފޯރުވޭނެ ކަމަށެވެ.
އާފަތިސް ނޫހަށް މިރޭ މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވީ އިންތިޚާބެއްގައި ދިމާވާ އެންމެބޮޑު އެއް މައްސަލައަކީ ވޯޓާސް ލިސްޓުގެ މައްސަލަ ކަމަށެވެ. މިފަހަރު އެކަންވެސް ހައްލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެކަން ކުރެއްވުމަށްޓަކައި "ވޯޓާސް ރަޖިސްޓްރީއަށްވެސް އެކްސެސް ދޭނީ ލިމިޓެޑް ބަޔަކަށް" ކަމަށެވެ. އޭގެ އިތުރަށް އިލެކްޝަންސް ކޮމިޝަންގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.